Thursday, February 26, 2009

ދިވެހިއިޤްތިސާދު ފާލަކަށް އެޅުވިދާނެބާ؟

ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލަތުމިވަނީ ދުނިޔެގެ އިޤްތިސާދީ ހާލަތާ އެކު އިންތިހާއަށް ދަށަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އެއްބައެއްގެ ވަޒީފާ ގެއްލޭ ހާލަތަކަށް ގޮސްފައިވެއެވެ. އަދި މިފަދަ އިގްތިސާދީ ތަދު ދުވަސްވަރެއްގައި ރައްޔިތުންގެ އާއްމު ސިއްޙީ ޙިދުމަތުގަ މަސައްކަތްކުރާ ޑޮކްޓަރުންނާއި ދައުލަތުގެ ވަކީލުންނާއި މުދައްރިސުންނާއި އެފަންތީގެ ގިނައަދަދެއްގެ މަސައްކަތްތެރީންގެ ހައްޤުތަކުގެ ޝަކުވާގެ އަޑާއެކު ރައްޔިތުންނަށްދޭ އެފަދަ ޙިދުމަތަށް ބުރުއަރަން ފަށާފަވެއެވެ. މިފަދައިން ހަލާކުވަމުންދާ ދިވެހި އިޤްތިސާދު ފާލަކަށް އަޅުވަން ކުރެވެން ހުރިހުރިހާކަމެއް ވަނީ ކުރަންޖެހިފައެވެ.

ރާއްޖޭގެ މި ކުޑަ އިޤްތިސާދަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އިޤްތިސާދެކެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކޮށްމެ ހިސާބެއްގައި އިޤްތިސާދީ ލޮޅުމެއް އުޅުނުކަމުގައިވީނަމަވެސް އެއްމެ ފަސޭހައިން އޭގެއަސަރު ރާއްޖެ ތަހައްމަލުކުރަންޖެހެއެވެ. ސަބަބަކީ އަޅުގަނޑުމެން އުފައްދާ އުފެއްދުންތައް ބޭރުކުރަނީ ބޭރުގެ ޤަޢުމުތަކަށެވެ. ބޭރުޤައުމުތަކަށް ބޭރުކުރާ ކަނޑުމަސް ގަންނަ އަގު މިވަނީ ދަށްކުރެވިފައެވެ. މަސްވެރިންނަށް ލިބޭ އާމްދަނީ ވަނީ ކުޑަވެފައެވެ. އަދި އަހަރުމެންގެ ބޭނުންތަކަށް ބޭނުންކުރާ ހުރިހާ މުދަލާއި ތަކެތި އެތެރެކުރަނީ ބޭރު ޤަޢުމުތަކުންނެވެ. އެތަކެތި އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ބޭންކުތަކުން ގަންނަ ނުލިބި ކަޅުބާޒާރުން ބޮޑުއަގުގައި ގަންނަން ވަނީ ޖެހިފައެވެ. އަދި މިދީބުގެ އުފެއްދުންތެރިކަމުގައި %30 ހިއސާކުރާ ޓުވަރިޒަމް އިންޑަސްޓުރީ ގުޅިފައިވަނީވެސް ބޭރުގެ ޤައުމުތަކާއެވެ.

މިގުޅުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަޒީފާ އުފައްދާ އެއްމެ ބޮޑު ދާއިރާ ޓުވަރިޒަމްގެ ދާއިރާއަށް ވެރިވަމުންދާ ނާމާންކަމާ ގެއްލެމުންދާ ވަޒީފާތައް ނުގެއްލި ދެމެހެއްޓޭނޭ ގޮތްތަކެއް ރާވާ ހޯދަންޖެހިފައިވެއެވެ. މިގޮތުން މިދާއިރާއާއި ސިދާ ގުޅުން ހުރި 30000 އެތަކެއް ވަޒީފާގެ އިތުރުން ނުސީދާކޮށް އަސަރުކުރާނޭ އެހެނިހެން ވިޔަފާރިއާއި މަސައްކަތުގެ ދާއިރާތައް މިސާލަކަށް ކޮންސްޓުރަކްސަން އިންޑަސްޓުރީގެ އެތަކެއް ވަޒީފާގެ ރައްކާތެރިކަމާއި މަސައްކަތްތެރީންގެ ހައްޤުތައް މިހާރުވެސްވަނީ ހިމާޔަތް ކުރަންޖެހިފައެވެ. ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ މަސައްކަތްތެރީންގެ މަސައްކަތުގެ މާހައުލުގައި ހުރި ކެޔުމާއި، ތިބުމުގައާއި ސާރވިސް ޗާރޖު ބެހުމުގައި ގިނަގުނަ މައްސަލަތަކެއް ވާތީވެ އެކަން ރަނގަޅުކުރުމަށް ރީތިރަށާއި އެހެނިހެން ރިސޯޓުތަކުގައި ހިނގާދިޔަ ހަޅުތާލުތަކުން އިބުރަތް ލިބިގަންނަންޖެހެއެވެ. އަދި މަސައްކަތްތެރީންގެ ހައްޤުތަކުގެ ޤާނޫނުން މަސައްކަތްތެރީންނަށް ލިބިދޭ ހައްޤުތައް ކަރުދާހުގައި ހުރުމުގެ ބަދަލުގައި ފުރިހަމަ މާނައިގައި މަސައްކަތްތެރީންނަށް ހޯދައިދޭންޖެހެއެވެ. މަސައްކަތްތެރީންގެ ހައްޤުތައް ހޯދާއިދިނުމަކީ ރައްޔިތުންގެ ޖީބަށް އިތުރުފައިސާ ވަދެގެން ދާނޭކަމެކެވެ.

އަނެއްކޮޅުން ޑޮކްޓަރުންނާއި ޤާނޫނީ ވަކީލުންނާއި މުދައްރިސުންނާއި ލެކްޗަރާއިންދަނީ އެބައިމީހުންގެ ހައްޤުތަކުގެ ސަކުވާގެ އަޑުން މިދީބު ގުގުމާލަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބިދެވޭ ތަފާތު ހިދުމަތްތަކަކަށް ބުރުއަރަމުންދެއެވެ. ކޮށްމެ ގޮތަކަށް ބެލިޔަސް މަސައްކަތްތެރީންގެ ހައްޤުތައް ކަރުދާހުގައި ހިމާޔަތްކޮށް ދެވުމަކުން ނުފުދެއެވެ. އެފަރާތްތަކަށް އެހައްޤުތައް ފުރިހަމަ މާނައިގާ ހޯދައިދޭންޖެހެނީ ރައްޔިތުންގެ ހައްޤުގައެވެ. މަސައްކަތްތެރި އާއިލާގެ ހައްޤުގައެވެ. އެފަރާތްތަކުގެ ޝަކުވާއަކީވެސް އަތާއަނގަޔާ ދިމާނުވުމެވެ. ދުވަހެއް ދުވަހަކަށް އަގު ބޮޑުވަމުންދާ ގެދޮރުގެ ކުއްޔާއި ތަކެތީގެ އަގު އެފަރާތްތަކުގެ އަތްފޯރާފަށަށް އަންނާނީ އެފަރާތްތަކުގެ މުސާރައަށް ކުރިއެރުން ލިބިގެންނެވެ. މިފަދައިން ރައްޔިތުންގެ ޖީބަށް އިތުރު ފައިސާވަދެގެންނޫނީ ހައްލެއް ނެތްކަމަށް ދެކެވެއެވެ.

އަނެއްކޮޅުން ސަރުކާރާއި ރައްޔިތުންވެސް އަމަލީ ގޮތުން ހަރަދުކުޑަކުރަން ޖެހިފާވެއެވެ. ހަމައެކަނި ރައްޔިތުންކައިރީގަ އިޤްތިސާދީ ތަދުދުވަސްވަރުކަމަށް ވާތީ ކަމަރު ބަންނަބުނެފަ، އަނެއްދުވަހު ރައީސުލް ޖުމްހޫރިއްޔާ މިޤައުމުގެ އިޤްތިސާދީ ބިންގާ ރަނގަޅޭ ކިޔާފަ 25 މީހުންގެ ވަފުދަކާއެކު ބިޒުނަސް ކުލާހުން ރޯމަށާއި ލަންޑަނަށް ދަތުރުކުރުމަކުން ހަރަދެއް ކުޑައެއް ނުވާނެއެވެ. ހަމައެކަނި މިދަތުރުގެ ދެކޮޅު ޓީކެޓަށްވެސް ރޯމަށް 25 މީހުންނަށް 963750 ރުފިޔާ އަރާނެއެވެ. އަދި ފަސްތަރީގެ ހޮޓަލުގައި ތިބުމާއި ކެއުމާއި އެހެނިހެން ހަރަދުތައް އަދި ކޮބައިހެއްޔެވެ. މިފަދަ އިޤްތިސާދީ ތަދު ދުވަސްވަރެއްގައި މިފަދަ ބޮޑު އަދަދެއްގެ ޓީމަކާ ނުލާވެސް އެމްއޯޔޫ ތަކެއްގަ ސޮއިކުރުމާއި ރާއްޖެއާއި ބެހޭ ކޮންފަރެންސެއް ބޭއްވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މީގެ އިތުރުން ހަރަދު ކުޑަކުރަން މަޖުބޫރީ ހާލަތަކަށް އިޤްތިސާދީ ކަންކަން ހުރިގޮތުން ދިޔަކަމުގައި ވީނަމަވެސް އެކަމެއް އައު ސަރުކާރަކުން ހަރަދު ކުޑަކޮށް ސަރުކާރު ކުޑަކުރުމަށްޓަކައެއް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔައީ ތަފާތު ނަންނަމުގައި އުފެދިގެން އެމްޑީޕީގެ ފަރާތްތަކަށް ދެވިގެން އައި މަގާމުތަކުންނެވެ. ރަށްރަށުގައި ވަރުންވަރުން ކަތީބުން ތިބިއިރު ކައުންސިލަރުން އައްޔަނު ކުރެވުނެވެ. ހިޔުމަން ރައިޓްސް ކޮމިސަނެއް ހުރިއިރު އެމްބެސެޑަރެއްލެވުނެވެ. ނައިބު ރައީސަކު ހުއްޓާ ސްޕެސަލް އެންވޯއީ ޓުދަ ޕުރެސިޑެންޓެއް ލެވުނެވެ. ތަފާތު ގިނަ އަދަދަކަށް މިނިސްޓަރުންގެ ނާއިބުންނާއި ސްޓޭޓެ މިނިސްޓަރުން 20000- 30000 ރުފިޔާއިން މަތީގެ ބޮޑުމުސާރައާއި އިނާޔަތާ އެކު ހަމަޖެހިގެން ދިޔައެވެ.

އިޤްތިސާދީ ތަދުކަން ދުނިޔެއަށް ވެރިވާން ފެށީކީ އިއްޔެއަކު މިއަދަކު ނޫނެވެ. ރާއްޖޭގައި ބޭއްވިގެން ދިޔަ ޑިމޮކުރެޓިކު ރިޔާސީ އިންތިޙާބުގެ ދުވަސްވަރު، 19 ސެޕްޓެމްބަރ 2008 ން ފެށިގެން ދުނިޔެއަށް އިޤްތިސާދީ މައްސަލަތަކެއް ކުރިމަތިވަމުން އަންނަކަމުގެ ރަނގަބީލު އެމެރިކާގައި އަޅަންވަނީ ފަށާފައެވެ. އަދި އެޤައުމުގެ އިޤްތިސާދީ ދުވެލި ލަސްވެ ކުންފުނިތަކާއި ބޭންކުތަކާއި ވިޔަފާރިތައް ބަގުރޫޓުވަމުން އަންނަތަން މުޅިދުނިޔެއަށް ފެންނަން ފެށިއެވެ. އެކަމުގެ އަސަރު ޔޫރަޕާއި އޭޝިޔާއަށް އިޤްތިސާދީ ސުނާމީއެއްގެ ސިފައިގައި އަންނަކަމުގެ ބިރުވެރި ޙަބަރު ޙަބަރުފަތުރާ ވަސީލަތްތަކުން ދެމުން އަންނަތާ ގިނަދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުރުވިސްނޭ ލީޑަރުންނަށް އެކަން ލޮލުކޮޅަށް ފެނުނީ އަދި ކިރިޔާ އޭގެ 5 މަސް ފަހުންނެވެ. ނުވަތަ ކުރިމަތީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގެ ސަބަބުން ޤައުމުގެ އިޤްތިސާދީ ހާލަތާމެދު ފިކުރުކޮށް ވާހަކަ ދައްކަން ބޭނުންވުމަށްވުރެ، ނުކެރެނީއެވެ. އިޤްތިސާދުގައި ހުރި މައްސަލަތަކާއި އެކުވެސް ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅުވާލުންފަދަ ރިޔާސީ އިންތިޙާބުގައި މިފަދައިންވީ 5 ވައުދު ފުއްދުމުގައި ނުކުޅެދިފަވާ ވާހަކަ ދައްކަން ނުކެރި އިތުރު ވަޢުދު ވަމުން ދަނީއެވެ.
އިޤްތިސާދީ ހާލަތު މިހާލަތުގައި ވާއިރު އަހަރުމެން ވިސްނަން ޖެހިފައިވަނީ ހަރަދު ކުޑަކުރުމަށެވެ. ރާއްޖޭގެ އިޤްތިސާދީ ހާލަތުގެ ބޮޑުކަމާއި އިޤްތިސާދުގެ ކުޑަކަމުން އެމެރިކާގައި ބޭނުން ކުރާފަދަ އުކުޅުތައް ރާއްޖޭގައި ބޭނުން ނުކުރެވޭނެއެވެ. އަދި އެމެރިކާފަދައިން އެއްފަހަރު 700 ބިލިޔަން އަނެއްފަހަރު 800 ބިލިޔަނުން އިޤްތިސާދު ސަލާމަތްކޮށް ދުޅަހެޔޮކުރަން ނެރޭނޭ ފައިސާއެއް މިޤައުމަކު ނުވެއެވެ. އަދި ވަސީލަތެއްވެސް ނުމެވޭމެއެވެ. ވީމާ، މިވަގުތަށް އަގަފުރާލާފައި ކިތައްމެ ވާއުދެއްވެ، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްޓަކައި ނުފޯރާފޮތިން ފޫގަޅަން އުޅުމުގެ މާނައެއް ނެތެވެ. ހަޤީގަތަކީ ދިވެހި އިޤްތިސާދު ފާލަކަށް އެޅުވުމަށް އިޤްތިސާދު ރިފޯރމް ކުރަންޖެހުމުގެ އިތުރުން ހަރަދު ކުޑަކުރަން ޖެހެއެވެ. މިފަދަ ތަދު ދުވަސް ވަރެއްގައި ކުރެވޭނޭ ކަންތަކާއި ނުކުރެވޭނޭ ޕޮރެޖެކްޓުތަށް ކިތައްމެ ނުރުހުނަސް އަދި އަގައިގާ ހިތިރަހަލީކަމުގައި ވީނަމަވެސް ރައްޔިތުންނަށް އޮޅުވާލުމަކާ ނުލާ ބުނެދިނުމުގެ ހިތްވަރު ތަސައްރަފު ފުދިގެން ތިބި ސިޔާސީ ވެރިންގެ ކިބައިގާ ހުންނަންވެސް ޖެހޭނެއެވެ.

Tuesday, February 24, 2009

ރައްޔިތުންގެ މަޖިލިސް ޤާނޫނީ ހައިސިއްޔަތެއް ނެތް: ދެންވާނީ ކިހިނެތް؟

ދިވެހިރާއްޖޭގެ ރައްޔިތުން 2004 ވަނަ އަހަރު އިންތިޙާބުކުޅަ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ އުމުރު ހަމަވެ، އަދި ޤާނޫނީ ހައިސިއްޔަތު ގެއްލިގެންދާން މިވަނީ ކުޑަދުވަސް ކޮޅަކަށް ވެފައެވެ. މިހެން ވެއްޖެނަމަ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ ބާރުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ ބާރުގެ ގޮތުގައި ބެލެވޭ ޤާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލިސް މާރޗް 1، 2009 ން ފެށިގެން އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ލިބިގެނެން ނޯންނާނެއެވެ. އެހެން ވެއްޖެނަމަ ދިވެހިރާއްޖޭގެ ރައްޔިތުން ކިބައިން ފެށިގެން އަންނަ ވެރިކަމުގެ 3 ބާރުގެ ތެރެއިން 1 ބާރު، އާދެ! ރައްޔިތުން ތަމްސީލު ކުރާނޭ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނު ހެދުމުގެ ބާރެއް ނޯންނާނެއެވެ. އަދި މާރޗް 1، 2009 ވާ އާދިއްތަ ދުވަހުން ފެށިގެން އެވިދާޅުވާ ޤާނޫނީ ހުސްކަން ރާއްޖެއަށް ވެރިވެގަންނާނެއެވެ.

މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ އުމުރު ހަމަވުމާއި އަދި ޤާނޫނީ ހައިސިއްޔަތު ގެއްލިގެން މިދަނީ އަލަށް ހަދައިގެން އޮގަސްޓު 7، 2008 ގައި ތަސްދީގުކޮށް އަމަލުކުރަން ފެށި ޤާނޫނު އަސާސީގެ 296 ވަނަ މާއްދާގައި ކަނޑައަޅާފައި މިވަނީ އަލަށް މި ހެދުނު ޤާނޫނު އަސާސީން އެކުލަވާލަންޖެހޭ ރައްޔިތުންގެ މަޖިލިސް ފެބުރުއަރީ 15، 2009 ގެ ކުރިން އިންތިޙާބުކޮށް، އައު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާރޗް 1، 2009 ގެ ކުރިން ބާއްވަން ޖެހޭނޭ ކަމަށެވެ. މިފަދައިން ވަރަށް ސޮރީހަ އިބާރާތުން މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ދައުރު ވަކި ގޮތަކަށް އެވަނީ ކަނޑަ އަޅާ ނިމިފައެވެ.

ނަތީޖާއެއްގެ ގޮތުން މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ދަޢުރު ވަކިގޮތަކަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައި އޮތުމާއެކުވެސް ދިވެހިރާއްޖޭގެ ސްޕުރީމް ކޯޓުގެ ނަމްބަރ 2/ސީސީއެސް/2009 ގެ ޤަޒިއްޔާއިން ޖަނަވަރީ 13، 2009 ގައި އެކޯޓުގެ ފަޑިޔާރުންގެ އިއްތިފާގުން ނިންމަވާ ކަނޑައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާއި ޖަލްސާ ޤާނޫނު އަސާސީގައި ބުނާ ތާރީޙްތަކަށް ބާއްވަން ކުރަންޖެހޭ އެއްމެހާ ކަންތައްތައް ކުރުން މަޖިލީހަށް ލާޒިމުކަމަށެވެ. ސަބަބަކީ ޤާނޫނީ ހުސްކަމަކުން ޤައުމު ސަލާމަތްކުރުމެވެ.

އަދި ތާރީޙަށް އަމަލު ނުކުރެވޭނޭ ހަމައެކަނި އުޒުރަކީ ސްޕުރީމް ކޯޓުން ބުނެފާވާގޮތުން ގުދުރަތީ ގޮތުން ނުވަތަ ހަނގުރާމައެއްގެ ސަބަބުން އިހްތިޔާރުން ބޭރު ކަންތައްތަކެއް މެދުވެރި ވުމެވެ. މިފަދއިން ދައުލަތުގެ ހުރިހާ މުއަށްސިސާއަކުންވެސް ޤާނޫނު އަސާސީއަށް ތަބާވެ، އޭގައި ކަނޑައަޅުއްވާފައިވާ ތާރީޙްތަކަށް ކަންތައްތައް ކޮށް ނިންމަން ޖެހޭނޭ ކަމަށް ސްޕުރީމް ކޯޓުން ނިޔާއިއްވަވާފާ ވާއިރުވެސް އެނިޔާއަށް އަމަލު ނުކުރެވި ރައްޔިތުންގެ މަޖިލިސް ނެތުމުގެ ޤާނޫނީ ހުސްކަން މާރޗް 1، 2009 ގެ ފަހުން މިވަނީ އަންނާނެ ކަމަށް ޔަޤީންވެފައެވެ.

މިހާލަތުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ 3 ބާރުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ އަދި ޤާނޫނު ހަދާ ރައްޔިތުންގެ މަޖިލިސް ނެތި ގޮސްފިނަމަ ދެންވާނީ ކހިނެއް ހެއްޔެވެ. އެހެން ވިކަމުގައި ވީނަމަވެސް ދިވެހީންގެ އާއްމު ދިރިއުޅުން ކުރިޔަށް ދާނެއެވެ. އަދި ދިވެހިރައްޔިތުންގެ ފުށުން ފެށިގެން އައިސްފައިވާ އަދި ރައްޔިތުން ގާއިމްކޮށްފައިވާ ތަންފީޒީ ބާރުކަމުގައިވާ ދިވެހި ސަރުކާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުވެސް ދެމި އޮންނާނެއެވެ. ނަމަވެސް އެހާލަތުގައި ރައްޔިތުން ތަމްސީލު ކުރާނޭ ރައްޔިތުންގެ މަޖިލީސް ނުވަތަ ޤާނޫނު ހަދާ ބާރު ނޯންނާނެއެވެ. އަދި ޤާނޫނީ ހުސްކަން ވެރިވެ، ސަރުކާރު ހިންގުމަށާއި ރައްޔިތުންގެ ލާބައަށް މަންފާއަށް އަދި ކުރިއެރުމަށް ހަދަން ޖެހޭ ޤާނޫނުތައް ހެދިގެން އައުމަށް ދުވަސްކޮޅަކަށް، އައު ރައްޔިތުންގެ މަޖިލީހެއް ޤާނޫނު އަސާސީއާއި އެއްގޮތަށް އިންތިޙާބުކުރެވެންދެން މެދުކެނޑިގެން ދާނެއެވެ. އަދި މިހާރު ބޮޑަށް ބެލެވެނީ ޤައުމަށް ވެރިވާނެ ޤާނޫނީ ހުސްކަމުގެ އަނދިރީގެ ތެރެއަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިފަދައިން އެބޭފުޅުން ފެތުރިގަންނާނެކަމަށެވެ.

ސިޔާސީ ޕާރޓީތަކަށް 14 މިލިޔަން ރުފިޔާ ބެހުން

ސިޔާސި ޕާރޓީތަކަށް ފައިސާ ދިނުމުގެ ފަލްސަފާއަށް ތާއިދުކުރާއިރު އެގޮތަށް ރައްޔިތުންގެ ފައިސާ ދިނުމުގެ ހަމަތަކެއްވެސް އޮންނަންޖެހޭނެއެވެ. ރައްޔިތުންގެ ތަޢުލީމާއި ސިއްޙީ ޙިދުމަތުގެ ފެންވަރު މަތިކޮށް ރަނގަޅުކުރުމަށާއި އަދި އެހެނިހެން އަސާސީ ޙިދުމަތްތަކާއި ކަންތައްތައް ރަނގަޅުކުރުމަށް ހޭދަކުރަން ހުރި ރައްޔިތުންގެ 13.8 މިލިޔަން ރުފިޔާ ޕާރޓީތަކުގައި މެމްބަރުން ތިބިއަދަދަށްބެލިގެން 2009 ވަނައަހަރު 12 ޕާރޓީއަކަށް ބެހުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ.

ވީމާ، މިފަދައިން ފައިސާ ބެހުމުގައި އަދި މިހާތަނަށް ބާލާ މިންގަޑަކީ އެޕާރޓީއެއްގައި މެމްބަރުން ރަޖިސްޓުރީކޮށްފައިވާ އަދަދަށެވެ. މިގޮތަށް ބެލިގެން ޕާރޓީތަކަށް ފައިސާ ދޭން ތިރީގައިވާ އަންދާޒާ އަދަދުތައް މިހިނގާ 2009 ވަނަ އަހަރު ޕާރޓީތަކަށް ބެހުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޖުމްހޫރީ ޕާރޓީއަށް 1.2 މިލިޔަން، އެމްޑީޕީއަށް 2.2 މިލިޔަން، ޑީއާރުޕީއަށް 3.3 މިލިޔަން، އެސްއެލްޕީއަށް 566 ހާސް، ޕީޕަލްސް އެލަޔަންސް 765 ހާސް، އައިޑީޕީއަށް 1 މިލިޔަން، އަދާލަތު ޕާރޓީއަށް 1 މިލިޔަން ރުފިޔާ ޖެހިފައިވެއެވެ. މީގެ އިތުރުން އެމްއެސްއެލްޕީއަށް 794 ހާސް، ޕީޕަލްސް ޕާރޓީއަށް 717 ހާސް، މޯލްޑިވިއަން ނޭޝަނަލް ކޮންގުރެސް 703 ހާސް، ފަޤީރުކަން ނައްތާލާ ޕާރޓީއަށް 703 ހާސް، ޤައުމީ އިއްތިޙާދަށް 740 ހާސް ރުފިޔާ ޕާރޓީތަކަށް ލިބޭނެއެވެ.

ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލާތު މިހާނާޒުކު ވެފައިވާ ވަގުތެއްގައި މިފަދައިން 13.8 މިލިޔަން ރުފިޔާ ރައްޔިތުންގެ ސިއްހީ މުހިއްމު ހިދުމަތްތަކުން އުނިކޮށް ޕާރޓީތަކަށް ބެހުމަށް ހަމަޖެހިގެންދާއިރު ރައްޔިތުންނަށްދެވޭ ސިއްހީ ފަރުވާ ދޭ މަރުކަޒުތަކާއި ހޮސްޕިޓަލުގެ ހާލަތާމެދު ވިސްނާ ފިކުރުކޮށްލަންޖެހެއެވެ. ހޮސްޕިޓަލްތަކުގެ އާއްމު ޙިދުމަތްތަކުގެ ފެންވަރު ނިހާޔަތަށް ދަށްވެ، ސިއްހީ ފަރުވާއަށް އައިޖީއެމްއެޗް އަދި ސިއްޙީ މަރުކަޒުފަދަ ތަންތަނުގައި ބޭނުން ކުރާ މެޝިނަރީ ހަލާކުވެގެން އެތަކެއް މަސްދުވަސްވާއިރުވެސް މެޝިނަރީއަށް ފަރުވާ ނުދެވި، ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރުވެސް ޕާރޓީތަކަށް އިންތިޙާއަށް ބޮޑެތި އަދަދުން ފައިސާގެ ބައިއެޅިގެން ދަނީ ހަމަ ރައްޔިތުންގެ ފައިސާއިންނެވެ.

ރައްޔިތުންގެ ފައިސާ ބޭކާރަކަށް ރައްޔިތުންނަށް އެއްވެސް ފައިދާއެއް ލާބައެއް ނެތްގޮތަކަށް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްނުކުރާ ފަދަ ޕާރޓީތަކަށް ބައިއެޅުމަކީ މިވަގުތަށާއި މުސްތަޤުބަލަށް ވަރަށް ބޮޑަށް ވިސްނާ ކުރިޔަށް އޮތްތަނަށް ހަރުދަނާ ރަނގަޅު ގޮތްތަކެއް ނިންމަން ޖެހިފައިވާ ކަމެކެވެ. މިފަދައިން ބައިއެޅުމުގެ ސަބަބުން ރައްޔިތުންގެ ދަރީންގެ ތަޢުލީމާއި ތަމްރީނަށް ފައިސާ މަދުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް ކޮލެޖު އޮފް ހަޔާރ އެޑިޔުކޭޝަނުގެ 2008 ވަނައަހަރުގެ ބަޖެޓުގެ ގޮތުގައި 86 މިލިޔަން ރުފިޔާ ލިބިފައިވާއިރު 2009 ވަނައަހަރު ލިބިފައިވަނީ 32 މިލިޔަން ރުފިޔާއެވެ. ކުރީއަހަރަށްވުރެން ކޮލެޖުގެ ބަޖެޓު ދެބައިކުޅަ އެއްބަޔަށްވުރެވެސް ކުޑަވެގެން ދިޔުމުގެ ސަބަބުން މަސައްކަތްތެރީން ތަމްރީނުކުރުމުގެ ތަފާތު ކޯސްތަށް މަދުކޮށް އަދި ކޯސްތަކަށް ނަގާ ކުދީންގެ އަދަދު ވަނީ މަދުކޮށްފައެވެ. މިއީ އަހަރަކު އޯލެވެލް އަދި އޭލެވެލް ނިންމާ ގިނަ ކުދީންނަށާއި އެކުދީންގެ އާއިލާތަކަށާއި މުޅި ޤައުމުގެ އުފެއްދުންތެރިކަމަށް ނުހަނު ބޮޑު އަސަރެއް މުސްތަޤުބަލުގަ ކުރާނޭ ކަމެކެވެ.

ޕާރޓީއަކަށް ރައްޔިތުންގެ ފައިސާގެ އިނާޔަތް ދެމުންދާއިރު ރައްޔިތުންގެ ދަރީންގެ މަތީތަޢުލީމަށް ހުރިފައިސާވެސް މަދުވެގެން ދަނީއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ތަފާތު މިންވަރުން މަތީ ތަޢުލީމަށް ލޯނުފައިސާ ދެވިގެން ދިޔައިރު އަދި މިހާތަނަށް އެފަދަ ކަމެއްގެ ހިލަމެން ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އޯލެވެލް އަދި އޭލެވެލް ނިންމި ކުދީންގެ ތެރެއިން މަތީތަޢުލީމަށް މަގުފަހިކުރުމަށް އެފަދަ ލޯނުހޯދުމަށްވަނީ އުދަގޫވެފައެވެ. މިސާލަކަށް މިއަހަރު ވެލިދޫން އޯލެވެލް ނިންމި ޝާހީން ބޭނުންވަނީ އިސްލާމު މުދައްރިސަކަށްވާށެވެ. ކިޔަވަން ބޭނުންވިނަމަވެސް މާލޭގަ ހުންނާނެ ތަނެއް ނެތުމާއި އަދި މަތީ ތަޢުލީމަށް އުގެނުމަށް ހަރަދު ކުރާނޭ ފައިސާ ނެތުމުން ޝާހީންގެ އުއްމީދީ ހުވަފެނުގައި ކުލަޖައްސަން އިންތިހާއަށް ދައްޗެވެ.

ވީމާ، ޕާރޓީތަކަށް ރައްޔިތުންގެ ފައިސާގެ އިނާޔަތް ދިނުމަށް ގޮތްތައް ކަނޑައަޅާއިރު ރައްޔިތުންގެ ހާލަތާމެދު ފުންކޮށް ވިސްނަން ޖެހެއެވެ. ރައްޔިތުންނަށް ފައިދާ ނުވާ ޕާރޓީތަކަށްވެސް ރައްޔިތުންގެ ފައިސާ ދެވިގެން ދާއިރު ރައްޔިތުންގެ ސިއްޙީ ފަރުވާގެ ހާލު އަހުވާލު ހުރިގޮތާއި ރައްޔިތުންގެ ދަރީންގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކުރިމަގުން ފައިސާ އުނިކުރެވެމުންދާ އިރު ރައްޔިތުންގެ ފައިދާއަށް މަސައްކަތް ނުކުރާ ޕާރޓީތައް ފާހަގަވެ ހުނިޖެހި އަދި ރައްޔިތުންގެ ފައިސާއިން އިސްތިސްނާވެގެންދާތަން ފެންނާން އެބަޖެހެއެވެ. މިފަދަ އިންތިޒާމެއް ހަމަޖެހުމުން ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ފައިދާއެއް ނުވާ އަދި ރައްޔިތުން ބަލައިނުގަންނަ ޕާރޓީތަކަށް ބޭނުން ކުރުމަށް ދިނުމުގެ ބަދަލުގައި ރައްޔިތުންގެ ތަޢުލީމަށާއި ސިއްޙީ މުހިއްމު ފަރުވާއަށާއި ޙިދުމަތްތަކަށް ބެހެއްޓިގެން ދާނެއެވެ. އަދި ރައްޔިތުންނަށް ފައިދާ ނުކުރާ އެފަދަ ޕާރޓީތައް އެފަދަ ނިޒާމެއްގައި އުވިގެން ދާނެއެވެ.

Saturday, February 21, 2009

ހޯމް ވޯރކުން ފައިދާ ކުރޭހެއްޔެވެ؟

ގުރޭޑު ތިނެއްގައި ތަޢުލީމު ހާސިލުކުރަމުންދާ އަހުރެންގެ ކުޑަދަރިފުޅާއެކު ސުކޫލުން ގެޔަށްދޭ މަސައްކަތް ހެދުމަށް ދެބަފައިން އިށީންނަމުން ގެންދަނީ ކޮށްމެ ދުވަހެއްގެވެސް ހަވީރުގެ ވަގުތުގައެވެ. މިފަހުގެ ދުވަސްތަކުގައި ކިޔަވައި ދިނުމައި ދުރުގައި ހުރެ އުގެނުމުގައި އަހުރެމެން ދެބަފައިން ކުރަމުންދާ މިތަޖުރިބާއަކީ ހަފްތާ ބަންދު ފިޔަވާ ހަފްތާގެ ދުވަސްތަކުގައި ކޮށްމެ ދުވަހަކުވެސް މިގޮތަށް ދެބަފައިން މިކަމުގައި މަސްއޫލުވެ ކުރަމުންގެންދާ ތަޖުރިބާއެކެވެ. ދެބަފައިންގެ މުޅިހަވީރު ދެނަމާދުގެ ވަގުތުގައި ރޭގަނޑުގެ ކެޔުމާއި ޖެހެންދެން ހޭދަކުރަނީ މިފަދަ މަސައްކަތުގައެވެ. ބައެއްފަހަރު ދިމާވާ ކަންކަމުގައި ދެބަފައިން ހިޔާލު ތަފާތުވެ، ދެބަސްވާތަން އާދެއެވެ. އަދި ހިތާހިތާ ބުނެވެއެވެ. ހޯމްވޯރކަކީ ހަމަދަރިވަރުންގެ ފެންވަރު ރަގަޅުކޮށްދޭ ކަމެއްބާއެވެ؟ ވީމާ، މި މަޒުމޫނުގައި މިބަލައިލަނީ އަހުރަމެން ދެބަފައިން ކުރަމުން ގެންދިޔަ ތަޖުރިބާއެއްގައި ދުނިޔޭގެ ގައުމުތަކުގެ ތަޢުލީމީ ދާއިރާގެ އިލްމުވެރި ތަޖުރިބާކާރުން ވިދާޅުވާ ބައެއްކަންތައްތަކާއި އަދި އެތަންތަނުގެ ތަޖުރިބާއާއި ޓައިމް މެގަޒިނުގައި ކުލަޢުޑިޔާ ވޯލްސް 27 އޮގަސްޓު 2006 ގައި ލިޔުއްވާފައިވާ ލިޔުއްވުމުގެ ދިރާސާގެ އަލީގައި ހޯމްވޯރކާ މެދު ދެކޭ ގޮތްތަކެވެ.

މިފަހަކުން ހޯމްވޯރކާ މެދު ތަހުލީލީ ނަޒަރަކުން ލިޔެފައިވާ ދެފޮތެއްގައިވާ މައިގަނޑު ނުކުތާތައް ބަލައިލުމުގެ ފުރުސަތުލިބުނުވަގުތު ހިތަށް ވެރިވަމުން ދިޔައީ އަހަރުމެން ދެބަފައިން ހޯމުވޯރކާއި މެދު ދެކޭ ގޮތާއި އަދި މި ދެފޮތަކީ މިގޮތުން ބަލައިލަން ވަރަށް މުހިއްމު ދެފޮތްކަމެވެ. އަލްފިއެ ކޯން ލިޔުއްވާފައިވާ 243 ސޮފްޙާގެ މިފޮތުގެ ނަމަކީ ދަ ހޯމްވޯރކު މިތުއެވެ. އޭގެ އަނެއްފޮތަކީ 290 ސޮފްޙާ ހިމެނޭ ޤާނޫނީ ވަކީލެއްކަމުގައިވާ ޝާރާ ބެނެޓު އަދި ނޫސްވެރިއެއް ކަމުގައިވާ ނޭންސީ ކަލިޝް ލިޔުއްވާފައިވާ ދަ ކޭސް އެގެއިންސްޓު ހޯމްވޯރކު މިފޮތެވެ. މި ދެފޮތަކީ މިޒަމާނުގައި ގެއަށް ދަރިވަރުން ސްކޫލުން ގެންނަ މަސައްކަތްތަކުގައި ކަންހިގާ ގޮތުގެ މައްޗަށް ވަރަށް ތަފްސީލީ އަދި ތަހުލީލީ ނަޒަރަކުން ލިޔެފައިވާ ދެފޮތެވެ. މި ގަރުނުގައި ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދެމުންގެންދާ މައިންބަފައިންނާއި ބަލަދުވެރިންނާއި މުދައްރިސުންނާއި އުގެނުމާއި އުގައްނައިދިނުމުގައި މަސައްކަތްކުރާ އެއްމެހާ ފަރާތްތައް ވިދާޅުވުމަށް ވަރަށް މުހިއްމު ދެފޮތެވެ.

ދެފޮތުގައިވެސް ހިމަނާފައިވާ ކަންތައްތަކަކީ ދިރާސާއާއި ތަހުލީލީ ނަޒަރިއްޔާތުން ލިޔުއްވާފައިވާ މިޒަމާނުގެ ކުރިއަރާފައިވާ ގައުމުތަކާއި އަދި ކުރިއަރަމުން އަންނަ ގައުމުތަކުގައި ތަޢުލީމް ހާސިލް ކުރަމުންދާ އެތަކެއް ދަރީންގެ މެދުގައި ކުރެވިފައިވާ ސާރވޭ ރިޕޯރޓުތަކެއްގެ އަލީގައި ގެނެސްދީފައިވާ ކަންތައްތަކެވެ. އެދިރާސާ ތަކުން ހާމަކޮށްދީފައިވަނީ ހޯމުވޯރކުގެ ގޮތުގައި ދަރިވަރުންނާއި ހަވާލުކުރެވޭ މަސައްކަތްތަކަކީ ދަރިވަރުން އެކަމެއް ކުރުމަށް ޝައުގުވެރިކަން ކުޑަ އަދި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންގެ މެދުގައި ދެބަސްވުން އުފެދޭ އަދި ދަރިވަރުން އެކަމެއް ކުރުމަށް ނަފުރަތުކުރުވާ، އުގެނުމާއި ދެނެގަތުމާއި ދުރުކޮށްދޭގޮތަށް ކަންތައްތައް ބަދަލްކޮށްލުވާފަދަ މަސައްކަތްތަކެއްކަމެވެ. ވީމާ، އެކަމާ މެދު ކުރެވިފައިވާ ދިރާސާތަކަށް ނަޒަރު ހިންގާލާ ބަލައިލުމަކީ މި ކުރިއަރާފައިވާ 21 ވަނަ ގަރުނުގައި އުގެނުމަށާއި އުގަންނައިދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް މުހިއްމު ކަމެކެވެ.

އެމެރިކާގެ މިޗިގަން ޔުނިވާރސިޓީން 2004 ވަނަ އަހަރު އެގައުމުގެ 2900 ދަރިވަރުންގެ މެދުގައި ކުރެވުނު ސާރވޭ އަކުން ދައްކާ ގޮތުގައި ދަރިވަރުން ހޯމުވޯރކު ހެދުމުގައި ހޭދަކުރާ ވަގުތު 1981 ވަނަ އަހަރުންފެށިގެން 51 އިންސައްތަ މައްޗަށްގޮސްފައިވާ ކަމަށްވެއެވެ.

ހޯމްވޯރކުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު އިތުރުވެފައިވަނީ ޕުރައިމަރީ ކުލާސްތަކުގެ ޅަފަތުގެ ދަރިވަރުންނަށެވެ. މި ގޮތުން 6 އަހަރާއި 8 އަހަރުގެ އުމުރުފުރައިގެ ދަރިވަރުން 1981 ވަނަ އަހަރު އެވަރަޖުކޮށް ދުވާލަކު 52 މިނިޓު ހޯމުވޯރކަށް ހޭދަކޮށްފައިވާއިރު 1997 ގައި މިއުމުރުފުރައިގެ ދަރިވަރުން ހަފްތާއަކު އެވެރަޖުކޮށް 128 މިނިޓު ހޯމުވޯރކު ހެދުމުގައި ހޭދަކޮށްފައިވާ ކަމަށްދައްކައެވެ. އަދި 2004 ވަނަ އަހަރުގެ މި ސާރވޭއިން ދެއްކި ގޮތުގައި މި އުމުރުފުރައިގެ ދަރިވަރުން މި ފަހަކުން ހޯމްވޯރކުހެދުމުގައި ކޮށްމެ ރެއަކު 78 މިނިޓު އެވަރެޖުކޮށް ހޭދަކުރާކަމަށްވެއެވެ.

ފަހުގެ ސާރވޭތަކުން ހާއްސަކޮށް ޅަފަތުގައި ޕުރައިމަރީ ކުލާސްތަކުގެ ދަރިވަރުން ހޯރމްވޯރކަށް ގިނަވަގުތުތަކެއް ހޭދަކުރާކަމަށް ސާބިތުވަމުންދާ އިރު ހޯމުވޯރކުގެ ދާއިރާގައި އެމެރިކާގައި އެއްމެ ފުންނާބު އުސް މާހިރު ކަމުގައިވާ ޑިޔުކު ޔުނިވާރސިޓީގެ ހެރިސް ކޫޕާރގެ ބަހުންނަމަ ހޯމްވޯރކަކީ އެއެއްޗަކުން ދަރިވަރުންނަށް އިލްމީ އެއްވެސް ކުރިއެރުމެއް ގެނެސްދޭ އެއްޗެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ހޯރމުވޯރކު ހެދުމުގައި ދަރިވަރުންނާއި ބެލެނިވެރިން އޮހޮރާ ދަލާއި ކަރުނައިން އެއްވެސް ދަރިޔަކު ހިސާބަށް ނުވަތަ ކިޔުމަށް މޮޅު ދަރިވަރަކަށް ނުހަދެއެވެ.

ދަރިވަރުންނަށް ގެޔަށްދެވޭ ގިނަގުނަ މަސައްކަތްތަކުން ރަނގަޅު ނަތިޖާ ނުފެނި އޭގެސަބުން ފެންނަ ނަތީޖާ ދަށްވެއެވެ. ކޫރޕާރގެ ގިނަގުނަ ސާރވޭ ތަހުލީލުތަކުން ފެނުނުގޮތުގައި މެދުމަދުރަސީ އަދި ސާނަވީ ގުރޭޑުތަކުގެ ދަރިވަރުން ކޮށްމެސް މިންވަރެއްގެ ހޯމްވޯރކު ހެދުމުން ރަނގަޅު ނަތީޖާއެއް ފެންވަރުބެލުމުގެ އިމްތިޙާނުތަކުގައި ހޯދާފައިވެއެވެ. ނަމަވެސް ރެޔަކު 60 ހާއި 90 މިނިޓަށްވުރެ ގިނަވަގުތު ހޯމްވޯރކު ހެދުމުގައި ހޭދަކުރަމުންދާ މެދުމަދުރަސީ މަރުހަލާގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނާއި ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ހޯމްވޯރކު ހެދުމުގައި ރެޔަކު 2 ގަޑީރަށްވުރެ ގިނައިން ހޭދަކުރާ ދަރިވަރުންގެ މެދުން ފެނިފައިވަނީ ދަށް ނަތީޖާއެކެވެ.

އަދި ހަމަ މިސާރވޭ ރިޕޯޓުތަކުން ދައްކާގޮތުގައި ދުނިޔޭގެ ގައުމުތަކަށް ވިސްނާލާއިރު ދަރިވަރުންނަށް ހާސިލްވެފައިވާ މިންވަރު ދެނެގަތުމުގެ ޓެސްޓުތަކުގެ ނަތީޖާގައި އެމެރިކާއަށްވުރެ މޮޅަށް ސްކޯރކޮށްފައިވާ ޖަޕާން، ޑެންމާރކު، އަދި ޗެކު ރިޕަބުލިކުގެ މުދަށްރިސުން ދަރިވަރުންނަށްދޭ ހޯމްވޯރކު ވަރަށް ބޮޑަށް މަދުކަމަށް ފާހަގަވެއެވެ. މިއާ ހިލާފަށް މިފަދައިން ނެގުނު ޓެސްޓުތަކުގައި ދަށްނަތީޖާއެއް ފެނުނު ގުރީސް، ތައިލޭންޑު އަދި އީރާން ފަދަ ގައުމުތަކުގައި ވަރަށް ގިނައިން ހޯމްވޯރކު ދެވޭކަމަށްވެއެވެ.

ހޯމްވޯރކުގެ އެއް މަޤުސަދަކީ ފެންވަރު ބެލުމުގެ ޓެސްޓުތަކުގައި ދަރިވަރުން ރަނގަޅު ނަތީޖާއެއް ހާސިލްކުރުމެވެ. އަދި ފެންވަރު ބެލުމުގެ ޓެސްޓުތަކަކީ ދަރިވަރުންގެ އިލްމީ ކުރިއެރުން ހާސިލްކުރާ މިންވަރު ދެނެގަންނާނެ އެއްވަސީލަތެވެ. ހޯމްވޯރކާ އެއްކޮޅަށް ވާހަކަދައްކަވާ އުގަންނައިދިނުމުގައި މަސައްކަތްކުރައްވާ އިލްމުވެރިން، ކޫޕާރވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ދެކިލައްވާ ގޮތުގައި ހޯމްވޯރކުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމާއި ނަފްސީ ސުލޫކާއި ވަގުތު ބޭނުން ކުރާނޭ ގޮތުގެ ހުނަރު ލިބިދެއެވެ. އެހެންނަމަވެސް ހޯދުންތަކުން ފެންނަނީ ހޯމްވޯރކުން ދަރިވަރުން ސްކޫލާއި އަދި ގެއަށްދޭ މަސައްކަތްތަކާމެދު ހެޔޮހިތުން ނުދެކެއެވެ. ވީމާ، ހޯމްވޯރކަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތާއި ގުޅުމަށް ނުރަނގަޅު ބަދަލެއްގެންނަ އަދި ދަރިވަރުން އުގެނުމާއި އިލްމަށް ހުންނަ ޝަޢުޤުވެރިކަމަށް ހުރަސް އަޅާއެއްޗަކަށެވެ.

މި ނަންގަނެވުނު ދިރާސާތަކުން ވަރަށް ރަނގަޅަށް ހޯމްވޯރކުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކުރާ އަސަރާއި ލިބިދެވޭ ހުނަރު ވަރަށް ސާފުކޮށް ފެންނައިރު 21 ވަނަ ގަރުނުގެ މަސައްކަތްތެރި މައިންބަފައިންނާއި ދަރީން ހަފްތާގެ ދުވަސްތަކުގައި އެކުގައި ހޭދަކުރާ ވަގުތަކީ ދެފަރާތުގެ ގުޅުމާއި އުޅުން ބަދަހިކުރުވަނިވި އެއްޗަކަށް ހެދުމަށްޓަކައި ދަރިވަރުން ސްކޫލްގައި ކުރާ މަސައްކަތް ގިނަކޮށް ގެޔަށްދެވޭ މަސައްކަތް މަދުކޮށް، ހަފްތާ ބަންދަށް ދެވޭ ވީކެންޑު އެސައިންމަންޓާއި ހަފްތާ ބަންދާއި އާދިއްތަ ދުވަހު ނަގާ ޓެސްޓުތައްފަދަ ޓެސްޓުތަށް މަދުކުރަންޖެހެއެވެ.

Friday, February 20, 2009

ފަލަސްތީން: ދިރިއުޅުން އަޅުވެތިކަމުގައި

ފަލަސްތީނުގެ ރައްޔިތުންގެ މުޅި ދިރިއުޅުން ވަނީ ޒަޔަނިސްޓު ޔަހޫދީންގެ އަޅުވެތިކަމުގައެވެ. އަޅުގަނޑުމެންގެ ރާއްޖޭން ލިބެން ނެތް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް އިންޑިޔާ ލަންކާއަށް ފަސޭހަކަމާއެކު އައިސް ގޮސްވާއިރު، އިޒުރޭލުގެ އަޅުވެތިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތެއް ވަރަށް ބޮޑަށް ބަލިވިކަމުގައިވީނަމަވެސް ބޭސްފަރުވާއަށް ޤައުމުން ބޭރަށް ދިއުމަށް އިޒްރޭލުން ހުރަސް އަޅައެވެ.

އަޅުގަނޑުމެން ދިވެހީންގެ ވަތޮނުގައި އަމިއްލަ ގެދޮރު އަޅައި ޒީނަތްތެރިކޮށްގެން އުފަލާ އަރާމުގަ ދިރިއުޅެމުން ދާއިރު، ފަލަސްތީނުގެ ރައްޔިތުންގެ އުފަން ބިން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ޔަހޫދީން ވަނީ ފޭރިގަނެ ފަލަސްތީނު ރައްޔިތުންގެ ގެދޮރުތައް ކޮށްމެ ދުވަހަކު ދަނީ ޔަހޫދީން ތަޅާ ސުންނާފަތި ކުރަމުންނެވެ.

އަޅުގަނޑުމެން ދިވެހީންގެ ރަށްތަކާއި އަވަށްތަކުގައި މިނިވަންކަމާއެކު ދަތުރު ފަތުރުކޮށް ހަދަމުންދާއިރު، އަޅުގަނޑުމެންގެ އަޙުންނާއި އުހުތުންކަމުގައިވާ، ފަލަސްތީނު ރައްޔިތުންގެ ސަހަރުތަކާއި އަވަށްތަކާއި ރަށްތައްވަނީ މިލިޓަރީ ޗެކުޕޮއިންޓު ތަކާއި ދަގަނޑު ފެންސުތަކާއި ބިޔަ ފާރުތަކުން ވަކި ކޮށްލެވިފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ޤަޢުމުގެ އެއް އަވަށުން އަނެއް އަވަށަށް ދާންވެސް ޔަހުދީންގެ ކިބައިން ވިސާ ހޯދަން ޖެހެއެވެ.

އަޅުގަނޑުމެންގެ ދަރީންނަށް ފަސޭހަކަމާއެކު ތަޢުލީމް އުގެނުމުގެ ފުރުސަތު ތަނަވަސް ވެފައިވާއިރު މުސްލިމް ފަލަސްތިނު ރައްޔިތުންގެ ދަރީންގެ މުސްތަޤުބަލަށް ދެވޭ ތައުލީމުންވެސް ފަލަސްތީނު ރައްޔިތުން ވަނީ މަހުރޫމު ކުރެވި، ތަފާތުކުރެވިފައެވެ.

މިހާލަތުގައި ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުން ފާއިތުވި 50 އެތަކެއް އަހަރު ހޭދަކުރަމުންދާއިރު އަހުރަމެން ދިވެހި ވަކި ފަރުދުންނަށް މިފަދަ ބޮޑު މައްސަލައެއްގައި ކުރެވޭނީ ކީންހެއްޔޭ ހިތައް ވެރިވާނެއެވެ. އަހުރަމެންނަށްވެސް އަހަރުމެންގެ ނަފްސީ ފެންވަރުގައި ކުރެވޭނޭ ވަރަށް ގިނަގުނަ ކަންތައްތައްވެއެވެ. މިގޮތުން ޔަހޫދީންނަށް އެހީދޭ ފަރާތްތަކުގެ ތަކެތި ނުގަނެ ތިބެވިދާނެއެވެ. ސަބަބަކީ އެފަދައިން ތަކެތި ނުގަނެ "ބޯއީކޮޓް" ކޮށްގެން ޔަހޫދީންނަށް ފައިސާއާއި އެހީދާ ފަރާތްތައް އިނދަ ޖައްސާލެވިގެން ޔަހޫދީން ފަލަސްތީނު ހިސާރުކުރުން ނިމުމަކަށް ގެނެވިދާނެއެވެ.

ސައުތު އެފްރިކާގަ އޮތް ނަސްލީ ތަފާތުކުރުންވެސް ނިމުމަކަށް ގެނެވުމުގެ އެއްމެ އިސްދަޢުރެއް ކުޅުނީ އެޤައުމަށް އެހީވާ ކުންފުނިތަކުގެ ތަކެތި ބޯއީކޮޓޫކޮށްގެނެވެ. ވީމާ، މިފަދައިން މުޅިދުނިޔޭގައި ޔަހޫދީންނަށް އެހީވާ ފަރާތްތަކުގެ ތަކެތި އަހުރެމެންވެސް ގަތުން ހުއްޓާލައިފިނަމަ ފަރުދީގޮތުން އެމަސައްކަތުގައި އަހުރަމެންނަށްވެސް ބައިވެރިވެވުނީއެވެ. އަދި ހަނގުރާމައާއި ތަޅާފޮޅުމާއި ނުލާއި މިފަދައިން އިޤްތިސާދީ ދެކޮޅު ހެދުމަކީ ނޮން ވައިލަންޓު ހަރަކާތްތަކުގައި އެއްމެ ބާރުހުރި ހަތިޔާރެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ކޮށްމެ ދުވަހަކު ބޭނުން ކުރާ އަދި ފާއިތުވި ގާޒާ ހަނގުރައިމައިގާ ބޭނުން ކުރި ހުރިހާ ހަތިޔާރަކީ އެމެރިކާއާއި ޔޫރަޕުގެ ހަތިޔާރެވެ. އެމެރިކާއިން އެކަނިވެސް ޔަހޫދީ ދައުލަތަށް އަހަރަކު 3 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރުގެ އެހީދެއެވެ.

ސައުތުއެފްރިކާ ނަސްލީ އިމްތިޔާޒުން ސަލާމަތް ކުރުމަށް ބޭނުން ކުރި ހަތިޔާރަކީ މިފަދައިން އެހީދޭ ގަޢުމުތަކުގެ ކުންފުނިތަކުގެ މުދަލާ ތަކެތި ގަތުން ދުނިޔޭގެ ރައްޔިތުން ހުއްޓާލައިގެންނެވެ. ސަބަބަކީ ވަށްމޭޒު ބައްދަލުވުންތަކާއި ޕެޓިސަންތަކާއި ތަފާތު ޤައުމުތަކުގެ ލޮބީ ކުރުމުން ސުލްހަވެރި އެއްވެސް ކަމެއް ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ފައިދާ ނުވުމުން ދެން އެޅެން އޮތް އެއްމެ ރަނގަޅު ފިޔަވަޅަކީ ދުނިޔޭގެ މުސްލިމް ރައްޔިތުން އިޒުރޭލަށް އެހީދޭ ޤައުމުތަކާއި އެޤައުމުތަކުގގެ ކުންފުނިތަކުގެ މުދަލާ ތަކެތި ގަތުން ހުއްޓާލުމެވެ.

ބޯއީކޮޓު ކުރުމަކީ ނަތީޖާއެއް ނުނެރެވޭ އެއްވެސް ސާބިތުކަމެއް ނެތި ކުރެވޭ ކަމެއް ނޫނެވެ. ބޯއީކޮޓު ކުރުމަކީ ނޮންވައިލެންސް ހަރަކާތުގެ ބާނީ މަހަތުމާ ޤާންދީ އިގިރޭސީންގެ އަޅުވެތިކަމުން އިންޑިޔާ މިނިވަން ކުރުމަށް ބޭނުންކުރި އުކުޅެވެ. އަދި ހިފި ހަތިޔާރެވެ. ބޯއީކޮޓުކުރުމަކީ މީގެ ދެ ޖީލުކުރިން ސައުތު އެފްރިކާގައި ވިޔަފާރިކުރަމުން ދިޔަ ކުންފުނިތައް އެގައުމުގައި ވިޔަފާރިކުރުން ހުއްޓާލުމަށް މެދުވެރިވި، ސަބަބެވެ. އަދި އެސބަބެއްގެ ސަބަބުން ސައުތު އެފްރިކާގެ ރަށްވެހީންނަށް ސައުތު އެފްރިކާ ލިބުނެވެ.

ވީމާ، މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް އުއްމީދާއި ހަމަހަމަކަމާއި އިންސާފާއި މިނިވަންކަން ގެނެސްދެވޭނޭ ހަމައެކަނި ވަސީލަތަކަށް ވެފައި މިވަނީ ދުނިޔޭގެ މުސްލިމް ރައްޔިތުން ތިރީގައި މިވާ ޒަޔަނިސްޓު ޔަހޫދީ ދައުލަތާއެކު ވިޔަފާރި ކުރާ އަދި އެކުންފުނި ތަކުގެ ވެރި ގައުމުތަކުން ޔަހޫދީ ދައުލަތަށް އެހީވާ ކުންފިނަތަކުގެ ތިރީގައި މިވާ ބުރޭންޑުތަކުގެ މުދަލާ ތަކެތި ގަތުމާއި ބޭނުން ކުރުން ހުއްޓާލައިގެން ބޯއީކޮޓުކޮށްގެނެވެ.

ކުންފުނިތަކާއި ތަކެތީގެ ބުރޭންޑުތައް ދެނެގަތުމަށް ތިރީގައިވާ ވެބުއެޑުރެހަށް ވަޑައިގަންނަވާ!
http://home.pacbell.net/halnet/Boycott%20Israeli%20Products%20Campaign.htm

Friday, February 13, 2009

ހުނަރުވެރި މޮޅު ލީޑަރަކަށްވުމުގެ ފުރުސަތު ލިބެނީ ސްކޫލުންނެވެ.

މޮޅު ލީޑަރަކަށް ވަނީއަކީ ތޮބީއީގޮތުން އެފަރާތްތަކަށް ލިބިގެންވާ ސިފަތަކަކުންނޫނެވެ. ލީޑަރުންނަކީ އުފައްދާބައެކެވެ.

މިއިބާރާތަކީ މިއަދު ގިނަގުނަ މެނޭޖުމަންޓުކުލާސްތަކުގަ އާއި ގިނަގުނަ ދިރާސާތަކުގައި ބަހުސްކުރަމުންދާ ވާހަކަތަކެކެވެ. ވީމާ، ގަބޫލުކުރަންވީ ހަޤީގަތަކީ ލީޑަރުން އުފެދިގެން އަންނަނީ އުޅެބޮޑުވާމާހައުލުން ލިބިގަނެވޭ ހުނަރާއި ތަރުބިއްޔަތާއި ތަޖުރިބާތަކުގެ އަލީގައިކަމެވެ. މިފަދަ ތަޖުރިބާއާއި ތަރުބިއްޔަތާއި ހުނަރާއި ޢިލްމު ފުރަތަމަ ލިބިދެނިވި ތަނަކީ މުޖުތަމަޢުގައި ހުރި ސްކޫލްތަކެވެ. ވީމާ، މި މަޒުމޫނުގައި މިބަލައިލަނީ ސްކޫލްތަކުން ހުނަރުވެރި މޮޅު ލީޑަރަކަށް ދަރިވަރަކު ވުމަށްޓަކައި ހުށައެޅިފައި ހުރިފުރުސަތުތަކަށެވެ.

ދެހާސްފަސް ވަނަ އަހަރު ި ޑީޑީއައި ކިޔާ ކޮންސަލްޓަންސީ ގުރޫޕަކުން ދުނިޔޭގެ ކުންފުނިތަކުގެ ޗީފް އެގުޒެކެޓިވު އޮފިސަރުން ނާއި އެކުންފުނިތަކުގެ ބޯރޑު އޮފް ޑިރެކްޓަރުންގެ މެދުގައިކުރެވުނު ސާރވޭޔަކުން ދައްކާ ގޮތުގައި ކޮށްމެ 10 ޗީފް އެގުޒެކެޓިވު އޮފިސަރުން ނާއި ކުންފުނީގެ ބޯރޑު އޮފް ޑިރެކްޓަރުންގެ ތެރެއިން 9 މީހުންނަކީ އެފަރާތްތަކުގެ ސުކޫލް ދައުރުގައި ސްކޫލްގެ ހެޑު/ޕުރިފެކްޓުކަން ނުވަތަ ކޮށްމެވެސް ޓީމެއްގެ ކެޕްޓަންކަން ކޮށްފައިވާ ފަރާތެއް ކަމެވެ. މީގެން މިދޭހަކޮށްދެނީ ސްކޫލުން ދެވޭ ތަޢުލީމުގެ އިތުރުން ކުލާސް ރޫމުން ބޭރުގައި ސްކޫލުގެ ދަރިވަރުންނަށް ހުށައެޅިފައިވާ އިތުރު ހަރަކާތްތަކުގެ ފުރުސަތުތަކެއްގެ ސަބަބުން ދަރިވަރުންނަށް އެފަރާތް ތަކުގެ ވަޒީފައިގެ ކުރިއެރުމުގައި ސްކޫލު ދައުރުގައި ލިބުނު އިލްމުގެ އިތުރުން އިސްނަގައިގެން ހަރަކާތްތެރިވުމަށް ލިބުނު ފުރުސަތުތަކުން ކުޅަދާނަ ލީޑަރަކަށް ވެގެން ދާނެކަމެވެ.

މިބީދާއިން ވާހަކަދައްކާއިރު އިގިރޭސި ވިލާތުގެ އިންސްޓިޓިޔުޓު އޮފް މެނޭޖުމަންޓުން މިފަހަކުން ކުރެވުނު ސާރވޭޔަކުން ދައްކާ ގޮތުގައި އެގައުމުގެ 500 ހާ ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ހިންގުންތެރިވެރިން ކަމުގައިވާ ޗީފް އެގުޒެކެޓިވު އޮފިސަރުންގެ ތެރެއިން ގިނަފަރާތްތަކަކީ އެފަރާތްތަކުގެ ސްކުލްދައުރުގައި އިސްނަގައިގެން ހަރަކާތްތެރިވެ، އިސްދައުރެއް އަދާކޮށްފާވާ ފަރާތްތަކެކެވެ. މި ދިރާސާއިން ފާހަގަކޮށްލެވޭ ހަޤީގަތަކީ ކޮށްމެ 10 ފަރާތަކުން މަދުވެގެން 4 ފަރާތަކީ އެފަރާތްތަކުގެ މަދުރަސީ ދަޢުރުގައި ސްކޫލްގެ ޕުރިފެކްޓެއްކަމެވެ. މީގެއިތުރުން ކޮށްމެ 10 ފަރާތަކުން 5 ފަރާތަކީ ސްކޫލްގެ ކޮށްވެސް ކުޅިވަރު ޓީމެއްގެ ކެޕްޓަންކަން ކޮށްފައިވާ ފަރާތެއްކަމެވެ. އަދި %9 މީހުން ކުލާހުގެ މޮނިޓަރުކަން ކޮށްފައިވާކަމެވެ. މިގެން ފާހަގަކުރެވެނީ ހުނަރުވެރި މޮޅު ލީޑަރަކަށްވުމުގެ ފުރުސަތު ފުރަތަމަ ލިބެނީ ސްކޫލުންނެވެ.

ނަންގަނެވުނު އިލްމީ ދިރާސާތަކުން ފެންނަގޮތުގައި ސްކޫލްތަކުގައި ހިންގޭ ކުޅިވަރާއި އިތުރު ހަރަކާތްތަކުން މުސްތަޤުބަލުގެ އުންމީދީ ލީޑަރުންނަށް ވުމުގެ ފިލާވަޅުތައް ލިބެމުންދެއެވެ. މިގޮތުންވިސްނާލާއިރު ކުޅިވަރު ހަރަކާތްތަކަކީ މޮޅު ވިސްނުންތެރި ކުޅަދާނަ ލީޑަރުންނަށް ވުމަށް ލިބިގަނޭވޭ ފިލާވަޅުތަކެކެވެ. އަދި ހިންގޭ އިތުރު ހަރަކާތްތަކަކީ އިސްނަގައިގެން ހަރަކާތްތެރިވުމަށް ލިބޭ ފުރަތަމަ ފިލާވަޅުތަކެވެ. ކަން މިހެން ހުރުމުގެ ސަބަބުން މިސާވޭއިން އިތުރަށް ފާޅުވެގެން ދިޔައީ ނަންގަނެވުނު ވިޔަފާރި އަދި އެހެނިހެން ވެރިންގެތެރެއިން 3 ބައިކުޅައެއްބައި ފިރިހެނުންނަކީ ސްކައުޓު ހަރަކާތްތަކުގައި އުޅެފައިވާ ފަރާތްތައްކަމެވެ. އަދި އެފަދަ އަންހެނުންގެތެރެއިން ކޮށްމެ 10 އަކުން 9 މީހުންނަކީ ގާރލް ގައިޑް ހަރަކާތުގައި އުޅެފައިވާ ފަރާތްތައްކަމެވެ.

މިސާރވޭގެ ބައިވެރިން ފާޅުކުރި އިތުރު ހިޔާލުތަކަށް ވިސްނާލާއިރު އެފަރާތްތަކުގެ މިއަދުގެ ކާމިޔާބުގެ ބިންގަލަކީ އެފަރާތްތަކުން ކުލާސްރޫމުން ބޭރުގައި މަދުރަސީ ދައުރުގައި އަދާކޮށްފައިވާ ޒިންމާދާރު ރޯލުގެ ސަބަބުން ލިބުނު ހުނަރުވެރިކަމާއި ތަޖުރިބާއެވެ. އަދި އެދައުރުގައި އަދާކޮށް ހާސިލްކޮށްފައިވާ އެފަދަ ރޯލުގެ ސަބަބުން މުސްތަޤުބަލުގެ އުއްމީދީ ވެރިޔަކަށް ވުމުގެ ޤާބިލްކަން ހަމަކޮށްމެ އެފަދަ ދަރިވަރެއްގެ ކިބައިގައި ހުންނާނޭކަމަށްވެސް އެފަރާތްތަކުން އެއްބަސްވެއެވެ. ވީމާ، މިސާރވޭގައި މިފަދައިން ބުނާ %12 މީހުން ދެކޭގޮތުގައި އެފަރާތްތަކަކީ ތަޢުލީމީ ނަތީޖާގެ ގޮތުން އެހާފާހަގަކޮށްލެވޭ ބަޔަކަށް ނުވިޔަސް ތަފާތު ގިނަގުނަ އެހެނިހެން ހުނަރުތަކެއް ލިބިފައިވާ ކުޅަދާނަ ފަރާތްތަކެކެވެ. ސަބަބަކީ މިދެންނެވި %12 މީހުންގެ ތަޢުލީމީ ހަޔާން ނިންމާފައިވަނީ އުމުރުން 16 އަހަރުގައެވެ. އަދި އޭގެތެރެއިން %7 މީހުންގެ ތަޢުލީމީ ހަޔާން ނިންމާފައިވަނީ އިލްމީގޮތުން މޮޅު ސެރޓުފިކޭޓުތަކެއް ހާސިލް ނުކުރެވިއެވެ.

ސިޔާސީ މައިދާނަށް ވިސްނާލާއިރުވެސް މިނަންގަނެވުނު ދިރާސާތަކުން ފާހަގަކޮށްލެވުނުކަންތައްތަކަކީ ތެދުކަންތައްތައްކަން ހާމަވެގެންދާނެއެވެ. މިގޮތުން ނަޒަރު ހިންގާލާއިރު އިގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބުލެޔާރ އަކީ މަދުރަސީ ދައުރުގައި ގިނަގުނަ ބަހުސްކުރުމުގެ މުބާރާތްތަކުގައި ބައިވެރިވާ ކުޅަދާނަ ދަރިވަރެކެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަނަކީ މަދުރަސީ ދައުރުގައި ސްކޫލް ބޭންޑުގައި ހަރާކާތްތެރިވި ދަރިވަރެއްކަމަށް ވެއެވެ. އަދި މިފަދައިން ގުނާލެވޭ ތަފާތުއެތަކެއް ސިޔާސީ ލީޑަރުން ވާނޭކަމާމެދު ސައްކެއްނެތެވެ.

ވީމާ، ސްކޫލެއްގައި ދަރިވަރުންނަށް ލިބެން ހުރި ގިނަގުނަ ކުޅިވަރު އަދި އެހެނިހެން އިތުރު ހަރަކާތްތަކަކީ އެހަރާކާތްތައް އޭގެ ފުރިހަމަގޮތުގައި ހިންގިއްޖެނަމަ އެދަރިވަރުންގެ މުސްތަޤުބަލަށް އުޖާލާކަން ގެނެސްދެނިވި ހަރަކާތްތަކަކަށް ވެގެން ދާނެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ގިނަދަރިވަރުން ޅައުމުރުގައި ލީޑަރުންގެ ކިބައިގައި ހުންނަ އިސްނަގައިގެން ހަރަކާތްތެރި ވުމުގެ ހުނަރުވެރިކަން އުފައްދައެވެ. ޅަފަތުގައި ދަރިވަރުން މަދުރަސީ ދައުރުގައި ބައިވެރިވެގެން ތަފާތު ތަޖުރިބާއާއި ހުނަރުވެރިކަން ލިބިދެނިވި ސްކައުޓާއި ގައިޑް ހަރާކާތްތަކާއި ބޭންޑާއި ކުޅިވަރު ޓީމުތަކުން ކުޅަދާނަ ސިޔާސީ ލީޑަރަކަށް އަދި ވިޔަފާރި ވެރިޔަކަށް ވުމުގެ ހުނަރުތައްކަމުގައިވާ ހާސިލްކުރަން ބޭނުންވާ ގޯލް ކަންޑައަޅައިގެން ކާމިޔާބަށް މަސައްކަތް ކުރުމާއި ތާފާތު ގިނަގުނަ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާއި އަދިވެސް މިނޫންވެސް ތަފާތުގިނަގުނަ ހުނަރުތައް ޅަފަތުގައި ލިބުމުގެ މަގު ސްކޫލް ދައުރުގައި ތަނަވަސް ވެގެން ދެއެވެ.

އާދެ! ދެބަސްވެވެން ނެތް ހަޤީޤަތަކީ، ހުނަރުވެރި މޮޅު ލީޑަރަކަށްވުމުގެ ފުރުސަތު ފުރަތަމަ ލިބެނީ ސްކޫލުންނެވެ.

Wednesday, February 11, 2009

އިންޓަރނޭޝަނަލް ސްކޫލް

ރާއްޖޭގެ ރައްޔިތުން އާބާދުވެފައިވާ ރައްތަކުގައި ސްކޫލް މަދަރުސާތައް ޤާއިމް ކުރެވިފައިވެއެވެ. މި ސްކޫލުތަކަށް ރަށުގެ ކިޔަވާ އުމުރުގެ ދަރިވަރުން ގޮސް ތަޢުލީމް އުގެނެމުން ދެއެވެ. ބައެއް ސްކޫލުތަކަކީ ފަށާތަޢުލީމުގެ މަރުހަލާއަށް ކިޔަވައިދޭ ސްކޫލްތަކެވެ. އަނެއްބައި ސްކޫލްތަކަކީ ސާނަވީ ސްކޫލް ނިންމާ އިންޓަރނޭޝަނަލް އިމްތިޙާނެއް ކަމުގައިވާ ޖީސީ އޯލެވެލް އިމްތިޙާނު ހެދުމަށް ދަރިވަރުން ތައްޔާރުކުރާ އިންޓަރނޭޝަނަލް ނުކިޔާ ސްކޫލްތަކެވެ.

ޖީސީ އޯލެވެލުފަދަ އިންޓަރ ނޭޝަނަލް އިމްތިހާނަކަށް އިންޓަރނޭޝަނަލް ސިލަބަސް ތަކަކާއެކު އިންޓަރނޭޝަނަލް ކަރިކިޔުލަމަކުން އިންޓަރނޭޝަނަލް މުދައްރިސުން މައުނަކީ ތަފާތު ޤަޢުމުތަކުގެ މުދައްރިސުންނާއެކު ސާނަވީ ތަޢުލީމު އުގަންނައިދިނުމަށް މަސައްކަތް ކުރާ ސްކޫލްތައް އިންޓަރނޭޝަނަލް ސްކޫލްތަކަކަށް ނުވާންވީ ކީއްވެހެއްޔެވެ. މިގޮތުން މިއަތޮޅާއި އަދި މުޅިރާއްޖޭގައި މިފަދައިން ކަންތައްތައް އިންތިޒާމް ކުރުވިފައިވާ ގިނަސްކޫލްތަކަކީ ކުދި ކުދި ތަފާތުތަކަކާއެކު މި މިންގަޑުން އިންޓަރނޭޝަނަލް ސްކޫލްތަކެވެ.

ރާއްޖޭގައި ސާނަވީ ތަޢުލީމަށް ކިޔަވައިދޭ ސްކޫލްތަކަކީ އިންޓަރނޭޝަނަލް ސްކޫލުތަކެއްގައި ހުންނަ މައިގަޑު ސިފަތައް މަތީގައި ނަންގަނެވުނު ފަދއިން ފުރިހަމަވެފައިވާ ސްކޫލްތަކެވެ. ނަމަވެސް ދުނިޔޭގެ އެހެން ތަންތަނުގައި އިންޓަރނޭޝަނަލް ސްކޫލުތަކޭ ބުނުމުން ވިސްނޭނީ އެއީ އެޤަޢުމަށް ތަފާތު މަސައްކަތްތަކާއި ވިޔަފާރިއަށް ހިޖުރަކޮށްފައިވާ ފަރާތްތަކުގެ ދަރީންނަށް ހާއްސަކުރެވިފައިވާ ސްކޫލުތަކެއްގެ ގޮތުގައެވެ. އެފަދަ ސްކޫލްތަކުގައި ޤާއިމް ކޮށްފައިވާ ވަސީލަތްތަކާއި ކިޔަވައިދޭ މުދައްރިސުންނާއި ސިލަބަހާއި ކަރިކިއުލަމަކީ އެޤަޢުމެއްގެ ޤަޢުމީ މަންހަޖާ ތަފާތުކޮށް އިންޓަރނޭޝަނަލް އިމްތިޙާނަކަށް އިންޓަރނޭޝަނަލް ސިލަބަހާއި ކަރިކިއުލަމަކަށް ކިޔަވައިދިނުމެވެ. މިސާލަކަށް މެލޭޝިޔާގެ ޤަޢުމީ ސްކޫލުތަކާ ހިލާފަށް އިންޓަރނޭޝަނަލް ސްކޫލުތަކެއް އެޤަޢުމުގައި ޤާއިމް ކުރެވިފައިވަނީ އިގިރޭސިވިލާތާއި އެމެރިކާއާއި ފަރަންސޭސި އަދި ޖަޕަނާއި އޮސްޓުރޭލިޔާގެ ފަރާތްތަކަށާއި އަރަބި ތަޢުލީމަށް އަމާޒުކޮށް މެލޭޝިޔާގައި ދިރިއުޅޭ އެޤަޢުމުތަކުގެ ރަށްވެހީންނަށާއި އެހެނިހެން ރަށްވެހީންނަށެވެ.

ނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި މިފަދައިން ދިވެހީންނަށް އަމާޒުކޮށްގެ އިންޓަރނޭޝަނަލް ސްކޫލޭ ނުކިޔާ ބުރިޓިޝް ކަރިކިއުލަމާއި ސިލަބަހަށް ދެވޭތަޢުލީމުން މުޅި ރާއްޖޭގައި މިހާރު ނެރެމުންދާ ނަތީޖާއާއި ކުރާ ހޭދަޔާ އަޅާކިރަންޖެހެއެވެ. އެތަކެއްދަރީން އެތަކެއްފައިސާއެއް ދައްކައިގެން ހަދާ އިންޓަރނޭޝަނަލް އިމްތިހާނެއްގައި ހޯދާނަތީޖާއަކީ އެދަރީންގެ މުޅިދިރިއުޅުން ރޯޝަންކުރާނޭ ނަތީޖާއަކަށް ނުވާސަބަބު ހޯދައިދެނެގަނެ އެއަށް ފަރުވާކުރަންޖެހިފައިވަނީ ޑޮކްޓަރަކު އޭނަކައިރިޔަށްދާ ބަލިމީހަކަށް ފަރުވާކުރުމަށްޓަކައި ކުރާ ޓެސްޓްތަކާއި އެކުސްރޭ ތަކާއި އަދި އެނޫންވެސް ތަޙްލީލް ތަކުގެ އަލީގައި ފަރުވާ ކުރާފަދައިންނެވެ. އެހެން ނުވާނަމަ މިހާރު ދަޢުލަތުންނާއި މައިންބަފައިން އިންޓަރނޭޝަނަލް އިމްތިޙާނަށް މިކުރާ ބޮޑު ހޭދަޔަކީ ފޫނެއްފަޔަކަށް ފެންފުރުންފަދަކަމެކެވެ. މިސާލަކަށް ދަންނަވަނީނަމަ ގޮރޭޑް 10 އެއް ނިންމާ 10000 ވުރެ ގިނަކުދީންގެ ނަތިޖާ އަށް ވިސްނާލާއިރު ބައެއް މާއްދާ ތަކުން ފާސްވާ ނިސްބަތަކީ %6 ކަމަށް ވާހަކަދެކެވެއެވެ. މިއީ، މިކުރާ ހޭދަޔާ އަޅާ ބަލާއިރު ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަމަގައިމުވެސް ފުރިހަމަ ތަޙްލީލަކަށް ބޭނުންވެފައިވާކަމުގެ ހެއްކެކެވެ.

މިގޮތުންވިސްނާލާއިރު ނ. ހޮޅުދޫ މޭނާސްކޫލާއި ނ. ވެލިދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި މަނަދޫގައި ހުންނަ އަތޮޅުމަދަރުސާފަދަ ނ. އަތޮޅުގެ އެތަކެއް ސްކޫލްތަކަކީ އެއްމެ ފުންނާބު އުސް އިންޓަރނޭޝަނަލް ކަރިކިލަމަކަށް އަމާޒުކޮށްގެން ކިޔަވައިދޭ އަދި އިންޓަރނޭޝަނަލް އިމްތިޙާނެއްކަމުގައިވާ ޖީސީ އޯލެވެލް ހަދާ ސްކޫލެވެ. ނަމުގައި އިންޓަރނޭޝަނަލް ނުކީކަމުގައިވީނަމަވެސް ކަމުގައި އިންޓަރނޭޝަނަލް ސްކޫލެވެ. މިފަދަ ސްކޫލުތަކުގައި ކޮމްޕިޔުޓަރ ލެބާއި ސައިންސް ލެބާއި ބޭރުބަސް ކިޔަވައިދޭ ލެބޯޓުރީ ފަދަތަންތައް ޤާއިމްކޮށް އަދި ލައިބްރަރީގެ ވަސީލަތް ފުރިހަމަކުރެވި މުދައްރިސުންނަށް ކިޔަވައިދިނުމަށް ބޭނުންވާ މިޒަމާނުގެ ވަސީލަތްތައް ފުރިހަމައަށް ލިބިގެން ކިޔަވައިދެވޭ ވަށާޖެހިފައިވާ ތަޢުލީމެއް އެއްދަންފަޅިއަށް ކުލާހަކަށް ވިހި ކުދީން ހަމަޖެހޭގޮތަކަށް ބަހަލައިގެން ފޯރުކޮށްދެވޭ ދުވަހަކުން މިސްކޫލުތަކަކީ ފުރިހަމަ މާނައިގައި އިންޓަރނޭޝަނަލް ސްކޫލްތަކަކަށް ވާނެއެވެ. އަދި އެފަދަ ސްކޫލުތަކުގެ ނަމުގެ ކުރިއަށް މިސާލަކަށް ހޮޅުދޫ މޭނާ އިންޓަރނޭޝަނަލް ސްކޫލް ނުވަތަ ނ. އަތޮޅު އިންޓަރނޭޝަނަލް ތަޢުލީމީ މަރުކަޒު ކިއި، އެތަންތަނުން ނިމޭ ދަރީންނަކީ ފެންވަރާއި ފަންވަރު ހުރި އިންޓަރނޭޝަނަލް ސްކޫލުތަކެއްގެ ކުދިބަޔަކަށް ވާނެއެވެ.

މިބީދާއިން ކަންތައްތައް ހޮޅުދޫ، ވެލިދޫ، މަނަދޫ އަދި ނ. އަތޮޅުގެ އެހެނިހެން ރަށްރަށުގައި ހުރި އިންޓަރނޭޝަނަލް އިމްތިހާނުކަމުގައިވާ ޖީސީ އޯލެވެލަށް ކިޔަވައިދޭ ތަންތަން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ ދަރީންގެ ސްކޫލް ދައުރަކީ ކާމިޔާބު ދައުރަކަށް ވެގެން ދާނެއެވެ. ވީމާ، ނަންގަނެވުނު ކަންތައްތަކުގެ މައްޗައް ވިސްނާ އެޅެންހުރިފިޔަވަޅު ތަކަކީ ކޮބައިތޯބަލައި ޕްލޭންތަކެއްކޮށް މިހާރުން މިހާރަށް އަތޮޅުފެންވަރުގައި މިފަދައިން އިންޓަރނޭޝަނަލް ސްކޫލްތަކެއްގެ ގޮތުގައި މިފަދަ ސްކޫލްތައް ބައްޓަން ކުރުމަށް މަސައްކަތް ކުރާނޭ ލީޑަރޝިޕަކަށް ވަނީ ބޭނުންވެފައެވެ. އެފަރާތަކީ މިހާރުގެ ނ. އަތޮޅު ކައުންސިލަރާއި ނ. އަތޮޅު ހިމެނޭ ޕްރޮވިންސަލް ސްޓޭޓުމިނިސްޓަރާއި މ ޕްރޮވިންސުގެ އެޑިޔުކޭޝަނަލް ޑިރެކްޓަރުބާއެވެ. އެގޭއެއްޗަކީ 21 ވަނަ ގަރުނުގެ ހެޔޮބަދަލްތަކަށް ފެތޭ ތައުލީމީ ސިސްޓަމަކަށް މިރާއްޖެ ބޭނުންވާފަދައިން ނ. އަތޮޅުވެސް ބޭނުންވާކަމެވެ. ވީމާ، މުޅި މިގައުމުގެ އެޑިޔުކޭޝަން ސެކްޓަރ އާއި އެސެކްޓަރގައި ބޭނުންކުރާ އެއްމެހާ ތަކެއްޗާއި ވަސީލަތްތައް އޯވަހޯލް ކޮށްގެން 21 ވަނަގަރުނުގެ މިރާއްޖެޔާއި ދުނިޔޭގެ ރައްޔިތުންތަކެއް ދިވެހިޖައްވުން އުފެދިގެން އައުމުގެ ދޮރުއަށްޓަކަށް ނ. އަތޮޅު ވެދާނެ ބާވެއެވެ.

Tuesday, February 10, 2009

ދުނިޔަށް ކުރިމަތިވެފައިވާ ފައިސާގެ ބޮޑުތަދު

މިހާރު ދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާ އަސަރުތަކަކީ އޭގެ އަސަރުތައް މުޅިދުނިޔައަށް އިޤްތިސާދީ ސުނާމީއެއްގެ ގޮތުގައި ފެތުރިގެންދާނޭބޮޑުތަދެކެވެ. ސަބަބަކީ ދުނިޔޭގެ ހުރިހާ އިޤްތިސާދުތަކެއްވަނީ އެއްގޮތުންނޫނީ އަނެއްގޮތުން ގުޅިލާމެހިފައެވެ. އަދި މިހުރިހާ އިޤްތިސާދުތަކެއް ހިންގާ ނާރެހުގައިވަނީ ދުނިޔޭގެ އެއްމެ ބޮޑު އިޤްތިސާދުކަމުގައިވާ އެމެރިކާގެ އިޤްތިސާދެވެ. އެމެރިކާގެ އިޤްތިސާދުވަނީ ހިލުވާލާ އެތަކެއް ލޮޅުންތަކެއް އަރައިގެން ފުޑުފުޑުވުމުގެ ތެރޭގައެވެ. މިލޮޅުންތަކުގެ އަސަރު އިޤްތިސާދީ ސުނާމީއެއްފަދައިން އަދި ތަދެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކަށް ޔޫރަޕާއި އޭސިޔާއަށް ފެތުރެން ފަށާފާވެއެވެ. ވީއިރު، ދިވެހިރާއްޖެ ފަދަ ނާޒުކު އިޤްތިސާދަކަށް މިކަމުގެ އަސަރު ނުފޯރާ ނުދާނެއެވެ. އިޤްތިސާދުގައި މިހާރުހުރި މައްސަލަތަކާއެކު އެފަދަ އަސަރެއްކޮށްފިނަމަ ވާނެގޮތްތަކާއި އަޅާނެފިޔަވަޅުތަކާއި މިހާރުން މިހާރަށް އެޅެންހުރިފިޔަވަޅުތައް އަޅަންވަނީޖެހިފައެވެ.

އެމެރިކާގެ އިޤްތިސާދަށް އަރާފައިވަނީ އެތަކެއް ބިލިޔަންޑޮލަރުން ގެއްލުވަމުންދާ އިޤްތިސާދީ ބޮޑުސުނާމީއެކެވެ. ބޮޑެތި ފައިސާވެރި ބޭންކުތައް އެދަނީ ބަގުރޫޓުވެ އިނދަޖެހެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ މުޅިސިނާއަތު ހުއްޓުމަކަށް އަންނަންވަނީ ފަށާފައެވެ. އަތަކެއް ދާއިރާއަކުން ވަޒީފާތައްމަދުކޮށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވަނީ ބޭންކުތަކުން ފައިސާނުދެވިގެން އެބޭންކުތައް ބަންދުކުރަންޖެހުމުންނާއި އިޤްތިސާދީ މަސައްކަތްތައް ހިންގާކުންފުނިތައް ހުއްޓުމަކަށް އައުމުންނެވެ. މިއިޤްތިސާދީ ސުނާމީން ލިބެމުންދާ ގެއްލުންތަކުން އެމެރިކާގެ އިޤްތިސާދު ސަލާމަތްކުރުމަށްޓަކައި ފާއިތުވި ޖޯޖު ބުޝްގެ ސަރުކާރުގެ ހުށައެޅުމަށް 700 ބިލިޔަންޑޮލަރުގެ ބަޖެޓެއް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މިހާރުގެ ރައީސް އޮބާމާގެ 839 ބިލިޔަން ޑޮލަރުގެ އިޤްތިސާދު ސަލާމަތްކުރުމަށް ހުށައަޅާފައިވާ ބަޖެޓަކީ އެމެރިކާގެ އިޤްތިސާދަށް ދިމާވެފައިވާ މައްސަލަތަކުގެ ބޮޑުކަމާއި އަސަރު ހުރިމިންވަރު ދައްކުވައިދާ ކަމެކެވެ.

އެމެރިކާގެ އިޤްތިސާދަށް ކުރަމުންދާ މިއަސަރު ޔޫރަޕުގެ އިޤްތިސާދުތަކަށް ވަނީ ކުރަންފަށާފައެވެ. ޔޫރަޕުގެ ކާރުއުފައްދާ ކުންފުނިތަކުން މިދިޔަހަފަތާގައި އެކަނިވެސް އެފެއްދުންތެރިކަން މަދުކޮށް 14000 އެތަކެއް ވަޒީފާއެއް އެސިނާއަތުން މަދުކޮށްފައިވެއެވެ. ރާއްޖެއަށް އެންމެގިނަ ޓުވަރިސްޓުން އަންނަ އިގިރޭސިވިލާތުގެ ހަލުވި އިޤްތިސާދީ ދުވެލިވަނީ މަޑުޖެހިފައެވެ. އެޤައުމުގެ ބޮޑުވަޒީރު ގޯޑަން ބުރައުނާއި އެހެނިހެން ވަޒީރުން ދެކޭ ގޮތުގައި އޮކްޓޫބަރ 1929 ގައި ދުނިޔަށް ކުރިމަތިވި ބޮޑުތަދުފަދަ ދުވަސް ތަކެއް ކުރިމަތިވުމަކީ ގާތްކަމެކެވެ. އަދި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންވެސް ދުނިޔޭގެ އިޤްތިސާދީ ސުނާމީގެ އަސަރުވަނީ ފޯރަންފަށާފައެވެ.

އޭޝިޔާއަށް މިއިޤްތިސާދި ސުނާމީގެ އަސަރު ޔޫރަޕްފަދައިން އެހާބާރުމިނުގައި ފޯރަންފަށާފައިނުވެއެވެ. ނަމަވެސް އޭޝިޔާގެ ސްޓޮކުބާޒާރުތަކުން މިކަމުގެ އަސަރުމިހާރުވެސް ފެންނަންވަނީ ފަށާފައެވެ. މިގޮތުން މިސަރަހައްދުގެ ވަރުގަދަ ހިއްސާގެ ބާޒާރުތައްކަމުގައިވާ ސިންގަޕޫރާއި ހޮންކޮންގާއި ބޮމްބޭގެ ހިއްސާގެ އަގުތައް ދަށަށްދާން ފަށާފައިވަނީ ދުނިޔެއަށްފެތުރެމުންދާ އިޤްތިސާދީ ސުނާމީގެ ސަބަބުންނެވެ.

ދުނިޔޭގެ އިޤްތިސާދުތަކަށް އަރަމުންދާ ސުނާމީގެ އަސަރު ރާއްޖެއާހަމައަށްވަނީ ފޯރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިސާދު މިހާރުވެސްވަނީ ބޮޑުތި މައްސަލަތަކެއްގެ ތެރޭގައެވެ. ބަޖެޓު ފޫނުބެއްދިގެންއުޅުމާއެކު އިޤްތިސާދުގެ ލޭނާރުކަމުގައި ބެލެވޭ ޓުވަރިޒަމް ކުންފުނިވަނީ އޮޅުންބޮޅުންވެފައެވެ. މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްނުކޮށްދެވި، ދެވޭ މުސާރަކުޑަކަމުން ހަޅުތާލުކުރުމަށް މަސައްކަތްތެރީންވަނީ ތައްޔާރުވެފައެވެ. ތަކެތީގެ އަގުތައް އުފުލި ލިބޭއާމްދަނީން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަނުޖެއްސި ދިރިއުޅުމުގެ އަގު އިންތިހާއަށް އަތްނުފޯރާ ހިސާބަށްވަނީ ގޮސްފައެވެ. ޑޮލަރުގެ ތަދުކަމާއެކު ތަކެތީގެ ބާޒާރަށްވަނީ ލޮޅުން އަރަން ފަށާފައެވެ. ތަކެތި އެތެރެކުރާ ފަރާތްތައް ދަނީ ޑޮލަރުނުލިބިގެން ގޮތް ހުސްވަމުންނެވެ.

ރާއްޖޭގެ ބޭންކުތަކުގެ ހާލަތަށް ވިސްނާލާއިރު ފެންނަނީ ނާމާންކަމެވެ. ދިވެހި ބޭންކުވަނީ ބޮޑުވެގެންވާ އަނދަވަޅަކަށް ވެއްޓީފައެވެ. ނަތީޖާއެއްގެ ގޮތުން އެހެނިހެން ޕުރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ދިނުމަށްވަނީ އުނދަގޫވެފައެވެ. އެތަކެއް މަސައްކަތްތެރީންގެ ވަޒީފާ ދަނީ ގެއްލެމުންނެވެ. މިހާލަތަކީ މުޅިދުނިޔޭގެ އިޤްތިސާދަށް ކުރަމުން މިދާ އަސަރުގައި ރާއްޖެއަށް ވެސް ކުރަމުންދާނޭ އަސަރުތަކެކެވެ. ނަމަވެސް ހިކުމަތްތެރިކަމާއެކު އަމަލީ ފިޔަވަޅުތަކެއް މަރުކަޒީ ބޭންކުންނާއި އިޤްތިސާދީ މިނިސްޓުރީންނާއި ފިނޭންސުން އަޅަންޖެހިފައިވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިސާދީ ލޭނާރަށް ލޭގެނެސްދޭ މިހާރުވެސް ފަތުރުވެރިން އައުން މަދުވެފައިވާ އިގިރޭސީންނާއި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންނާއި ޗައިނާ އަދި ޖަޕާނުގެ ފަތުރުވެރީން ދުނިޔާގެ އިޤްތިސާދީ ސުނާމީގެ ފައިސާގެ ތަދުކަމުގެ ސަބަބުން ރާއްޖެއަށް އައުމުގައި އިތުރަށް މަޑުޖެހިއްޖެނަމަ އަޅާނެފިޔަވަޅުތަކަކަށް މިހާރުންމިހާރަށްވިސްނާންޖެހިފައިވަނީ އަދުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހާއި އަލަށް ގުޅެން ތައްޔާރުވަމުންދާ ކެންޑިޑޭޓުންނެވެ.

Friday, February 6, 2009

ސަރުކާރާއި ރައްޔިތުންގެ މަޖިލީސް އެކައްޗަކަށް ވުމުގެ ބިރުވެރިކަން

ސަރުކާރަކީ ރައްޔިތުންނަށްޓަކައި ވެރިކަން ރައްޔިތުންގެ ކުރިއެރުމަށް، ހެވަށް، ލާބައަށް ހެޔޮގޮތުގައި ޤާނޫނީގޮތުން ހިންގަން ރައްޔިތުން އިސްކޮށްފަވާ ފަރާތެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ފަރާތުންރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ވިންދާއެއްގޮތަށް ރައްޔިތުންގެ ބެނުންތަކާއި އެދުންތައް ސަރުކާރުން ހާސިލްކޮށްދެތޯ ނުވަތަ ނޫންތޯ ބަލާ ސަރުކާރު ޒިންމާދާރުކޮށް، ރައްޔިތުންގެ މަންފާއަށް ލާބައަށް ތަނަވަސްކަމަށް، ހަމަޖެހުމަށް ޤާނޫނާއި ޤާނޫނު އަސާސީ ހަދާ ފަރާތެވެ. މިދެފަރާތް އެކައްޗަކަށް ވެއްޖެނަމަ އެކަމުގެ ނުރައްކާއޮތީ މީންދުވަހަކު މިދެފަރާތް އެއްވުމުން ނެތް މިންވަރަކަށެވެ.

ފުރަތަމަކަމަކީ ސަރުކާރެއް އުފެދިގެން މިހާރު އައިސްފައި އެވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކުރުމަށް ވައުދުވެގެންނެވެ. މިގޮތުން މިހާރުގެ ސަރުކާރު މިއޮތީ ރައްޔިތުންނަށް ފަސް ވައުދެއްވެގެން ޤާއިމްވެފައެވެ. އަދި އެފަސް ވައުދުވީ އެކަމެއް ރައްޔިތުންނަށް ހާސިލްކޮށްދޭން ދެވަނަ އެހެންކަމެއް ސަރުތުކޮށް ފައެއް ނޫނެވެ. އެއީ ރިޔާސީ އިންތިޙާބު ކާމިޔާބުކޮށް ރައްޔިތުންނަށް ކޮށްދޭން ބުނި ފަސްކަމެވެ. ނަމަވެސް މިހާރު މިފެންނަނި އެފަސް ވަޢުދު ހާސިލް ނުކޮށްދީ އެކަން ރައްޔިތުންނަށް ހާސިލް ކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ސަރުކާރު މެމްބަރުންނަށް ވޯޓުދީގެން ކަމެވެ. ވީމާ، މިކަމުގެ ނުރައްކާތެރިކަމަށް ސަމާލުވުން މުހިއްމެވެ.

ރައްޔިތުންގެ މަޖިލީހާއިސަރުކާރު އެކައްޗަކަށް ވުމުގެ ސަބަބުން ދިވެހިން ކޮށްފައިވާ ހިތިތަޖުރިބާ ފާއިތުވި ތިރީސް އަހުރު ތަހައްމަލް ކޮށްފައިވެއެވެ. ނަތީޖާއެއްގެގޮތުން ރައްޔިތުންނަށްޓަކައި ރައްޔިތުންނަށް ބޮޑުވި؛ ރަށްގިރުން، ބަނދަރު ހެދުން، ފެންބޮޑުވުން، ގެދޮރުގެ ދަތިކަން، މަދިރީގެ ނުރައްކާތެރިކަން، މަސްތުވާތަކެތީގެ ވަބާ، މިހެންގޮސް ކޮޅުން ނުލާލިސްޓެއް ލިޔެވިދާނެއެވެ. ނަމަވެސް މިކަންތައްތައް ސަރުކާރަށްވެސް އަދި ރައްޔިތުންގެ މަންދޫބުންނަށްވެސް ފާއިތުވި ތިރީސް އަހަރު ބޮޑުވެފައި ނުވަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު މަސްހުނިވުމުގެ ސަބަބުންނެވެ. މިސާލަކަށް ނ. ހޮޅުދޫގެ، ފޮއްދޫ އަދި ވެލިދޫގައިހުރި ތަފާތު ގިނަގުނަ މައްސަލަތައް ހައްލު ނުކުރެވިވަނީ މިސަބާބާ ހުރެއެވެ.

އަނެއްކޮޅުން ސަރުކާރާއި ރައްޔިތުންގެ މަޖިލީސް މަސްހުނި ވެއްޖެނަމަ ސަރުކާރު ޒިންމާދާރުކުރުމާއި ރައްޔިތުންގެ ހައްޤާއި ޝަރަފް ރައްކާތެރި ނުކުރެވިގެން ހިނގައިދާނެއެވެ. ސަބަބަކީ ރައްޔިތުންގެ ބަދަލުގައި ސަރުކާރު ހިމާޔަތްކޮށް، ސަރުކާރުގެ ނިވައިފަތްގަޑަކަށް ރައްޔިތުންގެ މަޖިލސް ބޭނުން ކުރެވޭނީ ސަރުކާރުން އެޅިހާބަތަކަށްރިހަވެގެންނެވެ. މިފަދަ ހާލަތަކަށް ރައްޔިތުންގެ މަޖިލީސް ހިނގައްޖެނަމަ ފާއިތުވި ތިރީސް އަހަރަށްވުރެ ހިތިތަޖުރިބާއެއް ރައްޔިތުން ކުރިޔަށްއޮތްތަނުގައި ކުރަންޖެހުމަކީ ވަރަށް ގާތްކަމެކެވެ.

މިހިތިއަސަރު އެއްމެ ބޮޑަށް ކުރަންފަށާނީ ސަރުކާރުގެ ބާރުގަދަ އަޤުލަބިއްޔަތެއްކަމުގައިވާ ފަންސާސް މެންބަރުންގެ އެހީއާއި އެކުއެވެ. ސަބަބަކީ އެފަންސާސް މެމްބަރުންގެ އެހީގައި ސަރުކާރު ބޭނުން ކުޅިއެއް ބޭނުންގޮތަކަށް ކުޅެމުންދާއިރު ރައްޔިތުންގެ މަޖިލީސް ބަލަހައްޓައިގެން އަޅައިނުލާ އޮވެގެންނެވެ. އެގޮތުން ޤާނޫންތައް ހެދިގެން އަންނާނީ ރައްޔިތުންގެ މަސްލަހަތު އިސްނުކުރެވި ސަރުކާރުގެ ފައިދާއަށެވެ. މިފަދައިންކަން ހިނގަމުން ގޮސް އާހިރު ނަތީޖާއަކަށްވާނީ މަޖިލީހުގެ ބާރުގަދަ އަޤުލަބިއްޔަތުކަމުގައިވާ ފަންސާސް މެމްބަރުންގެ ބޭނުން ހިފައިގެން ޤާނޫނު އަސާސީ ބަދަލްކުރާ ހާލަތަށް ކަންތައްތައް ދާހިސާބުންނެވެ. މިބީދާއިން ކަންހިންގަމުންގޮސް ދެން ފެނިގެން ދާނީ ދަޢުރު ކަނޑައެޅިފައިވާ ރިޔާސީ ނިޒާމުން މުއްދަތެއް ނެތް ވެރިކަމާއި އަދިވެސް އެހެނިހެން ބަދަލްތައް ޤާނޫނު އަސާސީއަށް ގެންނަމުންދާތަނެވެ.

ވީމާ، ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި މެމްބަރުން އައްޔަނުކުރުމަށް ވޯޓުދޭއިރު ވަރަށް ބޮޑަށް ސަމާލުވެ، ހޭލައިގެން، އިންތިހާއަށް ވިސްނައިގެން ވޯޓުދޭންވާނީ ހުއްބުލް ވަތަނަށްޓަކައެވެ. ރައްޔިތުންނަށް ޓަކައެވެ. ފުރަތަމަ ރައްޔިތުން އިސްކޮށްގެން ރައްޔިތުން އެދޭ ގޮތަށެވެ. .