Wednesday, October 29, 2008

ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު އައުކުރަމެވެ

ބިރުވެރިކަމުގެ ބަދަލުގައި ކުރީ އުއްމީދުއެވެ. އެއުއްމީދަކީ މުސްތަޤްބަލު އުޖާލާކުރުމުގެ އުއްމީދެވެ. މުސްތަޤްބަލު އުޖާލާކުރުމުގެ އުއްމީދު އައުކުރީ އައު ޖީލެއްގެ އައު ޒައާމަތެއްގާ ޤަޢުމަށް ލިބޭނޭ ކުރިއެރުމަށް، ރަގަޅަކަށް، މޮޅަކަށް، ހެވަކަށް، ލާބައަކަށެވެ. ޤަޢުމަށް ލިބޭނޭ ހެވާ ލާބައާއި ކުރިއެރުން ގެނެސްދެނިވި އައު ޖީލެއްގެ ޓީމެއް މުހައްމަދު ނަޝީދުއާއި ޑރ. ވަހީދުގެ ޒައާމަތުގައި މަސައްކަތް ފަށަން އެދަނީ ތައްޔާރުވަމުންނެވެ. އެމަސައްކަތަކަށް ވާނީ އެފަރާތުން ވަޢުދުވި އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ ދަތުރުގެ ކަންތައް ހޭރިޔާކޮށް ފަށައިގަތުމެވެ. އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ މިދަތުރަކީ އޮމާން ހަލުވި ދުވެއްޔެއްގައި ގޮސް އަނެއް ދިވެހިރާއްޖޭގެ ގޮޑުދޮށަށް ބީއްސާލާނެ ދަތުރަކަށް ވާނޭކަމަށް އުއްމީދުކުރަމެވެ.

އަނެއް ދިވެހިރާއްޖެއަށް ދަތުރަށް އަރައިތިބި އޮޑީގެ ކެޔޮޅު މުހައްމަދު ނަޝީދު އާއި އޭނާގެ އެހީތެރިޔާ ޑރ. މުހައްމަދު ވަހީދު ގެ ފަޅުވެރީންނަކީ ކޮބައިބާއެވެ. ފަޅުވެރީންނަކީ ކޮންމެބަޔަކަށް ވިޔަސް އެބަޔަކު ވާންޖެހޭނީ އިލްމީގޮތުންނާއި ތަޖުރިބާގެ ގޮތުން މިއަދުގެ މި ދަތުރަށް އަރާއިރު ކެޔޮޅަށާއި އޮޑިވެރީންނަށް ވާރުތަވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ފިޔަވަޅުތައް އަވަސްކަމާއި ހަލުވިކަމާއެކު ޤާބިލުކަމާއި ކުޅަދާނަކަމާއެކު އަޅާނޭ ފަރާތްތަކަކަށެވެ.

އެފަރާތްތަކުގެ މަސައްކަތުން މިއަދުގެ މިދަތުރުގެ އަމާންކަން އިތުރަށް އަމާންވެގެންދާނެއެވެ. ސަބަބަކީ ކުރިމަތިވެފަވާ މައްސަލަތަކަކީ އޭގެޒާތުގައި ވަރަށްވެސް ނާމާންކަމާއި ބިރުވެރިކަން ހިމެނިގެންވާ މައްސަލަތަކެކެވެ. ޑުރަގުގެ ވަބާގައިޖެހި ޅަޖީލު ހަލާކުވެ، މަސްތުވެގެން ދިވެހިދަރީންގެ ލޭ މިޤައުމަށް އޮހޮރުވަމުން އެދަނީ ހަނގުރާމެއް ނުކުރިކަމުގައިވީނަމަވެސް އެފަދަ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ޤަޢުމުގެ އާއްމު ހާލަތު ވެއްޓިގެންދާފަދަ ގޮތަކަށެވެ. އެހާލަތުގެ ބިރުވެރިކަމުގެ ތެރޭގައި ގަރަގުވާމުންދާ ދިވެހިމުޖތަމަޢު ސަލާމަތުގެ އަނެއްދިވެހިރާއްޖެއަށް އަވަހަށް ދިޔުމަކީ މިޤަޢުމުގެ ހާލުގެ ދުލުން ގޮވާގޮވުމެވެ.

އެގޮވުމުގައި އިތުރަށް ފާޅުކުރަމުންދަނީ ރޫޅެމުންދާ އާއިލާތަކުގެ މައްސަލަތަކާއި ބޯހިޔާވަހިކަމުގެ މަސައްލަތަކުގެ ވާހަކައެވެ. މިމައްސަލަތަކަށް އަވަސް ހައްލެއް ހޯދިގެން މެނުވީ އެއްވެސް ގޮތަކުން އިޖުތިމާއި ގޮތުން ކުރިއެރުންތަކެއް ނުލިބޭނޭކަމަށް ދެކެމެވެ. އިޖުތިމާއީ ހަމަޖެހުމާއި ރައްކާތެރިކަމީ މިއަދުގެ ރާއްޖޭގެ މަގުމަތީން ނުފެންނަ މަންޒަރަކަށްވެގެން މިވަނީ ގޮސްފައެވެ. ވީމާ، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ގެނަޢުމުގެ މަގުތަކެއް ހުޅިވި ރައްޔިތުންނަށް އޭގެ ފައިދާ އެއްމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭންޖެހިފައިވެއެވެ.

ވީމާ، އުއްމީދަކި މިކަންތައްތައް ހައްލުކުރުމަށް ޤާބިލު ފަޅުވެރީންތަކެއް ލައިގެން އަނެއް ދިވެހިރާއްޖެއަށް މިކުރާ ދަތުރުގެ މައްސަލަތައް އަވަސްކަމާއި ރައްކާތެރިކަމާއެކު ރައްޔިތުންނަށްޓަކައި ހައްލުވެގެން އިސާހިތަކުން ދާނެކަމަށެވެ.

Tuesday, October 28, 2008

ވަތަން އެދޭ ގޮތް

ހުއްބުލް ވަތަން އެދޭގޮތަކީ އަޢު ޒަމާއަތަކަށެވެ. ހުއްބުލްވަތަނުގެ މުވައްތިނުންގެ އަޤުލަބިއްޔަތުން މިއަދުއެވަނީ އައު ލޮބުވެތި ޒައީމަކަށް ވުމަށް މުހައްމަދު ނަޝީދު (އަންނި) އިންތިޙާބުކޮށްފައެވެ. މިވަތަނުގެ ދަރީންގެ އެދުން ހަރުއަޑުން ފާޅުކޮށްފަ އެވަނީ ފާއިތުވި ތިރީސް އަހަރުގެ މަޒީ ރިޕީޓު ނުކުރުމަށެވެ. ތިޔައީ މިވަތަނުގެ ރައްޔިތުންގެ ހިތްތަކާއި ސިކުނޑިތަކުގެ ލޮބުވެތި ޒައީމުކަމުގަ ބަހާއި އަމަލުން ދެއްކުމުގެ ފުރުސަތު މިތަނަވަސްވީއެވެ. އަދި ތަނަވަސް އަޤުލަބިއްޔަތަކުން އިސްލާހީ މަސައްކަތުގެ ހަޤީޤީ މަސައްކަތް ފެށުމަށް ފުރުސަތުދީފައެވެ. މަރުޙަބަ އިއްޒަތްތެރި ރައީސް އޮނަރަބަލް އަލްފާޟިލް މުހައްމަދު ނަޝީދު (އަންނި).

ދިވެހިން އެދޭފަދަ ހެޔޮބަދަލެއް ގެނަޢުމުގެ ހަޤީޤީމަސައްކަތް އަވަސްކުރުމުގެ މަސައްކަތް އަދި ފެށުނީކަމަށް ބަލަމާހެއްޔެވެ. ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތައް ރައްޔިތުން އެދޭގޮތަށް ތަނަވަސްކޮށްދީ ރައްޔިތުންގެ މުދަލާއި ފައިސާ ރައްޔިތުންނަށްޓަކައި ތަނަވަސްކޮށް ދިނުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުން ފަހިކޮށް މުޅިޤަޢުމު އިސްލާހުކުރުމުގެ މަސައްކަތް އަދި މިފެށެނީއެވެ.

ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. ރައްޔިތުން އެކަމަށް އާދޭސް ކުރުމަކަށެއް ނޫނެވެ. ވީމާ، މިވަގުތަކީ އާދޭސް ކުރުމުގެ ސަގާފަތް ނައްތާލުމަށްޓަކައި ވީ ވަޢުދު ފުއްދުމުގެ ވަގުތެވެ. ރައްޔިތުންގެ ހަލާލު މަސައްކަތުން އެރައްޔިތުންގެ ތަނަވަސްކަމަށް ހޯދާފައިސާ ލިބިދީ ތަނަވަސް ދިރިއުޅުމަކަށް ވާސިލްކޮށްދިނުމުގެ ވަގުތު މިޖެހުނީއެވެ.

ކެއްތެރިކަން ކޮޅުންލާފައިވާ ރައްޔިތުން އެދި ބޭނުންވާފަދަ ތަޢުލީމާއި، ސިއްޙީ ވަސީލަތާއި ތިމާވެށި ރައްކާތެރިކުރުމާއި ސާފުބޯފެނާއި ކުނިނައްތާލުމާއި ލަފާފުރުމާއި ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރުމާއި ޕެންސަނުގެ ހައްޤާއި ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ އަގުތައް ތިރިކުރުމާއި މުޖުތަމަޢު ޑުރަގުގެ ވަބާއިން ސަލާމަތްކުރުމުގެ ވަގުތު މިވަނީ ޖެހިފައެވެ. މޫނަށް ކަނދުރާއަށް ނުބަލާ އިންސާފު ޤާއިމްކުރަންވީ ދުވަސް މިވަނީ އައިސްފައެވެ.

ކީރިތި މޫރިތި މާތް ﷲ މިލޮބުވެތި ވަތަން އިސްލާހުގެ މަގުން ހިންގެވުމުގެ ހެޔޮތަޢުފީގު އަޅަމެންގެ ކަންތައްތައް ހިންގެވުމަށް އިބަރަސްކަލާންގެ އަހުރަމެންގެ މެދުން އައްޔަނުކޮށް މެދުވެރިކޮށް ހަވާލުކުރެއްވިފަރާތްތަކުން ހިންގުމުގެ ހެޔޮވިސްނުން ދެއްވާންދޭވެ. އާމީން

Friday, October 24, 2008

ވަތަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން އިޖާބަދޭން

ވަތަންގެ ދަރީން ވަތަން އެދޭގޮތަށް ހެޔޮހިތުން އިޖާބަދޭން ދާނެ ދުވަހަކީ މިހިނގާ އޮކްޓޫބަރު މަހުގެ އަށާވީސްވާ އަންގާރަ ަދުވަހެވެ. އެދުވަހު ވަތަނުގެ ދަރީން ވަތަނުގެ އެކިކަންކޮޅުގައާއި ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ވޯޓުފޮށިތަކަށް އަޅަމުންދާ ވޯޓުގެ ނަތީޖާއިން ފާހަގެވެ، ފާޅުވެގެންދާނީ ވަތަންގެ ދަރީން އެދޭގޮތްތަކެވެ. އެގޮތުން ތަފާތުދެގޮތުންކުރެގޮތަކަށް ވަތަންގެ ދަރީން އެދިދާނެއެވެ

ވަތަންގެ ދަރީން އެދޭނެ އެއްގޮތަކީ ވަތަނުގެ އެއްމެ އިސްމަގާމު ވަތަނުގެ ދަރީންގެ ފަރުދީ އަދި އެހެނިހން ޒަމާނީ މިނިވަންކަމަށްޓަކައި ވަތަނުގެ ދަރީންގެ ހައްޤުގައި ޖާނާމާލުން ގުރުބާންވިފަރާތްތަކުގެ އެއްމެ ކުރީސަފުގައިވާ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ވަތަނުގެ ހަތަރުވަނަ ރައީސްކަމަށް އިންތިޙާބުކުރުމެވެ. ނުވަތަ ވަތަނުގެ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސްގެ ގޮތުގައި 11 ނޮވެމްބަރު 2008 ގައި ވަތަނުގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ފުރުސަތު އެފަރާތަށް އެރުވުމެވެ

އެގޮތަށް ވަތަންގެ ދަރީން ކަންކޮށްފިނަމަ، ވަތަނުގެ ދަރީންގެ އެއެދުމަކީ އައުޙިޔާލާއި ލޭހިނގާ ސަރުކާރަކުން އައުއުއްމީދުތަކާއި އައުކުރިއެރުމާއި ގޮތްތައް އެކުލެވޭ މުޅީން އައުދިވެހިރާއްޖެއަކަށް ރުޖޫއަވުމެވެ. ނުވަތަ މިހާރު ވަތަނުގެ ދަރީންކަންބޮޑުވާ މައްސަލަތައް ހައްލުކުރުމަށް ވަތަން އެދޭގޮތުގެ ގުޅުމުގެ އިއްތިޙާދުގައި ހިމެނޭ އައުފަރާތްތަކަކާއި ހަވާލުކުރުމެވެ. މިހާރުގެ ގޮތަށް ބުނާނަމަ ވަތަން އެދޭގޮތުގެ ގުޅުމުގެ އިއްތިހާދިންނަށް ފުރުސަތު ތަނަވަސްކޮށްދީގެން އަނެއް ދިވެހިރާއްޖެއަށް ރައްކާތެރި ދަތުރެއް ފަށައިގެންގޮސް ރައްކާތެރިކަމާއެކު ބަނދަރުކުރުމެވެ

މިފަދައިން ފުރުސަތު ވަތަން އެދޭގޮތުގެ ގުޅުމުގެ އިއްތިހާދީންނަށް ދިނުމަށް ވަތަނުގެ ދަރީން އިންކާރުކޮށް، މިހާރުގެ ތިރީސް އަހަރުވީ ސަރުކާރު ދަމަހަށްޓަންވެސް ވަތަނުގެ ދަރީން ވޯޓުދީފާނެއެވެ. އޭރުން ވަތަންއެދޭ ގޮތަކީ ފާއިތުވި ތިރީސް އަހަރު ދުވަސްވީ ސަރުކާރަކީ ވަތަނަށް ބޭނުންތެރި ސަރުކާރުކަމުގައި ނިންމުމެވެ

އެގޮތަށް ވަތަންގެ ދަރީންގެ ވޯޓުން ވަތަންއެދޭގޮތް ހާމަކޮށް ނިންމައިފިނަމަ އެނިންމުނީ ނުކުޅެދުންތެރިކަމާއި، ކަރަޕްސަނާއި، ރައްޔިތުންގެ ބަޔަތުލްމާލުގައި ހުރި ފައިސާ ސަރުކާރުގެ ބޮޑުންނަށް ބައިއެޅުމަށް ދިނުމާއި އާއިލީ ވެރިކަމާއި، މުޖުތަމަޢުތެރޭގައި ފާއިތުވި ތިރީސް އަހަރު މޫލާހެދިކުރިއަރަމުން އަންނަ ނޭދެވޭ މައްސަލަތައްކަމުގައިވާ ޑުރަގުގެ ވަބާއާއި އާއިލާތައް ރޫޅުމުގެ މައްސަލަތަކާއި، ގެދޮރުގެ ދަތިކަމާއި ލަފާފުރުގެ ދަތިކަމާއި ވަޒީފާގެ ފުރުސަތުތަކާއި ސިއްޙީ އަދި ތަޢުލީމީ ރަނގަޅުފެންވަރުގެ ޙިދުމަތްތައް ރަގަޅުނުވިޔަސް މައްސަލައެއް ނެތްކަމަށް ވަތަންގެ ދަރީންނިންމުމެވެ

މިއިން ކޮށްމެގޮތަކަށް ވަތަންގެދަރީން އަށާވީސް އޮކްޓޫބަރުގައި ވޯޓުދީގެން ވަތަންއެދޭގޮތް ފާޅުކުރިއަސް އެއީވަތަނުގެ ދަރީން ބޭނުންވާގޮތްނޫން އެހެންދެވަނަގޮތެއް ނޫނެވެ. މާތް ﷲ ވަތަން އެދޭގޮތަށް މިދިވެހިވަތަން، ދީބުދިވެހިރާއްޖެ ވަތަނުގެ ދަރީންނަށްޓަކައި ލައްވާންދޭވެ. އާމީން

Tuesday, October 21, 2008

މައްސަލައަކީ އިސްލާމީ އަގީދާ ބަލިކަށިވުން ހެއްޔެވެ

ދިވެހި އިސްލާމީ މުޖުތަމަޢުގައި ކަންބޮޑުވާވަރުގެ ގިނަގުނަ މައްސަލަތަކެއްވެއެވެ. އެފަދަ މައްސަލަތކުގެ އެއްމެ ކުރީގައި މިވަގުތު ސިޔާސީ ބޭނުމަކަށް ނަގައިގެން އުޅެނީ އިސްލާމް ދީނެވެ. ދެން ހުރިހުރިހާ މައްސަލަތަކެއްވަނީ އެއްފަރާތްކުރެވި، ކަސްފުކުރެވިފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ޑުރަގުގެ ވަބާއާއި ފުޑުފުޑުވަމުންދާ އިޤްތިސާދާއި އިޤްތިސާދީ މައްސަލަތަކާއި އުފުލެމުންދާ އަގުތަކުގެ ސަބަބުން ދިރިއުޅުން ދެކޮޅުނުޖެހި، ދިރިއުޅުމުގެ އަގު އިންތިހާއަށްވަނީ އުފުލިފައެވެ.

ސިޔާސި ބޭނުމަށް ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރަމުންއެބަދެއެވެ. ވިސްނާލަންޖެހޭ ހަޤީގަތަކީ ދިވެހީންނަކީ އެއަށްވުރެބޮޑަށް ދީންދެކެ ލޯބިވާ އަދި އަޤީދާ ވަރަށް ވަރުގަދަބައެކެވެ. މިކަން ވަރަށް ސާބިތުކަމާއެކު ދިވެހީން ދައްކުވައިފައިވަނީ މީގެ އެތަކެއް އަހަރުތަކެއް ކުރީން ދިވެހީންގެ ކަރަށް ރާއަޅައިގެން ނަސޯރާދީނަށް ދިވެހީން ވައްދަންވެގެން ޕޯޗުގީޒުންކުރި މަސައްކަތްވެސް ފުޑުފުޑުވުމުންނެވެ. ވީއިރު، މިއަދުދިވެހީންގެ ދީން މާތްވެގެންވާ އިސްލާމްދީން މިމުޖުތަމަޢުއިން ނެތިކޮށްލެވިދާނެހެއްޔެވެ. އެފަދަ ފުރުސަތެއް އެއްވެސްފަރާތަކަށް ދިވެހިރައްޔިތުންނެއް ނުދޭނެއެވެ.

އެހެންވީއިރު، މިއަދު ރައްޔިތުންނަށް ބޮޑުވެފައިވާ ޑުރަގުގެ ވަބާއާއިމެދު ވާހަކަދައްކާތަނެއްނުފެނެއެވެ. މި ރިޔާސީ އިންތިޙާބުގައި ނަގަންޖެހޭނޭ ހަޤީޤީ މައްސަލައަކީ މިއީނޫންތޯއެވެ. ސަބަބަކީ މިދީބުގެ ޒުވާނުންގެ އާބާދީގެ %30 ޒުވާނުންވަނީ ޑުރަގުގެ މަސްތުގައި ގެއްލެނިވެފައެވެ. ފާއިތުވި އަހަރުތަކުގައި މިކަމުން ރައްޔިތުންނަށް ސަލާމަތްކަމެއް އަދުގެ ސަރުކާރަކަށް ހޯދައިދެވިފައެއް ނުވެއެވެ.

އަދި މިއަދުގެ ޤައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ބަޖެޓު ފޫނުބެއްދި ދިރިއުޅުމުގެ އަގުތައް އުފުލިގެން ދާއިރު އަދިވަނީ ހައްލެއްނުފެނިފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ބިކަވެ ހާލުގައި ޖެހިފައިވަނީ އަތާއަގަޔާ ދިމާނުވެވޭ މިންވަރަކަށެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް މިވަގުތަކު މައްސަލައަކަށް ނުވެއެވެ. އަދި ސަމާލުކަމެއް ނުދެވެއެވެ.

މިފަދަ ދަނޑިވަޅެއްގައި މިއަށްވުރެ ސަމާލުވާންޖެހޭ މައްސަލަތަކަކީ ކޮބައިހެއްޔެވެ. ނަމަވެސް މިމައްސަލަތަކަށް މިހާރުވެސް އަދި ވަނީ ހަމަބީރުކަންފަތެއްދެވިފައެވެ. ވީއިރު މިމައްސަލަތައް ކެމްޕެއިންގެ އެއްމެ ކުރީސަފަ ފާއްދާލާން ރައްޔިތުން ސުވާލު އުފައްދަންޖެހެއެވެ. މަތީގައި ނަންގަނެވުނު މައްސަލަތަކަކީ ދީނީ މައްސަލައަށްވުރެ ރައްޔިތުންނަށް މާބޮޑު މައްސަލައެކެވެ.

Friday, October 17, 2008

މުސްތަޤްބަލު ހަލާކުރަނީވެސް އަހަރުމެންނެވެ

އަހުރަމެންގެ ވިޔަފާރީގެ ބައިވެރިއެއް އަދި ޤަޢުމުގެ ސަރުކާރުގެ ވެރީންނާއި މުއްސަދިން ބޭސްފަރުވާއަށް އަންނަ ޤަޢުމެއްކަމުގައިވާ ސިންގަޕޫރަކީ ދިވެހިރާއްޖެއާއި ދާދިއެކުއެކީ 1965 ގައި މިނިވަންވި ޤައުމެކެވެ. މާގިނަ ގުދުރަތީ ވަސީލަތެއްނެތް، އެކަމަކު އަހަރުމެންނަށްވުރެ މީސްކޮޅު ގިނަޤައުމެކެވެ. މިއަދު ސިންގަޕޫރަކީ ދުނިޔޭގެ އެއްމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ އެއްމެ ކުރީގައިވާ ޤަޢުމެކެވެ. ނަމަވެސް އަހަރުމެންގެ ރާއްޖެވަނީ ފަޤީރުޤައުމުތަކުގެ ލިސްޓުގައޭ ދެންނެވިދާނެއެވެ.

ޤުދުރަތީ ވަސީލަތް މަދު އާބާދީގައި މިއަދު 4.59 މިލިޔަން ރައްޔިތުން ދިރިއުޅޭ ސިންގަޕޫރު ކުރިއަރައިގެން އައިސްފާވާނީ އެޤައުމުގެ ސަރުކާރުގެ ދުރުވިސްނުމުގެ ސަބަބުންނެވެ. ޤުދުރަތީގޮތުން ޤަޢުމު އޮތްސަރަހައްދުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ރައްޔިތުންގެ ފައިދާއަށް ޤަޢުމުގެ ހުރިހާ މިލިކިއްޔާތެއް އިންސާފުވެރިކަމާއެކު ހޭދަކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ފުރިހަމަ ސިއްހީ ރަނގަޅު ފަރުވާއާއި ދުނިޔޭގައި ދެވަނައެއްނެތް ތަޢުލީމީ ނިޒާމަކާއި ބޯހިޔާވަހިކަން އަތްފޯރާފަރުގައި ފުރިހަމަ އިންތިޒާމްހަމަޖައްސައިފާވާއިރު ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ގެނެސްދިނުމުގެ އިތުރުން މަސްތުވާތަކެތީން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢުއެއްގެ ގޮތުގައި އެމުޖުތަމަޢު ބިނާކޮށްފައިވަނީ އަވަށްޓެރި ޤަޢުމުތަކާއި ދުނިޔޭގެ އެހެނިހެން ޤަޢުމުތައް ހަސަދަވެރިވާފަދައިންނެވެ.

ނަމަވެސް އަހަރުމެންގެ ރާއްޖެއަކީ ގުދުރަތީގޮތުން މުއްސަދި ޤަޢުމެކެވެ. ރާއްޖޭގެ 1190 ރަށުގެ ވަށައިގެންވާ ކަނޑުތަކަކީ ﷲ އިރާދަކުރެއްވީތީ ކަޅުބިލަމަހާއި އެހެނިހެން މަސްމާހާމެހީން މުއްސަދި ކުރެވިފައިވާ ކަނޑުތަކެކެވެ. ހަމައެފަދައިން ޤަޢުމުގެ ފަޅުރަށްތަކަކީ ދުނިޔޭގައި އެވަރެއްނެތް ރީތިރައްތަކެކެވެ. ޓުވަރިޒަމްގެ މާރުކޭޓުގައި އެރައްތަކުގެ އަގު މިއަދަ ތެޔޮވަޅަކަށްވުރެ އަގުބޮޑެވެ. ނަމަވެސް ޤަޢުމުގެ މުއްސަދިކަން އޭގެއެއްމެ ފުރިހަމަގޮތުގައި ފާއިތުވި 40 އަހަރު ވެރިކަން ކުރެއްވިފާރާތްތަކުން ރައްޔިތުންގެ ފައިދާއަށް ސާފުވެރިކަމެއްކޮށްފައިނެތުމުގެ ސަބަބުން އަދިއަދަށްދާންދެންވެސް 300000 މީހުންގެ މިއާބާދީގެ ބޮލަކަށް އަހަރަކު ހަތަރުހާސް ޑޮލަރު ޖެހޭ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އުޅެންޖެހިފައިވަނީ ފަގީރު ހާލު ގިނަގުނަ ތަކުލީފުތަކާއި ކެކުޅުންތަކުގެ ތެރޭގައެވެ.

ދިރިއުޅުން ވޭތުކުރަންޖެހިފައިވާ 200 ރަށުންގިނަ ރައްތަކަކީ ތަރައްޤީގެ ކުލަވަރެއްނެއް ރައްތަކެކެވެ. ލަފާފުރުމުގެ ދަތިކަމާއި ސާފުރައްކާތެރިބޯފެނާއި ފެންވަރު ރަނގަޅު ސިއްޙީފަރުވާއާއި ތަޢުލީމީ ޙިދުމަތާއި ކުނިނައްތާލުމުގެ އިންތިޒާމާއި ނަރުދަމާގެ ނިޒާމްތަކުގެ އިތުރުން ކަރަންޓުގެ ޙިދުމަތައް ފުރިހަމައަށް ޤާއިމްނުކޮށްވާ އާބާދީތަކެއްގައެވެ. މިމުޖުތަމަޢުތަކުގައި މަސްތުވާތަކެތީގެ ވަބާ ފެތުރިކުރިއަރަމުން މިއަދަނީ އިންތިހާދަރަޖައަކަށެވެ. ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ހިޔާނަތްވެފައިވާ މިންވަރަކީ ފުރިހަމައަށް އަދިވަޒަންނުކުރެވިވާ މިންވަރެކެވެ

ކަންމިހެން ހުރުމުން ސިންގަޕޫރާއާ އެއްފަދަ ތަރައްޤީއެއް އަހަރުމެން ބޭނުންވިޔަކަސް ނުލިބޭނެއެވެ. އެފަދަތަރައްޤީއަކަށް ވާސިލުވުމަށް އަހުރެމެންބޭނުންވިޔަސް ވެރިކަން ސާފުނުކޮށް އަދި ކުރިޔަށް ދެވެން އޮތްހެނެއް ހިޔެއްނުވެއެވެ. ވީމާ، ލިބިފައިވާ ވޯޓުލުމުގެ ހައްޤުއަދާކުރައްވާއިރު ބޭނުންވިތަރައްޤީ ގެނެސްނުދެވުނު ސަރުކާރެއް ދަމަހައްޓައިގެން އަހަރުމެންގެ މުސްތަޤްބަލު އަމިއްލައަށް ހަލާކުރުމުގެ ބަދަލުގައި ކެރިގެން އެހެން ސަރުކާރަކަށް ފުރުސަތުދެމާހެއްޔެވެ. އޭރުން އައުސަރުކާރަކަށް އަހަރުމެންބޭނުންވާ ކުރިއެރުން ހޯދައިނުދެވިއްޖެނަމަ ދެންއަންނަ އިންތިޙާބެއްގައި އެސަރުކާރުދުރުކުރާނީ ފިސާރިކެރިގެންނެވެ.

Tuesday, October 14, 2008

އަހަރުމެންގެ ދީނަކީ މާތްވެގެންވާ އިސްލާމުދީނެވެ.

އަހަރުމެން ދިވެހީންގެ ދީނަކީ އިސްލާމް ދީނެވެ. އަހަރުމެން އެދީން ދެނެގަތި އެއްފޮތަކުންނެވެ. ނަމަވެސް ފެންނަފެނުމަށް ހީވަނީ އަހަރުމެން އެދީންދެނެގަތީ ދިހަބާރަފޮތުންހެނެވެ. މިއީ ޅެންވެރިއެއްގެ ބަސްކޮޅެކެވެ. އާދެ، މިފާއިތުވީ 30 އަހަރު ދީނުގެ ޝިޔާރާއި ވަހުދަތު ގަދަވިނަމަ މިފަދައިން ނުފެނުނީސްކަން ކަށަވަރެވެ.

މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުން މިފެންނަނީ ޒުވާނުން މަސްތުވެގެން އުޅޭތަނެވެ. މަސްތުވާތަކެތި މިރާއްޖެއިން ލިބުމަކީ ބޯފެނަށްވުރެ ފަސޭހަކަމެކެވެ. ނަތީޖާއެއްގެ ގޮތުން 30000 އެތަކެއް ދިވެހި ޒުވާނުން މަސްތުވާތަކެތީގެ ވަބައިގައި މިފާއިތުވި 30 އަހަރުގައި ގެއްލިގެން ގޮސްފައިވަނީ އެތަކެއް މައިންނާއި ބަފައިންނާއި އާއިލާ ކަރުނައަޅާފައެވެ. ޤައުމުގެ މުސްތަޤްބަލް މިވަނީ މިފާއިތުވިތިރީސް އަހަރުގައި މަސްތުވާތަކެއްޗަށް ދެވިހިފާފާވާބަޔަކަށް ހަދާފައެވެ.

އަނބިފިރިކަމުގެ ގުޅުމަކީ ކައިވެނީގެ ރިވެތި އަޙުލާޤުން ދެމަފިރިޔަކު ގުޅިގެން ނޫނީހިންގުން މަނާކަމެއްކަން މިއިސްލާމީ މުޖުތަމައުއިން ފަނޑުވަމުން ނުދޭހެއްޔެވެ. ކައިވެނިތައް ރޫޅި އާއިލާތައް ބިކަވެ، ޅަދަރީންގެ މުސްތަޤުބަލް ހަލާކުވެގެން ގޮސްފައިވަނީ ދެބަސްނުވެވޭ ދަރަޖައަކަށެވެ. އެއްބަޔަކު އެކީ ދިރިއުޅެނީ ކައިވެނީގެ ގުޅުމަކާނުލައެވެ. އަނެއްބަޔަކު އެހެންގޮތްގޮތުން އެގުޅުން ދަމަހައްޓަމުން ދެޔެވެ. މިމުޖުތަމައުއަކީ މިފާއިތުވި ތިރީސް އަހަރުގައި މިފަދަ ބަދުއަޙްލާޤީ ގޮތްތަކަށް ހުޅުވާލެވިފައިވާ މުޖުތަމަޢުއަކަށް ވެފައިވެއެވެ. މިއީ ނަސޯރާ މުޖުތަމަޢުގައި ކަންހިނގާ ބީދާއެވެ. ވީއިރު މިދިވެހި އިސްލާމީ މުޖުތަމަޢު ނަސޯރާކުރެވިފައިވާ މިންވަރު ވަޒަން ނުކުރެވޭ ހެއްޔެވެ.

މުސްލިމު އަންހެނާގެ އައުރައަކީ ކޮބައިކަން އަހަރުމެން އެންމެން ދަންނަމުއެވެ. ނަމަވެސް އަހުރަމެންނަށް މުޖުތަމަޢުތެރޭން މިފެންނަނީ އެހެން މަޒަރެކެވެ. ޅަޒުވާން އަންހެން ޖީލުގެ ދަރީން އެކުދީންގެ އައުރަ ސޯކޭސް ކުރިވެގެން ގޮސްފައިވާ މަންޒަރެވެ. މިއީ މުސްލިމުންނާއި ނަސޯރާއިން ވަކިކުރާ މިންގަޑެއްވެސް މެއެވެ. ވީއިރު މިފާއިތުވި 30 އަހަރުގައި މިޤައުމު ނަސޯރާކުރެވިފައިވާ މިންވަރު މިފެންނަނީ ކިހާމިންވަރަކަށް ހެއްޔެވެ.

އަމާނާތަށް ތެދުވެރިވެ ރައްޔިތުންގެ ހައްޤަށް އިޙުތިރާމާއި ގަދަރުކުރުމަކީ ނެތްކަމެކެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މުދާ ބެލެހެއްޓުމަށް ﷲ ގަންދީ ހުވާކުރައްވާފާވާ ފަރާތްތައް އެދަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވެ، ދިވެހި ބަޔަތުލްމާލުން އެފަރާތްތަކުގެ އާއިލާއާއި ރަހްމަތްތެރީންނަށް ބައިއެޅިގެންނެވެ. އަދި އިސްލާމީ ޝިޔާރު މުޅިމިދީބުގައި ފާޅުކޮށް ދިވެހީންގެ އިސްލާމީ އަޤީދާއާއި ވަހުދަތު ވަރުގަދަކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތަކީ ޙާކިމެވެ. ނަމަވެސް ޙާކިމު އިސްލާމްދީނުގައި އަންގަވާފާ ހުކުމްތަކުގެ ތެރޭގަވާ، އަންހެނުން ބުރުގާއެޅުމާއި ގިސާސް ހިފުންފަދަ ހުކުމްތަކަށް އިހްތިރާމް ނުކުރާކަމަށް ނުދެކެންހެއްޔެވެ. ވީއިރު ހާކިމަކަށް އެފަދަ ވެރިޔަކު ބެހެއްޓުމަކީ އިސްލާމީ ހަމަތަކުން ކުރުން ހެޔޮވާވަރުގެ ކަމެއްހެއްޔެވެ.

މިފަދަ ގޮތްތަކާއި އާދަތަކަކީ އިސްލާމީ މުޖުތަމަޢުއަކުން ފެނުން އެކަށީގެންނުވާ ކަމެކެވެ. ވީއިރު މި އާދަތައް ގެނެސްދިން 30 އަހަރުވީ ސަރުކާރު އަދިވެސް ދަމަހައްޓަންވީހެއްޔެވެ. އެހެންވެއްޖެނަމަ އަހަރުމެން ވޯޓޫދީގެން އެދެމެހެއްޓެނީ އިސްލާމީ ރިވެތި އާދަޔާ ގޮތްތަކުން އެއްކިބާވެގެންވާ މަސްތުވާތަކެއްޗާއި، ބޭއިންސާފާއި އަނިޔާއާއި، ހިޔާނާތާއި ޒަވާޖީ ހަޔާތެއް ނުފަށާ ކުރިއަރުވާ މިނިވަން ގުޅުންތައްފަދަ ލާދީނީ ގޮތްތަކެވެ. މިއަށްވުރެންބޮޑަށް އަހަރުމެން އިސްލާމްދީނާއި ދުރަށް އާއުސްމިންތަކަށް ގެންދިޔުމަށް ފާއިތުވި 30 އަހަރުގައި ކޮށްފައިވާ މަސައްކަތް ދަމަހައްޓައި ކުރިޔަށް ގެންދިޔުމަށް ވޯޓުދީގެން އަދިވެސް ފުރުސަތުދޭނީ ހެއްޔެވެ. އޭރުން އެދެވޭ ފުރުސަތަކީ ދިވެހީންގެ އިސްލާމީ އާދަކާދަޔާއި ވަހުދަތު ލާދިނީކޮށް ނަސޯރާވަންތަކުރުމަށް ދެވޭ ފުރުސަތަކަށް ނުވާނެހެއްޔެވެ.

ވަޒަން ތިކުރަނީ ކޮންމިންގަޑަކުންހެއްޔެވެ؟

ސާޅީސް ތިން މިލިޔަން ރައްޔިތުން ދިރިއުޅޭ ސައުތު އެފްރިކާގެ ރައްޔިތުންގެ ފަރުދީ މިނިވަންކަމަށްޓަކައި ނެލްސަން މަންޑޭލާ ތެދުވެ މުޒާހިރާ ކުރުމުގެ ސަބަބުން ޤައުމަށް ހިޔާނާތްވިކުށުގައި ބަންދުކުރިއެވެ. އަދި ފަހުން މަސައްކަތްކުރެވީ އޭއެންސީގެ ހަތިޔާރު އެޅިފައުޖުތަކުގެ ލީޑަރަށްވެ ގެރިއްލާ ހަނގުރާމެއެއް ކުރުމުގައެވެ. ނަތީޖާއެއްގެ ގޮތުން ޖަލުގައި 27 އަހަރު ހޭދަކުރަންޖެހުނެވެ. އަދި މަންޑޭލާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ބެލެވިގެން އެމެރިކާއަށް އެރުން 2008 ވަނައަހަރާހަމައަށް މަނާކޮށްފައިވަނީ ހަމައެކަނި ޔޫއެންއަށް ދިޔުމެގެ ހުއްދަޔާއެކުއެވެ. މިހުރިހާކަމެން މަންޑޭލާ ގަޢުމަށްޓަކައި ރައްޔިތުންގެ ފަރުދީ މިނިވަންކަމަށްޓަކައި ކުރެއްވުމުން ޤަޢުމުގެ ރައްޔިތުން އޭނާބަލައިގަތީ ޙާއިނެއްގެ ގޮތަކުނޫނެވެ، ޓެރަރިސްޓެއްގެ ގޮތަކުވެސް ނޫނެވެ. ޤަޢުމުގެ ރައީސްގެ ގޮތުގައެވެ.

އިންޑޮނީޝިޔާގެ އަޅުވެތިކަމުން އީސްޓިމޯރު މިނިވަންކުރުމަށްޓަކައި ޖަނާނާ ގުޒުމޯ ހިންގި ގެރިއްލާ ހަނގުރާމަ ނިމުމަކަށްއައީ އިންޑޮނީޝިޔާގައި ހިނގަމުން ދިޔަ ޝުހާޓޯގެ ހުދުމުހުތާރު ވެރިކަން ނިމުނުތަނާ އީސްޓިމޯރަށް މިނިވަންކަން ލިބުމާ ހިސާބުންނެވެ. މިހިސާބުން އީސްޓިމޯރުގެ ރައްޔިތުންގެ މިނިވަންކަމަށްޓަކައި އެއްމެ އިސްސަފުގައި ހަނގުރާމަ ކުރެއްވި ގެރިއްލާ ލީޑަރ ޖަނާނާ ގުޒުމޯ އެގައުމުގެ ރައްޔިތުން ބަލައިގަތީ ބަތަލެއްގެ ގޮތުގައެވެ. ޓެރަރިސްޓެއްގެ ގޮތަކުނޫނެވެ. އަދި އޭނާއަށް ހައްޤު މަޤާމަކީ އެޤަޢުމުގެ ރައީސްކަން ކަމުގައި ރައްޔިތުންގެ ވޯޓަކުން ހޮވާ ހަވާލުކުރިއެވެ.

ނަމަވެސް އަހަރުމެން ދިވެހިރާއްޖޭގައި އަހަރުމެން ރައްޔިތުންގެ ފަރުދީ މިނިވަންކަމަށާއި ހިނގަމުންދާ ބޭއިންސާފާ ދެކޮޅަށް އެތަކެއް ގުރުބާނީއެއްވެ، ޖާނާ މާލުން ފިދާވި އަންނިއަކީ ރައްޔިތުންގެ ކުރިމަތީގައި ޙާއިނެކެވެ. އަދި ޓެރަރިސްޓެކެވެ. ޤަޢުމުގެ އެއްމެ އިސްމަޤާމަކަށް ކަމުނުދާ ފަރާތެކެވެ. ސަބަބަކީ ހަމައެއްމެ ސަބަބެކެވެ. އެއީ އަންނިވެސް މަތީގައި ނަކަލުކޮށްލެވުނު ދުނިޔެއަށް މަސްހޫރު ބަތަލުންފަދައިން މިރާއްޖޭގެ ނިސްބަތުން އެފަދަމަސައްކަތްތަކެއް އެކްޓިވިސްޓެއްގެ ގޮތުގައި ކުރެއްވުމަށް ޖެހިލުމެއް ހިއްވަރު އެލުވާލުމެއްނެތި ރެޔާ ދުވާލު މަސައްކަތްކުރުމެވެ. ނަމަވެސް މަންޑޭލާއާއި ޖަނާނާ ގުޒުމޯއަށް އެފަރާތްތަކުގެ ރައްޔިތުން އެޤައުމުތަކުގެ ރައީސްކަން އެފަރާތްތަކަށް ވެދުންކުރާއިރު ދިވެހީންބަލާ މިންގަޑުން އަންނި ވެރިކަމަށް ކުފޫހަމަނުވާންވީ ކޮންފަދައަކުންހެއްޔެވެ.

Sunday, October 12, 2008

އަދި 5 ނުވަތަ 10އަހަރު ދެވިދާނެހޭ

އިއްޔެ މެންދުރުފުހުގެ ވަގުތެއްގައި މެލޭޝިޔާގައި މާސްޓާރސް އިން ލޯ ހަދަމުންދާ އަހުރެންގެ ސްކޫލުދަޢުރުގެ ޒަމާންވީ ވަރަށް ބޮޑު އެކުވެރި ރަޙުމަތްތެރިއަކާއި ބައްދަލުވިއެވެ. ދެމީހުން ސަލާންގަލާން ކުރުމަށްފަހު ރިޔާސީ ވޯޓުގެ ކަންތަކުގެ ވާހަކަ އަހުރެން އަހާލީމީވެ. ސަބަބަކީ ރަޙުމަތްތެރިޔާ ރާއްޖެއިން އެނބުރި އެއައީ އެވޯޓުގެ ފުރަތަމަބުރުގެ މަސައްކަތް ނިމުނުތަނާއެވެ. އަދި އަހުރަމެން ދެމީހުންނަކީ އަބަދުވެސް އެހެންބަދަލްވާފަހަރުތަކުގައި މިފަދައިން ސިޔާސީ ކަންކަމުގައި ހިޔާލްބަދަލްކޮށް ވާހަކަދައްކާ އުޅޭބައެކެވެ. ވީމާ، ވަންއުތާމާގެ ސްޓާރބަކުސް އާދިމާލަށް ކޮފީއަކަށް ހިންގައިގަތީ އެވާހަކަތުކުގެ ތެރޭގައި ރަނގަޅަށް ހަމަޖެހިލުމަށެވެ.

ކޮފީއަކަށް ރަނގަޅަށް ހަމަޖެހިލާފައި ރަހްމަތްތެރިޔާ ވަރަށް ހިނިތުންވެލާފަ ވަރަށް ފޯރިގަދަވާހަކަ ބުނެލިޔެވެ. އެއަށްފަހު ދެމީހުންގެ ބަހުސަކަށްވީ އިތުރުދައުރަކަށް މިސަރުކާރަށް ފުރުސަތު ދޭންޖެހޭނެތޯ ނުވަތަ ނޫންތޯއެވެ. ރަހުމަތްތެރިޔާ ބުނަމުންދިޔައީ ކުއްލިޔަކަށް ސަރުކާރު ބަދަލްކޮށްލުމަކީ ބުއްދިވެރިކަމެއް ނޫންކަމާއި މިވީހާތަނަށް އައިސްފާވާ ތަރައްޤީއާއި ކުރިއެރުމާއި ބަދަލެއް ގެނެސްފައި މިހިރީ މިސަރުކާރުކަމާއި ދެން އެހެން ސަރުކާރެއް އައިސްގެން އެމީހުންގެ އެކްޓިވިސްޓުން ސަރުކާރު ހިންގުމަށް ނާޤާބިލްވެދާނެކަމާއި މިފަދަ ވާހަކަތަކެވެ.

ނަމަވެސް އަހަރެންނަކަށް ރަޙުމަތްތެރިޔާއަކާ އެއްބަހެއްނުވެވުނެވެ. އަދި ބުނީމެވެ 30 އަހަރުގެ ވެރިކަމެއްގެ ސަބަބުން ލިބިފައިވާ ކުރިއެރުމަށްވުރެ ގެއްލުން އަހަރެންގެ އަންދާޒާއިން މާބޮޑެވެ. ފަޤީރުކަމަކީ ކޮށްމެހެން ބަނޑުފުރާމުއްތިކުރުމަށް ނުލިބުމެއްނޫނެވެ. ނަމަވެސް ދިވެހީންގެ ބޮޑުއާބާދީއެއް ފަޤީރު ހާލު ދިރިއުޅެމުންދަނީ ޤަޢުމުގެ އުފެއްދުން ތެރިކަމަށް ބޮލަކަށް 4000 ޑޮލަރުވަރު ލިބޭ މިމުއްސަދި ދިވެހިރާއްޖޭގައެވެ. ސިއްޙަތާއި ތަޢުލީމާއި ސާފު ރައްކާތެރި ބޯފެނާއި ކުނިނައްތާލުމުގެ އިންތިޒާމުތަކާއި ލަފާފުރޭނޭ ފަސޭހަތަކާއި ނަރުދަމާގެ ނިޒާމުތަކަކީ ދުޅަހެޔޮ އާބާދީއަކަށް އަސާސީ ކަންކަމެވެ. ނަމަވެސް މިފަދަކަންކަން ރައްޔިތުން ދިރިއުޅޭ ކުދި ބޮޑު އާބާދީއަށް ބަލައިލައިފިނަމަ ހަމަޖެހިފަވަނީ ވަރަށް ދޯދިޔާކޮންކަން ވަޒަންކޮށްލެވޭނެއެވެ. އަނެއްކޮޅުން ޒުވާނުންގެ އާބާދީގެ %30 ޒުވާނުންވަނީ ޑުރަގުގެ ވަބާގައި ޖެހިފައެވެ. މުޖުތަމަޢުގެ ދުވަސްވީ މުސްކުޅިންނާއި ނުކުޅެދޭ ފަރާތްތަކަށް ދެވޭ އަހަށްމިއްޔަތު ކުޑައެވެ. ވައްކަމާއި މާރާމާރީއާއި މީހުންމެރުންފަދަ ބޮޑެތި ކުއްތައް އިތުރުވެގެން ގޮސްފައިވަނީ އިންތިޙާދަރަޖައަކަށެވެ. ރައްޔިތުންގެ ފައިސާ ސަރުކާރުގެ އިސްވެރީންނާއި އެވެރީންގެ ގާތްތިމާގެ މީހުންނަށް ދީ ހުސްކޮށްފައިވާ ކަހަލައެވެ. ވީއިރު އަދިވެސް އަހުރަމެން އިތުރު 5 އަހަރު ނުވަތަ 10 އަހަރުދޭންވީހޭ ރަހްމަތްތެރިޔާއާއި ސުވާލުކޮށްލީމެވެ.

ރަހްމަތްތެރިޔާގެ ޖަވާބަކީ ހަމައާއެކެވެ. ރަހްމަތްތެރިޔާގެ ވިސްނުމުގައި މިސަރުކާރުން ކިތައްމެވަރަކަށް ރައްޔިތުންގެ ފައިސާއަށް ޙިޔާނަތްތެރިވިޔަކަސް މައްސަލައެއްނެތެވެ. އަދި ރަހްމަތްތެރިޔާ ކޮރަޕްސަނާއި ދެކޮޅަށް މަސައްކަތްކޮށްގެން ފިޔަވަޅެއް ނޭޅި، ރައްޔިތުންގެ ހައްޤު ހިމާޔަތް ނުކޮށްދެވޭއިރުވެސް އިތުރު ދަޢުރަކަށް ހުވާކުރުމުގެ ފުރުސަތުދޭންވިއްޔެވެ. އެކަމަކު ރަޙްމަތްތެރިޔާގެ ނަޒަރުގަ ރައްޔިތުންގެ ފައިސާއިން ކިޔަވައިގެންރާއްޖެއަށް ޚިދުމަތްކުރަން ބޮންޑުއޮވެފަ އަދި ފައިސާދައްކަންޖެހޭއިރުވެސް އެކަން ނުކޮށް ރާއްޖޭންބޭރުގައި މަސައްކަތްކުރުމަކީ ރާއްޖެއަށްދެވޭ ވަރަށް ބޮޑު ޙިޔާނާތެކެވެ. 30 އަހަރުވީ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ކިތައްމެބޮޑުއަދަދަކުން ޙިޔާނަތްތެރިވިޔަސް އެސަރުކާރަށް ވޯޓުދޭކަން މައްސަލައަކަށް ރަޙްމަތްތެރިޔާއަކަށް ނުވިއެވެ. މިހާ ހިސާބުން އަހަރުމެންގެ ވާހަކަ ނިންމާލާފައި ދެން ހިނގައިގަތީ އަހުރެންގެ ޢާއިލާއާއިއެކު ރޭގަޑުގެ ކެޔުމަށް ގެޔަށެވެ. އަދި ކައިގެން ރަޙުމަތްތެރިޔާގެ މަންޒިލަށް ގޮމްބަކަށް ދަތުރުފެށިއެވެ. ޒަމާންވީ އެކުވެރި ރަޙްމަތްތެރިޔަކާއެކު ހޭދަކުރެވުނު ވަގުތަށް އަހަރެން އުފާކުރީމެވެ.

Saturday, October 11, 2008

އަހަރުމެން ބަދަލަށް ބިރުގަންނަނީ ހެއްޔެވެ

ދާދިފަހުން އަހުރެންނާއި ދިމާވި އެމެރިކާގެ ރަށްޓެއްސަކު ބުނީ އަހުރެމެން އެމެރިކާގައި އަބަދުވެސް ވިސްނަނީ މުސްތަޤުބަލަށެވެ. އެކަމަކު ކަލޭމެން އޭޝިޔާގެ ޤައުމުތަކުގައި އަބަދުވެސް ބަލަމުންދަނި ފާއިތުވި މާޒީގަ ކަންހިގާދިޔަގޮތަށެވެ. އަދި އޭނާ އިތުރަށް ބުންޔެވެ. ޤައުމެއް ކުރިއަރާދަނީ މުސްތަޤްބަލަށް ވިސްނައިގެން ހެޔޮބަދަލު ހާލަތައީ ވަގުތަށްބަލައިގެން ގެނެސްގެންނެވެ

މިބަސްތަކަށް ބާރުދެމުން އޭނާބުންޔެވެ. އަހުރަމެންގެ ރައީސަކަށް ތިންވަނަ ފުރުސަތެއް ޤާނޫނުން ނުދިންކަމުގައި ވީނަމަވެސް އަހަރުމެންވެސް ދޭކަށް ބޭނުމެއްނޫނެވެ. އަހަރުމެންވެސް ބޭނުންވަނީ އައުލޭހިނގާ ތަފާތުހިޔާލާއި ވިސްނުމުގެ އައުފަރާތްތަކަކަށް ފުރުސަތުދިނުމަށެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ފޮނިކަމަށް އަހުރެންވެސް އެއްބަސްވީމެވެ

އަދި އޭނާ އިތުރަށް ސުވާލުކުރަމުން ދިޔާއި ތިޔަފަދަ ކުޑަކުޑަ ރައްޖެއެއްގައި ކަންތައްތައް ހުންނަނީ ކިހިނެއްހެއްޔެވެ. އަހުރެން ބުނީމެވެ. އަހަރުންގެ 30 އަހަރުވީ މިހަޔާތުގައި އަދި އެހެންފަރާތެއް ވެރިކަން ކޮށްފައެއް ނުވެއެވެ. ދެންވެސް އޭނާ ކުރީ ސުވާލެކެވެ. ތިޔައީ ހުދުމުހުތާރު ވެރިކަމެއްނޫންހެއްޔެވެ. އަހަރެންބުނީމެވެ. ކޮށްމެ ފަސްއަހަރަކުން ފެންނަނުފެންނަވޯޓަކުން %90 މަތިން ކާމިޔާބު ހޯދައެވެ. އަދި ފާއިތުވި 8 އޮކްޓޫބަރ 2008 ވީ ބުދަދުވަހު ބޭއްވި ގިނަޕާރޓީ ރިޔާސީ އިންތިޙާބުގައި ވެސް 30 އަހަރު ވެރިކަންކޮށްފައިވާ ފަރާތަށް 71731 މީހުން ނުވަތަ ވޯޓުލީމީހުންގެ %40 މީހުން މި ސަރުކާރުދަމަހަށްޓަށް ވޯޓުދިނެވެ. އެއީ ބަދަލަށް ބިރުންކަމަށް ވެސް ވެދާނެޔޭ އޭނާ ބުނެލިއެވެ. މިކަމުގެ ހަޤީގަތް ފަހުން ވަޒަންކޮށްލެވުނީ އިންޑިޔާގައި ކިޔަވަށް ހުންނަށް ދިވެހި ޒުވާނަކުވެސް ބިރުގަންނަކަން ސާބިތުވުމުންނެވެ. އަދި އޭނާ ބުނަމުންދިޔައީ މިވެނިމީހަމު އެވެނި މީހަކަށްވުރެ މާރަނގަޅެވެ. ނަމަވެސް އެމާރަނގަޅުވާ ސަބަބު ހާމަނުކޮށްދެވިގެން ދިޔައެވެ

ވީމާ، މިދަނޑިވަޅުގައި އަހުރަމެން ބަލަންވީ މުސްތަޤުބަލަށެވެ. ޤައުމުގެ މުއްސަދިކަމަށް މިފާއިތުވި 30 އަހަރުގައި ވެގެން ގޮސްފައި ގޮތެވެ. ފަގީރު ހާލުން ހެޔޮބަދަލަށް ވާސިލުވުމަށް ކަރަޕުސަނާއި ހުދުމުހުތާރުކަމާއި އިންސާފެއް ނެތްވެރިކަމެއް ދެމެހެއްޓުމުގެ ބަދަލުގައި ބިރުނުގަނެ ބަދަލަށް ވޯޓުލައިގެން މުސްތަޤްބަލް އުޖާލާކުރުމަށެވެ

Thursday, October 9, 2008

ނިޔުކުލިޔާރ ހަތިޔާރެއްފަދަ ވޯޓެއް ވައްޓާލަފާނެހެއްޔެވެ

ފާއިތުވި 8 އޮކްޓޫބަރު 2008 ވީ ބުދަދުވަހު ބޭއްވި ފުރަތަމަބުރުގެ ރިޔާސީ އިންތިޙާބުން އެއްވެސް ފަރާތަކަށް އަޤުލަބިއްޔަތު ނުލިބި ނިމިފައިވާއިރު، ފެނުނު މަންޒަރުން ދޭހަވަނީ ރައީސްކަމުގެ 6 ދަޢުރު 30 އަހަރުވަންދެން ޖެހިޖެހިގެން %90 މަތިން ފެންނަ ނުފެންނަ ވޯޓުގައި ލިބިގެން ވަރުގަދަ އަޤުލަބިއްޔަތު ހޯދައިގެން އިންތިޙާބުވެފައިވާ ފަރާތަށް މިފަހަރުގެ މި ތާރީޙީ ގިނަޕާރޓީ ވާދަކުރި އިންތިޙާބުގައި %40 ލިބިގެން ވޯޓުލީމީހުންގެ އަޤުލަބިއްޔަތު ނުލިބި ހެޔޮބަދަލަށް %60 މީހުންގެ އަޤުލަބިއްޔަތު ވޯޓުލީ މަންޒަރެވެ. ވީމާ، ދެން އޮތް މަރުހަލާގައި ދެވަނަ ބުރުގައި ހެޔޮބަދަލަށް ވޯޓުލީ މީހުންގެ މިނިންމުން ރައްޔިތުން ދަމަހައްޓަފާނެހެއްޔެވެ؟

ބަދަލަށް ވޯޓުލީ %60 މީހުން ޤައުމުގެ ސަރުކާރުގެ ހިންގުމުގެ މެޝިނަރީ ބަދަލުކުރުމަށް ދެވަނަ ބުރުގައި ވޯޓުދީފާނެހެއްޔެވެ. މިކަމަށް ރައްޔިތުން ބޭނުންވާ މިންވަރު އެންމެ ފަސޭހައިން ކަށަވަރުވާނީ ކުރިޔަށް އޮތް ދެވަނަ ބުރުގެ ނަތީޖާއިންނެވެ. 28 އޮކްޓޫބަރ 2008 ވާ ދުވަހަކީ ޑިމޮކުރަސީގައި ރައްޔިތުން އެފަރާތްތަކަށް ލިބިގެންވާ ނިޔުލުލިއަރ ބޮމެއްފަދަ ބާރުގަދަ ހަތިޔާރުކަމުގައިވާ ވޯޓުގެ ބޭނުން ދެވަނަ ފަހަރަށް މިއިންތިޙާބުގައި ހިފާނޭ ދުވަހެވެ. މިދުވަހު، ރައްޔިތުންނަށް ލިބިގެންވާ ވޯޓު ފުރަތަމަބުރުގައި ބަދަލަކަށް %60 ދިންފަދައިން 2 ވަނަ ބުރުގައި ދީފިނަމަ ފާއިތުވި 30 އަހަރު މެދުކެނޑުމެންނެތި ވެރިކަން ކޮށްފަވާ ސަރުކާރު ފަނާކޮށްލުމަށްޓަކައި ރައްޔިތުންގެ ވޯޓުކޮޅުތައް ވޯޓުފޮއްޓަށް ވައްޓާލާފިނަމަ އެއީ މިސަރުކާރު ނެތިފަނާކޮށްލުމަށްޓަކައި ވައްޓާލާ ނިޔުކުލިޔާރ ބޮމަކަށް ނޫނީ ނުވާނެއެވެ

ވީއިރު ބޮޑުސުވާލަކީ އެކަން އެގޮތަށް ކުރުމަށްޓަކައި ރައްޔިތުންނަށް ލިބިގެންވާ ނިޔުކުލިޔާރ ހަތިޔާރެއްފަދަ ވޯޓުގެ ބޭނުން ހިފާނެހެއްޔެވެ؟ މިހާރުފެންނަ ފެނުމަށް އިދިކޮޅު ފަރާތްތަކުގެ ތެރެއިން ކުރިހޯއްދެވި އެމްޑީޕީގެ އަންނިއަށް އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ސައީދު ދެވަނަބުރުގައި ތާއީދުކުރާނެކަމަށް ވައުދުވުމާއެކު ދެންތިބި އެހެން ކެންޑިޑޭޓުންނާއި މީގެ ކުރިން އިއްތިހާދުވި ޤަޢުމީ އިއްތިޙާދު ނެރެ ދެބަސްވުންތަކާއި ހިޔާލުތަފާތުވުންތައް އެއްކިބާކުރެވިގެން ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ޖާގަދިނުމުގެ ފޯމިޔުލާއެއް އިއްތިހާދުގެ ވެރިންގެ މެދުންނެރެވިގެން ކުޅިބައި ކުރިޔަށް އޮތް 2 ހަފްތާތެރޭ ރާވާލެވިގެން މަސައްކަތް ކުރެވިއްޖެނަމަ ޤަޢުމީ އިއްތިހާދު އުތުރާ ދެކުނަށް މީގެ މަސްތަކެއް ކުރި އަރުމާޒު ދަތުރުތަކުގެ އެއްމެފަހުގެ މަންޒިލަށް ވާސިލުވެވޭނެކަމަށް ފެނެއެވެ. އަދި ނިޔުކުލިޔާރ ހަތިޔާރެއްފަދަ ވޯޓެއް ރައްޔިތުން ހެޔޮބަދަލަށް ވައްޓާލަފާނެ ކަމަށް ބެލެވެއެވެ

Wednesday, October 8, 2008

ރިޔާސީ އިންތިޙާބުގެ ނަތީޖާ ފެންނަގޮތުން


ވޯޓުން ދިވެހީންގެ ނިންމުން ފެންނަމުން އެބަދެއެވެ. ހާމަވަމުންދާ ނަތީޖާތަކަށް ބަލައިލާއިރު މިނަތިޖާގެ އިދިކޮޅު ހުރިހާ ކެނޑިޑޭޓޫންނަށް މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ވޯޓުގެ %60 އެފަރާތްތަކުގެ މެދުގައި ބައިއެޅިގެން ގޮސްފައިވެއެވެ. އަނެއްކޮޅުން 30 އަހަރު ވެރިކަންކުރެއްވި ފަރާތަށް ލިބިފައިވަނީ 40% ވޯޓެވެ. މިނަތީޖާއިން ހާމަވާ ހަޤީގަތަކީ ދިވެހީންގެ ބޮޑު އާބާދީއެއް ބަދަލަކަށް ބޭނުންވެފައިވާކަމެވެ. ނަމަވެސް މިބަދަލު ދިވެހީން ބޭނުންވާފަދައިން ވޯޓުލުމުގެ މިބުރުން ނިންމާލެވިދާނެކަމަކަށް ހިޔެއް ނުވެއެވ

މިގޮތަށް ފުރަތަމަ ބުރުން ރައީސަކު ނުހޮވުމުން ދާންޖެހިފައިވަނީ ދެވަނަ ބުރަކަށެވެ. ވީމާ، އިދިކޮޅުފަރާތްތަކުން ގެންގުޅެމުން އައި ޤައުމީ އިއްތިހާދު އަލުންނެރެންޖެހެއެވެ. މިފަހަރު އިއްތހާދުވުމުގައި ދެބަސްވުންތައް ނައްތާލާ ހިޔާލޔތަފާތުތައް އެއްކިބާކުރެވި ވެރިކަން ކުރުމުގައި އިއްތިހާދުވާނޭ ގޮތްތަކެއް ކަނޑައެޅިގެން ނިކުތުމަށް އަވަސް ވިސްނުންތަކެއް ވިސްނައިގެން އެއްގަލަކަން އަރައިގެން ހަލުވި ފިޔަވަޅުތަކެއް ޤައުމީ އިއްތިހާދު މައިދާނަށް ނިކުމެ ކުޅެންޖެހިފައިވާކަމަށް ފެނެއެވެ.

Tuesday, October 7, 2008

އަހުރެންގެ ވޯޓުދިނުމުގެ ހައްޤު އަދާކޮށްފީމެވެ

މިއަދު، 8 އޮކްޓޫބަރ 2008 ވީ ބުދަ ދުވަހުގެ ހެނދުނު 11.00 އެހައި އިރު އަހުރެންނަށް ލިބިފައިވާ ވޯޓުދިނުމުގެ ހައްޤު އަދާކުރީ މެލޭޝިޔާގައި އެކަމަށް ހަމަޖައްސާފައިވާ ތަނުގައެވެ. އެތަނަށް އެވަގުތުވެސް މެލޭޝިޔާގައި ދިރިއުޅެމުންގެންދާ ގިނައަދެދެއްގެ ދިވެހީން އެކިސަރަހައްދުތަކުން އަންނަމުން ދާއިރު އިލެކްސަން އޮބްޒާވުކުރަމުން ގެންދާ ފަރާތްތަކެއް އެތެރެއާއި ބޭރުގައި ހަރަކާތްތެރިވަމުން ގެންދިޔައިރު މެލޭޝިޔާގެ ފުލުހުން އެތަނުގެ ސިކިޔުރިޓީ ބަލަހައްޓަމުން ދިޔައެވެ. މެލޭޝިޔާގައި ދިރިއުޅޭ އެތަކެއްހާސް ދިވެހީންނަށް ވޯޓުލުމަށްޓަކައި ހަމަޖައްސާފައިވާ އިންތިޒާމްތައް ފުރިހަމަކަމަށްދެކެމެވެ

ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެބިލްޑިންގުގެ ތަނަވަސް މާލަމެއްގައެވެ. ގިނައަދަދެއްގެ މީހުންއެއްފަހަރާ އައިކަމުގައިވީނަމަވެސް މާބޮޑު ދަތިކަމެއްނެތި އެފަރާތްތަކުގެ ވޯޓުލުމުގެ ހައްޤު އަދާކުރެވޭނެއެވެ. އެތަނުގައި އެކަށީގެންވާ މިންވަރަށް ގޮޑިޖަހާފައި ވުމުގެ އިތުރުން އައިޑީ ކާރޑު ޗެކުކުރުމާއި ލިސްޓުގެ ފާހަގަ ޖެހުމާއި ވާތުގެ ބޮޑުވައި އިނގިލީގެ ނިޔަރޮދީގައި ވޯޓުލީކަމުގެ ނިޝާން ޖެހުމާއި ވޯޓުކަރުދާސްކޮޅު ދިނުމާ ހަމައަށްވެސް ފަސޭހަކަމާއެކު ހުރިހާ މޭޒަކުންވެސް ނަމާއި ލިސްޓާއި ދިމާކޮށް ފާހަގަޖަހާފާވަނީ އެކަމާ ހަވާލުވެގެން ތިއްބެވި ބޭފުޅުން ވަރަށް ފަރުވާތެރިކަމާއެކުއެވެ

ވޯޓުކަރުދާސްކޮޅު ދިއްކޮށްލުމުންދެން ހިނގައިގަތީ ފާހަގަޖެހުމަށް ބަހައްޓާފައިވާ ދެބޫތުންކުރެ އެއްބޫތަށެވެ. އަތަނުގައި ގަލަމެއް އޮތުންފިޔަވާ އެހެންއެއްވެސް އެއްޗެއް ބޭއްވިފައެއްނުވެއެވެ. އަދި އެކަޅު ބޫތަކީ ވޯޓުކަރުދާހުގައި އަހުރެންނަށް ފެނުނު ފަރާތަށް ފާހަގަޖެހުމަށް ރައްކާތެރިކަން ލިބިގެންވާ ބޫތެކެވެ.

ވޯޓުކަރުދާސްކޮޅުގައި އަހަރެންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްޤު އަދާކުރުމަށް އެބޫތުތެރޭގައި ހުރެ އަހަރެންނަށް ފެނުނު ފަރާތަށް، އައު ލީޑަރަކަށް އައު މޫނަކަށް ވަކީން ހާއްސަކޮން ހެޔޮބަދަލަށް ފާހަގަޖެހީމެވެ. އެފާހަގަޖެހީ އަހުރެންނަށް ލިބިހުރި މަޢުލޫމާތުން ވަޒަންކުރެވުނުގޮތުން މުސްތަޤުބަލަށް ދިވެހީންނަށް، ދިވެހީން މިއަދާއި މާދަމާ ބޭނުންވާފަދަ ހެޔޮބަދަލަކާއި ތަރައްޤީއެއް ގެނެސްދޭނޭ ފަދަ ސިޔާސަތުތަކެއް ހުށައަޅާފައިވާ ފަރާތެއްކަމަށް އަހުރެންގެ ހިތުގެ އަޑީން ކުރީއްސުރެ ޤަބޫލުކުރެވިގެންނެވެ

ވޯޓުކަރުދާސްކޮޅު ވޯޓުފޮށްޓަށް ވައްޓާލުމަށްޓަކައި ދެން ހިނގައިގަތީ ވޯޓުފޮށްޓާ ދިމާލަށެވެ. ވޯޓުފޮށި ބެހެއްޓިފައި ހުރި ހާމައެހޯލުގައި ހުރިހާއެންމެންނަށް ފެންނަގޮތަށެވެ. އެތެރެފެންނަގޮތަށް މަތިގަނޑު ބަންދުކުރެވި ސީލްކޮށްފައިވާ އެފޮށީގެ އެތެރެއަށް އަޅުގަނޑުގެ ވޯޓުކަރުދާސްކޮޅު ވައްޓާލިއިރުވެސް ގިނައަދަދެއްގެ ދިވެހީން ވޯޓުލާފައިވާކަމަށް ފޮށިތެރޭގައި ހުރި ވޯޓޫކަރުދާސް ކޮޅުތަކުން ފާހަގަވެއެވެ

ވޯޓުލުމަށްޓަކައި މެލޭޝިޔާގައި ހަމަޖައްސާފައިވާ މިއިންތިޒާމްތައް ފުރިހަމަކަމަށް ދެކެމެެވެ. އަދި ވޯޓުލުމާއި ހަމައަށް އަދި ފެންނަފެނުމަށް އިންސާފުވެރި އިންތިޙާބަކަށް މި އިންތިޙާބުވާނޭކަމަށް ޤަބޫލުކުރެވެއެވެެ. ނަމަވެސް، އަހަރެންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްޤުއަދާކުރުމަށްފަހު ގެއަށް އެނބުރިއައިސް އިގިލީގެ ނިޔަރޮދީގައި ޖެހިނިސާން ނިޔަފަތިން ކުލަފިލުވަން ހުންނަ ކިޔުޓެކުސް ލައިގެން ފިލުވާލީމެވެ

Monday, October 6, 2008

އައު އުސްމިންތަކަށް ރައްޔިތުންގެ ފައިސާ ބެހިޔަނުދިނުމަށް ވޯޓުލަމާތޯ

ރައީސް އޮފިހަކީ އެއޮފީހެއްގެ ހައިބަތާއި މަސައްކަތުގެ ތެރޭގައި ލޯނުދިނުން ހިމެނޭ އޮފީހަކަށްވުމުގެ ސަބަބުން ޤައުމުގެ ނިކަމެތީންނާއި މުއްސަދީންގެ ފަރަޤު ބޮޑުވަމުންދާކަމަށް ފާހަގަވެ، ރައްޔިތުންގެ 211.5 އާއިެ 47.7 މިލިޔަން ރުފިޔާގެ ފައިސާ ވަކިފަރާތްތަކަކަށް އައު އުސްމިންތަކަކަށް ބަހާލެވިގެން އެދަނީ އެއްވެސް އިންސާފެއް އަދި ރައްޔިތުންގެ ހައްޤަށް އިހްތިރާމެއް ގަދަރެއް ނުކުރެވިއެވެ

ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ވަކިފަރާތްތަކަކަށް ބައްސަވާލާފައިވާމިންވަރު ވަރަށް ރަނގަޅަށް އިއްޔެގެ އޯޑިޓު ރިޕޯރޓުން ހާމަވެއެވެ. 42.2 މިލިޔަން ރުފިޔާ ސިފައިންގެ ދެބޭކަލަކަށް ދެއްވާފަވަނީ އެފައިސާ އަނބުރާ ދެއްކުމުގެ އެއްވެސް އިންތިޒާމެއް ހަމަޖެއްސުމެއް ނެތިއެވެ

ގާތްރަހުމަތްތެރީން ވިޔަފާރިއަށް ހިންގާ ދުވަހުނޫސް ހަވީރާއި އާފަތިހާއި މިއަދަށް މަހުމުސާރައެއްދޭފަދައިން ރައްޔިތުންގެ ފައިސާ ދެމުންގޮސްފައިވަނީ ކޮންފަދަ ބޭއިންސާފީ އުސޫލަކުން ހެއްޔެވެ

ދިވެހި ރައްޔިތުން ފަޅުގެ ދަތިކަމާއި ސާފު ރައްކާތެރި ބޯފެނާއި ރަނގަޅު ސިއްހީފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމާއި އަދިވެސް އެހެނިހެން ވަސީލަތްތައް ނުލިބި، އަސާސީ ހައްޤުތަކުން މަހުރޫމްވެގެންވާއިރުވެސް ރައްޔިތުންގެ ފައިސާ މިހޭދަކުރަނީ އެކުވެރި ރަހުމަތްތެރި ގާތްތިމާގެ ރައްޓެހީންގެ ވިޔަފާރިއާއި ގެދޮރުބިނާކުރުމާއި ދިރިއުޅުން މުއްސަދި ކުރުމަށެވެ. ވީއިރު، އައު އުސްމިންތަކަށް ރައްޔިތުންގެ ފައިސާ ބެހިޔަ ނުދިނުމަށްޓަކައި މާދަމާ ހެޔޮބަދަލަށް ވޯޓުލަމާތޯ؟

ވޯޓުލުމުގެ ހައްޤު އަދާކުރައްވާ

ހަޤީޤަތަކީ އަހުރަމެން ވޯޓޫލިޔަސް އަދި ނުލިޔަސް ވޯޓުގެ ނަތީޖާއަށް އެކަމުގެ އަސަރުކުރުމެވެ. އަހަރުމެން ވޯޓުނުލައިފިނަމަ އެކަމުގެ މާނައަކީ އެހެންފަރާތަކަށް ވޯޓެއްއިތުރުވެގެން ދިޔުމެވެ. އެގޮތަށް ވޯޓުއިތުރުވާފަރާތަކީ ފަހަރުގައި އަހަރުމެން ހޮވަން ބޭނުންނުވާ އަދި ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭނޭ އެއްވެސް ހުނަރުވެރިކަމެއް ނެތް މީހަކަށްވެސް ވެދާނެއެވެ. މިބަސްކޮޅުގެ މުރާދަކީ، ވޯޓުގެ ކަންތައްތަކާމެދު އިސްނަގައިގެން މަސައްކަތްކޮށް، އެކަމުގެ މަޢުލޫމާތު ލިބިގަނެ، އެކަމަށް ރަގަޅަށް ސަމާލުކަންދީގެން، ވޯޓު ދޭށެވެ. ވޯޓުލުމުގެ ހައްޤު އަދާކުރައްވާށެވެ

ވޯޓަކީ އަހަރުމެންނަށް ދިމިޤުރާތީ ހަމަތަކުން ޤައުމުގެ ކަންކަން ނިންމުމުގައި އަހަރުމެން ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ. މިފުރުސަތުގައި އަހުރުމެން މާދަމާ މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އިންތިޙާބުކުރުމަށް ވޯޓުލާނަމެވެ. އެއީ އަހުރަމެން އެދޭގޮތެއް ވޯޓުގެ ޒަރިއްޔާއިން ދައްކައިދިނުމަށެވެ. ސަބަބަކީ ޑިމޮކުރަސީއެއްގައި އެއްމެ މުހިއްމު ދައުރެއްކުޅޭ އެންމެ ބާރުގަދަ ހަތިޔާރަކީ ވޯޓުކަމަށްވާތީއެވެ.

އެހެންފަހަރުތަކާ ހިލާފަށް، މިފަހަރުގެ އިންތިޙާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޙާބަކަށް ހެދޭނީ ހަމަކޮށްމެފަރުދަކުވެސް ޒިންމާދާރުވެގެންނެވެ. ސަބަބަކީ ވަކިގޮތަކަށް ވޯޓުލުމަށް މަޖުބޫރުކުރުވޭނޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ވޯޓުލުމުގެ ޝަރަފުވެރި ހައްޤަކީ އެހެންފަރާތަކަށް ކުޑައަގަކަށް ދޫކޮށްލެވިގެންވާނޭ އެއްޗެއްކަމަށް ނުދެކި އަދުލުވެރި އިންސާފުވެރި އުފާފާގަތި ދިރިއުޅުމެއް މުސްތަޤުބަލުގައި ހޯދުމަށް ވިސްނައިގެން ވޯޓުލާށެވެ

ވީމާ، ވޯޓުލުމުގެ ހައްޤުލިބިގެންވާ ކޮށްމެ މީހަކު، މިފަހަރު ވޯޓު ކަރުދާސް ކޮޅުގައި ޖަހާފާހަގަޖަހަން ޖެހޭނީ ނުވަތަ ވޯޓުދޭންޖެހޭނީ ވަރަށް ފުންކޮށް ވިސްނުމަށް ފަހުގައެވެ. ސަބަބަކީ ޖަހާފަހާގައެއްގެ ސަބަބުން ނުވަތަ ދެވޭ ވޯޓަކުން ހެޔޮބަދަލަށް ވޯޓުނުދެވި 30 އަހަރުވީ ހުދުމުހުތާރުކަމާއި ނޭއްޤާނީކަން ދެމެހެއްޓުމަށް ވޯޓޫދެވިދާނެތީއެވެ. އަދި ވޯޓުވިއްކާލުމާއި ވަކިމީހަކު ބުނީތީވެ ނުވަތަ އެންގީތީވެ، ވޯޓުލުމަކީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާނެއެވެ

ވީމާ، ތިމާއަކީ އަމިއްލަ ސިކުނޑިންވިސްނައިގެން މަޢުލޫމާތު ލިބިހުރެގެން ތިމާގެ މުސްތަޤުބަލަށާއި އަންނަން އޮތް ޖީލުތަކަށް ވިސްނައިގެން އުފާފަގަތި ތަނަވަސް އިންސާފުވެރި ރައްކާތެރިކަމަށް ތިމާއަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ހެޔޮބަދަލަށް އަދާކުރާމާ ހިނގާށެވެ

މަރުޙަބާ ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީން

ދިވެހިރާއްޖޭގެ އާއިލާތަކުގެ އާމަދަނީ ބިނާވެގެންވަނީ ޓުވަރިޒަމުދާއިރާއިން އާއިލާތަކަށް ލިބޭ އާމްދަނީއަށެވެ. އަދި މިދާއިރާއަކީ އެފަރާތްތަކުގެ ދިރިއުޅުމުގެ ލޭނާރެވެ. މިލޭނާރާގުޅިފައިވަނީ އެއާއިލާތަކުގެ ހުރިހާމެމްބަރުންނެވެ. ވީމާ، މިދާއިރާގެ މަސައްކަތްތެރީންނަށް ލިބޭ ކޮށްމެ ކުރިއެރުމަކީ އެއާއިލާތަކަށްވެސް ލިބޭ ކުރިއެރުމެކެވެ. އެހެންވީމާ މިއަދު މަޖިލީހުގެ މެމްބަރުން ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ހައްޤުތައް ހޯއްދަވައިދެއްވީތީވެ، ޝުކުރުވެރިކަމާއެކު އުފާފާޅުކުރާނީ މަސައްކަތްތެރީންނާއި އެފަރާތްތަކުގެ އާއިލާއާއި މުޅިގައުމެވެ.

ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންނަށް މިލިބުނު ހައްޤުތަކުގެ ސަބަބުން އެދާއިރާއަށް ސަޢުގުވެރިވާ ފަރާތްތައްވެސް އިތުރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން މިދާއިރާގައި މަސައްކަތްކުރާ ގިނައަދަދެއްގެ ބިދޭސީންގެ ބަދަލުގައި ދިވެހީން ލިބިގެން ދާނެއެވެ.

އަދި ރިސޯޓުތަކުގެ ވެރިފަރާތްތަކުން މަސައްކަތްތެރީންނަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ހުރިހާ ގޮތަކުން ލިބިދެވިގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރިކަމުގައި އިތުރު ޝަޢުޤާއި ފަރުވާތެރިކަން ބެހެއްޓިގެން ކަސްޓަމަރުންގެ ހިނިތުންވުމަށް މަސައްކަތްތެރީން ހިނިތުންވުމާއެކު މަސައްކަތްކުރާނެއެވެ.

Friday, October 3, 2008

އިޤްތިސާދީ ސުނާމީއެއް ބޯމަތިވެފައި

މިހާރު ދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާ އަސަރުތަކަކީ އޭގެ އަސަރުތައް މުޅިދުނިޔައަށް އިޤްތިސާދީ ސުނާމީއެއްގެ ގޮތުގައި ފެތުރިގެންދާނޭކަމެކެވެ. ސަބަބަކީ ދުނިޔޭގެ ހުރިހާ އިޤްތިސާދުތަކެއްވަނީ އެއްގޮތުންނޫނީ އަނެއްގޮތުން ގުޅިލާމެހިފައެވެ. އަދި މިހުރިހާ އިޤްތިސާދުތަކެއް ހިންގާ ނާރެހުގައިވަނީ ދުނިޔޭގެ އެއްމެ ބޮޑު އިޤްތިސާދުކަމުގައިވާ އެމެރިކާގެ އިޤްތިސާދެވެ. އެމެރިކާގެ އިޤްތިސާދުވަނީ ހިލުވާލާ އެތަކެއް ލޮޅުންތަކެއް އަރައިގެން ފުޑުފުޑުވުމުގެ ތެރޭގައެވެ. މިލޮޅުންތަކުގެ އަސަރު އިޤްތިސާދީ ސުނާމީއެއްފަދައިން ދުނިޔޭގެ ކަންކޮޅުތަކަށް ޔޫރަޕާއި އޭސިޔާއަށް ނުކޮށްނުދާނޭކަންކަށަވަރެވެ. ވީއިރު، ދިވެހިރާއްޖެފަދަ ކުޑަކުޑަ އިޤްތިސާދަކަށް މީގެ އަސަރު އަދިނުފޯރާވީކަމުގައި ވީނަމަވެސް އިޤްތިސާދުގައި މިހާރުހުރި މައްސަލަތަކާއެކު އެފަދަ އަސަރެއްކޮށްފިނަމަ ވާނެގޮތްތަކާއި އަޅާނެފިޔަވަޅުތަކާއި މިހާރުން މިހާރަށް އެޅެންހުރިފިޔަވަޅުތައް އަޅަންވަނީޖެހިފައެވެ.

އެމެރިކާގެ އިޤްތިސާދަށް އަރާފައިވަނީ އެތަކެއް ބިލިޔަންޑޮލަރުން ގެއްލުވަމުންދާ އިޤްތިސާދީ ބޮޑުސުނާމީއެކެވެ. ބޮޑެތި ފައިސާވެރި ބޭންކުތައް އެދަނީ ބަގުރޫޓުވެ އިނދަޖެހެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ މުޅިސިނާއަތު ހުއްޓުމަކަށް އަންނަންވަނީ ފަށާފައެވެ. އަތަކެއް ދާއިރާއަކުން ވަޒީފާތައްމަދުކޮށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވަނީ ބޭންކުތަކުން ފައިސާނުދެވިގެން އެބޭންކުތައް ބަންދުކުރަންޖެހުމުންނާއި އިޤްތިސާދީ މަސައްކަތްތައް ހިންގާކުންފުނިތައް ހުއްޓުމަކަށް އައުމުންނެވެ. މިއިޤްތިސާދީ ސުނާމީން ލިބެމުންދާ ގެއްލުންތަކުން އެމެރިކާގެ އިޤްތިސާދު ސަލާމަތްކުރުމަށްޓަކައި 700 ބިލިޔަންޑޮލަރުގެ ބަޖެޓެއް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ދާދިއިހަކަށް ދުވަހުވަނީ ފާސްކޮށްފައެވެ.

އެމެރިކާގެ އިޤްތިސާދަށް ކުރަމުންދާ މިއަސަރު ޔޫރަޕުގެ އިޤްތިސާދުތަކަށް ވަނީ ކުރަންފަށާފައެވެ. ޔޫރަޕުގެ ކާރުއުފައްދާ ކުންފުނިތަކުން މިދިޔަހަފަތާގައި އެކަނިވެސް އެފެއްދުންތެރިކަން މަދުކޮށް 14000 އެތަކެއް ވަޒީފާއެއް އެސިނާއަތުން މަދުކޮށްފައިވެއެވެ. ރާއްޖެއަށް އެންމެގިނަ ޓުވަރިސްޓުން އަންނަ އިގިރޭސިވިލާތުގެ ހަލުވި އިޤްތިސާދީ ދުވެލިވަނީ މަޑުޖެހިފައެވެ. އަދި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންވެސް ދުނިޔޭގެ އިޤްތިސާދީ ސުނާމީގެ އަސަރުވަނީ ފޯރަންފަށާފައެވެ.

އޭޝިޔާއަށް މިއިޤްތިސާދި ސުނާމީގެ އަސަރު ޔޫރަޕްފަދައިން އެހާބާރުމިނުގައި ފޯރަންފަށާފައިނުވެއެވެ. ނަމަވެސް އޭޝިޔާގެ ސްޓޮކުބާޒާރުތަކުން މިކަމުގެ އަސަރުމިހާރުވެސް ފެންނަންވަނީ ފަށާފައެވެ. މިގޮތުން މިސަރަހައްދުގެ ވަރުގަދަ ހިއްސާގެ ބާޒާރުތައްކަމުގައިވާ ސިންގަޕޫރާއި ހޮންކޮންގާއި ބޮމްބޭގެ ހިއްސާގެ އަގުތައް ދަށަށްދާން ފަށާފައިވަނީ ދުނިޔެއަށްފެތުރެމުންދާ އިޤްތިސާދީ ސުނާމީގެ ސަބަބުންނެވެ.

ދުނިޔޭގެ އިޤްތިސާދުތަކަށް އަރަމުންދާ ސުނާމީގެ އަސަރު ރާއްޖެއާހަމައަށް އަދި ނުފޯރައެވެ. ނަމަވެސް، ރާއްޖޭގެ އިޤްތިސާދު މިހާރުވެސްވަނީ ބޮޑުތި މައްސަލަތަކެއްގެ ތެރޭގައެވެ. ބަޖެޓު ފޫނުބެއްދިގެންއުޅުމާއެކު އިޤްތިސާދުގެ ލޭނާރުކަމުގައި ބެލެވެޭ ޓުވަރިޒަމް ކުންފުނިވަނީ އޮޅުންބޮޅުންވެފައެވެ. މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްނުކޮށްދެވި، ދެވޭ މުސާރަކުޑަކަމުން ހަޅުތާލުކުރުމަށް މަސައްކަތްތެރީންވަނީ ތައްޔާރުވެފައެވެ. ތަކެތީގެ އަގުތައް އުފުލި ލިބޭއާމްދަނީން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަނުޖެއްސި ދިރިއުޅުމުގެ އަގު އިންތިހާއަށް އަތްނުފޯރާ ހިސާބަށްވަނީ ގޮސްފައެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިސާދީ ލޭނާރަށް ލޭގެނެސްދޭ މިހާރުވެސް ފަތުރުވެރިން އައުން މަދުވެފައިވާ އިގިރޭސީންނާއި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންނާއި ޗައިނާ އަދި ޖަޕާނުގެ ފަތުރުވެރީން ދުނިޔާގެ އިޤްތިސާދީ ސުނާމީގެ ސަބަބުން ރާއްޖެއަށް އައުމުގައި މަޑުޖެހިއްޖެނަމަ އަޅާނެފިޔަވަޅުތަކަކަށް މިހާރުންމިހާރަށްވިސްނާންޖެހިފައިވަނީ އަދުގެ ސަރުކާރާއި ރިޔާސީ ކެންޑިޓުންނެވެ. ނަމަވެސް އަދުގެ ސަރުކާރާއި ގިނަރިޔާސީ ކެޑިޑޭޓުން މި އިޤްތިސާދީ ސުނާމީ އަންނަކަން އެގޭއިރުވެސް މިކަމަކާ ހިޔާލެއް ހުރިތަނެއް ނުފެނެއެވެ. އެފަރާތްތަކާ އިސްތިސްނާވެ، އެމްޑީޕީގެ ވިސްނުން ވަރަށް ސާބިތުކަމާއި ވަރަށް އަވަހަށް މިކަމުގައިވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ޤަޢުމުގެ ވެރިން ޤަޢުމުގެ ހަޒާނާއިން ލޫޓުވާ ފައިސާ ހޯދާނެގޮތް

ރޮއިޓާރސް އިން ޙަބަރުދޭ ގޮތުގައި 17ސެޕްޓެމްބަރ 2007 ގައި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އާއި ދުނިޔޭގެ މާލީ އިދާރާ (ވޯލޑް ބޭނކް) ގުޅިގެން އަމަލުކުރަން ނިންމާފައިވާ ވަރަށް މުހިއްމު އަދި އެހޭމަބޭނުންތެރި އިސްނެގުމެއްވަނީ ހާމަކޮށްފައެވެ. މި އިސްނެގުމަކީ ދިވެހިރާއްޖެ ފަދަ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤަޢުމުތަކުގެ ހިޔާނާތްތެރިވެރިން އެޤައުމުތަކުގެ ހަޒާނާއިން ވަގަށް ގެންގޮސް ދުނިޔޭގެ ކުރިއަރާފަިއވާ ޤަޢުމުތަކުގައި ރައްކާކުރާފައިސާ އަލުން އަނބުރާ އެޤަޢުމުތަކަށް ރައްދުކޮށް ދިނުމަށް އެކުލަވާލާފައިވާ އިސްނެގުމެކެވެ.

މި އިސްނެގުމަށް ނަންދެވިފައިވަނީ 'ވަގަށް ނަގައިފައިވާ މުދާ އަނބުރާ ލިބިދިނުން' ނުވަތަ އިގިރޭސިބަހުން ލިޔެފަައިވާ ގޮތަށް ބުނާނަމަ ސްޓޯލުން އެސެޓު ރިކަވަރީ (ސްޓަރ) މިފަދައިން ނެވެ. މި އިސްނެގުމުގެ މަޤުސަދަކީ ތިންވަނަ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤަޢުމުތަކުގެ ވެރިން އެޤައުމުގެ ހަޒާނާއިން ވަގަށް ނަގައިގެން ގެންގޮސް ކުރިއަރާފައިވާ މުއްސަދި ޤަޢުމުތަކުގައި ރައްކާކުރާ ފައިސާ އަލުން އަނބުރާ އެޤަޢުމުތަކަށް ރައްދުކޮށް އެފައިސާ އެޤަޢުމުތަކުގެ އިޖުތިމާއި ކުރިއެރުމަށާއި ފަޤީރުކަން ނައްތާލުމުގެ މަޝްރޫޢުތަކަށް ހަރަދުކުރުމަށް ހޯދައިދިނުމެވެ.

މި އިސްނެގުން އިފްތިތާޙުކުރަމުން ދުނިޔޭގެ މާލީ އިދާރާގެ ރައީސް ވިދާޅުވެފައިވަނީ ފަޤީރުންގެ ފައިސާ ވަގަށް ނަގާފަރާތްތަކަށް އެފައިސާ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އަމާން ސުވަރުގެއެއްފަދަ އެއްވެސްތަނެއް ހުރެގެން ނުވާނެއެވެ. މިބާރުހުރި ވަރުގަދަ އިންޒާރަކީ ދުނިޔޭގެ ސުވަރުގެއެއްފަދަ ޤަޢުމުތަކުގެ ރައްޔިތުންގެ ބައިތުލް މާލުން ވައްކަންކުރާ ދުނިޔޭގެ ޤަޢުމުތަކުގެވެރިންނަށް ދިން ވަރަށް ހޫނުގަދަ އިންޒާރެއްކަމާ މެދަކު ޝައްކެއް ނުކުރެވެއެވެ.

މިއަދާ ޖެހެންދެން ތަރައްޤީވަމުން އަންނަ ޤަޢުމުތަކަށް އެޤަޢުމުތަކުގެ ވެރިން ލޫޓުވައިފައިވާ ފައިސާ ހޯދާ ލިބިގަތުމަށް ޤާނޫނީ އަދި އެހެނިހެން ތަފާތު ގިނަގުނަ ހުރަސްތައް ކުރިމަތިވެފައިވެއެވެ. މި ގޮތުން ފާއިތުވި މާޒީ އަށް ވިސްނާލާއިރު، ފިލިޕިންސްގެ ކުރީގެ ރައީސް ފާރޑިނަންޑް މާރކޯސް ސުވިސް ބޭންކުގައި ރައްކާކޮށްފައިވާ ފިލިޕީންސްގެ ހަޒާނާއިން ލޫޓުވާލި 624 މިލިޔަން އެމެރިކާ ޑޮލަރު އަނބުރާ ލިބިގަތުމަށް އެޤަޢުމުން 18 އަހަރު ހޭދަކޮށްފާވެއެވެ. ނައިޖީރިޔާގެ ކުރީގެ ހުދުމުހުތާރު ވެރިޔާ ސާނި އަބާޗީ 5 އަހަރުތެރޭ އެޤައުމުގެ ހަޒާނާއިން ލޫޓުވާލި 5 ބިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިހުރި ސުވިސް ބޭންކުން އެފައިސާ އަނބުރާ ލިބިގަތުމަށް 5 އަހަރު ހޭދަކުރަންޖެހުނެވެ.

ދުނިޔޭގެ މާލީ އިދާރާ ވޯލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގެ ޤަޢުމުތަކުގެ ބޯޑަރު ހުރަސްކޮށް އެކިއެކި ޤަޢުމުތަކަށް ނާޖާއިޒު ފައިސާގެ ގޮތުގަ ބެލެވެޭ ޓެކުސް އޮޅުވާލުމާއި ހިޔާނާތުގެ ފައިސާގެ ގޮތުގައ އަހަރަކު 1 ޓުރިލިއަން އެމެރިކާ ޑޮލަރުވަންނަމުން ދާނެއެވެ. ކަން މިހެން ހުރިއިރު އެފްރިކާ ބައްރުގެ ޤަޢުމުތަކުގެ ޤަޢުމީ އުފެއްދުންތެރިކަމު(ގުރޮސް ޑޮމެސްޓިކް ޕުރޮޑަކްޓު)ގެ %25 ހިޔާނާތުގެ ސަބަބުން އަހަރަކު ގެއްލިގެން ދެއެވެ. މިއީ އަހަރަކު އެޤަޢުމުތަކުން ގެއްލޭ 148 ބިލިއަން އެމެރިކާޑޮލަރެވެ. އެފްރިކާގެ ހާލަތަށް ވިސްނާ ވޯލްޑު ބޭންކުން އަންދާޒާ ކުރާގޮތުގައި އަނބުރާ ލިބިގަނެވޭ ކޮށްމެ 100 މިލިޔަން އެމެރިކާ ޑޮލަރުން އެއިޑުސް ޖެހިފައިވާ 600000 މީހުންނަށް ނުވަތަ މެލޭރިޔާ ޖެހިފައިވާ 100 މިލިޔަން މީހުންނަށް ބޭސްފަރުވާ
ކުރެވޭނެއެވެ.

އަޅުގަނޑުމެން ދިވެހީންގެ ހާލަތު އިތުރަށް ލިޔެ ބަޔާން ކުރުމުގެ މާނައެއްނެތެވެ. ސަބަބކީ ފައިތުވި 60 އަހަރުގެ މާޒީއަށް ވިސްނާ
ފިކުރުކޮށް، ނޫސްތަކާއި މަޖައްލާތަކުގެ ފަތްފުއްތައް އުކާލުމުން، ވެރިކަން ބަދަލްވެގެން ދިޔަތަނާ ބޭއްވުނު މުޒާހިރާތަކާއި ކުރަހާފަހުރި ކާޓޫނުތަކާއި ޖެހިލަވަތަކުން އަދި މިފަހުގެ ތާރީހް ތަކުގައި ފެންމަތިކޮށްފައިވާ އެފްޕީއައިޑީ، އެއަރމޯލްޑިވުސް މައްސަލަޔާއި ތަފާތު ލޯނު ސްކީމްތަކުން އެކަނިވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ބައިތުލް މާލުން ފައިސާ ލޫޓުވާފައިވާ މިންވަރު ވަޒަންކޮށްލެވޭނެއެވެ. އަދި މިހާރ ދެކެވޭ 80-40 މިލިޔަން ޑޮލަރުގެ ވާހަކަކީ ކެޔޮކޭވަރު ހޯދުމަށް ބިތުފަންގިނަގަން ޖެހޭފަދަ އަޑުތަކެވެ. މިފަދައިން ފެންމައްޗަށް ފެންނަން ހުރި މަންޒަރަށް ވިސްނާލައިގެން ގުނާއަދަދުކޮށްފިނަމަ ފިލިޕީންސްގެ މާރކޯސް އާއި ނައިޖީރިޔާގެ ހުދުމުހުތާރުވެރިޔާ އަބާޗީ ރައްޔިތުންގެ ފައިސާ ލޫޓުވިމިންވަރަށް ގާތްކުރާ މިންވަރަށްވެސް ދިވެހިރާއްޖޭގައި ރައްޔިތުންގެ ފައިސާ ލޫޓުވެފައި ވާނެކަމާ މެދު ސައްކުކުރެވޭ އިރު ދިވެހިންގެ ފައިސާ ލޫޓުވާ ފަރާތްތަކާމެދު އަޅާނުލާ ދޫކޮށްލަންވާނެހެއްޔެވެ.

Thursday, October 2, 2008

އެއީ ދޮގެކެވެ

ދާދިފަހުން އަޅުގަނޑުގެ ރަށް ނ. ވެލިދުއަށް ކުރިދަތުރުގައި ޢާއިލާ، ތިމާގެ، އަވަށްޓެރި، ރަށްޓެހި، ދެކިފަރިތަ، އަދި ރަށާއި އަތޮޅުގެ ގިނަގުނަ މީހުންނާއި ބައްދަލުވިއެވެ. ގިނަފަރާތްތައް ކުރަމުންދިޔައީ އެއްސުވާލެކެވެ. އެއި އަހުރެން މިފަހަރުގެ އާއްމު އިންތިޙާބުގައި އަތޮޅަށް ކުރިމަތިލާނެއްތޯއެވެ؟ މިސުވާލުގެ ޖަވާބު ހޯދަންޖެހުނީވެސް އެސުވާލުކުރިމަތި ކުރިފަރާތްތަކުގެ މެދުންނެވެ. ނަތީޖާއެއްގެ ގޮތުން އެސުވާލުގެ ޖަވާބު ވަރަށް ސާދަކޮށް ސާފުކޮށް ހުރިހާ އެންމެންވެސް ބުނަމުން ދިޔައީ ކުރިމަތިލާންވާނެކަމެވެ. އެއަޑު އަހައި އެފަރާތްތަކާއި އަހުރެންގެ ހުވެފެނާއި އުއްމީދާއި އަޒުމާއެކީ އަހުރެން ނިންމާ މިހާރު ދިރިއުޅެމުންދާ ޤައުމަށް އެބުރިއައީ އެހުރިހާ ފަރާތްތަކަކަށްވެސް މިފަހަރުގެ އާއްމު އިންތިޙާބުގައި ﷲ އިރާދަކުރެއްވިއްޔާ ނ. އަތޮޅަށް ކުރިމަތިލާނެކަމަށް ބުނެފައެވެ

ނަމަވެސް މިއަދު ވަކިބައެއްގެ ފައިދާއަށް ކެހިވެރިގޮތަކަށް ވެލިދޫތެރޭ ވާހަކަދައްކަމުންއެދަނީ އަހުރެން ކުރިމަތި ލާނެކަމަށް ބުނިވާހަކައާއި ހިލާފަށް ދޮގުވެރި ބަސްތަކުން އޮޅުވާލައިގެންނެވެ. މިއީ މިފަދަ ވާދަވެރި މާހަޢުލެއްގަ ހިންގާފާނެކަމެކެވެ. ވީމާ، މިފުރުސަތުގައި އަހުރެންނަށް ތާއީދުކޮށް ހެޔޮއެދޭ ހުރިހާފަރާތްތަކަކަށް ދަންނަވަން އޮތީ އެފަދަ ދޮގުވެރި ވާހަކައަށް ބީރުކަންފަތެއް ދިނުމަށެވެ. އަދި އެފަދަ ވާހަކަދެއްކުންތެރީންގެ ދަލުގައި ނުޖެހި ސާބިތުވެ ތިބުމަށެވެ. އެކަން ތިޔަބޭފުޅުންްލާވޯޓުން ސާބިތުކޮށްދޭނެކަން ކަށަވަރެވެ

މާތް ﷲ ގެ ރަހުމަތްފުޅާއި ވާގިފުޅާއެކު ތިޔަބޭފުޅުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުލާނީ އެހެން މީހަކު ދައްކާލާ ވާހަކައަށް ނުހެއްލިކަން އަހުރެންނަށް ޔަޤީނެވެ. ވީމާ، މިފުރުސަތުގައި އަހުރެން އަދިވެސް އެއްފަހަރު ޔަޤީންކޮށް މިއަރުވަނީ މާތް ﷲ އިރާދަކުރެއްވިއްޔާ މިފަހަރުގެ އާއްމު އިންތިޙާބުގައި ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު ގޮޑިއަށް މިކުރިމަތިލަނީ 2004 ވަނައަހަރުގެ އާއްމު އިންތިޙާބުގައި ވެދެއްވި ތާއީދަށް ޝުކުރެވެރިވަމުންނެވެ. އަޅުގަނޑު ޔަޤީންކުރަނީ ދޮގުވެރީން ދައްކާ ވާހަކަތަކުން ތިޔަބޭފުޅުން އެއްކިބާވެ، ފައިސާއަށް ނުހެއްލި ސާބިތުކަމާއެކު ކުރީފަހަރެކޭ އެއްފަދައިން ތާއީދުކޮށް އަދި ތާއީދުހޯދުމަށް މަސައްކަތްވެސް ކޮށްދޭނެކަމަށެވެ