Sunday, September 14, 2008

ދިވެހިރާއްޖޭގެ ވެރިކަން ޢާއިލީ އަމިއްލަ ކުންފުންޔެއް ހިންގާގޮތަށް ހިންގިދާނެހެއްޔެވެ؟

ދިވެހިރާއްޖެއޭ ބުނެވެނީ ދިވެހިރައްޔިތުންގެ ދިރިއުޅުން ބިނާކުރަމުންގެންދާ ދިވެހިރާއްޖޭގެ ރައްތަކުގެ ބިމާއި ކަނޑުފަޅާއި ޖައްވުގެ ސަރަހައްދަށެވެ. އެސަރަހައްދުގައި ދިރިއުޅޭ ދިވެހިރައްޔިތުން ނުވާނަމަ އެރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް އެރައްޔިތުން ބޮޑެތި މުސާރަޔާއި އިނާޔަތްތައް ދީފަ ރައްޔިތުންގެ ތެރެއިންބަޔަކާ ހަވާލުކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި އެސަރަހައްދުގައިވާ ގުދުރަތީ މުއްސަދިކަމަކީ ދިވެހިރައްޔިތުންގެ މިލްކެކެވެ. އެ މިލްކިއްޔާތުގެ ނަފާ ދިވެހީންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭންޖެހޭނީ ދިވެހިރައްޔިތުންގެ މެދުގައި އެރައްޔިތުން އާބާދުވީ ރައްތަކާއި މުޖުތަމަޢު ތަކުގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަގޮތެއްގައެވެ. ވީއިރު ވެރިކަމުގެ ދާއިރާއިން ދިވެހިރައްޔިތުންގެ ފައިދާއާއި ލާބަޔާއި މަސްލަހަތު ކުރިޔަށް ނުނެރެ ވެރިކަމުގައިތިބި ފަރާތްތަކުގެ އަމިއްލަ ފައިދާއާއި ލާބަޔަށް ދިވެހިރާއްޖޭގެ ވެރިކަން އަމިއްލަ ޢާއިލީ ކުންފުންޔެއް ހިންގާހެން ހިންގިދާނެހެއްޔެވެ؟ މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ބުރަމަސައްކަތުންނާއި މުއްސަދިކަމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ބައިތުލްމާލަށް ޖަމާވަމުންދާ ފައިސާ ވެރިކަމުގައި ތިބިވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެވެރިންގެ ގެދޮރު ބިނާކޮށް ދިރިއުޅުން އާރާސްތުކުރުމަށް ޢާއިލީ އަމިއްލަ ކުންފުންޔެއްގައި ނަފާ ބަހާލެވޭހެން ބައި އެޅިދާނެހެއްޔެވެ؟

އާއްމުގޮތެއްގައި ކުންފުނިތައް ހިންގަމުން އަންނަނީ ވަކި ރައުުސްމާލަކުން ފައިދާ އާއި ގެއްލުން ކުންފުނިން ޖާމިނުވެގެންނެވެ. މިފަދަ ކޮށްމެ ފައިދާ އަކާ ގެއްލުމެއްގެ ހިއްސާދާރުންނަކީ ކުންފުނީގެ ހިއްސާދާރު ވެރިންނެވެ. ގިނަފަހަރަށް މިފަދަ ކުންފުނިތަކަކީ އާއިލީ ނުވަތަ ވަކި މީހެއްގެ އަމިއްލަ ކުންފުނިތަކެވެ. ވީމާ، އާއިލީ އަދި އަމިއްލަ ކުންފުނިތަކުގައި ހުރިހާކަމެއްވެސް ނިމިގެން ދަނީ އެކުންފުންޔެއްގެ ފައިދާއަށް ބެލިގެން މުޖުތަމަޢުއާއި މަސައްކަތްތެރީންގެ ހައްޤުތަކަށް އިހުމާލުވާފަދަ ގޮތަކަށެވެ. ވަޒީފާއަކަށް މީހަކު ހޮވަންޖެހުނަސް އަދި ނަފާވެރި މަސައްކަތެއްގައި ބައިވެރިވުން ކަމުގައި ވީނަމަވެސް ކުންފުނީގެ ވެރިންގެ މަސްލަހަތަށް ނޫންގޮތަކަށް އެއްވެސް ކަމެއް ނިމިގެން ނުދާނެއެވެ. ހުރިހާވެސް ބޭނުމަކަށް ވެފައި އޮންނާނީ ފައިދާނެރެ އާއިލީ ނުވަތަ އަމިއްލަ ކުންފުނީގެ ވެރިޔާގެ އެކައުންޓުތަކަށް ނަފާ ޖަމާކުރުމެވެ. މި ގޮތުގައި ބަލައިލާއިރު ފަރުދީ އަދި އިޖުތިމާއީ އެއްވެސް މަސްލަހަތަކަށް ބަލައިލުމެއް ގިނަފަހަރަކަށް ނޯންނާނެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ހުދުމުހުތާރު ސިފަތަކަކަށް މިފަދަ ކުންފުނިތަކުގައި މަސައްކަތްތައް ރޭވިގެން ހިނގަމުން ދެއެވެ. މިފަދަ ގޮތަކަށް ދިވެހި ރައްޔިތުންގެ ކުދި ބޮޑު އެއްމެން ހިއްސާވާ މިދިވެހިރާއްޖޭގެ ސަރުކާރުގެކަންތައްތައް ވެރިކަމުގައި ތިބި މަދު މީސްކޮޅެއްގެ އާއިލާއާއި ދެކިފަރިތަ ރައްޓެހީންނާއި ގާތްތިމާގެ މީހުންގެ ގެދޮރު ބިނާކޮށް ދިރިއުޅުން އާރާސްތުކުރުމަށް ފަހިވާގޮތަށް ހިންގިދާނެހެއްޔެވެ؟ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތުންނާއި ގުދުރަތީ މުއްސަދިކަމުގެ ފައިދާއިން ދިވެހި ޤައުމުގެ ހަޒާނާއަށް ހަޒާނާވަމުންދާ ފައިސާ ޢާއިލީ އަމިއްލަ ކުންފުންޔެއްގައި ނަފާ ބަހާލެވޭހެން ބައި އެޅިދާނެހެއްޔެވެ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަންތައްތައް ރައްޔިތުންގެ ރުހުމާއި ލާބަޔާއި ތަރައްޤީ އާއި ކުރިއެރުމަށް ހިންގުމަށް ދިވެހިރައްޔިތުންނަށް ލިބިގެންވާ ވެރިކަމުގެ ބާރުތައް އެރައްޔިތުން ރުހޭ ބަޔަކާ ހަވާލުކުރެވެއެވެ. އަދި އެފަރާތްތަކާ އެމަސައްކަތް ހަވާލުކޮށް ބޮޑުވެގެންވާ މުސާރަޔާއި އިނާޔަތްތައް ހަމަޖައްސައިދެނީ ދިވެހި ރައްޔިތުންގެ ހައްޤުތަކަށް އަރި ނުގަނެ އިންސާފާއި ހަމަހަމަކަމާއި އަހުލާސްތެރިކަމާއި އެކު ރައްޔިތު ކުދިބޮޑު އެއްމެންގެ މަންފާއަށް ދިވެހިރާއްޖޭގެ ގުދުރަތީ އަދި ރައްޔިތުންގެ ބުރަމަސައްކަތުން އެއްކުރާ ފައިސާގެ ނަފާ ތަފާތު ކުރުމެއްނެތި މުޅިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރުއުޅުން ފަހިކޮށް ތަރައްޤީ ކުރުމަށް ހޭދަކުރުމަށެވެ. އެއްވެސް ހާލެއްގައި ވެރިކަމުގައި ތިބި މަދުބައެއްގެ އަމިއްލަ ޖީބުތަކާއި އެކައުންޓުތަކާއި ގެދޮރު ބިނާކޮށް ހެދުމަށް ހަމައެކަނި އެފަރާތްތަކަށް ދިވެހި ރާއްޖޭގެ ބައިތުލްމާލުގެ ފައިސާ ފަހިވެ ލިބޭގޮތަކަށް ނޫނެވެ. ސަރުކާރުގެ ޒިންމާއާއި މަސްއޫލިއްޔަތަކީ އެފަރާތްތަކުން މާތް ﷲ ގަންދީ ކުޅަ ހުވަޔާ އެއްގޮތަށް ރައްޔިތުންގެ ހައްޤުހިމެނޭ ކޮށްމެ އެއްޗެއް އެއެއްޗެއްގެ ހައްޤުވެރީންނަށް އަމާނާތްތެރިކަމާއެކު އެފަރާތްތަކުން އެދޭ ފަދައިން އެފަރާތްތަކުގެ ތަރައްޤިއާއި ކުރިއެރުމަށް ފޯރުކޮށްދިނުމެވެ. ކުޅަ ހުވަޔާ ހިލާފަށް، މިގޮތަށް އަމަލު ނުކުރެވި، ސަރުކާރުގައި ދެމިތިބި މަދުބައެއްގެ އަމިއްލަ ފައިދާ ކުރިޔަށް ނެރި އެފަރާތްތަކުގެ ކުރިއެރުން ނެރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިއެވަނީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ބަނޑުފުރާ މުއްތިކުރުމަށް ދުވާލަކަށް 15 ރުފިޔާ ނުލިބި، ގިނަރަށްރަށަށް އަރާފައިބާނޭ ގޮތެއް ނެތި ތަރައްޤީގެ ކުލަވަރެއް ނެތްރައްތަކެއްގައި ދިރިއުޅުން ވޭތުކުރަން ޖެހިފައެވެ. ވީއިރު ރައްޔިތުންގެ ވެރިކަން އަމިއްލަ ކުންފުންޔެއް ހިންގާގޮތަށް ހިންގިދާނެހެއްޔެވެ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ މިލްކިއްޔާތުގެ ބައެއް ކަމުގައި ބެލެވޭ ރައްޔިތުންގެ ޙަޒާނާއަށް ރާއްޖޭގެ މުއްސަދިކަމާއި ރައްޔިތުންގެ ބުރަމަސައްކަތުންނާއި އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއި ލޯނާއި އެހެނިހެން ގޮތްގޮތަށް ޖަމާވަމުންދާފައިސާއަށް ވެރިކަމުގައި ތިބި ފަރާތްތަކުން ހިތުހުރިގޮތެއް ހެދުމުގެ ނަތީޖާއަކީ ރާއްޖޭގައި އެކިފެންވަރުގެ ނާޖާއިޒް ގޮތްގޮތުން ކަންތައް ކުރުމާއި ހިޔާނާތްތެރިކަމުގެ ވަބާ މުޅުދީބަށް ފެތުރިގެން ދިޔުމެވެ. ކަން އެހެން ވުމުން ރައްޔިތުންގެ ފައިސާ އަތުޖެހުނުމީހަކުު އެމީހަކަށް ލިބުނުވަރަކަށް އެމީހެއްގެ އަމިއްލަ ޖީބަށްް ޖަމާކުރުމުގެެ ރޫހެއް އުފެދިފައިވާކަމަށް ބެލެވެއެވެ. މިފަދަ ކަރަޕްސަނުން ފުރިގެންވާ ފަދަ މާހައުލެއް ގާއިމް ކުރެވިފައި ވާތީވެ، އެހީދޭ އެކުވެރި ދަޢުލަތްތަކުގެ ތަފާތު އެޖެންސީތަކުން އެހީދިނުމުގައި ތާށިގޮތްތަކަކަށް ބަލަމުން ގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ވަކިބައެއްގެ އަމަލުތައް ހުރިގޮތުން މިއަދާއި މާދަމާގެ ޖީލު ދަރަނިވެރިވެ، ހުރިހާވެސް ދެރަނިކަމެތިކަމެއް ލިބިގެން ދަނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށެވެ. މިއީ އަމިއްލަ ކުންފުންޔެއްހެއް ދިވެހިރާއްޖޭގެ މުއްސަދިކަމުގެ ފައިދާ ވަކިބަޔަކު ނަގަން އުޅުމުން މުޅިރާއްޖެއަށް ލިބޭ ގެއްލުމާއި ހަލާކެވެ. ވީއިރު ރާއްޖޭގެ ސަރުކާރު ހިންގުން ކުންފުނި ހިންގުމުގެ ބައްޓަމަށް ބަދަލް ކުރެވިދާނެހެއްޔެވެ؟

ދިވެހިރާއްޖޭގެ ސަރުކާރުގެ ވަޒީފާއަށް ދިވެހީން ހަމަޖެއްސުމާއި ވަކިކުރުމުގައި އުސޫލެއް ހަމައެއް ލިޔެވިފައި އޮތްކަމުގައި ވީނަމަވެސް އަމަލުކުރުމުގައި އެއަށް ބެލިގެން ނުގޮސް ކަރޕްޓް ގޮތްތަކަކަށް ބެލިގެން ދެއެވެ. ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމުގައި މިހަކު ހުުންނަކުލަޔާއި އަޅާހެދުމާއި ވިސްނުން ހުންނަގޮތަކަށް ބެލި، ކުރަންޖެހޭ މަސައްކަތަށް ނުވަތަ އަދާކުރަންޖެހޭ ވަޒީފާއަށް ބޭނުންވާ އެއްވެސް ހުނަރުވެރި ގޮތްތަކަކަށް ނުބެލި ވަޒީފާ ލިބުމާއި ނުލިބުން ބިނާވެފައިވުންކަމުގައި ވަނީނަމަ ދިވެހީންނަށް ވަޒީފާދޭ އެއްމެ ބޮޑު އެއް އެޖެންސީ ކަމުގައިވާ ދިވެހިސަރުކާރުން ދިވެހީންގެ މެދުގައި މިހާބޮޑެތި ތަފާތުކުރުންތަކެއް މިގެންގުޅެނީ ސަރުކާރު ހިންގުމުގައި ހުރި ދޯދިޔާ ކަރަޕްޝަނުން ފުރިގެންވާފަދަގޮތްތަކަކަށް ތަބާވެގެންވާތީކަމާމެދު ޝައްކުކުރެވެއެވެ. މިފަދަ ގޮތްތަކަކީ ވަކިމީހަކަށް ވަކިގޮތެއް ހެދުމުގެ ސިޔާސަތުން ގާތްތިމާގެ އެކުވެރި ރަހުމަތްތެރީންނަށް ގޮތްތަކެއް ހޯދައިދިނުމަށް އަމިއްލަ ކުންފުނި ފަދަތަންތަނުގައި ގެންގުޅޭ ގޮތެކެވެ. މިފަދަ ސިފަތަކެއް ދިވެހިރައްޔިތުން ހިއްސާވާ ދިވެހިރާއްޖޭގެ ވެރިކަން ކުރާފަރާތުގައި ހުރުމަކީ ދިވެހީންގެ މެދުގައި ހަމަހަމަކަން ގާއިމް ނުކޮށްދެވޭނޭ ގޮތްތަކެއް ކަމަށް ދެކެވިދާނެ ހެއްޔެވެ؟
މިފަދަ ސިފަތަކުން ދިވެހިސަރުކާރު ތޯހިރުކުރުމަށްޓަކައި ސަރުކާރުގައި އުފައްދާފާހުރި ތަފާތު އޮފީސްތަކުގެ ނަންތަކަށް ވިސްނާލަމާ ހެއްޔެވެ. އެންޓި ކަރަޕްޝަން ބޯރޑު، އޯޑިޓް އޮފީސް، ޕަބްލިކް ސާރވިސް ޑިޥިޒަން، ޕަބްލިކް ކޮމްޕުލެއިންސް ބިޔުރޯ ފަދަ ތަފާތު ނަންނަމުގައި ހެދިފައިވާ އޮފީސް ތަކަކީ ރައްޔިތުންގެ ފައިސާއާއި ތަކެއްޗާއި މަސްލަހަތު ޖާއިޒް ނޫން ގޮތްގޮތުގައި ބޭނުން ހިފުން ހުއްޓުވާ އެފަދަ އަމަލު ހިންގާ ވެރިންނާއި މުވަޒަފުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރާއި އިހްތިޔާރު ދީފާވާ ތަންތަން ކަމުގައި ވީނަމަވެސް ފިޔަވަޅު އެޅުމުގައާއި ބެލުމުގައި އެކިއޮފީސްތަކުގެ ކަންތައްތައް އެކިމިންވަރަށް ބެލި ވަކި އޮފީސްތަކާއި ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ހުށައެޅުނަސް ބެލުމެއް އަޅާލުމެއް ނެތް މައްސަލަތަކެއްގެ ގޮތުގައި ހިމެނިގެން ދެއެވެ. އަދި އެއްއޮފީހެއްގެ މުދަލާފައިސާއަށް ހިޔާނާތްތެރިވުމުން އެހެން އޮފީހަކަށް ބަދަލްކޮށް ލުން ފަދަގޮތްތަކުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާ ފަރާތްތަކާމެދު ކަންކުރެވެއެވެ. ފަހަރުގައި މިފަދަ ކަންކަމަކީ އަމިއްލަ މަސްލަހަތައްޓަކައި ސަރުކާރުގެ މަސްއޫލުވެރިން ކުރަމުންގެންދާ ކަމެއްކަމުގައި ވުން އެކަށިގެން ނުވާނޭބާއެވެ؟

އާއްމުގޮތެއްގައި މިފާހަގަ ކުރެވުނު ސިފަތަކަކީ ސަރުކާރެއްގައި ހުރުން ލާޒިމުނޫން އެހަނަސް ދިވެހި ސަރުކާރުގައި އެސިފަތަކަކީ އެސިފަތަކެއްގެ ވަށައިގެން އެހެން ހުރިހާކަމެއް އެނބުރޭ ނުވަތަ އެސިފަތަކެއްގެ ތަރަހައިގައި ސަރުކާރުގެ އެއްމެހައިކަމެއް ބިނާކުރެވިފައިވާ ސިފަތަކެއްކަމަށް ދެންނެވިދާނެހެއްޔެވެ؟ ސަބަބަކީ ރައްޔިތުން ބުރަމަސަކަތުން ހޯދާފައިިސާއާއި ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުން ލިބޭ ފައިސާއާއި އެކުވެރިދައުލަތްތަކުގެ އެހީއާއި ލޯނުފައިސާއިން ރައްޔިތުންގެ ދިރިއުޅުން އާރާސްތުކުރުމަށް ހޭދަކުރުމުގެ ބަދަލުގައި ސަރުކާރުގެ ބޮޑުންގެ ދިރިއުޅުން ބިނާކުރެވި، ހިޔާނާތް އިންތިޙާއަށް ބޮޑުވެ، ވަޒީފާ ދިނުމާއި ވަކިކުރުމުގައި ވަކި ވިސްނުމަކަށް ބެލިގެން ދާތަން ފެންނަހެން ހީނުވޭހެއްޔެވެ؟ ވީއިރު، ދިވެހި ރައްޔިތުންގެ އަސާސީ ހައްޤުތަކަށް ރައްކާތެރިވުމަށާއި ދިވެހި ޤައުމަށް އިޙްލާސްތެރިވުމަށް މާތް ﷲ ގަންދީ ކުޅަ ހުވާ ފަހެކޮބައިހެއްޔެވެ؟ މިފަދައިން ހުވާކޮށްފައިވާއިރު ދިވެހި ރައްޔިތުން ހިއްސާވާ ސަރުކާރުގެ ކަންތައްތައް އަމިއްލަ އާއިލީ ކުންފުންޔެއް ހިންގާހެން ހިންގިދާނެހެއްޔެވެ؟ ނުވަތަ އެފަދައިން ހިންގުމަށް މިފަހަރުވެސް ހަވާލު ކުރާނީ ހެއްޔެވެ؟

No comments: