Saturday, April 25, 2009

ބިސްމިﷲ ، ﷲ އަށް ހަމްދުކުރަން، ކީރިތި ރަސޫލާއަށް ސޮލަވާތް ދަންނަވަން
ހޮޅުދޫ، ފޮއްދޫ އަދި ވެލިދުގެ އަޅުގަނޑުގެ ލޮބުވެތި އަޙުންނާއި އުހުތުން
އައްސަލާމް އަލައިކުމް
1 ވަނަ ބުރު: ތައާރަފް
އަޅުގަނޑަކީ މިދާއިރާއަށް އުފަން މިދާއިރާގެ ރަށްޔިތަކީމު.
އަޅުގަނޑުގެ ތަޢުލީމީ ހަޔާތް ފެށުނީ ވެލިދޫގެ ނަހުޒާ ސްކޫލުން. ސާނަވީ ތަޢުލީމް ފުރިހަމަ ކުރީ މަޖީދިއްޔާ ސްކޫލުން.
މަތީތަޢުލީމުގެ ރޮގުން އިގިރޭސި ޓީޗިންގ ޑިގްރީއާއި އެޑިޔުކޭޝަން ޑިގްރީ ހާސިލް ކުރީ އޮސްޓުރޭލިޔާގެ ލެޓްރޯބު ޔުނިވާރސިޓީން.
މާސްޓާސް އިން ހިޔުމަން ރިސޯސް މެނޭޖުމަންޓު ހާސިލް ކުރީ އޮސްޓްރޭލިޔާގެ ބަލަރަޓް ޔުނިވާރސިޓީން، މެލޭޝިޔާގަ ހުރެގެން.
އަޅުގަނޑަކީ ތައުލީމީ ދާއިރާގައި ހެޑްމާސްޓަރެއްގެ ގޮތުގައި ތ. ތިމަރަފުށި، ކ. ތުލުސްދޫ، ނ. މަނަދޫ، ލ. ފޮނަދޫގައި މަސައްކަތް ކޮށްފާވާ މީހަކީމު.
ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރީ ޓީޗަރެއްގެ ގޮތުގައި އަދި މޯލްޑިވްސް ކޮލެޖު އޮފް ހަޔާރ އެޑިޔުކޭޝަނުގަ އެސިސްޓަންޓް ލެކްޗަރަރއެއްގެ ގޮތުގައި ހުރެ އެތަނުގެ ފައުންޑޭޝަން ކޯސްތައް ވިލަރެސް ކުރީމު.
މީގެ އިތުރުން އަޅުގަނޑަކީ ރާއްޖޭގެ ސިޔާސި، އިޖްތިމާއީ ތައުލީމީ އަދި އިގްތިސާދީ ކަންކަމުގެ މައްޗަށް ދަރުމަ މަޖައްލާއަށާއި ޖަމާއަތުގެ ހަބަރަށާއި މަނަދޫ ލައިވް ފަދަ ވެބުސައިޓުތަކަށް ލިޔެ އުޅޭ މީހަކީމު. އަޅުގަނޑުގެ ނަމަކީ އިބްރާހީމް މޫސާފުޅު.


2 ވަނަ ބުރު
1. މިދާއިރާއަށް ކުރިމަތިލީ ކީއްވެ؟
އަޅުގަނޑު މިދާއިރާއަށް ކުރިމަތިލީ އަޅުގަނޑަކީ މިދާއިރާގެ ރައްޔިތަކަށްވާތީވެ، ރައްޔިތުންގެ ހާލަތާމެދު ކަންބޮޑުވާތީވެ.
ފަށާތައުލީމުން ފެށިގެން މަތީ ތައުލީމަށް އަޅާލުމަށް މަޖިލިސްތެރޭން ފުރުސަތެއް ހޯދުމަށް. ބަލިވަމުންދާ ސިއްހީ ހިދުމަތަށް އިތުރު ފަރުވާދިނުމަށް މަޖިލިސް ތެރޭން ފުރުސަތެއް ހޯދުމަށް.
ރައްޔިތުންގެ ރައްކާތެރިކަން ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ތިމާވެށީގެ ގޮތުންނާއި އިޤްތިސާދީ ގޮތުން މަޖިލިސް ތެރޭން ރައްޔިތުން އެދޭ ގޮތަށް ހޯދައިދިނުމަށް މަސައްކަތްކުރާނޭ ފުރުސަތެއް ހޯދުމަށް.

2. މިދާއިރާގެ ރައްޔިތުންގެ ހާލަތާއި ވިންދު އެނގެނީ ކިހާ މިންވަރަކަށް؟
މިދާއިރާގެ ރައްޔިތުންގެ ހާލަތަށް ބަލައިލުމުން ފެންނަނީ ރައްޔިތުންނަށް އަޅާނުލާ މިންވަރު.
ހޮޅުދުއަށް ވިސްނާލާއިރު ރަށްގިރުމާއި ފެންބޮޑުވުމާއި ފެންތަގައްޔަރުވުމާއި ތޮއްޖެހުމާއި ގެދޮރުގެ މައްސަލަތަކެއް އެބަހުރި.
ފޮއްދޫގަ ބަނދަރު ހެދުމަށް ބޭނުންވާއިރު ވީރާނާވަމުންދާ ތޮށިތަކެއް ވެލިދޫ އަދި ހޮޅުދޫގައި އެބަހުރި.
ދެވޭ ސިއްހީ ފަރުވާގެ ފެންވަރު ދަށް އަދި ފޮއްދޫގަ ގާއިމް ކޮށްފައިވާ ސިއްހީ ހިދުމަތަކީ އަސާސީފެންވަރުވެސް ނެތް ހިދުމަތެއް. މަދިރީގެ ނުރައްކަލަށް ރައްޔިތުން އެވަނީ ހުށައެޅިފަ.
ފޮއްދޫ ސްކޫލްގަ ބަޖެޓުގެ ދަތިކަން އެހާމެ ބޮޑު ކިޔަވައިދޭން ތަމްރީން ލިބިފަވާ ޓީޗަރަކުނެތް. ހޮޅުދޫ ސްކޫލްގަ ޕުރިންސިޕަލަކު ނެތް. ސްކޫލްތަކުގަ ޖާގައިގަދަތިކަން އިންތިހާއަށް ބޮޑު. ފަށާތައުލީމަށް ވަނީ އަޅައިނުލެވިފަ.
ވެލިދޫގަ ފެންޕުލާންޓެއް ހުރީތީ ހުރީ ހަލާކުވެފަ، މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑު. ބޭނުން ކުރާ ފެންވަނީ ތަގައްޔަރުވެފަ.
ފަހާނާގެ ނިޒާމާއި ކުނިނައްތާލުމުގެ ދެމެހެއްޓެނެވި އިންތިޒާމް މިއިން އެއްވެސް ރަށެއްގައި ހަމަޖެއްސިފަކާނެތް.
ރައްޔިތުންގެ ވިންދު ހުރީ މިހާލަތު ބަދަލުކުރުމަށް ހުވަފެން ސީދާކުރާކަން ނޫން ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުވުމަށް. އަޅުގަނޑު ނިކުމެ މިހިރީ އެމަސައްކަތައިގެން.



3. ވަނަ ބުރު
ގާނޫނު ހަދާ މަޖިލީހުން މިދާއިރާއަށް ކޮށްދޭނީ ކޮންކަމެއް؟
މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަޑު ހޮވިއްޖެނަމަ، ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫގެ ރައްޔިތުންގެ ހިޔާލާއި މަސްވަރާ ހޯދައިގެން، ރައްޔިތުންގެ ކެކުޅުންތަކާއި އިހްސާސްތައް އަޑުއަހައިގެން އަޅުގަނޑު މަސައްކަތް ކުރާނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ބަލާ އެފަރާތް ޒިންމާކޮށް ޖަވާބުދާރީކޮށް ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން މަޖިލިސްތެރޭން ފިޔަވަޅުއެޅުމަށް.
އަޅުގަނޑުގެ މަސްލަހަތަކަށް ވާނީ ޤައުމީ މަސްލަހަތު އިސްކޮށް މިދާއިރާގެ ރައްޔިތުންނާއި މުޅި ޤައުމުގެ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޤާނޫނުތައް ހެދުމުގައި އިސްކަންދިނުން.
ރައްޔިތުންގެ ތަރައްޤީއަށް މަސްރޫއުތައް ބަޖެޓުގަ ހިމެނުމަށް ބަޖެޓު ކަރުދާހުގެ ފޮޅުވަތުން ފޮޅުވަތަށް އަކުރުން އަކުރަށް އަޅުގަނޑު ބަލާނަން.
މުއްސަދީންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް ޓެކުސް ނިޒާމަކަށާއި ސިޔާސީ ރިފޯރމް ދެމެހެއްޓުމަށްޓަކައި އިގްތިސާދު ރިފޯމުކުރުމަށާއި މަސައްކަތް ތެރީންގެ ހައްޤުތައް ހޯދައިދޭން ވަކާލާތު ކުރާނަން.
މަޖިލީހުގެ މެމްބަރުންގެ ބޮޑު މުސާރަ ކުޑަކުރުމަށާއި ސިޔާސީ ޕާރޓީތަކަށް ދޭ ރައްޔިތުންގެ 14 މިލިޔަން ރުފިޔާ ބަހާ އުސޫލަށް ބަދަލުގެނައުމަށް ވާގިވެރިވާނަން.
ރައްޔިތުންގެ މަޖިލީހުގަ ކުރަންހުރި މަސައްކަތްތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ހަލުވިކުރުމަށް މަޖިލިސް ރިފޯރމްކޮށް ވަގުތު އިތުރުކޮށް ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކުރުމަށް މިހިރީ ތައްޔާރަށް.


4. ވަނަ ބުރު
މިހުރިހާ ކެންޑިޑޭޓުންގެ ތެރޭން ވޯޓުލާންވީ ކީއްވެ؟
މިހުރިހާ ކެންޑިޑޭޓުންގެ ތެރޭން އަޅުގަނޑަށް ވޯޓު ދެއްވަންވީ އެއްސަބަބަކީ އަޅުގަނޑަކީ ރައްޔިތުންގެ ހާލަތު 1994، 2004، 2008، 2009 ގައި މިހާތަނަށް އެތަކެއް ފަހަރު މަތިން ޒިޔާރަތްކޮށް ރައްޔިތުންގެ ހާލަތު ބަލާ ދެނެގަންނަފައިވާ މީހަކަށް ވާތީވެ، އަޅުގަނޑަށް ވޯޓު ދެއްވަންވީ!
މީގެ އިތުރުން ރައްޔިތުން ހާލުގައި ޖެހުނު ސުނާމީ ކާރިސާގައި އަމަލީގޮތުން މަސައްކަތްކޮށް، ރައްޔިތުންނަށް އަޅާލާ މީހަކަށް ވާތީވެ އަޅުގަނޑަށް ވޯޓު ދެއްވަންވީ!
އަޅުގަނޑަށް ވޯޓު ދެއްވަންވީ ތިންވަނަ ސަބަބަކީ އަޅުގަނޑަކީ މިދާއިރާއަށް ކުރިމަތިލެއްވި 4 ކެންޑިޑޭޓުންގެ ތެރޭން ބައިނަލް އަޤްވާމީ ފެންވަރަށް ޔުނިވާރސިޓީ ތައުލީމް ލިބިގެން ހުރި ރާއްޖެއާއި ރާއްޖޭން ބޭރުގެ މަސްރަހަށް އެއްމެ ބޮޑަށް ލޯހުޅުވިގެން ހުރި ފަސްބައި ސާފު އިލްމީ ކެންޑިޑޭޓު. އެހެންވީމަ، އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގައާއި ފަންނީ ކޮމެޓީތަކުގަ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ޤާބިލްކަން އެބަހުރި. މިސަބަބުތަކަށްޓަކައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވަންވީ.
އަޅުގަނޑަށް ވޯޓުދެއްވަންވީ އަނެއް ސަބަބަކީ އަޅުގަނޑު ތެދުވެ މިހިރީ ރައްޔިތުންގެ މިއަދުގެ ހާލަތު ބަދަލުކުރުމަށް ހުވަފެން ދެއްކުމެއްނެތި، ވިޔަފާރި މަސްލަހަތެއްނެތި، ފަސްބައިގައި ކިލަނބުކަމެއްނެތި، ރައްޔިތުން އެދޭ ގޮތަށް މަޖިލީހުގެ ތަޅުމާއި ކޮމެޓީތަކުގަ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމަށްކަމަށް ވާތީވެ އަޅުގަނޑަށް ވޯޓު ދެއްވަންވީ.


5. ވަނަ ބުރު

އެހެން ކެންޑިޑޭޓުންގެ ބުނުންތަކަށް ދެކެނީ ކިހިނެތް؟
އެހެން ކެންޑިޑޭޓުންގެ ސުއޫރަށް އަޅުގަނޑު އިހްތިރާމް ކުރަން. އެއީ އެބޭފުޅުންގެ ހިޔާލު.
އަޅުގަނޑުގެ ދަންނަވަން އޮތް ވާހަކައަކީ ވެރިކަން ކުރާޕާރޓީގަ ހުރެގެން ރައްޔިތުންނަށް ލިބުނު މަންފާއާއި ކުރިއެރުން 20-25 އަހަރުވަންދެން ރައްޔިތުން ތަޖުރިބާކޮށްފިއޭ. އެތަޖުރިބާއަށް ތިޔަ ލޮބުވެތި ރައްޔިތުން ހެކިވާނެ.
އެތަޖުރިބާ ތަކުރާރުވުމަށް ފުރުސަތު އެއްވެސް ގޮތަކުން ނުދެއްވުމަށް ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.
އަޅުގަނޑުގެނެތް ވިޔަފާރި މަސްލަހަތެއް. އަޅުގަނޑުގެ މަސްލަހަތަކީ ރައްޔިތުންގެ މަސްލަހަތު. އަޅުގަނޑުގެ އަޑަކީ ރައްޔިތުންގެ އަޑު.
މަޖިލީހުގެތަޅަމުން ފެށިގެން ކޮމެޓީ ތަކުގަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތްކޮށް، ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްޤުގައި ރައްޔިތުން އެދޭ ގޮތަށް.




6. ވަނަ ބުރު

ފަހު ފުރުސަތު
އާދެ! އަޅުގަނޑުގެ ކެންޑިޑޭޓު ނަމްބަރަކީ 2. ކެންޑިޑޭޓް ނަމްބަރު 2 އަށް ދެވޭ ވޯޓަކީ ތިޔަބޭފުޅުންގެ ތައުލީމާށް ދެވޭ ވޯޓެއް.
ކެންޑިޑޭޓް ނަމްބަރު 2 އަށް ދެވޭ ވޯޓަކީ ތިޔަބޭފުޅުންގެ ސިއްހަތަށް ދެވޭ ވޯޓެއް.
ތިޔަބޭފުޅުންގެ އިޖްތިމާޢި އަދި އިގްތިސާދީ ތަރައްޤީއަށް ދެވޭ ވޯޓެއް. ތިޔަ ބޭފުޅުންގެ މުސްތަޤްބަލަށްޓަކައި ދެވޭ ވޯޓެއް.
އާދެ! އެހެންވީމަ އަޅުގަނޑު މިއެދެނީ ތިޔަބޭފުޅުންގެ ވޯޓަށް. ވޯޓު ކެންޑިޑޭޓު ނަމްބަރ 2، އިބްރާހީމް މޫސާފުޅު

ޝުކުރިއްޔާ! ވައްސަލާމް އަލައިކުމް ވަރަހުމަތު ﷲ