Tuesday, September 30, 2008

ފަގީރުކަންބޮޑު މުއްސަދި ދިވެހިރާއްޖެ

ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ވަރަށް މުއްސަދި ގައުމެކެވެ. މިގޮތުން ވިސްނާލާއިރު ދިވެހިރާއްޖޭގެ ރައްތަކަށް ލިބިގެންވާ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ މުއްސަދިކަމަކީ ކޮޅުންނުލާވަރުގެ މުއްސަދިކަމެވެ. އޭގެ އަގަކީ ތެޔޮވަޅުތަކަކަށްވުރެ މާ މުއްސަދި އެއްޗެއްކަމުގައި ގިނަފަރާތްތައްދެކެއެވެ. ނަމަވެސް ގުދުރަތީގޮތުން މުއްސަދި ދިވެހިރާއްޖޭގައި ފަގީރުކަންވެސް އެހާމެބޮޑެވެ.

ދިވެހިރާއްޖޭގެ މުއްސަދިކަންއެއީ ވަންހަނާކުރެވިދާނޭ އެއްޗެއް ނޫންކަން ޔަގީނެވެ. އޭއެފްޕީން (14 ޖެނުއަރީ 2008) ބުނާގޮތުންނަމަ ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަޑުން 4000 އެމެރިކާ ޑޮލަރު ދިވެހި ކޮށްމެ ބޮލަކަށް ނިސްބަތުން މިއަހަރު ޖެހޭނެކަމަށް ދިވެހި މަރުކަޒީ ބޭންކު އެމްއެމްއޭ ރިޕޯރޓުކުރެއެވެ. މިނިސްބަތަކީ ކޮށްމެ މީހަކަށް އަހަރަކު 51400 ރުފިޔާ، މަހަކަށްބަލާއިރު 4283 ރުފިޔާ އަދި ދުވާލަކަށް ބަލާއިރު 143 ރުފިޔާއެވެ.

ކަންމިހެން ހުރިކަމުގައި ވީނަމަވެސް ދިވެހިރައްޔިތުންގެ ބޮޑުއާބާދީއެއް ފަގީރުހާލުގައި ދިރިއުޅުން ވޭތުކުރަންޖެހިފައިވެއެވެ. ޔޫއެންޑީޕީގެ ރިޕޯރޓުތަކުން ފެނިގެންދަނީ ދިވެހީންގެ އާބާދީގެ %40 ނުވަތަ ދެބައިކޮށްފަ އެއްބަޔާގާތްކުރާ އާބާދީއެއްގެ ރައްޔިތުން ދިރިއުޅެމުންގެންދަނީ ފަޤީރު ހާލު ދުވާލަކަށް 12.85 ރުފިޔާ ނުލިބިއެވެ. މިހާކުޑަ ލާރިކޮޅެއް ލިބިގެން މިހާބޮޑުއާބާދީއެއް ފަގީރު
ހާލުގައި މުއްސަދިދިވެހިރާއްޖޭގައި އުޅެންޖެހިފައިވާކަން އެއީ ވަރަށްބޮޑު ހިތާމައެކެވެ.

ވީއިރު މުއްސަދި ދިވެހިރާއްޖޭގައި ދިރިއުޅޭ މުއްސަދީންނާއި ފަގީރުންގެ ފަރަގުކުޑަކުރެވޭނޭފަދަ ޓެކުސް ނިޒާމްތަކެއް
ތައާރަފްކުރަންޖެހިފައިވެއެވެ.

No comments: