Wednesday, December 31, 2008

ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން

ޤާނޫނު އަސާސީއަކީ އަހަރުމެން ރައްޔިތު އެންމެންނާއި އަދި އުފެދިފާވާ ސަރުކާރާއި އެހެނިހެން މުސްތަޤިއްލު މުއައްސިސާތައް އެއެއްޗަކަށް ހުރުމަތްތެރިކޮށްހިތާއި ތަބާވާންޖެހޭނޭ އެއްޗެކެވެ. އަދި ޤާނޫނު އަސާސީން ވަކިގޮތަކަން ކުރަން ލާޒިމްކުރާއެއްވެސް ކަމެއް ނުކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނެއް ނުވެއެވެ. ވީއިރު ދިވެހިރާއްޖެގެ ރައްޔިތުންގެ މަޖިލީހުން މިއަދު ކަންތައްކުރައްވާފާވާގޮތުން މިފެންނަނީ ދިވެހިރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސިގެ ބާރުކަނޑުވާލާފަދަ ނިންމުމެއް ނިންމަވާފައިވާތަނެވެ.

ދިވެހިޖުމްހޫރިއްޔަގެ ޤާނޫނު އަސާސިގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމަކީ އެއްމެ ބޮޑު ހިޔާނާތުން ކުއްވެރިވާފަދަ އަމަލެކެވެ.
މިފަދަކަމެއްގައި ބައިވެރިވެއްޖެ މީހަކު ނުވަތަ ބަޔަކު ޤަޢުމަށްވެވޭ އެއްމެ ބޮޑު ހިޔާނާތުން ހިޔާނާތްތެރިވެއެވެ. ވީއިރު އިންތިޤާލީ މަރުހަލައިގެ ރައްޔިތުންގެ މަޖިލީހުން އެމަޖިލީސް ޗުއްޓީއަށް މެދުކަނޑާލަން ނިންމި ނިންމުމުގެ ސަބަބުން އާއްމު އިންތިޙާބުގެ ދެބިލެއްގެ މަސައްކަތް ނުކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު ޤާނޫނު އަސާސީގައި ކަޑައަޅާފައިދުވަސްތަކަށް ނުބޭއްވިގެން ޤަޢުމަށްޤާނޫނީ ހުސްކަމެއް އަންނާނެކަމަށްބެލެވޭއިރު، އެއަމަލުގައި ބައިވެރިވި ރައްޔިތުންގެ މަންދޫބުން ޤާނޫނު އަސާސިގެ ބާރު ކަނޑުވާލީކަމަށް ނުބެލެވޭނެހެއްޔެވެ.

ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމުގެ މަގުތަނަވަސް ކޮށްދިނުމުގެ ޤައިރު ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގެ ތަފާތުމެމްބަރުން ބައިވެރިވެފައިވެއެވެ. މަޖިލީހުގެ 18 މެމްބަރުން ވޯޓުދީގެން މިފަދަ ނިންމުމެއް ޤާނޫނު އަސާސީއާއި ހިލާފުވުމަށް ނިންމެވިނިންމެވުމުން ދޭހަކޮށްދެނީ 62000 ރުފިޔާގެ ބޮޑުމުސާރަ ލިބޭ މިއަށާރަ މެމްބަރުން ޤަޢުމަށް ޤައްދާރުވެ ހިޔާނާތްތެރިވާން މަސައްކަތް މިކުރަނީ މާތް ﷲ ގަންދީ ކުރައްވާފައިވާ ހުވަޔާއިވެސް ހިލާފަށް އަމިއްލަ މަސްލަހަތާއި އެއްގޮތަށެވެ.

ޤާނޫނޫ އަސާސީއަށާއި ޤާނޫނުތަކާއި ޤަވާއިދު ތަކަށް އެއްމެ ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމުގެ ނަމޫނާބަޔަކަށް ވާންޖެހޭނީ ޤާނޫނު ހަދާމަޖިލީހާއި އެމަޖިލީހުގެ މެމްބަރުންނެވެ. މިފަދައިން ޤާނޫނު އަސާސީގެ ބާރުކަނޑުވާލާ ބަޔަކަށް އެފަދަ ފަރާތްތައް ވާންވެއްޖެނަމަ ޤަޢުމުގެ ހާލަތަކީ ކޮބައިތޯއެވެ. އަދި އެފަރާތްތަކުން ޤަޢުމުގެ ޅަޒުވާން ޖީލަށް އެދައްކުވައިދެނީ ކޮންފަދަ ނުބައި ރޯލްމޮޑަލެއްހެއްޔެވެ. މިފަދައިން ޅަޒުވާނުންނަށް ޤާނޫނު އަސާސީއަށް ހިލާފުވުމަށް ދަސްކޮށްދޭ ނަމޫނާބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވާންވެއްޖެނަމަ މުސްތަޤްބަލުގެ އަންނަންއޮތް ދިވެހި ޖީލުގެ ހާލަތަކީ ކޮބައިހެއްޔެވެ.

މިފަދަ ޤައިރު ނިންމުންތަކުގައި ރައްޔިތުންގެ މަންދޫބުން ބައިވެރިވިކަމީ ރައްޔިތުންގެ އެއްވެސް އިހުސާސެއްނުދައްނަކަމުގެ ހެއްކެކެވެ. މިފަދަ ޤައްދާރު ހާއިނު އަމަލެއްގައި ރައްޔިތުން ތަމްސީލު ކުރާ މަންދޫބުން ބައިވެރިވުމަކީ އެފަރާތްތައް ތަމްސީލުކުރާ އަތޮޅަށާއި ރައްޔިތުންނަށް ލިބުނު ވަރަށް ހަޑިހުތުރު ނަމެކެވެ. އެފަރާތްތައްވެގެން އެދިޔައީ ޤަޢުމަށާއި ރައްޔިތުންނަށް ވަފާތެރި ވުމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ފަރާތްތަކަކަށެވެ. އެފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާދާރުވުމަށް ފުރަގަސް ދެއްވާފައިވާ ފަރާތްތަކެކެވެ. ވީއިރު އަހަރުމެން އަދިވެސް ވޯޓުލައިގެން ހޮވަންވީ އެފަރާތްތައްހެއްޔެވެ.

ވީމާ، ރައްޔިތުން ވޯޓުލާއިރު މިފަދައިން ކަންކުރާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަޖިލީހުން ދުރުކުރުމަށް ވިސްނުން ބަހައްޓައިގެން މަސައްކަތް ކޮށްގެން މެނުވީ ޤަޢުމުގެ ހާލަތު ރަނގަޅު ނުކުރެވޭނޭކަމަށް ދެކެމެވެ.

Thursday, December 25, 2008

ޒިންމާދާރީ ކޮންފަރާތެއް ހެއްޔެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ މިޒަމާނުގެ ޒިންމާދާރު ޑިމޮކުރަސީއަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނުކިއްސަރު އެތައް ކަމެއް ހިގަމުންދާކަން ފެންނަމުން ދެއެވެ. ފަހުގެ ތާރީޙުގައި ތަފާތު ގިނަ ޕާރޓީތައް ވާދަކުރި ރިޔާސީ އިންތިޙާބުގައި ގުޅިފައިވާ ޕާރޓީތަކުގެ އިއްތިހާދުން ވެރިކަން ކާމިޔާބުކުރުމަށްފަހު ކުރަމުންދާ ވެރިކަމުގައި ފާއިތުވި ދުވަސްތައް ވެގެން ގޮސްފައިވަނީ ސަރުކާރުގެ އެތެރޭންނާއި ބޭރުން ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސް ތަކެއްގެ ގޮތުގައެވެ. އަދި ރައްޔިތުންގެ ލާބަޔާ މަންފާއަށް ވިސްނައިގެން ކަންކުރާ މިންވަރާއި އިއްތިހާދީންގެ ގުޅުމުގެ ބަދަހިކަމުގެ މިންވަރު ވަޒަންވެގެން ގޮސްފައިވާ ދުވަސްވަރަކަށެވެ.

ރައްޔިތުންގެ ލާބަޔަށް ހަރަދު ކުޑަކުރުމުގެ އަސަރު ފެންނަލެއް މަދެވެ. ބަލައިލި ކޮށްމެ ދިމާލަކުންވެސް ފެނިގެން ދަނީ މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ޑިޕިޔުޓީ މިނިސްޓަރުން މަޤާމުތައް އަވަށްޓެރީންނާއި ރަހުމަތްތެރީންނާއި ތިމާގެ މީހުންނަށް ބައިއެޅިގެން ދާތަނެވެ. ފެންވަރާއި ޤަޢުމަށްވެފައިވާ ހިޔާނާތާއި ޤައްދާރުކަން އެއީ ބަލާ މިންގަޑެއް ނޫނެވެ. ވީއިރު ޤަޢުމީ ނަވުގެ މިސްރާބު ޖަހާފައި މިވާ ދިމާލަކީ ކޮބައިކަން ވަޒަންކޮށްލެވެއެވެ.

އަނެއްކޮޅުން ވަޒީފާތައް ތަކުރާރުވެގެން ސަރުކާރުގެ މަތި ބޮޑުވަމުން ފުޅާވަމުން ބުރަހެލިވަމުން އެދަނީ ބަޖެޓުގެ މިތާށި ދުވަސްވަރުއެވެ. ސްޕެސަލް އެންވޯޔީންނާއި ހިޔުމަން ރައިޓުސް އެމްބެސެޑަރުންނާއި ކެބިނެޓު ސެކެއްޓެރީންނާއި ރަށްރަށުގެ ހިންގުމަށް ކައުންސިލަރުން ފަދަ ވަޒީފާތައް ހަމަޖެހިގެން އެދަނީ ވަކިމީހަކަށް ވީތީވަޒީފާ ހަމަޖައްސާ ބީދާއިންނެވެ. މީހުންނަށް ވަޒީފާ ދިނުމުގެ މި އާދަ އަހަރުމެންގެ ތެރެއިން ކެނޑޭނީ ކޮންއިރަކުންކަން ދެނެގަންނަން ދައްޗެވެ.

އަނެއްކޮޅުން ޤާނޫނީ ވެރިކަން ހިންގަން ބުނާއިރު ޤާނޫނާއި ހިލާފަށް ކަންތައް ކުރަމުން ދާތައް ފެންނަމުން ދެއެވެ. ޤާނޫނާއި ހެދިފައިހުރި ޤަވާއިދާ ހިލާފަށް ކުއްވެރީން ދޫކޮށްލާ ހެދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި ލޯނުތައް ނެގިގެން ދާތައްފެންނަމުން ދާތީވެ، ޤާނޫނު ހަދާމަޖިލީހުގެ މެމްބަރުންނާއި ޤާނޫނީ މާހިރުންވެސް އެވާހަކަ ދައްކަމުން ދާކަމީ މިއަދު މިޤަޢުމުގެ ހާލަތެވެ. ވީއިރު ޤާނޫނީ ވެރިކަމެއް މިޤަޢުމުގައި ހިނގަން ފަށާނީ ކޮންއިރަކުން ކަން ދެނެގަންނަން ދައްޗެވެ.

ޤާނޫނަށް ހުރުމަތްތެރިކޮށް ހިތަންޖެހެނީކީ ރައްޔިތުން އެކަންޔެއް ނޫނެވެ. ސަރުކާރާއި ޤާނޫނު ހަދާ މިޖިލީސްވެސް މެއެވެ. ނަމަވެސް މިއަދުވެސް މިފެންނަނީ ސަރުކާރު ޤާނޫނާއި ހިލާފަށް ކަންތައް ކުރަމުންދާއިރުވެސް އެކަމަށް ފާރަވެރިވާންޖެހޭ ފަރާތްތައް ފާރަވެރިނުވާ މަންޒަރެވެ. އަދި ޤާނޫނު ހަދާ ރައްޔިތުންގެ މަޖިލީސްގެ ޒިންމާ އަދާ ކުރުމުގައިވެސް ޒިންމާދާރު ކުޑަގޮތަކަށް ޤަޢުމަށް ޤާނޫނީ ހުސްކަމެއް މެދުވެރިވާފަދަގޮތަކަށް މަސައްކަތްކޮށްފައެވެ. ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު ބާއްވަން ލާޒިމުކުރާ ތާރީޙަށް އެއިންތިޙާބު ބޭއްވުމަށް ބޭނުންވާ އިންތިޙާބީ ގާނޫނާއި ދާއިރާތައް ކަނޑައަޅާ ޤާނޫނުގެ މަސައްކަތް ނުކުރެވިއެވެ.

މަންޒަރުފެންނަގޮތުން މިހާރު މަޖިލީހުގެ މަސައްކަތް މިވަނީ އިއްތިހާދީންގެ އެމްޑީޕީ އާއި ޖުމްހޫރި އާއި ދެމެދު މިހާރު ހިނގާ އަރައިރުމާ ގުޅިފައެވެ. އެއްބަޔަކު މުހުލަތުދެމުންދާއިރު އަނެއްބަޔަކު އެދަނީ ރައްދު ދެމުންނެވެ. މަޖިލީހުގެ ގިނަ ގޮނޑިތަކެއް ލިބިފައިވާ ޖުމްހޫރީ ޕާރޓީއިން އެފަރާތުގެ ހުށައެޅުމާއި އެއްގޮތަށް ސަރުކާރު ހިންގާ އެމްޑީޕީ ދީލައިލާއިގެން މެނުވީ މިހާރު އުދަރެހުން ފެންނަމުންއެދާ ޤާނޫނީ ހުސްކަމަކުން ޤާޢުމު މިންޖުކުރެވިދާނެކަމާ މެދު ސައްކުއުފެދެއެވެ.

ޤަޢުމުގެ ކަންތައްތައް ނިންމުމުގައި ތިއްބެވި ޕާޓީތަކުގެ ކަންތައްތައް މިހެން ހުރިއިރު ވާފާތެރިވަމުން އެދަނީ ޤަޢުމަށް ކަމާމެދު ސައްކުކުރުމުގެ ޖާގައުފެދެއެވެ. އިޙްލާސްތެރިވަނީ ޤަޢުމާއި ރައްޔިތުންނަށް ކަން ދެނެގަންނަން ދަތިވެއެވެ. ރައްޔިތުންނަކީ އެފަރާތްތަކުގެ ވެރިންކަމަށްވާއިރު ހާދިމުން ރައްޔިތުންނަށް ޒިންމާދާރުވެ، އިޙްލާސްތެރިވެ، ކުރިހުވަޔާ އަހުދާއި އެއްގޮތަށް ޤަޢުމާއި ރައްޔިތުންނަށް ވަފާތެރިވާންޖެހެނީ ނިހާޔަތަށެވެ.

Monday, December 22, 2008

ޤަޢުމުގެ ވެރިން ޤަޢުމުގެ ހަޒާނާއިން ލޫޓުވާ ފައިސާ ހޯދާނެގޮތް

ރޮއިޓާރސް އިން ޙަބަރުދީފައިވާ ގޮތުގައި 17ސެޕްޓެމްބަރ 2007 ގައި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އާއި ދުނިޔޭގެ މާލީ އިދާރާ (ވޯލޑް ބޭނކް) އާއި ގުޅިގެން އަމަލުކުރަން ނިންމާފައިވާ ވަރަށް މުހިއްމު އަދި އެހޭމަބޭނުންތެރި އިސްނެގުމެއްވަނީ ހާމަކޮށްފައެވެ. މި އިސްނެގުމަކީ ދިވެހިރާއްޖެ ފަދަ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤަޢުމުތަކުގެ ހިޔާނާތްތެރިވެރިން އެޤައުމުތަކުގެ ހަޒާނާއިން ވަގަށް ގެންގޮސް ދުނިޔޭގެ ކުރިއަރާފައިވާ ޤަޢުމުތަކުގައި ރައްކާކުރާފައިސާ އަލުން އަނބުރާ އެޤަޢުމުތަކަށް ރައްދުކޮށް ދިނުމަށް އެކުލަވާލާފައިވާ އިސްނެގުމެކެވެ.

މި އިސްނެގުމަށް ނަންދެވިފައިވަނީ 'ވަގަށް ނަގައިފައިވާ މުދާ އަނބުރާ ލިބިދިނުން' ނުވަތަ އިގިރޭސިބަހުން ލިޔެފައިވާ ގޮތަށް ބުނާނަމަ ސްޓޯލުން އެސެޓު ރިކަވަރީ (ސްޓަރ) މިފަދައިން ނެވެ. މި އިސްނެގުމުގެ މަޤުސަދަކީ ތިންވަނަ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤަޢުމުތަކުގެ ވެރިން އެޤައުމުގެ ހަޒާނާއިން ވަގަށް ނަގައިގެން ގެންގޮސް ކުރިއަރާފައިވާ މުއްސަދި ޤަޢުމުތަކުގައި ރައްކާކުރާ ފައިސާ އަލުން އަނބުރާ އެޤަޢުމުތަކަށް ރައްދުކޮށް އެފައިސާ އެޤަޢުމުތަކުގެ އިޖުތިމާއި ކުރިއެރުމަށާއި ފަޤީރުކަން ނައްތާލުމުގެ މަޝްރޫޢުތަކަށް ހަރަދުކުރުމަށް ހޯދައިދިނުމެވެ.

މި އިސްނެގުން އިފްތިތާޙުކުރަމުން ދުނިޔޭގެ މާލީ އިދާރާގެ ރައީސް ވިދާޅުވެފައިވަނީ ފަޤީރުންގެ ފައިސާ ވަގަށް ނަގާފަރާތްތަކަށް އެފައިސާ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އަމާން ސުވަރުގެއެއްފަދަ އެއްވެސްތަނެއް ހުރެގެން ނުވާނެއެވެ. މިބާރުހުރި ވަރުގަދަ އިންޒާރަކީ ދުނިޔޭގެ ސުވަރުގެއެއްފަދަ ޤަޢުމުތަކުގެ ރައްޔިތުންގެ ބައިތުލް މާލުން ވައްކަންކުރާ ދުނިޔޭގެ ޤަޢުމުތަކުގެވެރިންނަށް ދިން ވަރަށް ހޫނުގަދަ އިންޒާރެއްކަމާ މެދަކު ޝައްކެއް ނުކުރެވެއެވެ.

މިއަދާ ޖެހެންދެން ތަރައްޤީވަމުން އަންނަ ޤަޢުމުތަކަށް އެޤަޢުމުތަކުގެ ވެރިން ލޫޓުވައިފައިވާ ފައިސާ ހޯދާ ލިބިގަތުމަށް ޤާނޫނީ އަދި އެހެނިހެން ތަފާތު ގިނަގުނަ ހުރަސްތައް ކުރިމަތިވެފައިވެއެވެ. މި ގޮތުން ފާއިތުވި މާޒީ އަށް ވިސްނާލާއިރު، ފިލިޕިންސްގެ ކުރީގެ ރައީސް ފާރޑިނަންޑް މާރކޯސް ސުވިސް ބޭންކުގައި ރައްކާކޮށްފައިވާ ފިލިޕީންސްގެ ހަޒާނާއިން ލޫޓުވާލި ހަސަތޭކަ ސައްވިސް މިލިޔަން އެމެރިކާ ޑޮލަރު އަނބުރާ ލިބިގަތުމަށް އެޤަޢުމުން އަށާރަ އަހަރު ހޭދަކޮށްފާވެއެވެ. ނައިޖީރިޔާގެ ކުރީގެ ހުދުމުހުތާރު ވެރިޔާ ސާނި އަބާޗީ 5 އަހަރުތެރޭ އެޤައުމުގެ ހަޒާނާއިން ލޫޓުވާލި 5 ބިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިހުރި ސުވިސް ބޭންކުން އެފައިސާ އަނބުރާ ލިބިގަތުމަށް 5 އަހަރު ހޭދަކުރަންޖެހުނެވެ.

ދުނިޔޭގެ މާލީ އިދާރާ ވޯލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގެ ޤަޢުމުތަކުގެ ބޯޑަރު ހުރަސްކޮށް އެކިއެކި ޤަޢުމުތަކަށް ނާޖާއިޒު ފައިސާގެ ގޮތުގަ ބެލެވޭ ޓެކުސް އޮޅުވާލުމާއި ހިޔާނާތުގެ ފައިސާގެ ގޮތުގައ އަހަރަކު 1 ޓުރިލިއަން އެމެރިކާ ޑޮލަރުވަންނަމުން ދާނެއެވެ. ކަން މިހެން ހުރިއިރު އެފްރިކާ ބައްރުގެ ޤަޢުމުތަކުގެ ޤަޢުމީ އުފެއްދުންތެރިކަމު(ގުރޮސް ޑޮމެސްޓިކް ޕުރޮޑަކްޓު)ގެ %25 ހިޔާނާތުގެ ސަބަބުން އަހަރަކު ގެއްލިގެން ދެއެވެ. މިއީ އަހަރަކު އެޤަޢުމުތަކުން ގެއްލޭ 148 ބިލިއަން އެމެރިކާޑޮލަރެވެ. އެފްރިކާގެ ހާލަތަށް ވިސްނާ ވޯލްޑު ބޭންކުން އަންދާޒާ ކުރާގޮތުގައި އަނބުރާ ލިބިގަނެވޭ ކޮށްމެ 100 މިލިޔަން އެމެރިކާ ޑޮލަރުން އެއިޑުސް ޖެހިފައިވާ 600000 މީހުންނަށް ނުވަތަ މެލޭރިޔާ ޖެހިފައިވާ 100 މިލިޔަން މީހުންނަށް ބޭސްފަރުވާ ކުރެވޭނެއެވެ.

އަޅުގަނޑުމެން ދިވެހީންގެ ހާލަތު އިތުރަށް ލިޔެ ބަޔާން ކުރުމުގެ މާނައެއްނެތެވެ. ސަބަބކީ ފައިތުވި 60 އަހަރުގެ މާޒީއަށް ވިސްނާ ފިކުރުކޮށް، ނޫސްތަކާއި މަޖައްލާތަކުގެ ފަތްފުއްތައް އުކާލުމުން، ވެރިކަން ބަދަލްވެގެން ދިޔަތަނާ ބޭއްވުނު މުޒާހިރާތަކާއި ކުރަހާފަހުރި ކާޓޫނުތަކާއި ޖެހިލަވަތަކުން އަދި މިފަހުގެ ތާރީހް ތަކުގައި ފެންމަތިކޮށްފައިވާ އެފްޕީއައިޑީ، އެއަރމޯލްޑިވުސް މައްސަލަޔާއި ތަފާތު ލޯނު ސްކީމްތަކުން އެކަނިވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ބައިތުލް މާލުން ފައިސާ ލޫޓުވާފައިވާ މިންވަރު ވަޒަންކޮށްލެވޭނެއެވެ. އަދި މިހާރ ދެކެވޭ 80-40 މިލިޔަން ޑޮލަރުގެ ވާހަކައަކީ ކެޔޮކޭވަރު ހޯދުމަށް ބިތުފަންގިނަގަން ޖެހޭފަދަ އަޑުތަކެވެ. މިފަދައިން ފެންމައްޗަށް ފެންނަން ހުރި މަންޒަރަށް ވިސްނާލައިގެން ގުނާއަދަދުކޮށްފިނަމަ ފިލިޕީންސްގެ މާރކޯސް އާއި ނައިޖީރިޔާގެ ހުދުމުހުތާރުވެރިޔާ އަބާޗީ ރައްޔިތުންގެ ފައިސާ ލޫޓުވިމިންވަރަށް ގާތްކުރާ މިންވަރަށްވެސް ދިވެހިރާއްޖޭގައި ރައްޔިތުންގެ ފައިސާ ލޫޓުވެފައި ވާނެކަމާ މެދު ސައްކުކުރެވޭ އިރު ދިވެހިންގެ ފައިސާ ލޫޓުވާ ފަރާތްތަކާމެދު އަޅާނުލާ ދޫކޮށްލަންވާނެހެއްޔެވެ.

Friday, December 19, 2008

ރައްޔިތުންގެ މަޖިލީސް މަސައްކަތްކުރާގޮތާއި ދަޢުރ

ރައްޔިތުންގެ ޕާލިއަމެންޓަކީ ރައްޔިތުންނަށް ޒިންމާދާރުވެ ޖަވާބުދާރީ ވާންޖެހޭ ވަކި ސިއްކައެއް ލިބިގެންވާ ރައްޔިތުންގެ ވެރިކަމުގެ ބާރުތަކުގެ ތެރެއިން ރައްޔިތުންގެ ބާރުގެ ބައެއް ރައްޔިތުން އެމަޖިލީހަކަށް ހަވާލުކުރެވިފައިވާ ބަޔަކު ހިމެނޭ މުއައްސިސާއެކެވެ. މި މުއަށްސިސާއަށް އެކިއެކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކުރުމަށްޓަކައި ކަޑައެޅިފައިވާ އަދަދަކަށް އެދާއިރާއެއްގެ ރައްޔިތުން މެމްބަރުން އިންތިޙާބުކުރަންޖެހެއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހެދުމުގެ އިތުރުން އުފެދިފައިވާ ސަރުކާރުގެ ސިޔާސަތާއި އަމަލުތަކާއި ޚަރަދުތަކަށް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވާފަރާތެވެ.

ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި މަޖިލީހުގެ އުމުރުކަމުގައިވާ 5 އަހަރުގެ މުއްދަތުގައި ކޮށްމެއަހަރަކަށް ބަހައިލައިގެން ކަނޑައެޅޭ ވަކިދުވަސްވަރުތަކެއްގައި ބައްދަލުވާންޖެހެއެވެ.
ރައްޔިތުންގެ މަޖިލީހަށް އެކިއެކިދާއިރާތަކުން އިންތިޙާބުކުރެވޭނޭ 74 ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި އައުޤާނޫނުތައް ހެދުމާއި ކުރީގެ ޤާނޫނުތަކަށް ޒަމާނާއެކަށޭނަ ހެޔޮބަދަލް ގެނައުމާއި ރައްޔިތުން ތަމްސީލުކުރުމާއި ސަރުކާރުގެ ބަޖެޓުފާސް ކުރުމަށާއި ޓެކުސްނެގުމަށް ބަލަންޖެހޭކަންތައްތައް ބެލުމާއި ސަރުކާރުގެ ސިޔާސަތުތަކަށާއި އަމަލުތަކަށް ސަރުކާރު ޒިންމާކޮށް ޖަވާބުދާރީކުރުވަންޖެހެއެވެ.
އައު ޤާނޫނުހެދުން
ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސައްކަތަކަށް ވެފައިވަނީ އައުޤާނޫނުތައް ހެދުމާއި ކުރީގެ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލްތައް ޒަމާނާއެކަށޭނަގޮތަށް ބަދަލުކުރުމެވެ. މަޖިލީހަށް ހުށައެޅޭ ބިލެއް ޤާނޫނަކަށް ވުމުގެ ކުރިން އެތަކެއް މަރުޙަލާތަކެއް ކަޑަތުކޮށްގެން ދިވެހިރާއްޖޭގެ ޤާނޫނަކަށްވެ، ގެޒެޓުގައި ޝާއިޢުކުރެއެވެ.

ރައްޔިތުން ތަމްސީލުކުރުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެމަޖިލީހަށް އެމެމްބަރުން ހޮވި ރައްޔިތުން ތަމްސީލުކުރަންޖެހޭނޭ ފަރާތްތަކެކެވެ. ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ތަމްސީލުކުރަންޖެހޭނީ ރައްޔިތުންނެވެ. އަދިމެމްބަރުންގެ އަމަލުތަކުން ރައްޔިތުންނަށް ތަމްސީލުކޮށްދެވިގެންދާނީ މަޖިލީހެވެ. ވީމާ، ރައްޔިތުން އެދޭފަދަގޮތަކަށް މަޖިލީހުގައި މެމްބަރުން އަމަލު ނުބެހެއްޓޭނަމަ، ދެންއޮންނަ އިންތިޙާބެއްގައި ރައްޔިތުންނަށް އެފަދަމެމްބަރުން ވޯޓުލައިގެން ދުރުކުރެވިދާނެއެވެ. މިއީ ރައްޔިތުން ޤައުމުހިންގުމުގައި ބައިވެރިވަމުންދާ ގޮތެވެ. މިފަދައިން ރައްޔިތުން ޤައުމުހިންގުމުގައިބައިވެރިވާއިރު ވޯޓުލުމުގައި ވަރަށްބޮޑަށް ސަމާލުވެ، ޒިންމާދާރުވާންޖެހޭނެއެވެ.

ސަރުކާރުގެ ބަޖެޓާއި ޓެކުސް
ރައްޔިތުންގެ މަޖިލީހުގެ ފާސްކުޅައުމަކާ ނުލައި ސަރުކާރުން ޓެކުސް ނެގުމަކީ ޤާނޫނާ ޙިލާފުކަމެކެވެ. މި ބާރުވެރިކަން މަޖިލީހަށް ލިބިގެންވަނީ އެކުލަވާލާފައިވާ ޤާނޫނުތަކުންނެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ބަޖެޓެއްގެ ގޮތުގައި ހަދާ މަޖިލީހުން ފާސްކުޅައުމަށްޓަކައި ސަރުކާރުން އަހަރަކު އެއްފަހަރު ހުށައަޅަންޖެހެއެވެ. އަދި އިތުރު ފައިސާވެސް ހަރަދު ކުރެވިގެންދާނީ މަޖިލީހުން ފާސްކުރެވިގެންނެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުން
ރައްޔިތުންގެ މަޖިލީހުން ތަފާތު ގިނަގޮތްތަކުން ސަރުކާރު ޒިންމާދާރު ކުރުވައެއެވެ.
1. ސުވާލުކުރުން
މަޖިލީހުގައި އޮންނަ ސުވާލުކުރުމުގެ ވަގުތުގައި މިނިސްޓަރުން ޤަޢުމު ހިންގާގޮތާއި މެދު ސުވާލުކުރެވޭނެއެވެ. މި ޓެސްޓަކީ ވަކިވަކި މިނސްޓަރުންގެ ކުޅަދާނަކަމާއި ލިޔާގަތު ހާމަކުރުވުމުގެ އިތުރުން މުޅިސަރުކާރުގެ ޤާބިލްކަން ފެންނާނެ ޓެސްޓެއްވެސްމެއެވެ. ސުވާލުކުރެވޭ ވަގުތުގައި އަނގަބަހުން ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާއިރު އެސުވާލުތަކާގުޅޭ އިތުރުސުވާލުކުރެވުމުގެ އިތުރުން ލިޔުމުން ސުވާލުކުރުމަކަށް ވަކިމިންވަރެއްކަޑައެޅިފައެއް ނުވެއެވެ.

2. ބަހުސް
މަޖިލީހުގައި ސަރުކާރުގެ ސިޔާސަތާއި މިނިސްޓަރުން ޤައުމުގެ ކަންތައްތައް ހިންގާގޮތުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި ގިނަގުނަބަހުސް ކުރެވެއެވެ. މިގޮތުން ސަރުކާރުގެ ސިޔާސަތާއި ހަރަދުބަރަދާއި ޓެކުސް ނެގުމުގެ ބަހުސްތަކުގައި ސަރުކާރަށް ބޮޑެތިގޮންޖެހުންތައް ކުރިމަތިކުރުވައެވެ. އާއްމުކޮށް ބަހުސްކުރުމަށް ހުޅުވާލެވިފައިވައި ދުވަހު މެމްބަރުންނަށް ތަފާތު މައްސަލަތައް ނަގައިގެން ބަހުސްކުރެވިދާނެއެވެ. މިފަދަ ވަގުތުތަކުގައި މިނިސްޓަރުންގެ ޒިންމާއާބެހޭ ކުއްލިމައްސަލަތައް ހުށައެޅި، މަޖިލީހުގެ ރައީސް އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތުދިނުމުން ބަހުސަށް ހުޅުވިގެންދެއެވެ. މީގެއިތުރުން ރައީސްގެ އަހަރީ ބަޔާން މަޖިލިހަށް އިއްވާ ދުވަސްތަކުގައި އެތަކެއް ގަޑީރަށް މަޖިލީހުގެ ބައްދަލުވުނ ދިގުދެމިގެންދެއެވެ.

3. ކޮމެޓީ
މަޖިލީހުން ކަޑައަޅާކޮމެޓީއަކުން ސަރުކާރުގެ އަމަލުތައް ބަލާތަހުޤީގު ކުރެވިދާނެއެވެ. އަދި މިތަޙުޤީގުތަކުގައި ތަޙުޤީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް އެފަރާތްތަކުގެ ލަފަޔާއި ހުށައެޅުންތައް ހޯދިދާނެއެވެ. ކޮމެޓީގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ސަރުކާރުން ކަނތްތައް ކުރަންވީގޮތުގެ މައްޗަށް މަޖިލީހަށް ރިޕޯރޓެއް ހުށައަޅާނެއެވެ. މި ރިޕޯޓަށް ސަރުކާރުން ޖަވާބުދާރީ ވާންޖެހުނަސް އެރިޕޯރޓަށް ސަރުކަރުން އަމަލުކުރާކަން މަޖުބޫރެއް ނުވާނެއެވެ.

4. ޕެޓިޝަން
މަޖިލީހުގެ ސަމާލުކަމަށް ގެންނަންޖެހޭނޭ ކަމެއް ގެންނަންއޮތް ހުރިހާ ދޮރެއް ބަންދުވުމުން ޕެޓިޝަނުގެ ގޮތުގައި އެކަމެއް މަޖިލީހަށް މެމްބަރުންނަށް ހުށައެޅިދާނެއެވެ. މިފަދަ ޕެޓިޝަނަކުން ސަރުކާރުގެ ސިޔާސަތު ބަދަލްކުރުމަށާއި ޤާނޫނަށް ބަދަލްގެނައުމަށް ހުށައެޅިދާނެއެވެ. ގިނަފަހަރަށް ޕެޓިޝަނުން ހުށައެޅިގެން ދަނީ ސަރުކާރުގެ އަމަލުތަކަށް ސަމާލުކަން ގެނައުމަށްޓަކައެވެ. މިފަދައިން ހުށައެޅޭ ޕެޓިޝަންތައް ބެލިގެންދަނީ އެކަމަށް އަށްޔަނުކުރެވޭ ކޮމެޓީއަކުންނެވެ. އެކޮމެޓީން އެކަން ބެލުމަށްފަހު ފެންނަގޮތްތަކެއް މަޖިލިހަށް ރިޕޯރޓުކުރަންޖެހެއެވެ.

5. ބައިނަލް އަގުވާމީ މުޢާހިދާ
ބައިންލް އަގުވާމީ މުޢާހިދާތަކުގެ އަސަރު މަޖިލީހުން ހަދަމުންގެންދާ ޤާނޫނުތަކަށް ކުރަމުންދާނެއެވެ. ވީމާ، އެފަދަ މުއާހަދާތަކުގައި ދިވެހިރާއްޖެ ބައިވެރުވުމަށް ނިންމަމުންގެންދަންޖެހޭނީ މަޖިލީހުގެ ނިންމުންތަކާއެކުއެވެ.

ވީމާ، ރައްޔިތުންގެ މަޖިލީހުގެ ޒިންމާއާއި މަސްއޫލިއްޔަތާއި ދައުރު ފުރިހަމަގޮތުގައި އަދާކުރެވޭހާލު ދިވެހިޤައުމީ ނަވުގެ ދުވެލީގެ ކުރިއެރުން ހަލުވިވެ، މިއަދު ހިޔާލުނުކުރެވޭ ކުރިއެރުމާއި ރައްކާތެރިކަމާއި އުފާފާގަތިކަން ރައްޔިތުންނަށް ކުރަމުންދާނެކަމާމެދު ކުޑަވެސް ޝައްކެތް ކުރުމުގެ ޖާގައެއް ނޯންނާނެޔޭ ބުނެވިދާނެހެއްޔެވެ؟

Sunday, December 14, 2008

ސިޔާސީ ޕާރޓީތަކަށް ފައިސާ ދިނުން

ސިޔާސި ޕާރޓީތަކަށް ފައިސާ ދިނުމުގެ ފަލްސަފާއަށް ތާއިދުކުރާއިރު އެގޮތަށް ރައްޔިތުންގެ ފައިސާ ދިނުމުގެ ހަމަތަކެއްވެސް އޮންނަންޖެހޭނެއެވެ. ރައްޔިތުންގެ ތަޢުލީމާއި ސިއްޙީ ޙިދުމަތުގެ ފެންވަރު މަތިކޮށް ރަނގަޅުކުރުމަށާއި އަދި އެހެނިހެން ކަންތައްތައް ރަނގަޅުކުރުމަށް ހޭދަކުރަން ހުރި ރައްޔިތުންގެ 11.9 މިލިޔަން ރުފިޔާ ޕާރޓީތަކުގައި މެމްބަރުން ތިބިއަދަދަށްބެލިގެން 2008 ވަނައަހަރު 7 ޕާރޓީއަކަށް ބެހުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ސަބަބަކީ ސިޔާސީ ޕާރޓީއަށް ދެވޭ ފައިސާއަކީސަރުކާރުގެ ފައިސާއެއް ނޫނެވެ. ސަރުކާރެއްގައި އެފަރާތުގެ އަމިއްލަ ފައިސާއެއް ނުހުންނާނެއެވެ. ސަރުކާރުން ހަވާލުވެފައިވާ ފައިސާއަކީ ރައްޔިތުންގެ އަމާނާތެކެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ތަފާތު ނަންނަމުގައި ގިނަ ޕާރޓީތަކެއް ރަޖިސްޓުރީކޮށް، ހަރަކާތްތެރިވާ ޕާރޓީތަކަކާއި ހަރކާތްތެރި ނުވާ ޕާރޓީތަކެއް ވެއެވެ. ވީމާ، ޕާރޓިއެއް ރަޖިސްޓުރީކުރުމަކުން އެޕާރޓީއަކަށް ފައިސާ ދިނުމުގެ މިންގަޑަކާއި އުސޫލެއް އޮވެގެން ނުވާނެއެވެ. އެއާހިލާފަށް ޕާރޓީއަކުން އިންތިޙާބުގެ ވޯޓުލީމީހުންގެ %1 ތާއީދު ހޯދައިފިނަމަ ފައިސާދިނުމުގެ އުސޫލެއް ކަނޑައެޅުމަކީ މުހިއްމުކަމެކެވެ. ސަބަބަކީ ރަޖިސްޓުރީކުރެވިފާވާ ޕާރޓީއެއްގެ ބޭނުން ރައްޔިތުންގެ ވޯޓަކުން ހާމަކުރުމެވެ. އަދި ރައްޔިތުންގެ ތާއީދެއް ނެތްޕާރޓީއަކަށް ރައްޔިތުންގެ ފައިސާގެ އެހީ ދިނުމަކީ ރައްޔިތުންގެ ސްކޫލުތަކާއި ސިއްޙީ މުހިއްމު ޙިދުމަތްތައްފަދަ ކަންތައްތަކަށްހުރި ފައިސާއިން އުނިވާނެކަމެކެވެ.

ދިވެހި އިސްލާމީ ޑިމޮކުރަސީގެ ބާރުތައް ތަފާތު އިންތިޙާބުތަކުން ޤާއިމްކުރަމުންދާއިރު، މުސްތަޤްބަލުގެ އިންތިޙާބީ ނަތީޖާތަކަށް ވިސްނައިގެން ޕާރޓީތަކަށް ރައްޔިތުންގެ ފައިސާގެ އިނާޔަތް ދިނުމުގެ އިންތިޒާމެއް ޖުމްލަ ފައިސާ އަހަރުތެރޭގައި ހަތަރު މަރުހަލާއަކަށް ބަހައިލައިގެން ހަމަޖެއްސިދާނެއެވެ.

ފުރަތަމަ އުސޫލެއްގެ ގޮތުން ރައްޔިތުންގެ ފައިސާގެ އިނާޔަތުގެ ބައެއް ޕާރޓީއަކަށް ދިނުމަށް ކަނޑައެޅިދާނެގޮތަކީ ރައްޔިތުންގެ މަޖިލީހުގަ ޕާރޓީއަށް ގޮޑި ލިބިފަވާ ނިސްބަތަށް ބަލައިގެން ފައިސާގެ ފުރަތަމަބައި ދިނުމަށް ކަނޑައެޅުމެވެ.

ދެވަނަ އުސޫލެއްގެ ގޮތުން ރައްޔިތުންގެ ފައިސާގެ އިނާޔަތުގެ ބައެއް ޕާރޓީއަކަށް ދިނުމަށް ކަނޑައެޅިދާނެގޮތަކީ ރިޔާސީ އިންތިޙާބުގައި ޕާރޓީއަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން ފައިސާގެ ދެވަނަބައި ޕާރޓީތަކަށް ބެހުމަށް ހަމަޖެއްސުމެވެ.

ތިންވަނަ އުސޫލެއްގެ ގޮތުން ރައްޔިތުންގެ ފައިސާގެ އިނާޔަތުގެ ބައެއް ޕާރޓީއަކަށް ދިނުމަށް ކަނޑައެޅިދާނެގޮތަކީ ރައްޔިތުންގެ މަޖިލީހުގެ އާއްމު އިންތިޙާބީ ނަތީޖާއަށް ބަލައިގެން ފައިސާގެ ތިންވަނަބައި ޕާރޓީތަކަށް ބެހުމަށް ހަމަޖެއްސުމެވެ.

ހަތަރުވަނަ އުސޫލެއްގެ ގޮތުން ރައްޔިތުންގެ ފައިސާގެ އިނާޔަތުގެ ބައެއް ޕާރޓީއަކަށް ދިނުމަށް ކަނޑައެޅިދާނެގޮތަކީ އަތޮޅާއި ރަށުކައުންސިލް ނުވަތަ މުނިސިޕަލް ކައުންސިލް އިންތިޙާބީ ނަތީޖާއަށް ބަލައިގެން ފައިސާގެ ހަތަރުވަނަ ބައި ޕާރޓީތަކުގެ މެދުގައިބެހުމަށް ހަމަޖެއްސުމެވެ.

ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގަ ބެލެވޭ ސުވިޑުން އާއި ކުރިއަރަމުން އަންނަ ސައުތު އެފްރިކާގައި މިފަދައިން މަތީގައި ނަކަލުކޮށްފައިވާ އުސޫލުތަކުގެ އަލީގައި ކަންކުރާއިރު އަހަރުމެން ފިލާވަޅު ލިބިގަންނަންވާނެއެވެ. އެޤަޢުމުތަކުގައި ރައްޔިތުންގެ ފައިސާގެ އިނާޔަތް ޕާރޓީއަކަށް ލިބުމަށް ޕާރޓިގެ އެކައުންޓުތަކާއި ޙަރަދު ބަރަދު ހިނގާނުހިގާގޮތް ޤާނޫނާއި ޤަވާއިދުތަކުގެ އަލީގައި ލިޔެކިޔުމުން ބެލެހެއްޓި ޖަވާބުދާރީވެ، ޒިންމާދަރުވާންޖެހެއެވެ.

ޕާރޓީއަކަށް ފައިސާ ދިނުމުގައި ބެލެވިދާނެ ފަލްސާފާވެރި އެހެންގޮތަކީ ޕާރޓީއަކަށް އިންތިޙާބުގައި ލިބޭ ކޮށްމެ ވޯޓެއްވެސް ފައިސާ ދިނުމުގައި ގުނުމެވެ. މިގޮތަށް ގުނުމުގައި ބަލާނީ ޕާރޓީގެ ހުރިހާ ކެނޑިޑޭޓުންނަށް އަދި ހޮވުނަސް ނުހޮވުނަސް ލިބުނު ވޯޓުއެއްކޮން ޖުމްލަކޮށްގެން އިންތިޙާބީވޯޓުގެ ނިސްބަތުން ޕާރޓީތަކަށް ފައިސާ ދިނުމެވެ. ސަބަބަކީ ކެންޑިޑޭޓަކު ނުހޮވުނަސް އެޕާރޓީއަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެނެގަނެ ރައްޔިތުން އިނާޔަތް ދިނުމެވެ.

ޕާރޓީތަކަށް ރައްޔިތުންގެ ފައިސާގެ އިނާޔަތް ދިނުމަށް މިގޮތްތަކުން ކަނޑައަޅާއިރު އެފައިސާ އަހަރުތެރޭ ޕާރޓީތަކަށް ހަތަރުބަޔަށް އިންތިޙާބީނަތީޖާއަށް ބަލައި ކަނޑައެޅި ހަވާލުކުރެވިދާނެއެވެ. މިގޮތްތަކުން ރައްޔިތުންގެ ފައިސާ ހަވާލުކުރެވި އެފައިސާއަށް ވާނުވާބެލެވި ފާރަވެރިވާންޖެހޭނީ ހެދިފައިވާ އެހެނިހެން ޤާނޫނާއި އެޤާނޫނުތަކެއް ހިންގުމަށް ލާޒިމުކުރާ އިދާރާއެއްގެ ތެރޭންނެވެ.

Saturday, December 6, 2008

ލާމަރުކަޒީ ސަރުކާރު-ކީއްކުރާ ބައެއް؟

ލާމަރުކަޒީ ސަރުކާރަކުން އެއަތޮޅެއްގެ ރައްތަކުގެ ލާބަޔާއި މަންފާއާއި ތަރައްޤީއާއި ކުރިއެރުން ކުރިއަރުވާނެއެވެ.

ތިބާ ކޮށްމެ އަތޮޅަކާއި ރަށަކަށް ނިސްބަތްވެ ދިރިއުޅުނުކަމުގައިވީނަމަވެސް، އެސަރަހައްދެއްގައި އުފެދިފައިވާ ލާމަރުކަޒީ ސަރުކާރަކުން އެސަރަހެއްދެއްގެ ރައްޔިތުންނާއި ގުޅިގެން އިޖުތިމާއި، އިޤްތިސާދީ، ތިމާވެށި އަދި ސަގާފަތް ހެޔޮރަނގަޅު ގޮތުގައި ތިބާއާއި ތިބާގެ ދަރީންނާއި ދަރީންގެދަރީންނަށްޓަކައި ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާނެއެވެ.

ލާމަރުކަޒީ ސަރުކާރުތަކުން ދިމިގުރާތީ ހަމަތަކުން ސަރަހައްދީ އަތޮޅާއި ރަށްތަކަށް ފައިދާކުރަނިވި ގޮތަށް ކަންތައް ކުރިޔަށް ގެންދާއިރު އިންތިޙާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖެ އާއި ދިވެހި ދައުލަތުގެ ތަފާތު ކަންކަމާމެދު ބަހުސްކޮށް ގޮތްނިންމަމުންދާނެއެވެ. މީގެން މިދޭހަކޮށްދެނީ ހުރިހާ ސަރަހައްދީ މުޖުތަމަޢުތަކަކީ އެއްކަހަލަ މުޖުތަމަޢުތަކެއް ނޫންކަމާ އަދި އެމުޖުތަމުތަކުގައި ހުންނާނީއަކީ އެއްކަހަލަ މައްސަލަތަކެއް ނޫންކަމެވެ.

މިގޮތުން ތިބާ ދިރިއުޅޭ ސަރަހައްދުގެ ސަރުކާރުތަކުން ހާސިލު ކުރަންޖެހޭ ކަންތައްތައް މައިގަނޑު ފަސްބަޔަކަށް ބަހާލެވިދާނެއެވެ. ވީމާ، ކުރިއަރަމުން އަންނަ ސަރަހައްދީ މުޖުތަމަޢުތަކުގެ ބޭނުންތައްކަމުގައިވާ އަޢު ވަޒީފާ އުފެއްދުމާއި ދެމެހެއްޓެނިވިތަރައްޤީއެއް ހާސިލްކުރުމާއި ދިރިއުޅުމަށް ސަލާމަތްތެރި ރައްކާތެރި ވެއްޓެއް ޤާއިމުކުރުމާއި ފަރުދީ އެއްބާރުލުމާއި އަޅާލުމުގެ ރޫހެއް އުފެއްދުމާއި ތަރައްޤީވެ ބަދަލްވަމުންދާ އާދަކާދަ ދެމެހެއްޓިފައިވާ ސިޔާސީ ހަމަޖެހުން އޮތް ސަރަހައްދީ ޖައްވެއް އުފެއްދުން އެއީ އެފަދަ ލާމަރުކަޒީ ސަރުކާރެއްގެ ދައުރަކަށް ވާނެއެވެ.

މިފަދަ ޒިންމާދާރު ދައުރެއް އަދާކުރަމުންދާ ސަރަހައްދީ އަތޮޅާއި ރަށު ކައުންސިލްތަކުން ކުރަމުންގެންދާ ކަންތައްތަކާއި ދެމުންގެންދާ ޙިދުމަތްތަކުގެ އަސަރު އަހުރަމެންގެ ދިރިއުޅުމުގެ ތަފާތުކަންތައްތަކާއި ބޭނުންތަކަށް ކުރަމުންދާނެއެވެ. މިގޮތުން ސާފުރައްކާތެރި ބޯފެން ފޯރުކޮށްދިނުމާއި ބަދަރު ހެދުމާއި ކުނިނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުމާއި ދިރިއުޅޭނޭ ގޯތިގެދޮރު ލިބިދިނުމާއި ދަރީން ރައްކާތެރިކަމާއެކު ކުޅެއުޅޭނޭ ކުޑަކުދީންގެ ޕާރކު ހެދުމާއި ދުވާލުގެ ހަލަބޮލި ދިރިއުޅުމަށްފަހު ދެމަފިރިން ހިތްހަމަޖައްސާލަން އެކީގަ ހިނގާލަންދާނެ ރަނގަޅަށް އަލިކުރެވިފައިވާ މަގުތައް ހެދިފަ ހުންނާނެއެވެ. މީގެ އިތުރުން ސަރަހައްދީ ނުވަތަ ރަށުގެ މުސްތަގުބަލަށްޓަކައި ތަރައްޤީގެ ތަސައްވަރުތައް ކުރިއަރަމުން އަންނަ އާބާދީގެ ބޭނުންތަކަށް ބެލިގެން ރާވާ، ސަރަހައްދަށް ބޭނުންތެރި ގަވާއިދުތައް ދިވެހިރާއްޖޭގެ ޤާނޫނާއި ހިލާފުނުވާގޮތުންހެދި ތަންފީޒުކުރެވި، މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެންމެންގުޅިގެން ކުއްކުރުމުން ރައްޔިތުން ދުރުކުރުމާއި ގުދުރަތީ ނުރައްކާތެރި ކާރިސާތަކުން ރައްޔިތުންނަށް ސަލާމަތްކަން ލިބިދެނިވި ގޮތްތައްބަލައި ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ހިންގަމުންގެންދާނެއެވެ.

މިފަދަ ސަރަހައްދީ ލާމަރުކަޒީ އަތޮޅުކައުންސިލާއި ރަށުކައުންސިލުތަކުގެ އޮނިގަނޑު ހަމަޖެހިފަ އޮންނާނީ އެތެރެއާއި ބޭރު ސާފުކޮށް ފެންނަން އޮންނަގޮތަށެވެ. އެ ކައުންސިލްތައް ހިންގަމުންގެންދާނީ އެކައުންސިލަކަށް ނިސްބަތްވާ ވޯޓުލާ އާބާދީގެ މެދުން ތިންއަހަރުން އެންއަހަރު ބޭއްވޭ އިންތިޙާބަކުން އިންތިޙާބުކުރެވިފައިވާ އަތޮޅުވެރިންނާއި ކަތީބުންނެވެ. އެވެރިންނަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނީ އިންތިޙާބުކުރެވިފައިވާ މުޖުތަމުޢުގެ މެމްބަރުންނެވެ. މިފަދައިން އިންތިޙާބުކުރެވޭ އަތޮޅުކައުންސިލާއި ރަށުކައުންސިލްގެ ދައުރާއި އެފަރާތްތަކުގެ ޒިންމާއާއ މަސްއޫލިއްޔަތަކަށްވާނީ އެ އަތޮޅާއި ރަށެއްގެ ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުން އިޖުތިމާޢި ގޮތުންނާއި އިޤުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި ތިމާވެށީގެ ގޮތުންނާއި ސަގާފީގޮތުން ބޭނުންވެއްޖެ ހިނދެންގައި ފަންނީ މާހިރުންގެ ލަފާގެމަތިން ހޯދައިގެން ކުރިއެރުވުމެވެ. ވީމާ، ރައްޔިތުން ތަމްސީލުކުރާ ވެރިން ނާއި ކައުންސިލަރުން ތިޔަފަރާތްތަކުން އިންތިޙާބުކުރާނީ ސަރަހައްދީ ބޭނުންތަކާއި ކަންކަމާއި މައްސަލަތަކުގަ ގޮތްކިޔާ ނިންމާ މަސްއޫލުވެ، ޒިންމާވެ، އެކަންކަމަށް ފިޔަވަޅު ތިޔަފާރާތްތަކުގެ މެދުން އަވަހަށްއަޅާ، މިއަދާއި މާދަމާ، ތަރައްޤިއާއި ކުރިއެރުން ހާސިލުކުރުމަށެވެ.

މިފަދަ ދިމިގުރާތީ ގޮތުން އިންތިޙާބުކޮށްފައިވާ އަތޮޅުކައުންސިލާއި ރަށުކައުންސިލުތަކުގެ ހުރިހާ މަސައްކަތެއްވެސް ހިނގަމުންދާނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުޅަ ލާމަރުކަޒީ ސަރުކާރު ހިންގުމުގެ ޤާނޫނުގެ ދަށުންނެވެ. މިފަދައިން ޤާނޫނީ ހަމަތަކުން ހިނގަމުންދާ އަތޮޅުކައުންސިލާއި ރަށުކައުންސިލުތަކަށް ވަރަށް ފުޅާދާއިރާއެއްގައި މިނިވަންކަމާއި އެކު އެ އަތޮޅަކާއި ރަށެއްގެ ދެމެހެއްޓެނިވިތަރައްޤީއަށް މަސައްކަތްކުރުމުގެ އިޙްތިޔާރާއި ބާރު ލިބިދީފައިވާނެއެވެ. އަދި ހުރިހާކަމެއްވެސް ހިންގަމުންގެންދާނި ސަރަހައްދީ އަތޮޅާއި ރަށުގެ ލާބަޔާއި މަންފާއަށެވެ.

އަތޮޅާއި ރަށުގެ ތަރައްޤިއާއި ލާބަޔާއި މަންފާއާއި ކުރިއެރުމަށް މަސައްކަތްކުރާ ކައުންސިލްތައް މަސައްކަތްކުރާނީ މައިސަރުކާރާއި އެހެނިހެން ފަރާތްތަކާއި ރައްޔިތުންގެ މަޖިލިސްތަކާއި ވިޔަފާރިކުރާފަރާތްތަކާ ގުޅިގެން މުޅިމުޖުތަމަޢުގެ ލާބަޔަށެވެ. އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތައް ހިނގަމުންދަނީ އުފެދިފައިހުރި ޤާނޫނީ ހަމަތަކުގެ މަތިންތޯ ބަލާ އެފަރާތްތަކަށް ލަފާދޭ ބަޔަކަށް ވާނީ މިނިސްޓުރީ އޮފް އެޓޯލްސް އެވެ. ސަރުކާރުގެ އެހެނިހެން މިނިސްޓުރީތަކާއި އޮފީސްތަކުގެ މަސައްކަތްތަކުގައި ސީދާ އަތޮޅުކައުންސިލާއި ރަށުކައުންސިލުތަކާއި ގުޅެންޖެހޭނެއެވެ. މިސާލަކަށް ސިއްޙީ އަދި ތަޢުލީމުގެ ކަންކަމާއި މައްސަލަތަކުގައި ކައުންސިލުތަކުން ސީދާގުޅާނީ މިނިސްޓުރީ އޮފް ހެލްތު އަދި އެޑިޔުކޭޝަނާއެވެ. އަދި ކައުންސިލުތަކުގެ ހިންގުމާއި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ލިބިދެވޭނީ ސަރަހައްދީ ފީތަކުންނާއި މައިސަރުކާރުން ސަރަހައްދީ ސަރުކާރުތަކަށް ދޭ ފައިސާއިންނެވެ.

މިފަދައިން ދިމިގުރާތީ ހަމަތަކުން ރައްޔިތުންގެ ވެރިކަމުގެބާރުގެ ބައެއް ރައްޔިތުން އިންތިޙާބުކުރި ފަރާތްތަކާ ހަވާލުކުރުމުން ޒިންމާއާއި މަސްއޫލިއްޔަތު ކެރިގެން ނަގާއިގެން ސަރަހައްދީ ދެމެހެއްޓެނިވި، ކުރިއެރުން ގެނެސް ރައްޔިތުންގެ ރުހުމާއި ތާއީދު ލިބިއްޖެނަމަ، އައު ޒައީމުންތަކެއް އުފެދި، އެފަދަ ފަރާތްތަކުން ރާއްޖޭގެ ވެރިކަމަށް އައުމުގެ މަގުވެސް ގައުމުގެ ދަރީންނަށް ތަނަވަސް ވެގެންދާނެއެވެ.

Friday, December 5, 2008

މަސައްކަތްތެރިންގެ ހައްޤުތަކަކީ ކޮބައި؟

ދުނިޔޭގެ އިންސާނީ މުޖުތަމަޢުއަށް ވިސްނާލާއިރު ކޮށްމެ މުޖުތަމަޢުއެއްގައިވެސް އެ މުޖުތަމަޢުގެ މަސައްކަތްތައް ކުރާ މަސައްކަތްތެރީން ތަކެއް ވެއެވެ. އެމަސައްކަތްތެރީން ތަފާތު ދާއިރާތަކުގައި ކުރާމަސައްކަތްތަކުން އެމުޖުތަމަޢުގެ މިއަދާ މާދަމާ ރޯޝަން ކުރެއެވެ. ވީމާ، މަސައްކަތްތެރީން ވެފައިވަނީ މުޖުތަމަޢުގެ ތަރައްޤީގެ މުލައްދަޑި ތަކާއި ވިސްނުންތެރި ސިކުޑިތަކާއި މުޖުތަމަޢޭ މިކިޔާ ޤައުމުގެ ލޭ ހިނގާ ހީވާގި ވަފާދާރު ހިތްތަކުގެ އަހުލުވެރީންނަށެވެ. ވީއިރު އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމަކީ އެފަރާތްތަކުގެ ކަންކަންކުރުމަށް އިންތިޙާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި އެންމެހާއި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވިފަރާތްތަކުގެ ޒިންމާއެކެވެ. ވީމާ، މި މަޒުމޫނުގައި މިބަލައިލަނީ މަސައްކަތްތެރީންގެ ހައްޤުތަކުގެ މައްޗަށެވެ.

ދުނިޔޭގެ މަސައްކަތްތެރީންގެ ޖަމިއްޔާ އައިއެލްލޯ އިން 1998 ވަނަ އަހަރު އެކަށައަޅާފައިވާ މަސައްކަތްތެރީންގެ ހައްޤުތަކާބެހޭ ގަރާރަކީ ދުނިޔޭގެ އިންސާނީ މުޖުތަމަޢުތަކޭ މިކިޔާ ޤައުމުތަކުގެ ސަރުކާރުތަކާއި މަސައްކަތްތެރީންގެ ޖަމިއްޔާތަކާއި މަސައްކަތްދޭ ފަރާތްތައް އިހްތިރާމްކޮށް ހިމާޔަތް ކޮށް މުޖުތަމަޢުގެ އެއްމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލާބަޔާއި އަދި މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިސާދީ މަންފާއަށްޓަކައި ދަމަހައްޓަންޖެހޭ ހައްޤުތަކެކެވެ. މި ދެންނެވި މަސައްކަތްތެރީންގެ ހައްޤުތަކާ ބެހޭ ޤަރާރު ބެހިގެންވަނީ މައިގަޑު ހަތަރު ބަޔަށެވެ. އެބައިތަކަކީ:
މަސައްކަތެރީންގެ ޖަމިއްޔާތައް އުފެއްދުމާއި ހިންގުމާއި މަސައްކަތްތެރީން ގުޅިގެން މަސައްކަތްތެރީން ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް މަސައްކަތް ކުރުމުގެ މިނިވަންކަމާއި
ގަދަބާރުންނާއި މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުން ނެތިކޮށްލުމާއި
ކުޑަކުދީން ލައްވާ މަސައްކަތް ކުރުވުން ނައްތާލުމާއި
މަސައްކަތްކުރާ މާހަޢުލުން ތަފާތުކުރުން ނައްތާލުމުގެ މައްޗަށެވެ.

ފުރަތަމަކަމެއްގެ ގޮތުގައި ނަކަލުކޮށްފައިވާ، މަސައްކަތްތެރީންނާއި އެމަސައްކަތްތެރީންނަށް ވަޒީފާދޭފަރާތްތަކަށްވެސް އެފަރާތްތަކުގެ ހައްޤުތަކާއި މަސައްކަތްތައް ހިމާޔަތްކުރުމަށާއި ކުރިއެރުވުމަށްޓަކައި ޖަމިއްޔާ ޖަމާއަތްތަކުގަ ބައިވެރުވެގެން ހިންގުމުގެ މިނިވަންކަން ލިބިދެވެންޖެހެއެވެ. މިކަމުގެ މިނިވަންކަމަކީ އިންސާނުންނަންވިތީވެ ލިބިފައިވާ ދުލާގަލަމުގެ މިނިވަންކަމާ ހަމައެއްފަދަ މިނިވަންކަމެކެވެ. މީގެއިތުރުން މިއީ ދިމިގުރާތީ ހަމަތަކުން ރައްޔިތުންގެ ކަންކަން ރައްޔިތުން ހިންގުމަށްޓަކައި ދެވޭ މިނިވަންކަމެކެވެ. ސަބަބަކީ މަސައްކަތްތެރީންނާ ގުޅުންހުރި އަދި އެފަރާތްތަކަށް ބޮޑުވާ ކަންކަމާއި އެކަމެއްގެ ސަބަބުން މަސައްކަތެރީންނަށް އަސަރުކުރާކަންކަމާމެދު އެފަރާތްތައް ގުޅިގެން އެއްއަޑަކުން ހައްލުކުރުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

ދެވަނަކަމަކީ މިއަދު މަސައްކަތްތެރީންނަށް ދުނިޔޭގެ ކަންކޮޅުގައި ކުރިމަތިވެފައިވާ، ގަދަބާރުން މަސައްކަތްތައް ކުރުވުން ހުއްޓުވުމަކަށް ގެނަޢުމެވެ. ކަންތައްތައް އެހެން ނެތުމުގެ ސަބަބުން މިއަދު މަސައްކަތްތެރީންނަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ފަގީރުކަން އިންތިހާއަށް ބޮޑުވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ މިނިވަންކަން ނީލަންކިޔާލެވިގެން ދެއެވެ. މިފަދައިން ކިޔާލެވޭ ނީލަމުގެ ސަބަބުން ރައްޔިތުންގެ ހައްޤުތަކަށް ހާއްސަކޮށް މަސައްކަތްތެރީންގެ ހައްޤުތަކަށް ބުރުއަރައިގެން ދެއެވެ. މިހާހިސާބުން މަސައްކަތްތެރީންނަށްދެވޭ މުސާރަޔާއި އިނާޔަތްތަކަކީ އެފަރާތްތަކުން ލައްވާ ކުރުވާ މަސައްކަތާއި ނުބައްދަލު އާމްދަނީއަކަށް ވެއެވެ. އަދި އެފަރާތްތަކުގެ ކަންތައްތައް ބަލަހައްޓަން ތިބޭ ވެރީންނަށް ބޮޑެތި މުސާރަޔާއި އިނާޔަތްތަކާއި ކާރާއި ގެދޮރު ލިބިދެވިފައިވަނީ އެއްވެސް އިންސާފެއްނެތި މަސައްކަތްތެރީންގެ ނާޖާއިޒް ފައިދާއިން ހޯދާފައިސާއިންނެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލާފައިއެވަނީ، މަސައްކަތްތެރިކަމަކީ ވަކި އުމުރުފުރައިގެ ބަޔަކަށް ހާއްސަކުރެވިފައިވާ ކަމަކަށް ވީއިރު ކުޑަކުދީންލައްވާ ނުހައްޤުން ކުޑަލާރިކޮޅަކަށް ނުހަނު ބުރަކޮށް އަދި އެހާމެ ދަތި ހާލުގައި މަސައްކަތް ކުރުވުމަކީ އެކުދީންގެ ހެދިބޮޑުވުމަށް އަސަރުފޯރާ ކަމަކަށް ވީހިނދު އެފަދަކަންތައްތައް މުޖުތަމަޢުތަކުގައި ހިނގުމުން ދުރުކުރުވަންޖެހޭނެއެވެ. އެއީ މަސައްކަތްތެރިކަމަށް އެދަރީން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ފުރިހަމަވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އެވަނީ، މަސައްކަތެރީންގެ މެދުން އާއްމުކޮށް ފެންނަމުންދާ މަންޒަރެއްކަމުގައިވާ، މަސައްކަތްދޭ ފަރާތްތަކުން މަސައްކަތްތެރީންގެ މެދުގައި ތަފާތުވައްތަރުގެ ތަފާތުކުރުންތައް އާއްމު ކުރުމެވެ. މިގޮތުން ދިރިއުޅޭ އަތޮޅާއި ރަށެއްގެ ސަބަބުންނާއި ޖިންސީގޮތުންނާއި ހަމުގެ ކުލައިންނާއި ނިސްބަތްވާ ދަރިފަސްކޮޅާއި ދީނީ މަޒުހަބީ ގޮތުންނާއި އަޅާ ހެދުމާއި ސިޔާސީ ގޮތުން ދެކޭ އަދި ޤަބޫލުކުރާ ގޮތްތަކެއްގެ ސަބަބުން ތަފާތުކުރުންތަކެއްގެ ޝިކާރަޔަކަށް މަސައްކަތްތެރީން ވެގެން ދެޔެއެވެ. މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން މަސައްކަތްތެރީންގެ ކިބައިން ވަގަށް ނެގިގެން އެދަނީ އެފަރާތްތަކަށް ހަމަހަމަގޮތެއްގައި ލިބިދެވެންޖެހޭނޭ މަސައްކަތްކުރުމުގެ ފުރުސަތުގެ އިތުރުން ހެޔޮގޮތުގަ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އެފަރާތްތަކަށް ކޮށްދެވިދާނޭކަމަކުންވެސް ދުރުކުރުވެނީއެވެ.

މަތީގައި ނަކަލުކޮށްލައިފައިވާ ހަތަރު ފިހުރިސްތަކަކީ އެ ބައިތަކެއްގެ ސަބަބުން އޖުތިމާޢި އަދާލަތު ރައްޔިތުންގެ މެދުގައި ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެވެ. އަދި އެބައިތަކުގެ ސަބަބުން މަސައްކަތްތެރި ރައްޔިތުން ރެޔާ ދުވާލު ކެނޑިނޭޅި ކުރިބުރަ މަސައްކަތުން އޮހޮރާ ދަލުން ލިބުނު ނަފާ އިންސާފުވެރިގޮތުގައި މަސައްކަތްތެރި ރައްޔިތުންގެ މެދުގައި ބެހިގެން ދިޔުމަށްޓަކއި ކުރުން ލާޒިމު ކިފާޔަތުގެ ފަރުލެކޭ ދެންނެވިދާނެއެވެ.

ވީމާ، މިފަދަ ޤަރާރަކަށް އަމަލުކުރަންޖެހެނީ ހުޅުވާލެވިފައިވާ އިޤުތިސާދުގެ ސަބަބުން މަސައްކަތްތެރީންގެ ހައްޤުތައް ނިގުޅައިގަތުމުން ސަލާމަތްކޮށް މަސައްކަތްތެރީންގެ އިޖުތިމާޢި އަދި އިޤުތިސާދީ ފުއްދުން ތެރިކަމުގެ ސަބަބުން މުޅިގަޢުމުގެ ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެ، ކުރިއަރާ މަސައްކަތް ކުރުވާ ފަރާތްތަކުގެ ހައްޤުތަކަށް އިހުތިރާމް ކުރުމާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައެވެ.

މިފަދަ ތަފާތު ގިނަގުނަ ސަބަބުތަކަށް ޓަކައި މިދެންނެވި ހައްޤުތަކަކީ ދުނިޔޭގެ ސަރުކާރުތަކުން އެއަށް ފުރިހަމައަށް ބޯލަނބާ އެގަޢުމުތަކުގައި ދެމެހެއްޓެނިވި ގޮތުގައި ދެމެހެއްޓޭ އަދި ކިޔަމަންވާންޖެހޭ ހައްގުތަކަކަށް ވާންޖެހެއެވެ.

Saturday, November 29, 2008

ހޮޅުދޫގެ ތަޖުރިބާ

މިދިޔަ ހޯމަ ދުވަހު މަސައްކަތްކުރީ އާބާދީގައި ދެހާސް ފަސްދޮޅަސް ތިންމީހުން ދިރިއުޅޭ ހޮޅުދޫގައެވެ. ހޮޅުދޫގައިވެސް، ވެލިދޫ އަދި ފޮއްދޫ އެކޭ އެއްފަދައިން ދޮރުންދޮރަށް ހިނގައިގެން ރައްޔިތުންނާއި ބައްދަލުކޮށް ހެދީމެވެ. މިބައްދަލުކުރުމުން ރައްޔިތުން ފާޅުކުރަމުން ދިޔަ ޝުޢޫރުތަކުން ފާހަގަވެގެން ދިޔައީ ރައްޔިތުންގެ މިއަދުގެ ހާލަތާއި ރައްޔިތުންގެ މަންދޫބުންގެ މަސައްކަތް ހުރިނެތްގޮތެވެ.

ހޮޅުދޫ ރައްޔިތުން އެއްމެ ބޮޑަށް ފާހަގަ ކުރި އެއްކަމަކީ ރަށުގައި ފެންބޮޑުވާ މައްސަލައެވެ. ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅެއް އަދި އެޅިފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ކުދި ބޮޑު އެއްމެން އުޅެންޖެހިފައިވާ ދަތި ހާލަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ރަށުގެ މެދުތެރޭ ޕުރީސްކޫލް ސަރަހައްދުގެ ގެދޮރާ މުދާ ވިއްސާރަ މޫސުމުގައި މި ސަރަހައްދުގައި ފެންބޮޑުވާތީވެ، ބޮޑެތި ގެއްލުންތަކެއްގެ ޝިކާރަޔަކަށް ވެއެވެ. އަނެއްކޮޅުން ޅަދަރީން ސްކޫލަށް ގެންދިޔުމުގައި ބަރުދާސްތު ކުރަން ޖެހިފައިވަނީ އިންތިޙާއަށް ބޮޑެތި ދަތިތަކާއެވެ. މިދަތި ތަކަކީ ރައްޔިތުން އުފާވެރި ދިރިއުޅުމަކަށް ކުރާ އުއްމީދުތަކުގައި އެޅިފައިހުރި ހުރަސްތަކެވެ.

މީގެ އިތުރުން ދެން ރައްޔިތުން ފާހަގަ ކުރި އަނެއް ކަމަކީ ރަށުގެ ރައްޔިތުންގެ ތެރެއިން އިރުމަތީ ފަރާތު ގޮޑުދޮށުގައި ރާޅުތަކުގެ ޝިކާރަޔަކަށް ވެފައިވާ ގެތަކުގައި ދިރިއުޅޭ އަހުލުވެރީންގެ ވާހަކައެވެ. މިގެތައް އަޅާފައިހުރި ރަށުގެ ގޮޑުދޮށުން ހުސްޖާގައެއް ބޭއްވުމެއްނެތި ފުއްޓަރުން ފުއްޓަރު ތޮށީގެ ކައިރީގައެވެ. ހާއްސަކޮށް އިރުވައިމޫސުމުގައި މޫސުމަށް އަންނަ ބަދަލާއި ހަޅަތަކުގައި މިގެތަކަކީ "ސުނާމީ" އަރާގެތަކެކެވެ. މިގެތަކުގެ އަހުލުވެރީން ތަހައްމަލުކުރަމުންދާ ވޭނަކީ މިހެން ލިޔެލާ ފޮޅުވަތްތަކަކުން ބަޔާން ކުރަން ދަތިކަމެކެވެ. އަދި އެކަމެއްގެ ސަބަބުން ރައްޔިތުންގެ ގެދޮރާއި މުދާ ބިނާކުރެވިފައި މިވަނީ ނުރައްކަލުގެ މަގުގައެވެ. މިއީ ރައްޔިތުންގެ އުފާވެރި ދިރިއުޅުން އާރާސްތުކުރުމަށްޓަކައި އަވަސް ހައްލެއް ގެނެސްދޭންޖެހޭ ކަމެކެވެ.

އަނެއްކޮޅުން ރަށުގެ ރައްޔިތުން ބޯންބޭނުންކުރާ ފެންފިޔަވާ އެހެން ބޭނުންތަކަށް ބޭނުންކުރާ ރަށުގެ ފެންފަށަލަމިވަނީ ތަގައްޔަރު ވެފައެވެ. ތަގައްޔަރުވެފައިވާ މިފެން މިބޭނުންކުރަނީ ދިރިއުޅުމުގެ ތަފާތު އެހެނިހެން ބޭނުންތަކަށެވެ. ނަމަވެސް މިފަދަ ފެނެއްގެ ސަބަބުން ޅަދަރީންނާއި އާއްމު ސިއްޙަތަށް ފެނުގެ ޒަރިއްޔާއިން ކުރާނޭ ނޭދެވޭ އަސަރާއި ބަލިބައްޔަށް ރައްޔިތުންވަނީ ހުށައެޅިފައެވެ. ރައްޔިތުންގެ މި ހާލަތު ރަނގަޅުކުރުމަށްޓަކައި ނަރުދަމާގެ ނިޒާމެއް ރަށުގައި ގާއިމް ކުރަންޖެހިފައިވަނީ ކުއްލި ނުރައްކަލަކުން އާބާދީ ސަލާމަތް ވުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން ގެދޮރުގެ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ރަށުގައި އިތުރުވަމުންދާ އާބާދީއަށް އިތުރު ޖާގައެއް ނެތެވެ. ޖާގައިތުރުކުރަން ހިއްކާނެ ސަރަހައްދެއްވެސް ނުމެނެތެވެ. ކަން މިހެންހުރުމުގެ ސަބަބުން ގެދޮރުގެ ހާސްކަން ދަނީ އިތުރުވަމުންނެވެ. އާބާދީ ދަނީ ތޮއްޖެހެމުންނެވެ. މިއީ އޭގެ ޒާތުގައި އިޖުތިމާޢީ ގިނަގުނަ އެތަކެއް މައްސަލައަކަށް ހުޅުވޭ ދޮރައަށްޓަކަށް ނޫނީ ނުވާނެއެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި ތަނަވަސް އުފާވެރި، ދިރިއުޅުމަކާ ގުޅިފައިވާ ހައްލުކުރުމަށް ދުރާލާ ވިސްނައި ގޮތްތަކެއް ހޯދައިދޭން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

މިފަދަ މައްސަލަތަކުގެ ވާހަކަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަތޮޅު މަންދޫބުންގެ އަޑުފަނޑުކަމުގެ ޝަކުވާ ރައްޔިތުންދަނީ ކުރަމުންނެވެ. ރައްޔިތުންގެ މިޝަކުވާގެ އަޑާއެކު ބުނަމުންދަނީ މިހިތިތަޖުރިބާއަށް ބަދަލުއައިސްދާނޭ ކަމުގެ އުއްމީދެއް ނެތެވެ. އެފަދަ އުއްމީދެއް ކުރުމަށްވެސް ރައްޔިތުން ދެކޮޅު ހަދަމުން އެދަނީ ފާއިތުވި ވިހި ފަންސަވީސް އަހަރުގެ ހިތިތަޖުރިބާގެ ސަބަބުންނެވެ. މިހިތި ތަޖުރިބާ ރިޕީޓު ނުކުރާނޭކަމުގެ ވަޢުދު ދިންނަމަވެސް އެކަން ރައްޔިތުން ޤަބޫލުކުރުމަށް ދަތިވެ، އުނދަގޫވެފައިވާ މިންވަރު ވަޒަންކުރެވެއެވެ.
މިފަދަ އެތަކެއް މައްސަލަތަކަކުން ހޮޅުދޫ ހިމެނޭ ނ. އަތޮޅު މިވަނީ ތޮއްޖެހިފައެވެ. މައްސަލަތަކުގެ ހާއްޔަކަށް އަތޮޅު ބަދަލުވަމުންދާ މަންޒަރު، ބަލައިލި ކޮށްމެ ދިމާލަކުން ފެންނަމުންދެއެވެ. އިވެމުންދަނީ ޝަކުވާގެ އަޑެވެ. ރައްޔިތުންގެ މާޔޫސްކަންދަނީ އިތުރުވަމުންނެވެ. ހައްލަކީ ކޮބައިހެއްޔެވެ. ރައްޔިތު އެންމެން ފުންކޮށް ވިސްނަން ޖެހެއެވެ. މިފަދަ އެތަކެއް މައްސަލަތަކަށް ހައްލެއް ނުގެނެސްދެވުނު ތަފާތު ގިންތީގެ ސަރުކާރާއި ވެރިން ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ހެޔޮގޮތުގައި، ރައްޔިތުންގެ އުފާފާގަތިކަމާއި ރައްކާތެރިކަމާ، ތަނަވަސްކަމާއި ދުޅަހެޔޮކަމަށް ކުރިންހެއްޔެވެ؟

ފޮއްދޫގެ ތަޖުރިބާ

ފޮއްދޫއަކީ މިދާއިރާގެ އެއްމެ މީސްކޮޅު މަދު ރަށްކަމުގައި ވީނަމަވެސް، އެހެން ރަށްރަށުގެ ރައްޔިތުންފަދައިން މުސްތަޤްބަލަށްޓަކައި ގިނަގުނަ އުއްމީދުތަކެއް ކުރަމުންދާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ. އާބާދީގައި ހަތަރުސަތޭކަ ވިހި މީހުން ދިރިއުޅޭ ސަތޭކަ ހަތްދިހަ ހަ ގޭބިސީ ހުންނަ މިރަށުގައި ތަޢުލީމީ، ސިއްޙީ އަދި އެހެނިހެން އަސާސީ ޙިދުމަތްތައް ޤާއިމްކޮށްދެވިފައިވާ މިންވަރާއި ގޮތްތައް އެއީ އެކަށޭނަގޮތްތަކޭ ދެންނެވޭކަށްނެތެވެ.

ފޮއްދުއަށް ފޭބުމަށް މަސައްކަތް ކުރަމުން ދިޔައިރު ފެންނިގެން ދިޔައީ ރަށަށް ވަންނަން އެކަށޭނެ ބަދަރަކާއި ފާލަމުގެ މައްސަލަޔަކީ ހައްލުކުރަންޖެހޭ ވަރަށް މުހިއްމު މައްސަލައެއްކަމުގައެވެ. ސަބަބަކީ މިވުގުތު އޮތްފާލަންވެސް ވަނީ ވަރަށް ބޮޑަށް ލޮޅުންއަރާ ހަލާކުވެ، ވީރާނާވާން ފަށާފައެވެ. ވީމާ، އަވަސް ފުރުސަތެއްގައި ފާލަމުގެ މަރާމާތުތައް ކުރަންޖެހިފައިވެއެވެ. ފާލަން ރަނގަޅު ކުރުމަކުން އަދި ފާލަމުގެ ބޭނުން އެންމެއެދެވޭ ގޮތުގައި ނުހިފޭނެއެވެ. ފާލަމުގެ ބޭނުން އެކަށީގެންވާ ރަނގަޅުގޮތުގައި ހިފޭނީ ފަޅުގެ މައްސަލަ ހައްލުކުރެވިގެންނެވެ. މޫސުމަށް އަންނަ ބަދަލާއެކު ފޮއްދުއަށް ފަސޭހަކަމާއެކު ލަފާ ފުރޭނޭ އިންތިޒާމެއް ހަމަޖެއްސޭނީ މިދެކަންތަކަށް ހައްލެއް ގެނެސްގެން ކަމަށް ދެކެމެވެ.

ރަށަށް ފައިބައިގެންގޮސް ކެމްޕެއިން މިދަތުރުގައި ފޮއްދޫގެ ރައްޔިތުންނާއި ބައްދަލުކުރަމުންދިޔައީ އުސޫލެއްގެ ގޮތުން މީގެ ކުރިންވެސް އަޅުގަނޑުގެންގުޅުނު ގޮތްކަމުގައިވާ ދޮރުންދޮރަށް ހިނގައި ހަދައިގެން ރައްޔިތުންނާއި ބައްދަލުކޮށް ސަލާންގަލާންކޮށް ކެމްޕެއިން ސިޓީ ދިނުމާއި ޙިޔާލުބަދަލުކޮށް ވާހަކަދެއްކުމެވެ. މިގޮތުން ފޮއްދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް، ބައްދަލުކުރި ގިނަރައްޔިތުން ފާހަގަކުރަމުންދިޔައީ ފޮއްދޫއަކީ މީސްކޮޅު މަދުރަށަކަށްވާތީވެ، ރައްޔިތަކަށް ދޭންޖެހޭ ސަމާލުކަމާއި އެހީތެރިކަން އެކިދާއިރާތަކުންނާއި ސިޔާސީ ލީޑަރުން ދެއްވަމުން ނުދާތަނެވެ. ވޯޓަށްވީމަ، ކޮށްމެ ފަރާތަކުންވެސް ފޮއްދޫގެ ރައްޔިތުން މަތިން ހަނދުމަކޮށް ބައްދަލުކޮށް ހަދަމުންދާވާހަކައެވެ.

އެވާހަކަތަކުގެ ތެރެއިން ފާހަގަކޮށްލަމުން ގެންދިޔަ އަނެއް ނުކުތާއަކީ ފޮއްދޫ ހިމެނޭ ނ. އަތޮޅުގެ ރައްޔިތުންގެ ޝުޢޫރާއި އަޑު ރައްޔިތުންގެ މަޖިލީހުގައި އުފުލިގެން ނުދާތަނެވެ. ރައްޔިތުންގެ ކުރިއެރުމަށް ރައްޔިތުންގެ ތަރައްޤީއަށް ރައްޔިތުންގެ މަންދޫބުން މިވީތަނަށް މަސައްކަތް ނުކުރާމަންޒަރު ފެންނަމުންދާތަނެވެ. މިހިތި ތަޖުރިބާގެ ވިހިފަންސަވީސް އަހަރު ކޮށްފައިވާތީވެ، ގިނަރައްޔިތުން ދެކެމުންދަނީ ހަމައެހެންބަޔަކަށް ފުރުސަތުދިންކަމުގައިވީނަމަވެސް ފެންނާނީ ހަމަމިމަންޒަރުކަމެވެ. ރައްޔިތުންގެ ހާލަތު ބަޔާންކޮށް ރައްޔިތުންގެ ކުރިމަގު އުޖާލާކުރުމަށް މަސައްކަތްކުރާނެކަމަށް ބުނިކަމުގައިވީނަމަވެސް އެކަން ކާމިޔާބުވުމަށްފަހު އެގޮތަކަށް ނުކުރާނެ ކަމަށްވެސް ބުނަމުން ދިޔައެވެ.

މިބުނުންތަކުން ދެން ފާހަގަވި އަނެއްކަމަކީ ރައްޔިތުންގެ ސިއްޙީ ކަންކަން ހިނގަމުންދާ ދޯދިޔާގޮތުގެ ވާހަކައެވެ. ސިއްޙީ ޙިދުމަތްގާއިމްކޮށްދެވިފައިވަނީ ހެލްތުޕޯސްޓެއްގެ ޒަރިއްޔާއިންނެވެ. ހެލްތުޕޯސްޓުގައި މަސއްކަތްކުރަމުންދަނީ އާއިލާގެ ސިއްޙީ އެހީތެރިޔަކާއި ފޫޅުމައެކެވެ. ސިއްޙީ ބޮޑެތިކަންކަމުގައި އެހީއެއް މަދަދެއް ދެވޭފަދަ ޑޮކްޓަރީ ބޭހާއި ޑޮކްޓަރެއްހާ ހިސާބުނެތް މިރަށުގައި އެފަދަކަމެއް ދިމާވެއްޖެނަމަ ވެލިދޫ އަދި ހޮޅޫދޫއަށް ނުވަތަ މަނަދޫއަށް ފުރައިގެން ދިޔުމަކީ ލިބޭ އާމްދަނީގެ ކުޑަފައިސާކޮޅުން ރައްޔިތުންނަށް ބަރުދާސްތުކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ.

އަނެއްކޮޅުން ރަށުގެ ސްކޫލުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖެހިފައިވީނަމަވެސް ތަމްރީނު ލިބިލައްވާފައިވާ މުދައްރިސުން ނެތުމުން ނިކުންނަމުންދާ ނަތީޖާތައް އިންތިހާއަށް ކަންބަޑުވާންޖެހެއެވެ. އަދި ދަރިވަރުން ސާނަވީ ތަޢުލީމު ލިބިގަތުމަށް ކުރަންޖެހޭ ހަރަދުތަކާއި މައިންބަފައިން ބަރުދާސްތްކުރަމުންދާ ދައްޗާއި ވޭނުގެވާހަކަތައް އަޑުއަހަމުންދިޔައީ އެކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާމެދު ހިޔާލުކުރަމުންނެވެ. ކުރިޔަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ތަމްރީނު ލިބިލައްވާފައިވާ ޕުރައިމަރީ މުދައްރިސުން ހަމަޖެހިގެން ދިޔުމަކީ މުހިއްމުކަމެކެވެ. ރަށުގެ ކިޔަވާކުދީންގެ އާބާދީއަށް ބަލައިގެން ގުރޭޑް އަށެއް އުފައްދައިގެން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަންނަންޖެހެއެވެ. މުސްތަޤްބަލަށްބަލައިގެން ދަރީންގެ ތަޢުލީމަށް އެޅެންހުރި އަވަސް ފިޔަވަޅުތައް އަޅައިގެން ރައްޔިތުންނަށް އައު އުއްމީދުތަކެއް ގެނެސްދޭން ޖެހެއެވެ.

މިހުރިހާވާހަކަތަކެއްގެ ތެރޭންވެސް ފާހަގަކޮށްލަންޖެހެނީ މި ކުޑައާބާދީގައި ހިމެނޭ ދިވެހިރައްޔިތުން ކުރަމުންދާ އުއްމީދުތަކެވެ. އަދި ތަނަވަސް ދިރިއުޅުމަކަށް ވާސިލުވުމަށްޓަކައި ކޮށްދެވިދާނޭ ކަންތައްތައް ވެރިކަމުގެ ތަފާތު ގިންތިތަކުން އަވަހަށް ދެނެގަނެ އެގޮތްތަކާއި ކަންތައްތައް މުސްތަޤްބަލަށްޓަކައި ރޭވި ރައްޔިތުންގެ ރުހުމާއި އެކު އެކަންތައްތައް ތަންފީޒުކުރުމެވެ. ފޮއްދޫގެ ކުރިމަގަށްޓަކައި އަންނަންއޮތް ޖީލަށްޓަކައި އެކަށޭނެ ފިޔަވަޅުތަކެއް އަވަސް ފުރުސަތެއްގައި އަޅައިގެން މެނުވީ ރައްޔިތުންނަށް އައު އުއްމީދުތަކެއް ނުގެނެސްދެވޭނެއެވެ.

Sunday, November 23, 2008

ވެލިދޫގެ ތަޖުރިބާ

ުކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ތާޢީދު ހޯދުމުގެ މަސައްކަތުގައި ނިކުމެ މަސައްކަތް ފަށައިގަތީ މިހިނގާ ނޮވެމްބަރުމަހުގެ އެގާރަވަނަ ދުވަހުގެ ފަހުންނެވެ. ސަބަބަކީ ރިޔާސީ އިންތިޙާބުގެ ހިޔަނި މިއިންތިޙާބަށް އެޅިފައިވާލެއް ބޮޑުކަމުންނެވެ. ނަމަވެސް މިއަދު މިފެށި އިންތިޙާބީ މަސައްކަތުން މާލޭގައި ގިނަގުނަ މަސައްކަތްތަކެއް ކޮށް ވެލިދޫއަށް އައިސް މަސައްކަތް ފެށީ މީގެ ކުރީން 2004 ވަނަ އަހަރުގައިވެސް މަސައްކަތް ގެންދިޔަގޮތަށް ދޮރުން ދޮރަށް މަސައްކަތްކުރާ އުސޫލުންނެވެ.

މިގޮތުން ވެލިދޫގައި ހިމެނޭ ހުރިހާ ގޭ ބިސީތަކަށް ދޮރުންދޮރަށް ޒިޔާރަތްކޮށް ރައްޔިތުންގެ ގިނަބަޔަކާ ބައްދަލުކޮށްފީމެވެ. މި ބައްދަލުވުންތަކުގައި ގިނަފަރާތްތަކެއްގެ ހިޔާލާއި މަސްވަރާއާއި އަދި އެހީތެރިކަން އެކި ސިފަސިފައިގައި ދަނީ ލިބެމުންނެވެ. ހާއްސަގޮތެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ފާޅުކުރަމުންދާ ހިޔާލައި ދެއްވަމުންގެންދާ މަދަދުގެ ސަބަބުން އުއްމީދީ ރަނގަޅު ކުރިމަގެއްގެ ތަސައްވަރުދަނީ އާލާވަމުންނެވެ.

ރައްޔިތުންނާއި ބައްދަލުކުރަމުން ރައްޔިތުން ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކުރަމުން މިދާ ޒިޔާރަތްތަކުން ރައްޔިތުންގެ ދިރިއުޅުން ވަރަށް ގާތުން ރަގަޅަށް ފެންނަމުން ދެއެވެ. މިފަދަ ތަޖުރިބާއެއް 2004 ވަނައަހަރުގެ އިންތިޙާބީ ދަތުރުގައި މުޅި އަތޮޅުގައި އާބާދުވެފައިވާ ހުރިހާރަށަކަށް ގޮސް މީހުން ދިރިއުޅޭ ހުރިހާގެއަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރެވުނެވެ. އޭގެ ފަސްއަހަރުފަހުން މިއަދު މިކުރާ ދަތުރުގައި އާލާވަމުން މިދަނީވެސް ހަމައެމަންޒަރެވެ. ރައްޔިތުން ހިއްސާކުރަމުން ދަނީ ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ވާހަކައެވެ. މިވާހަކައިގެތެރެއިން ސިޔާސީ ޕާޓީ ފޯރި ރައްޔިތުންގެ މެދުގައިހުރި މިންވަރާއި އަސަރު ވަރަށް ރަނގަޅަށް ފާޅުވެ، ސާފުވެއެވެ.

ސިޔާސީ ޕާރޓީގެ ފޯރީ ރައްޔިތުންގެ މެދުގައި ގަދަޔަށް އަށަގެންފައިވަނީ ފާއިތުވި ރިޔާސީ އިންތިޙާބުގެ ތާއީދު ހޯދުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެފަހަރުގެ ރިޔާސީ އިންތިޙާބުގެ ފުރަތަމަބުރާ ހިލާފަށް ދެވަނަ ބުރުގައި އިއްތިހާދީންނާއި ޑީއާރުޕީން އެއްވާނެއްގައި ކުރިމަސައްކަތުން މުޅިރަށް ދެފަޅިއަށް ބައިވެގެން ވާދަވެރިގޮތަކަށް ގޮސްފައިވެއެވެ. އެގޮތަށް ބައިވެފައިވާ މިންވަރަށްވިސްނާލާއިރު އާއިލާތައް ދެބަސްވެ ރޫޅޭ ހިސާބަށް ގޮސްފައިވަނީ ވަޒަން ނުކުރެވޭ މިންވަރަކަށެވެ. މިފޯރީގައި އެއްބަޔަކު އަނެއްބަޔަކު ދެބަސްވެ، އަހަރުމެންނާއި އެމީހުންގެ ނަމުން މުހާތަބުކުރެވިގެންދަނީ މިއީ އެއްދީނެއްގެ އެއްބަހަކުން ވާހަކަދައްކާ އެއްބައެއްކަން ނުދަންނަ ހާލުއެވެ.

ނަތީޖާއެއްގެ ގޮތުން އަހަރުމެންގެ މެދުގައި އޮތް ޒަމާންވީ އެއްބައިވަންތަކަމުގެ ރޫހުނެތިގޮސްފިއެވެ. އެއްބަޔަކު އަނެއްބަޔަކަށް އަރައިރުންވެ ދެބަސްވެ މޫނާއި މޫނު ޖެހި އިސްއުފުލާބަލައި ނުލެވިދާތަން މިފެންނަނީ ޕާރޓީ ގުޅުން އިސްކޮށް ޒަމާންވީ އާދަކާދަޔާއި ގުޅުންތައް ޤުރުބާންކޮށްލުމަށްފަހުއެވެ. ހައިރާންކަމާއެކު ސުވާލު ކުރެވެނީ ޒަމާންވީ ގުޅުންތައް ރިޔާސީ އިންތިޙާބުގެ ފޯރީގެ އަސަރާއި ހިޔާލާއި ފިކުރުގެ ތަފާތުގައި ނެތިކޮށްލަން ވާނެހެއްޔެވެ. އަދި އެފަދަ ޒަމާންވީ ގުޅުމެއް ފަހެއް ނުވަތަ ދިހައަހަރަށް އުމުރު ކަނޑައެޅިފައިވާ ސަރުކާރަކަށްޓަކައި ޤަތުލުކޮށްލައި އިންތިޙާބީ ވޯޓަށްފަހުވެސް އެކަން އެއްބަޔަކުއަނެއްބަޔަކަށް ދަމަހައްޓަންވާނެހެއްޔެވެ. ސަބަބަކީ ކޮށްމެ ޕާރޓީއަކުން ސަރުކާރު ހިންގިއަސް އެސަރުކާރަކީ ދިވެހިރައްޔިތުންގެ ކަންތައްތައް ރައްޔިތުންގެ ލާބަޔާ މަންފާއަށް ހިންގަމުންގެންދާ ސަރުކާރެވެ.

ސަރުކާރުން ރައްޔިތުންނަށް ވަޢުދުވިފަދައިން، ރައްޔިތުންގެ ލާބަޔަށް ނުވަތަ މަންފާއަށް ސަރުކާރު ނުހިންގާނަމަ އެސަރުކާރެއް ވޯޓުގެ ޒަރިއްޔާއިން ދެންއަންނަ އިންތިޙާބެއްގައި ދުރުކުރާނީއެވެ. މިފަދައިން ޑިމޮކުރަސީގެ ހަމަތަކަށް އަހަރުމެންގެ ހިޔާލާވިސްނުން ފައްކާވެ، ތަރައްޤީވެގެން މެނުވީ ޒަމާންވީ އެއްބައިވަންތަކަމުގެ ގުޅުން ދެމެހެއްޓިގެންނެއް ނުދާނެއެވެ. ރައްޔިތުންގެ އެއްބަޔަކު އަނެއްބަޔަކަށް ހިތްތިރިކޮށް، ހިތްވަރު ގަދަކޮށް އިންތިޙާބުގެ ދުވަސްވަރު ބަދަލުކޮށްފައިވާ ހޫނު ހަމަލާތަކަށް މަޢާފަށް އެދި މުސްތަޤްބަލަށްޓަކައި އަތާއަތްގުޅާލަން ޖެހިފައިވަނީ ނިހާޔަތަށެވެ. ހިޔާލާއި ފިކުރު ހުއްޓެންވީ މުސްތަޤްބަލަށެވެ. ފާއިތުވި، ކުރު މަޒީއަކަށެއް ނޫނެވެ.

Thursday, November 20, 2008

ރައީސްކަންކުރެއްވި ފަރާތްތަކަށް ދެވޭ އިނާޔަތްތައް

ރައީސްކަންކުރެއްވި ފަރާތްތަކަށް ދެއްވާނެ ޕެންސަނާއި އިނާޔަތްތަކާއި ރައްކާތެރިކަމުގެ ވާހަކަ މިއަދު އެދަނީ ދައްކަމުންނެވެ. މިފަދަ އުސޫލެއް ރައީސްކަންކުރެއްވިފަރާތްތަކަށް ދުނިޔޭގެ ޤަޢުމުތަކުގައި ހަމަޖެހިފައިވެއެވެ. ނަމަވެސް މިހާރު ރާއްޖޭގައި ހިނގަމުންދާ ބަހުސަކީ ފާއިތުވި ތިރީސް އަހަރުގައި ވެރިކަން ކުރެއްވި ރައީސުލް ޖުމްހޫރިއްޔާއަށް ދެއްވަންޖެހޭނޭ އިނާޔަތާއި ރައްކާތެރިކަމުގެ ބިލެވެ.

މިބިލުގައި ފާހަގަ ކުރައްވާފައިވަނީ އެފަދަ ފަރާތްތަކަށް ދޭނޭ ގަދަރާ އިއްޒަތާއި ފައިސާއާއި އިނާޔަތްތަކުގެ ވާހަކައެވެ. މިގޮތުންދޭނޭ ފައިސާގެ އިނާޔަތުގައި ރައީސަކަށް ލިބެމުންދިޔަމިންވަރުގެ ހަތްދިހަފަސް ހާސް ރުފިޔާގެ މުސާރައަކާއި އެއްފަދަ މިންވަރެއް ދިނުމާއި ހުންނާނޭ ތަނެއް ދިނުމާއި ދުނިޔޭގެ ކޮށްމެތާކުން ސިއްޙީ ފަރުވާ ލިބިގަތުމާއި ޗުއްޓީ ހޭދަކުރެއްވުން ފަދަ ކަންތައްތައް ހަމަޖެހިފައިވުމަށެވެ.

މިފަދަ ބޮޑު އިނާޔަތްތަކެއް ރައްޔިތުން ބިކަހާލުގައި ބައިތިއްބައިގެން އެފަދަ ފަރާތްތަކަކަށް ފައިސާއާއި އިނާޔަތްތައް ދިނުމަކީ ރައްޔިތުންނަށް ބަރުދާސްތުކުރެވިދާނޭކަމަަކަށް ނުވެދާނެއެވެ. ސަބަބަކީ ރައްޔިތުން މިއަދު މިވަނީ ގިނަގުނަ ކަންތައްތަކަކަށް ބޭނުންވެފައެވެ. އެފަދަ ބޮޑު މާލީ އިނާޔަތްތަކަކީ ރައްޔިތުން މިތިބަ ހާލުގައި ކުރުން އެކަށޭނަކަމަކަށްނުވެއެވެ. އަދި ސިޔާސީ ޕާރޓީއެއްގެ ވެރިޔަކަށް ހުންނެވި ފަރާތަކަށް އެމަސައްކަތްކުރުމަށް ދެވޭ މުސާރައެއްފަދައިން މިފަދަ އިނާޔަތްތައް ހަމަޖެއްސުމަކީ ކުރުން އެކަށޭނަކަމެއް ނޫނެވެ.

މިހުރިހާ ގޮތްތަކަކަށް ރިޔާއަތްކޮށްގެން މެނުވީ މިފަދަބިލެއް ފުރިހަމަކޮށްގެން ނުވާނެއެވެ. މިސާލަކަށް ރާއްޖޭގެ ހާލަތަށް ވިސްނާއިރު ވެރިކަން ކުރެއްވި ކޮށްމެ ފަރާތަކަށް ދިރިއުޅުމަށް ގެޔަކާއި އޮފީސް އިމާރާތެއް ދިނުން ފަދަކަންތައްތަކަކީ ރާއްޖޭގެ ބިމުގެ ދަތިކަމާއެކު ވެދާނޭ ކަމަކަށް ނުވެއެވެ. އަދި ހަޤީގަތަކީ ވެރިކަން ކުރަމުންދާފަދަ ފަރާތަކާއެއްވަރަށް އެފަދަފަރާތަކަށް އިނާޔަތްތައް ކަޑައެޅުމަކީ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ހޭދަކުރަންޖެހޭ ފައިސާ މަދުވެގެންދާނޭކަމެކެވެ.

ވީމާ، އެފަދަ ބޮޑުއިސްރާފެއް ރައްޔިތުންގެ ފައިސާއިން ވެރިކަން ކުރައްވާފައިވާ ފަރާތަކަށް ހޭދަކުރެއްވުމަކީ ކުރުން އެދެވޭކަމަކަށް ނުވާނެއެވެ. މީގެ ބަދަލުގައި އެފައިސާ ރައްޔިތުންގެ ހޭދައަށް ރައްޔިތުންގެ ތަޢުލީމާއި ސިއްޙީފަރުވާއާއި ކުނިނަންތާލުމާއި ފާޙާނާގެ ނިޒާމާއި ފަޅާއި އެހެނިހެން ވަސީލަތްތައް ޤާއިމް ކުރުމާއި އެފަދަ ވަސީލަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހޭދަކުރުމީ ކޮށްމެހެން ކުރަންޖެހޭނޭ ކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުން ފުރަތަމަ އިސްކޮށްގެން ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދެވިގެން ކަންތައްތައް ރޭވިގެން ކުރިޔަށް ދިޔުމެވެ. މާތް ﷲ އަހަރުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާ ހެޔޮރަހްމަތް ލައްވާންދޭވެ.

Wednesday, November 19, 2008

ކުޑަކުދީންނަށް ކުރާ ގޯނާ ހުއްޓުވުމަކީ އަހުރަމެންގެ ޒިންމާއެކެވެ

އަހުރަމެންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ މިއަދުގެ ޅަދަރީންނާއެވެ. އެދަރީންނަކީ އަހުރަމެންގެ މުސްތަޤްބަލުގެ އުއްމީދެވެ. އެދަރީންނަށްދެވޭ އަޅާލުމާއި އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި ރައްކާތެރިކަމުގެ ސަބަބުން މެނުވީ އަހަރުމެންގެ މުސްތަޤްބަލު އުޖާލާކުރެވިގެންނުދާނެއެވެ. ވީމާ، އަހުރަމެންގެ ޒިންމާއަކަށް ވާނީ އެދަރީންނަށް ބޮޑުވުމަށް ފަހި، ދުޅަހެޔޮ، ރައްކާތެރި މާހަޢުލަކަށް މިމިޖުތަމަޢު ހެދުމެވެ.

މިގޮތުން ދަރީންނަށް ކުރާ ތަފާތު ގޯނާތަކުގެ ވާހަކައިން ގައިން ހީބިހި ނަގައިގެންދެއެވެ. ބައެއްފަހަރު ޅަދަރީން ވެގެން ދަނީ ޝިކާރަވެރިއެއްގެ ޝިކާރައަކަށެވެ. މުޖުތަމަޢުތެރޭ މަޑުމައިތިރިކަމާ އެކު ހިގާބިނގާވެ އުޅެނިކޮށް ނުވަތަ ކައިރީގައި ހުންނަ ފިހާރައަކަށް އެއްޗެއް ގަތުމަށް ދާ މަގުމަތީން އެދަރީންނަށް ތަފާތު ވައްތަރުގެ ގޯނާތައް މިދެއްނެވި ޝިކާރަވެރިންގެ ކިބައިން އަންނަމުންދެއެވެ. ވީމާ، އަޅުގަނޑުމެން ބެލެނިވެރިން، މައިން ބަފައިން، ބަލަދުވެރިން ވިސްނަންޖެހިފައިވަނީ އެދަރީންގެ ހިމާޔަތަށެވެ. އަދި އަހަރުމެން އެދަރީންނާއެކު މިވާ އެހެނިހެން ފަރާތްތަކުންވެސް އެދަރީންގެ ހިމާޔަތަށް އަތާއަތް ގުޅާލަންވާނެއެވެ.

ފަހުގެ ތާރީޙް ތަކުގައި ކުޑަކުދީންނަށް ގިނަގުނަ ގޯނާތަކެއް ކުރަމުންދާކަމުގެ ޙަބަރުތަކުން މިދީބުގެ ރައްޔިތުންގެ ހިތްނުތަނަވަސް ކުރުވައެވެ. ވީއިރު އަހަރުމެން ހުރިހާއެއްމެންވެސް އަހަރުމެންގެ ދަރީންގެ ރައްކާތެރިކަމަށް ވިސްނުންބަހައްޓައިގެން މަސައްކަތްކޮށް އެދަރީންގެ ލޮއީފް ނަފްސުތައް ރައްކާތެރިކޮށް ހިތްހަމަޖެހޭ އޯގާތެރި އަދި އަޅާލާ ރަނގަޅު ރައްކާތެރި މާހަޢުލެއް އުފެއްދުމާކީ އަޅުގަނޑުމެންގެ މިއަދުގެ ވާޖިބެކެވެ. ވީމާ، މިޒަމާނުގެ އޮއިވަރުގައި ނުޖެހި ދަރީންގެ ހިމާޔަތަށް ތެދުވާ ބަޔަކަށް އަހަރުމެން ވަމާތޯއެވެ.

މިފަދައިން ޅަދަރީންނަށް ގޯނާކުރާ ފަރާތްތަކަށް އަދަބުނުލިބި މުޖުތަމަޢުއަށް ދޫކޮށްލުމަކީ އިތުރު ބިރުވެރިކަމާއި ގޯނާ ހުއްޓުވުމުގެ ޒިންމާ އުފުލުމުގެ ބަދަލުގައި އެފަދަ ފުރުސަތުތަކަށް ފުރުސަތުދިނުން ފަދަކަމެކެވެ. ނަތީޖާއެއްގެ ގޮތުން އެފަދައިން ގޯނާލިބިފައިވާ ދަރީންނާއި އެދަރީންގެ އާއިލާތައް އިތުރުބިރުވެރިކަމާއި ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދެއެވެ. އެގޮތުން މިފަދަ ޝިކާރަވެރިން އެފަދަ ކުދީންނަށާއި އެކުދީންގެ އާޢިލާދިރިއުޅޭ ގެދޮރަށް ކަޅުތެޔޮޖަހާ އިތުރު ނަފްސާނީ ގެއްލުމާއި ބިރުވެރިކަން އެއާޢިލާއަށާއި މުޅި މުޖުތަމަޢުއަށް ދައްކަމުންދެއެވެ.

ވީމާ، އަޅުގަނޑުމެން ދަރީންނަށް ކުރާ ގޯނާ ހުއްޓުވުމަށް ޒިންމާވުމަކީ އެފަދަ ކަންކަމަށް ފުރުސަތު ނުލިބޭފަދަ ގޮތަކަށް ކަންތައްތައް ރޭވިގެން ހަމަޖެހިގެން އަޢުމެވެ. މިގޮތުން އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤްބަލަށްޓަކައި އަންނަންއޮތް ޖީލުގެ ރައްކާތެރިކަމަށްޓަކައި ކުޑަކުދީންނަށް ގޯނާކޮށް ޝިކާރަކޮށް ހަދާފަރާތްތަކުގެ މައްސަލަތައް ތަޙުޤީގުން ސާބިތުވެ، ޝަރީއަތަށް ހުށައެޅިފައިވާއީރު އެފަދަ ކުއްވެރިން ރަށުތެރެއަށް ދޫކޮށް ނުލެވޭފަދަ ގޮތަކަށް ރާވާހަމަޖެއްސުމަކީ ޅަދަރީންނާއި އެދަރީންގެ އާޢިލާތަކަށް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމަކަށް ވާނެއެވެ. އަދި ޒިންމާދާރުކަމާއި އެކު ކުޑަކުދީންނަށް ކުރާ ގޯނާ ހުއްޓުވުމަށް ކުރެވޭ މަސައްކަތަކަށްވެސް ވާނެއެވެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ މިދީބުގެ ރަށްތަކަކީ އެރަށްތަކުގެ ރައްޔިތުންގެ މުސްތަޤްބަލުގެ އުއްމީދުތައް ރައްކާތެރިކޮށް، އެކަމަށް އަތާއަތްގުޅާލާބަޔަކަށް ވުމެވެ. އަދި އަހަރުމެން އެންމެންނަކީ ކުޑަކުދީންނަށް ކުރާގޯނާ ހުއްޓުވުމަށް ޒިންމާދާރުވުމަށް މަސައްކަތް ކުރާބަޔަކަށް ވުމެވެ.

Sunday, November 16, 2008

ދެވޭ ތަޢުލީމަކީ ތަރައްޤީއަށް ހުރިހުރަހެއްހެއްޔެވެ؟

ނޫނެކެވެ. "ތަޢުލީމަކީ ތަރައްޤީގެ ބިންގަލަވެ." މިއީ އެއްވެސް ފަރާތެއް ދެބަސް ނުވާނޭ ހަގީގަތެކެވެ. ނަމަވެސް ފަށާތަޢުލީމް ގޮރޭޑް އެކަކުން ހަތަކަށް މުޅިރާއްޖެއަށް އާއްމުކޮށްފައި ވާތީވެ މިބުނާ ބުނުންފުއްދިފައިވޭތޯއެވެ؟ ނުވަތަ ފުއްދުމަށް ދެވޭތަޢުލީމުން މަގުފަހިވަމުން ދަނީ ކިހާ މިންވަރަކަށްތޯބެލިފައިވޭތޯއެވެ؟ އަދި މުޅި ރާއްޖެއަށް ގްރޭޑް ދިހައަކާ ހަމައަށް ތައުލީމް އާއްމުކޮށް ބައެއް ހިސާބުގައި ގްރޭޑް ބާރައާއި ހަމައަށް ކިޔަވައި ދިނަސް އަދި ފުދުނީތޯއެވެ؟

އަޅުގަނޑުމެންގެ މުސްތަޤްބަލްގެ ހުރިހާ އުއްމީދެއްގުޅިފައިވަނީ މިއަދުގެ ދަރީންނަށް ދެވޭ ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތަކުންކަން އަޅުގަނޑމެން ދަނެ ޔަޤީން ކުރަމެވެ. ސަބަބަކީ އެބުނާފަދައިން މުޅި ހުރިހާ ތަރައްޤީއެއްގުޅިފައިވަނީ އެދަރީންނަށްދެވޭ ތައުލީމާއެވެ. އެދަރީންނަކީ އަޅުގަނޑުމެންގެ ތަރައްޤީގެ މުލައްދަނޑި ތަކާއި އުފެއްދުންތެރިކަމުގެ އަތްތަކެވެ. އެއަތްތަކާއި މުލައްދަނޑިތައް ގުޅިފައިވަނީ ވިސްނުންތެރިކަމާއި ހުނަރުވެރިކަން އެކުލެވިގެންވާ ސިކުނޑިތަކަކާއެވެ. އެ ސިކުނޑިތަކުގެ ލޭގެ ހިނގުންދައުރުކޮށްދޭ ޒުވާން ހިތްތަކަކީ އޯގާވެރިކަމާއި އެކުވެރިކަމާއެކު އެންމެންގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އެކުލެވޭ ހިތްތަކަކަށް ވާނީ ތަފާތު ދާއިރާތަކަށް ބޭނުންވާނޭ މީހުން ތަރުބިއްޔަތުކޮށް އުފައްދައިގެންނެވެ.

ދެވޭތަޢުލީމަކީ ހަރުދަނާ އަދި އޭގައި އޮށްޓަރު ހުރި އެއްޗަކަށް ވާންޖެހެއެވެ. މިހާރު ނެރެމުންދާ ނަތީޖާއާއި ކުރާ ހޭދަޔާ އަޅާކިރަންޖެހެއެވެ. އެތަކެއްދަރީން އެތަކެއްފައިސާއެއް ދައްކައިގެން ހަދާ އިމްތިހާނެއްގައި ހޯދާނަތީޖާއަކީ އެދަރީންގެ މުޅިދިރިއުޅުން ރޯޝަންކުރާނޭ ނަތީޖާއަކަށް ނުވާސަބަބު ހޯދައިދެނެގަނެ އެއަށް ފަރުވާކުރަންޖެހިފައިވަނީ ޑޮކްޓަރަކު އޭނަކައިރިޔަށްދާ ބަލިމީހަކަށް ފަރުވާކުރުމަށްޓަކައި ކުރާ ޓެސްޓްތަކާއި އެކުސްރޭ ތަކާއި އަދި އެނޫންވެސް ތަޙްލީލް ތަކުގެ އަލީގައި ފަރުވާ ކުރާފަދައިންނެވެ. އެހެން ނުވާނަމަ މިހާރު ދަޢުލަތުންނާއި މައިންބަފައިން މިކުރާ ބޮޑު ހޭދަޔަކީ ފޫނެއްފަޔަކަށް ފެންފުރުންފަދަކަމެކެވެ. މިސާލަކަށް ދަންނަވަނީނަމަ ބައެއްރަށް ރަށުގައި އޭލެވެލަށް ކިޔަވައިދެން ފަށައިގެން އެކަން ހެޔޮގޮތުގައި ނުކުރެވި އެބަހުންޓެވެ. ގްރޭޑް 12 އޮވެފައި އެގާރައެއް ނޯވެއެވެ. ލައިބްރަރީ ވަސީލަތް ނުހުރެއޭ ދެންނެވުމަކީ ބޭއިންސާފުންދެންނެވޭ އެއްޗެއްކަމަކަށް ނުދެކެމެވެ. ގޮރޭޑް 10 އެއް ނިންމާ 10000 ވުރެ ގިނަކުދީންގެ ނަތިޖާ އަށް ވިސްނާލާއިރު ބައެއް މާއްދާ ތަކުން ފާސްވާ ނިސްބަތަކީ %6 ކަމަށް ވާހަކަދެކެވެއެވެ. މިއީ، މިކުރާ ހޭދަޔާ އަޅާ ބަލާއިރު ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަމަގައިމުވެސް ފުރިހަމަ ތަޙްލީލަކަށް ބޭނުންވެފައިވާކަމުގެ ހެއްކެކެވެ.

އަދި އަޅުގަނޑުމެންގެ ދަރީންގެ ސްކޫލް ދައުރަކީ ކާމިޔާބު ދައުރަކަށް ހެދުމަށް އަޅަންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންތައް ހައްލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރީ ކޮންކަންތައްތަކެއްތޯބަލައި އެކަންތައް ތައް ހާސިލްކުރުމަށް ވަކި އަމާޒެއް ކަނޑަ އަޅައިގެން މަސައްކަތްކުރާނެ ފަރާތްތަކަކަށްވަނީ ބޭނުންވެފައެވެ. ސަބަބަކީ ސްކޫލް ހަޔާތަކީ އެހަޔާތުގެ ތަފާތުމަރުހަލާ ތަކުގައި ދަރީންގެ އުޅުމާއި ގުޅުމަށް ތަފާތުބަދަލް އަންނަމުންގޮސް އެބަދަލްތައް އަންނަ ދުވަސްވަރަކީ ބެލެނިވެރީން ކަންބޮޑުވެ ހާސްކޮށްލާ ދުވަސް ވަރަކަށް ވާތީއެވެ. ވީމާ، ޕްރީސްކޫލް ދައުރު، ޕްރައިމަރީ ދައުރު، ފަށާ އަދި މަތީ ސާނަވީ ދައުރު އެދައުރަކާ ގުޅޭއެކަށޭނެ ތަޖުރިބާ އާއި އިލްމީ ޤާބިލް ކަމެއް ލިއްބައި ދިނުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ލިޔަން ކިޔަން ޅަފަތުގާ އެނގުމަކީ މިދެއްނެވި މަރުހަލާތައް ކަޑަތުކުރުމުގައި އެއްމެ އިސްދަޢުރެއް ކުޅޭނެ ކަންތައްތަކެވެ.

މިގޮތުންވިސްނާލާއިރު މިދާއިރާއަކީ ކިޔަވައިގެން ތިއްބެވިގިނަ މުވައްތިނުންތަކެއް މަސައްކަތް ކުރައްވާދާއިރާއަކަށް ވާއިރު ނަންގަނެވުނު ފަދަ ދިރާސާއެއް ކުރަށްވަން ފަސޭހަވާނެއެވެ. ބޭނުންވަނީ އެފަދަ ލީޑަރޝިޕެކެވެ. ފާއިތުވި ތަނަށް ނަޒަރު ހިންގާލާއިރު ތައުލީމީ ގޮތުން ވަރަށް ފުންނާބުއުސް ބޭބޭފުޅުން ވަޒީރުކަން ކުރައްވާފައިވެއެވެ. ނަމަވެސް އެފަދަ ދިރާސާއެއްކޮށްގެން ދެވޭތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭކަންތައްތައްނެތެވެ. ނުވަތަ ނިހާޔަތަށް މަދެވެ.

ނަންގަނެވުނު ކަންތައްތަކުގެ މައްޗައް ވިސްނާ އެޅެންހުރިފިޔަވަޅު ތަކަކީ ކޮބައިތޯބަލައި ޕްލޭންތަކެއްކޮށް މަސައްކަތް ކުރާނޭ ލީޑަރޝިޕަކަށް ވަނީ ބޭނުންވެފައެވެ. އެފަރާތަކީ މިހާރުގެ އެޑިޔުކޭޝަން މިނިސްޓުރީއާއި އެމިނިސްޓުރީގެ ފަޅުވެރިންބާއެވެ؟ އެގޭއެއްޗަކީ 21 ވަނަ ގަރުނުގެ ހެޔޮބަދަލްތަކަށް ފެތޭ ފެންވަރު ރަނގަޅު ތައުލީމީ ސިސްޓަމަކަށް މިރާއްޖެ ބޭނުންވެފައިވާކަމެވެ. މުޅި މިގައުމުގެ އެޑިޔުކޭޝަން ސެކްޓަރ އާއި އެސެކްޓަރގައި ބޭނުންކުރާ އެއްމެހާ ތަކެއްޗާއި ވަސީލަތްތައް އޯވަހޯލް ކޮށްގެން މެނުވީ ދެވޭ ތަޢުލީމް ތަރައްޤިއަށް އޮތް ހުރަހަކަށް ނުވެ، 21 ވަނަގަރުނުގެ މިރާއްޖެޔާއި ދުނިޔޭގެ ރައްޔިތުންތަކެއް ދިވެހިޖައްވުން އުފެދިގެން އައުން ދުރުވާނެއެވެ.

Thursday, November 13, 2008

ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުން

ނ. އަތޮޅުގައި ހިމެނެނީ ހަތްދިހަ އެއް ރަށެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ ތޭރަ ރަށުގައެވެ. އަތޮޅުގެ އާބާދީއަކީ ސާދަހާސް ތިންސަތޭކަ އަށްޑިހަ ހަތަރު މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ހަތްހާސް ތިރީސް ފަސް އަންހެނުންނާއި ހަތްހާސް ތިންސަތޭކަ ސާޅީސް ނުވަ ފިރިހެނުންނެވެ. މިރައްޔިތުންގެ ކުރިއެރުމަށް ފާއިތުވި ތަނުގައި މަސައްކަތްތަކެއް ރައްޔިތުންނާއި ސަރުކާރުން ހިއްސާވެގެން ކޮށްފައިވެއެވެ. ނަމަވެސް ހޯދަން ބޭނުންވި ކުރިއެރުމާއި ތަރައްޤީއެއް އެރައްޔިތުންގެ ދަރީންގެ ތަޢުލީމަށްޓަކައި އެހެން އަތޮޅުތަކޭ އެއްފަދައިން ހޯދިފައެއް ނުވެއެވެ.

ތަޢުލީމީ ދާއިރާއަށް ވިސްނާލާއިރު ހުރިހާރަށެއްގާވެސް ސްކޫލު ނުވަތަ މަދަރުސާ ޤައިމް ކުރެވިފައިވެއެވެ. ޖީސީ އޯލެވެލަށް ދަރިވަރުން ތައްޔާރުކޮށް އޯލެވެލް އިމްތިޙާނުގައި ގިނަގުނަ ދަރިވަރުން އަތޮޅުން ބައިވެރިވެގެން އެކުދީންގެ ރަށުގައި މައިން ބަފައިން ކައިރީގައި ތިބެގެން ކިޔަވަމުންދެއެވެ. ބައެއް ދަރިވަރުން ފުރިހަމަ ރަނގަޅު ނަތީޖާ ނެރެމުން ދާއިރު އަނެއްބައި ގިނަދަރިވަރުންގެ ސްކޫލު ދައުރު ނިންމައިރު އެކަށޭނަ ނަތީޖާއެއް ނުލިބޭތައް އާދެއެވެ.

މިދިމާވަނީ ފެންވަރުގެ މައްސަލައެކެވެ. ވަސީލަތްތަކުގެ މަދުކަމާއި އެކަށޭނަ މުދައްރިސުން ނެތުންފަދަ މައްސަލަތަކުގެ އިތުރުން ދެދަންފަޅިއަށް ގޮޑި ހޫނުކަންމަތީގައި ސްކޫލުތައް ހިންގަން ޖެހުމުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބެންޖެހޭނޭ އެކަށޭނަ ވަގުތުގެ މައްސަލަތައްވެސް ފެންވަރު ދައްވުމާއި ގުޅިފައިވެއެވެ.

އަދި ނާސަރީ ސްކޫލް ދައުރަކީ މުހިއްމު ދައުރަކަށްވާއިރު ނާސަރި ސްކޫލުތަކަށް ހާއްސަ އަޅާލުމެއް އަޅާލަންޖެހެއެވެ. މިފަދަ މުހިއްމު ސްކޫލު ދައުރަކަށް ބެނުންވާނޭ ވަސީލަތްތަކާއި ގޮތްތައް ފަހިވެގެން ނޫނީ ތަޢުލީމީ ހަޔާތުގެ މި މުހިއްމު ބިންގާ އެޅުމުގެ ދުވަސްވަރު މުސްތަޤްބަލަށް ފަހިވެގެން ނުގޮސްދާނެއެވެ. އަދި މިފަދައިން އަޅާލާ އިސްކަންދީގެން ދެވޭ ތަޢުލީމުގެ ކޮލިޓީ ހިފަހައްޓަންޖެހިފައިވެއެވެ. މިދައުރުގެ ތަޢުލީމީ ހަޔާތުގެ އަސަރަކީ ދަރިވަރުގެ މުޅިތަޢުލީމީ ހަޔާތަށް ހެޔޮއަސަރުކުރާ ފަދަ ގޮތަކަށް ރޭވިގެން މެނުވީ މަތީގައި ނަންގެނުވުނު ފެންވަރު މާބޮޑަށް ނުހިފެހެއްޓިގެން ހިގައިދާނެއެވެ. ނަތިޖާއެއްގެ ގޮތުން ކެއްޗަށް އެޅިބިންގަލެއް ކައްޗާ ހަމައަށްއެޅިއަސް ދާނީ ކައްޗަށެވެ.

ވީއިރު މިއަދަކީ މިފަދައިން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ފައިސާއާއި ވަސީލަތްތައް ފަހިކުރަންވީ ދުވަހެވެ. މުއްސަދި ދިވެހިރާއްޖޭގެ އިސްރާފު މަދުކޮށް މުސްތަޤުބަލުގެ ޅަޖީލަށް ނުވަތަ ރައްޔިތުންނަށް ދެވޭ ތަޢުލީމަށްޓަކއި ހޭދަކޮށް ބަޖެޓުފަހިކުރަންވީ ވަގުތަކީ މިއީއެވެ. މިފަދައިން ފައިސާ އާއި ވަސީލަތްތައް އަތޮޅުގައި ޤާއިމް ނުކުރެވި، މުސްތަޤްބަލުގެ އުއްމީދުތައް ނުދިރުވާ ޤައުމުގެ ކުރިމަގުގެ ލީޑަރުން ތަމްރީނާއި ތަރުބިއްޔަތު ނުކުރެވި އަޅާނުލެވި ހިނގައިދާނެއެވެ. މިއީ މިވަތަން އެދޭނޭ ގޮތެއް ނޫނެވެ. އަދި އެގޮތުގައި ދާން ދޫކޮށް ނުލެވޭނެކަންވެސް ކަށަވަރެވެ.

Tuesday, November 11, 2008

ބަދަލުވަމުންދާ ދިވެހިރާއްޖެ

ދިވެހިރާއްޖެއަށް ވެރިވަމުންދަ ސިޔާސީބަދަލުތަކަކީ އޭގެ ޒާތުގައި މުހިއްމު ބަދަލްތަކެވެ. ސިޔާސީ ބަދަލް ތަކާއެކުއެކީ ދިވެހިންގެ ދީނާއި ދުނިޔަވީ ކަންތައްތައް ހިންގުމުގެ ވައްޓަފާޅިއަށް ގިނަގުނަ ބަދަލް މިދަނީ އަންނަމުންނެވެ. ދުނިޔަވި ހަޤީގަތަކީ ތާއަބަދު އެއްބަޔަކަށްވެސް އެއްކަމެއްގައި ދެމިނުތިބެވޭނޭ ކަމެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަފަރާތްތަކެއްވަނި މިއައި ބަދަލާއެކު އެފަރާތްތަކުގެ ވަޒީފާ ގެއްލި އެހެން ގޮތްތަކެއް ހޯދަންޖެހިފައެވެ.

މިއީ މިހާރު ރާއްޖެއަށް ވެރިވަމުން މިދާ ސިޔާސީ ބަދަލާއެކު ރާއްޖެގެ ވަޒީފާގެ ބާޒާރަށް ވަޒީފާ ހޯދުމަށް ނިކުންނާނޭ ފަރާތްތަކެކެވެ. މިފަރާތްތަކުން ރާއްޖޭގައި ހުރިތަފާތުގިނަގުނަ ހުސްވަޒިފާތަކަށް ކުރިމަތިލައިގެން މަސައްކަތް ކުރަމުންދާއިރު ފެނިގެންދާނީ އެއްބަޔަކަށް ވަޒީފާލިބި، އަނެއްބަޔަކު އިތުރު ވަޒީފަ އުފެއްދުމަށް މަސައްކަތްކުރަމުންދަތަނެވެ. މީގެތެރެއިން ގިނަގުނަ ފަރާތްތަކަކީ އިލްމީ ޤާބިލް ފަރާތްތަކަކަށްވާތީވެ، ވަޒީފާގެ ބާޒާރުގައި ވަޒީފާއެއް ނުލިބިތިބި ގިނަފަރާތްތަކަށް ވަޒިފަ ލިބުމަށް ވަޒީފާ އުފެދިގެން ދިޔުމުގެ ފުރުސަތުވެސް ބޮޑުވެގެން ދިޔުން ވަރަށް އެކަށިގެންވެއެވެ.

ސަބަބަކީ ކިޔަވައިގެންތިބި އިލްމީ މީހުންނަކީ ވަޒީފާ އުފައްދަވެސްބަޔަކަށް ވާތީއެވެ. ނަތީޖާއެއްގެ ގޮތުން މުޅިރާއްޖޭގެ އިޤްތިސާދަށް ހެޔޮއަސަރުކުރާނެއެވެ. މިފދަ ހެޔޮއަސަރުން އަތޮޅުތަކުގައި އިތުރުވަމުންދާ ވަޒީފާ އަދާނުކުރާ އާބާދީއަށް ވަޒީފާގެ ހެޔޮއަސަރު ފޯރަމުންދާނެއެވެ

Wednesday, November 5, 2008

ދުނިޔެ ދެކެމުންދަނީ ބަދަލެވެ

މިދުވަސްވަރު ދުނިޔެ ދެކެމުންދަނީ ހެޔޮބަދަލު ދުނިޔޭގެ ކަންކޮޅުތަކަށްއައިސް ވެރިވަމުންދާތަނެވެ. ކުޑަކުޑަ ލޮއީފް މީސްކޮޅު މަދު ދިވެހިރާއްޖޭގެ ރައްޔިތުން އައުވެރިކަމަކަށް މަރުޙަބާ ކިޔަން ތައްޔާރުވެފައިވަނިކޮށް މިހާރު މިވަނީ ދުނިޔޭގެ އެއްމެ ބާރުގަދަ ބޮޑު ޑިމޮކުރަސީ ކަމުގައިވާ އެމެރިކާވެސް އައުވެރިޔަކަށް މަރުޙަބާ ކިޔަން ތައްޔާރުވެރުފައިވާތަނެވެ. ހުރިހާ ގޮތަކުންވެސް މިދެޤަޢުމަށް މިއައީ ތާރީޙީ ހެޔޮބަދަލެކެވެ.

ދިވެހިރާއްޖެއަށް މިއައިހެޔޮބަދަލަކީ ޒަމާންވީ ހުދުމުހުތާރު ވެރިކަމެއްގެ ނިމުމެވެ. މިވެރިކަން ނިމިގެން މިދިޔައީ ތިރީސް އަހަރަށް ފަހުގައެވެ. މިވެރިކަމުގެ ނިމުން ގެނެސްދެނިވި ރައީސަކީ ދިމިގުރާތީ ހަމަތަކުން ގިނަޕާޓީ ތަކެއް ފުރަތަމަފަހަރަށް ވާދަކޮށްގެން ރައީސްކަމަށް އިންތިޙާބުވެފައިވާ ދިވެހިރާއްޖޭގެ ހަތަރުވަނަ ރައީސް ކަމުގެ ހުވާ އެގާރަ ނޮވެމްބަރުގައި ކުރައްވާނޭ މުހައްމަދު ނަޝީދެވެ. އަދި ނަޝީދަކީ ދިވެހީންގެ ފަރުދީ މިނިވަންކަމަށްޓަކައި މަސައްކަތްކުރެއްވި ބޭފުޅުންގެތެރެއިން އުމުރުން ސާޅިސް އެއްއަހަރުގެ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ މުހައްމަދު ނަޝީދު ކުރެއްވުމާއެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވެސް ބަދަލުތަކެއް އަންނާނެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިންތިޙާބު ކުރައްވާ އަށްމެމްބަރުންގެ ގޮތުގައި އެގާރަ ނޮވެމްބަރަށްފަހު ހަމަޖެހިގެން ދާނީ މުހައްމަދު ނަޝީދު އަށްޔަނުކުރައްވޭ އަށްބޭފުޅުންނެވެ. އެއަށްބޭފުޅުން އަށްޔަނުކުރުމާގުޅިގެން އިއްތިހާދުގެ ނުވަތަ އިދިކޮޅުމެމްބަރުންގެ ގޮތުގައި 28 މެމްބަރުން ވެގެންދާނެއެވެ. އަދި ކުރިން އަޤުލަބިއްޔަތު ދަމަހައްޓަމުންގެންދިޔަ ޑީއާރުޕީގެ 22 މެމްބަރުންނަށް ތިރިވާނެއެވެ. ނަތީޖާއެއްގެ ގޮތުން ޤާނޫނީގޮތުން ފަސޭހަތަކެއް ނަޝީދުއަށް ވެރިކަން ހިންޤުމުގައި މިދަތި ދުވަސްތަކުގައި ލިބިގެންދާނެއެވެ.

އަނެއްކޮޅުން ދުނިޔޭގެ އެއްމެ ބާރުގަދަ ޑިމޮކުރަސީ ކަމުގައިވާ އެމެރިކާގެ ރައީސްކަމަށް ފުރަތަމަފަހަރަށް އެގަޢުމުގެ އެފްރިކާ ނަސްލުގެ މީހަކު ރައީސްކަމަށް އިންތިޙާބުވީއެވެ. އުމުރުން ސާޅީސް ހަތް އަހަރުގެ ބާރަކު އޮބާމާ ވެގެންދާނީ އެމެރިކާގެ ސާޅީސް ހަތަރުވަނަ ރައީސް ކަމުގައެވެ. މިއީ އެމެރިކާގެ ތާރީޙުގައިވެސް ރައީސްކަމުގެ ހުވާ މިއަންނަ އަހަރުގެ ޖެނުއަރީ ވިހިވަނަ ދުވަހު ކަޅުނަސްލުގެ މީހަކު ކުރާނެ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާ ބާރަކު އޮބާމާ ކުރައްވާއިރު އެޤަޢުމުގެ ޤާނޫނު ހަދާމަޖިލީސް ތަކަށްވެސް ބަދަލުއަންނާނެއެވެ. މިގޮތުން ރައީސްކަމާއި އޮބާމާ ހަވާލުވާއިރު އެމެރިކާގެ ސެނެޓާއި ކޮންގުރެސްގައިވެސް ބާރުގަދަ އަޤުލަބިއްޔަތެއް ލިބިފައިވަނީ އޮބާމާގެ ޑިމޮކުރެޓިކް ޕާރޓީއަށެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަން ހެޔޮބަދަލާއެއްގޮތަށް ދުނިޔެދެކެމުންދާ ފައިސާގެ ތަދު މިދުވަސްވަރު ހިންގުމަށްޓަކައި ޤާނޫނީ ގިނަގުނަ ފަސޭހަތަކެއް އޮބާމާއަށް ލިބިގެން ދާނެއެވެ.

މިދުވަސް ވަރު ދުނޔެއަށް ކަސްފުވަމުންމިދާ ތާރީޙީ ވަގުތުތަކަކީ ދުނިޔޭގެ ތާރީޙުގައި ކުލަގަދަކޮށް ފެވިގެންދާނޭ ދުވަސްތަކެކެވެ. ފާޅުވަމުން އެދަނީ ދެބަސްވެވެންނެތް ހަޤީގަތެކެވެ. ދިވެހިރާއްޖެއާއި އެމެރިކާއަށް ވެރިވަމުންދާ ބަދަލަކީ އަހަރުމެން އިންސާނުން ބޭނުންވާ އެއްޗެކެވެ. އަހަރުމެންނަށް ބަދަލް ގެނެވޭނެއެވެ.

Sunday, November 2, 2008

އިންތިޙާބަކަށްފަހު އިންތިޙާބެއް

ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. މާތް ﷲ އުފެއްދެވި މަޙްލޫގުންގެ މެދުގައި ވެރިކަން ހިންގުމަށްޓަކައި ވޯޓުލައިގެން ވެރިން އިސްކޮށްގެން ސަރުކާރުގެ ވެރިކަން ވޯޓުގެ ނަތީޖާއިން މާތް ﷲ މެދުވެރިކުރައްވާ ބަޔަކާ ހިންގުމަށް ހަވާލުކުރައްވައެވެ. މިފަދައިން ސަރުކާރުހިންގުމަށް މިދެވިހި އިސްލާމީ ޑިމޮކުރަސީގައި ބޭއްވިގެންދާނޭ ތަފާތު ތިން އިންތިޙާބެއް ބޭއްވޭނެއެވެ.

ފުރަތަމަ އިންތިޙާބުވެގެން އެދިޔައީ ޤަޢުމުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ އިންތިޙާބެވެ. މިއިންތިޙާބު ވަރަށްވެސް ވާދަވެރިގޮތަކަށް ނިމިގެން އެދިޔައީ އިއްތިހާދީން ވަރަށްފުރިހަމަ އަޤްލަބިއްޔަތަކުން ކާމިޔާބުކޮށްގެންނެވެ. މިފަދައިން އިންތިޙާބުކާމިޔާބުކޮށް ނޮވެމްބަރ އެގާރައިގައި ސަރުކާރު ހިންގުމާއި ހަވާލުވުމާއެކު ސަރުކާރުގެ ހިންގުމަށް ބޮޑެތި ގިނަގުނަ ބަދަލްތަކެއް އައިސްގެން ދާނެއެވެ. މިބަދަލްތަކަކީ ސިޔާސީ މަގާމްތަކަށް އަމާޒުވާނެ ބަދަލުތަކެކެވެ. އެއީ ޕާރޓީ ނިޒާމުގައި ކަންވާނޭވެސް ގޮތެވެ. ވެރިކަމަށް އަންނަ ޕާރޓީއެއްގެ ވިސްނުންތެރީން މަޤާމްތަކަށް އިސްކުރުމަކީ މިގޮތުން ކުރާނޭކަމެކެވެ.

ދެން ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބެވެ. މިއިންތިޙާބު ނެގުމަށް ވަގުތު ކުޑަތަންވަމުންދާ އިރު ވިސްނާލަންޖެހޭ ވަރަށް ގިނަގުނަ ކަންތައްތައް ފެންނަމުން އެބަދެއެވެ. ފާއިތުވި އިންތިޙާބުގައި ދިމާވި ވޯޓުލާމީހުންގެ ރަޖިސްޓުރީގެ މައްސަލަތައް ހައްލުކުރުމަކީ މިފަދައިން ކުރަންޖެހޭނޭ އެއްމެ މުހިއްމު އެއްކަމެވެ. އަދި އޮފިސަލުން ތަމްރީނުކުރުމާއި ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވަންޖެހެއެވެ. ރިސްވަތާއި ނުފޫޒުން އެއްކިބާކުރެވިފައިވާ މާހައުލެއް ވޯޓުލުމަށް ފަހިކުރަންޖެހެއެވެ.

އެއަށްފަހު ދެން ފެނިގެންދާނީ އަތޮޅާއި ރަށުކައިންސިލްގެ އިންތިޙާބެވެ. މި އިންތިޙާބުތަކަކީވެސް އޭގެ ޒާތުގައި ވަރަށް މުހިއްމު އިންތިޙާބަކަށް ވެގެންދާނެއެވެ. ސަބަބަކީ މިއީ މިފަދައިން ރައްޔިތުންގެ ވެރިކަން ރައްޔިތުންނާއި ގާތުން ހިންގުމަށް ރައްޔިތުން އެކަށައަޅާ ވެރިކަމުގެ ބަޔަކަށް ވާތީއެވެ. އަދި މިފަދަ ފަންތިއެއްގައި އަތޮޅާއި ރަށުގެ ވެރިކަން ޤާއިމް ކުރެވުމުން ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ލިބޭނޭކަމަށް އުއްމީދުކުރެވެއެވެ.

މިދުވަސްވަރަކީ މިފަދައިން އިންތިޙާބަކަށްފަހު އިންތިޙާބަކަށް ތައްޔާރުވާންޖެހޭ ވަގުތުތަކެވެ. މިފަދައިން ތައްޔާރުވާއިރު އަހަރުމެން އެއްމެންވެސް ހަނދުމަކުރަންޖެހޭނީ އަހަރުމެން ދިވެހީންގެ މެދުގައި އޮތް ހަމަޖެހުމާއި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ތާއަބަދަށް ދެމެހެއްޓުމަށެވެ. ސިޔާސީ ތަފާތު ވިސްނުމާއި ހިޔާލާއި ފުކުރާއި ގުޅިފައިވާ ޕާރޓީއަކީ ތާފާތުކަމެކެވެ. އަހަރުމެން އެންމެން ޕާރޓީ އެއްގެ މެމްބަރަކަށް ވުމުގެ ކުރީންވެސް އަދި ފަހުންވެސް މިއީ ދިވެހިރައްޔިތުންނެވެ.

Wednesday, October 29, 2008

ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު އައުކުރަމެވެ

ބިރުވެރިކަމުގެ ބަދަލުގައި ކުރީ އުއްމީދުއެވެ. އެއުއްމީދަކީ މުސްތަޤްބަލު އުޖާލާކުރުމުގެ އުއްމީދެވެ. މުސްތަޤްބަލު އުޖާލާކުރުމުގެ އުއްމީދު އައުކުރީ އައު ޖީލެއްގެ އައު ޒައާމަތެއްގާ ޤަޢުމަށް ލިބޭނޭ ކުރިއެރުމަށް، ރަގަޅަކަށް، މޮޅަކަށް، ހެވަކަށް، ލާބައަކަށެވެ. ޤަޢުމަށް ލިބޭނޭ ހެވާ ލާބައާއި ކުރިއެރުން ގެނެސްދެނިވި އައު ޖީލެއްގެ ޓީމެއް މުހައްމަދު ނަޝީދުއާއި ޑރ. ވަހީދުގެ ޒައާމަތުގައި މަސައްކަތް ފަށަން އެދަނީ ތައްޔާރުވަމުންނެވެ. އެމަސައްކަތަކަށް ވާނީ އެފަރާތުން ވަޢުދުވި އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ ދަތުރުގެ ކަންތައް ހޭރިޔާކޮށް ފަށައިގަތުމެވެ. އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ މިދަތުރަކީ އޮމާން ހަލުވި ދުވެއްޔެއްގައި ގޮސް އަނެއް ދިވެހިރާއްޖޭގެ ގޮޑުދޮށަށް ބީއްސާލާނެ ދަތުރަކަށް ވާނޭކަމަށް އުއްމީދުކުރަމެވެ.

އަނެއް ދިވެހިރާއްޖެއަށް ދަތުރަށް އަރައިތިބި އޮޑީގެ ކެޔޮޅު މުހައްމަދު ނަޝީދު އާއި އޭނާގެ އެހީތެރިޔާ ޑރ. މުހައްމަދު ވަހީދު ގެ ފަޅުވެރީންނަކީ ކޮބައިބާއެވެ. ފަޅުވެރީންނަކީ ކޮންމެބަޔަކަށް ވިޔަސް އެބަޔަކު ވާންޖެހޭނީ އިލްމީގޮތުންނާއި ތަޖުރިބާގެ ގޮތުން މިއަދުގެ މި ދަތުރަށް އަރާއިރު ކެޔޮޅަށާއި އޮޑިވެރީންނަށް ވާރުތަވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ފިޔަވަޅުތައް އަވަސްކަމާއި ހަލުވިކަމާއެކު ޤާބިލުކަމާއި ކުޅަދާނަކަމާއެކު އަޅާނޭ ފަރާތްތަކަކަށެވެ.

އެފަރާތްތަކުގެ މަސައްކަތުން މިއަދުގެ މިދަތުރުގެ އަމާންކަން އިތުރަށް އަމާންވެގެންދާނެއެވެ. ސަބަބަކީ ކުރިމަތިވެފަވާ މައްސަލަތަކަކީ އޭގެޒާތުގައި ވަރަށްވެސް ނާމާންކަމާއި ބިރުވެރިކަން ހިމެނިގެންވާ މައްސަލަތަކެކެވެ. ޑުރަގުގެ ވަބާގައިޖެހި ޅަޖީލު ހަލާކުވެ، މަސްތުވެގެން ދިވެހިދަރީންގެ ލޭ މިޤައުމަށް އޮހޮރުވަމުން އެދަނީ ހަނގުރާމެއް ނުކުރިކަމުގައިވީނަމަވެސް އެފަދަ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ޤަޢުމުގެ އާއްމު ހާލަތު ވެއްޓިގެންދާފަދަ ގޮތަކަށެވެ. އެހާލަތުގެ ބިރުވެރިކަމުގެ ތެރޭގައި ގަރަގުވާމުންދާ ދިވެހިމުޖތަމަޢު ސަލާމަތުގެ އަނެއްދިވެހިރާއްޖެއަށް އަވަހަށް ދިޔުމަކީ މިޤަޢުމުގެ ހާލުގެ ދުލުން ގޮވާގޮވުމެވެ.

އެގޮވުމުގައި އިތުރަށް ފާޅުކުރަމުންދަނީ ރޫޅެމުންދާ އާއިލާތަކުގެ މައްސަލަތަކާއި ބޯހިޔާވަހިކަމުގެ މަސައްލަތަކުގެ ވާހަކައެވެ. މިމައްސަލަތަކަށް އަވަސް ހައްލެއް ހޯދިގެން މެނުވީ އެއްވެސް ގޮތަކުން އިޖުތިމާއި ގޮތުން ކުރިއެރުންތަކެއް ނުލިބޭނޭކަމަށް ދެކެމެވެ. އިޖުތިމާއީ ހަމަޖެހުމާއި ރައްކާތެރިކަމީ މިއަދުގެ ރާއްޖޭގެ މަގުމަތީން ނުފެންނަ މަންޒަރަކަށްވެގެން މިވަނީ ގޮސްފައެވެ. ވީމާ، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ގެނަޢުމުގެ މަގުތަކެއް ހުޅިވި ރައްޔިތުންނަށް އޭގެ ފައިދާ އެއްމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭންޖެހިފައިވެއެވެ.

ވީމާ، އުއްމީދަކި މިކަންތައްތައް ހައްލުކުރުމަށް ޤާބިލު ފަޅުވެރީންތަކެއް ލައިގެން އަނެއް ދިވެހިރާއްޖެއަށް މިކުރާ ދަތުރުގެ މައްސަލަތައް އަވަސްކަމާއި ރައްކާތެރިކަމާއެކު ރައްޔިތުންނަށްޓަކައި ހައްލުވެގެން އިސާހިތަކުން ދާނެކަމަށެވެ.

Tuesday, October 28, 2008

ވަތަން އެދޭ ގޮތް

ހުއްބުލް ވަތަން އެދޭގޮތަކީ އަޢު ޒަމާއަތަކަށެވެ. ހުއްބުލްވަތަނުގެ މުވައްތިނުންގެ އަޤުލަބިއްޔަތުން މިއަދުއެވަނީ އައު ލޮބުވެތި ޒައީމަކަށް ވުމަށް މުހައްމަދު ނަޝީދު (އަންނި) އިންތިޙާބުކޮށްފައެވެ. މިވަތަނުގެ ދަރީންގެ އެދުން ހަރުއަޑުން ފާޅުކޮށްފަ އެވަނީ ފާއިތުވި ތިރީސް އަހަރުގެ މަޒީ ރިޕީޓު ނުކުރުމަށެވެ. ތިޔައީ މިވަތަނުގެ ރައްޔިތުންގެ ހިތްތަކާއި ސިކުނޑިތަކުގެ ލޮބުވެތި ޒައީމުކަމުގަ ބަހާއި އަމަލުން ދެއްކުމުގެ ފުރުސަތު މިތަނަވަސްވީއެވެ. އަދި ތަނަވަސް އަޤުލަބިއްޔަތަކުން އިސްލާހީ މަސައްކަތުގެ ހަޤީޤީ މަސައްކަތް ފެށުމަށް ފުރުސަތުދީފައެވެ. މަރުޙަބަ އިއްޒަތްތެރި ރައީސް އޮނަރަބަލް އަލްފާޟިލް މުހައްމަދު ނަޝީދު (އަންނި).

ދިވެހިން އެދޭފަދަ ހެޔޮބަދަލެއް ގެނަޢުމުގެ ހަޤީޤީމަސައްކަތް އަވަސްކުރުމުގެ މަސައްކަތް އަދި ފެށުނީކަމަށް ބަލަމާހެއްޔެވެ. ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތައް ރައްޔިތުން އެދޭގޮތަށް ތަނަވަސްކޮށްދީ ރައްޔިތުންގެ މުދަލާއި ފައިސާ ރައްޔިތުންނަށްޓަކައި ތަނަވަސްކޮށް ދިނުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުން ފަހިކޮށް މުޅިޤަޢުމު އިސްލާހުކުރުމުގެ މަސައްކަތް އަދި މިފެށެނީއެވެ.

ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. ރައްޔިތުން އެކަމަށް އާދޭސް ކުރުމަކަށެއް ނޫނެވެ. ވީމާ، މިވަގުތަކީ އާދޭސް ކުރުމުގެ ސަގާފަތް ނައްތާލުމަށްޓަކައި ވީ ވަޢުދު ފުއްދުމުގެ ވަގުތެވެ. ރައްޔިތުންގެ ހަލާލު މަސައްކަތުން އެރައްޔިތުންގެ ތަނަވަސްކަމަށް ހޯދާފައިސާ ލިބިދީ ތަނަވަސް ދިރިއުޅުމަކަށް ވާސިލްކޮށްދިނުމުގެ ވަގުތު މިޖެހުނީއެވެ.

ކެއްތެރިކަން ކޮޅުންލާފައިވާ ރައްޔިތުން އެދި ބޭނުންވާފަދަ ތަޢުލީމާއި، ސިއްޙީ ވަސީލަތާއި ތިމާވެށި ރައްކާތެރިކުރުމާއި ސާފުބޯފެނާއި ކުނިނައްތާލުމާއި ލަފާފުރުމާއި ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރުމާއި ޕެންސަނުގެ ހައްޤާއި ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ އަގުތައް ތިރިކުރުމާއި މުޖުތަމަޢު ޑުރަގުގެ ވަބާއިން ސަލާމަތްކުރުމުގެ ވަގުތު މިވަނީ ޖެހިފައެވެ. މޫނަށް ކަނދުރާއަށް ނުބަލާ އިންސާފު ޤާއިމްކުރަންވީ ދުވަސް މިވަނީ އައިސްފައެވެ.

ކީރިތި މޫރިތި މާތް ﷲ މިލޮބުވެތި ވަތަން އިސްލާހުގެ މަގުން ހިންގެވުމުގެ ހެޔޮތަޢުފީގު އަޅަމެންގެ ކަންތައްތައް ހިންގެވުމަށް އިބަރަސްކަލާންގެ އަހުރަމެންގެ މެދުން އައްޔަނުކޮށް މެދުވެރިކޮށް ހަވާލުކުރެއްވިފަރާތްތަކުން ހިންގުމުގެ ހެޔޮވިސްނުން ދެއްވާންދޭވެ. އާމީން

Friday, October 24, 2008

ވަތަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން އިޖާބަދޭން

ވަތަންގެ ދަރީން ވަތަން އެދޭގޮތަށް ހެޔޮހިތުން އިޖާބަދޭން ދާނެ ދުވަހަކީ މިހިނގާ އޮކްޓޫބަރު މަހުގެ އަށާވީސްވާ އަންގާރަ ަދުވަހެވެ. އެދުވަހު ވަތަނުގެ ދަރީން ވަތަނުގެ އެކިކަންކޮޅުގައާއި ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ވޯޓުފޮށިތަކަށް އަޅަމުންދާ ވޯޓުގެ ނަތީޖާއިން ފާހަގެވެ، ފާޅުވެގެންދާނީ ވަތަންގެ ދަރީން އެދޭގޮތްތަކެވެ. އެގޮތުން ތަފާތުދެގޮތުންކުރެގޮތަކަށް ވަތަންގެ ދަރީން އެދިދާނެއެވެ

ވަތަންގެ ދަރީން އެދޭނެ އެއްގޮތަކީ ވަތަނުގެ އެއްމެ އިސްމަގާމު ވަތަނުގެ ދަރީންގެ ފަރުދީ އަދި އެހެނިހން ޒަމާނީ މިނިވަންކަމަށްޓަކައި ވަތަނުގެ ދަރީންގެ ހައްޤުގައި ޖާނާމާލުން ގުރުބާންވިފަރާތްތަކުގެ އެއްމެ ކުރީސަފުގައިވާ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ވަތަނުގެ ހަތަރުވަނަ ރައީސްކަމަށް އިންތިޙާބުކުރުމެވެ. ނުވަތަ ވަތަނުގެ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސްގެ ގޮތުގައި 11 ނޮވެމްބަރު 2008 ގައި ވަތަނުގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ފުރުސަތު އެފަރާތަށް އެރުވުމެވެ

އެގޮތަށް ވަތަންގެ ދަރީން ކަންކޮށްފިނަމަ، ވަތަނުގެ ދަރީންގެ އެއެދުމަކީ އައުޙިޔާލާއި ލޭހިނގާ ސަރުކާރަކުން އައުއުއްމީދުތަކާއި އައުކުރިއެރުމާއި ގޮތްތައް އެކުލެވޭ މުޅީން އައުދިވެހިރާއްޖެއަކަށް ރުޖޫއަވުމެވެ. ނުވަތަ މިހާރު ވަތަނުގެ ދަރީންކަންބޮޑުވާ މައްސަލަތައް ހައްލުކުރުމަށް ވަތަން އެދޭގޮތުގެ ގުޅުމުގެ އިއްތިޙާދުގައި ހިމެނޭ އައުފަރާތްތަކަކާއި ހަވާލުކުރުމެވެ. މިހާރުގެ ގޮތަށް ބުނާނަމަ ވަތަން އެދޭގޮތުގެ ގުޅުމުގެ އިއްތިހާދިންނަށް ފުރުސަތު ތަނަވަސްކޮށްދީގެން އަނެއް ދިވެހިރާއްޖެއަށް ރައްކާތެރި ދަތުރެއް ފަށައިގެންގޮސް ރައްކާތެރިކަމާއެކު ބަނދަރުކުރުމެވެ

މިފަދައިން ފުރުސަތު ވަތަން އެދޭގޮތުގެ ގުޅުމުގެ އިއްތިހާދީންނަށް ދިނުމަށް ވަތަނުގެ ދަރީން އިންކާރުކޮށް، މިހާރުގެ ތިރީސް އަހަރުވީ ސަރުކާރު ދަމަހަށްޓަންވެސް ވަތަނުގެ ދަރީން ވޯޓުދީފާނެއެވެ. އޭރުން ވަތަންއެދޭ ގޮތަކީ ފާއިތުވި ތިރީސް އަހަރު ދުވަސްވީ ސަރުކާރަކީ ވަތަނަށް ބޭނުންތެރި ސަރުކާރުކަމުގައި ނިންމުމެވެ

އެގޮތަށް ވަތަންގެ ދަރީންގެ ވޯޓުން ވަތަންއެދޭގޮތް ހާމަކޮށް ނިންމައިފިނަމަ އެނިންމުނީ ނުކުޅެދުންތެރިކަމާއި، ކަރަޕްސަނާއި، ރައްޔިތުންގެ ބަޔަތުލްމާލުގައި ހުރި ފައިސާ ސަރުކާރުގެ ބޮޑުންނަށް ބައިއެޅުމަށް ދިނުމާއި އާއިލީ ވެރިކަމާއި، މުޖުތަމަޢުތެރޭގައި ފާއިތުވި ތިރީސް އަހަރު މޫލާހެދިކުރިއަރަމުން އަންނަ ނޭދެވޭ މައްސަލަތައްކަމުގައިވާ ޑުރަގުގެ ވަބާއާއި އާއިލާތައް ރޫޅުމުގެ މައްސަލަތަކާއި، ގެދޮރުގެ ދަތިކަމާއި ލަފާފުރުގެ ދަތިކަމާއި ވަޒީފާގެ ފުރުސަތުތަކާއި ސިއްޙީ އަދި ތަޢުލީމީ ރަނގަޅުފެންވަރުގެ ޙިދުމަތްތައް ރަގަޅުނުވިޔަސް މައްސަލައެއް ނެތްކަމަށް ވަތަންގެ ދަރީންނިންމުމެވެ

މިއިން ކޮށްމެގޮތަކަށް ވަތަންގެދަރީން އަށާވީސް އޮކްޓޫބަރުގައި ވޯޓުދީގެން ވަތަންއެދޭގޮތް ފާޅުކުރިއަސް އެއީވަތަނުގެ ދަރީން ބޭނުންވާގޮތްނޫން އެހެންދެވަނަގޮތެއް ނޫނެވެ. މާތް ﷲ ވަތަން އެދޭގޮތަށް މިދިވެހިވަތަން، ދީބުދިވެހިރާއްޖެ ވަތަނުގެ ދަރީންނަށްޓަކައި ލައްވާންދޭވެ. އާމީން

Tuesday, October 21, 2008

މައްސަލައަކީ އިސްލާމީ އަގީދާ ބަލިކަށިވުން ހެއްޔެވެ

ދިވެހި އިސްލާމީ މުޖުތަމަޢުގައި ކަންބޮޑުވާވަރުގެ ގިނަގުނަ މައްސަލަތަކެއްވެއެވެ. އެފަދަ މައްސަލަތކުގެ އެއްމެ ކުރީގައި މިވަގުތު ސިޔާސީ ބޭނުމަކަށް ނަގައިގެން އުޅެނީ އިސްލާމް ދީނެވެ. ދެން ހުރިހުރިހާ މައްސަލަތަކެއްވަނީ އެއްފަރާތްކުރެވި، ކަސްފުކުރެވިފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ޑުރަގުގެ ވަބާއާއި ފުޑުފުޑުވަމުންދާ އިޤްތިސާދާއި އިޤްތިސާދީ މައްސަލަތަކާއި އުފުލެމުންދާ އަގުތަކުގެ ސަބަބުން ދިރިއުޅުން ދެކޮޅުނުޖެހި، ދިރިއުޅުމުގެ އަގު އިންތިހާއަށްވަނީ އުފުލިފައެވެ.

ސިޔާސި ބޭނުމަށް ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރަމުންއެބަދެއެވެ. ވިސްނާލަންޖެހޭ ހަޤީގަތަކީ ދިވެހީންނަކީ އެއަށްވުރެބޮޑަށް ދީންދެކެ ލޯބިވާ އަދި އަޤީދާ ވަރަށް ވަރުގަދަބައެކެވެ. މިކަން ވަރަށް ސާބިތުކަމާއެކު ދިވެހީން ދައްކުވައިފައިވަނީ މީގެ އެތަކެއް އަހަރުތަކެއް ކުރީން ދިވެހީންގެ ކަރަށް ރާއަޅައިގެން ނަސޯރާދީނަށް ދިވެހީން ވައްދަންވެގެން ޕޯޗުގީޒުންކުރި މަސައްކަތްވެސް ފުޑުފުޑުވުމުންނެވެ. ވީއިރު، މިއަދުދިވެހީންގެ ދީން މާތްވެގެންވާ އިސްލާމްދީން މިމުޖުތަމަޢުއިން ނެތިކޮށްލެވިދާނެހެއްޔެވެ. އެފަދަ ފުރުސަތެއް އެއްވެސްފަރާތަކަށް ދިވެހިރައްޔިތުންނެއް ނުދޭނެއެވެ.

އެހެންވީއިރު، މިއަދު ރައްޔިތުންނަށް ބޮޑުވެފައިވާ ޑުރަގުގެ ވަބާއާއިމެދު ވާހަކަދައްކާތަނެއްނުފެނެއެވެ. މި ރިޔާސީ އިންތިޙާބުގައި ނަގަންޖެހޭނޭ ހަޤީޤީ މައްސަލައަކީ މިއީނޫންތޯއެވެ. ސަބަބަކީ މިދީބުގެ ޒުވާނުންގެ އާބާދީގެ %30 ޒުވާނުންވަނީ ޑުރަގުގެ މަސްތުގައި ގެއްލެނިވެފައެވެ. ފާއިތުވި އަހަރުތަކުގައި މިކަމުން ރައްޔިތުންނަށް ސަލާމަތްކަމެއް އަދުގެ ސަރުކާރަކަށް ހޯދައިދެވިފައެއް ނުވެއެވެ.

އަދި މިއަދުގެ ޤައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ބަޖެޓު ފޫނުބެއްދި ދިރިއުޅުމުގެ އަގުތައް އުފުލިގެން ދާއިރު އަދިވަނީ ހައްލެއްނުފެނިފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ބިކަވެ ހާލުގައި ޖެހިފައިވަނީ އަތާއަގަޔާ ދިމާނުވެވޭ މިންވަރަކަށެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް މިވަގުތަކު މައްސަލައަކަށް ނުވެއެވެ. އަދި ސަމާލުކަމެއް ނުދެވެއެވެ.

މިފަދަ ދަނޑިވަޅެއްގައި މިއަށްވުރެ ސަމާލުވާންޖެހޭ މައްސަލަތަކަކީ ކޮބައިހެއްޔެވެ. ނަމަވެސް މިމައްސަލަތަކަށް މިހާރުވެސް އަދި ވަނީ ހަމަބީރުކަންފަތެއްދެވިފައެވެ. ވީއިރު މިމައްސަލަތައް ކެމްޕެއިންގެ އެއްމެ ކުރީސަފަ ފާއްދާލާން ރައްޔިތުން ސުވާލު އުފައްދަންޖެހެއެވެ. މަތީގައި ނަންގަނެވުނު މައްސަލަތަކަކީ ދީނީ މައްސަލައަށްވުރެ ރައްޔިތުންނަށް މާބޮޑު މައްސަލައެކެވެ.

Friday, October 17, 2008

މުސްތަޤްބަލު ހަލާކުރަނީވެސް އަހަރުމެންނެވެ

އަހުރަމެންގެ ވިޔަފާރީގެ ބައިވެރިއެއް އަދި ޤަޢުމުގެ ސަރުކާރުގެ ވެރީންނާއި މުއްސަދިން ބޭސްފަރުވާއަށް އަންނަ ޤަޢުމެއްކަމުގައިވާ ސިންގަޕޫރަކީ ދިވެހިރާއްޖެއާއި ދާދިއެކުއެކީ 1965 ގައި މިނިވަންވި ޤައުމެކެވެ. މާގިނަ ގުދުރަތީ ވަސީލަތެއްނެތް، އެކަމަކު އަހަރުމެންނަށްވުރެ މީސްކޮޅު ގިނަޤައުމެކެވެ. މިއަދު ސިންގަޕޫރަކީ ދުނިޔޭގެ އެއްމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ އެއްމެ ކުރީގައިވާ ޤަޢުމެކެވެ. ނަމަވެސް އަހަރުމެންގެ ރާއްޖެވަނީ ފަޤީރުޤައުމުތަކުގެ ލިސްޓުގައޭ ދެންނެވިދާނެއެވެ.

ޤުދުރަތީ ވަސީލަތް މަދު އާބާދީގައި މިއަދު 4.59 މިލިޔަން ރައްޔިތުން ދިރިއުޅޭ ސިންގަޕޫރު ކުރިއަރައިގެން އައިސްފާވާނީ އެޤައުމުގެ ސަރުކާރުގެ ދުރުވިސްނުމުގެ ސަބަބުންނެވެ. ޤުދުރަތީގޮތުން ޤަޢުމު އޮތްސަރަހައްދުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ރައްޔިތުންގެ ފައިދާއަށް ޤަޢުމުގެ ހުރިހާ މިލިކިއްޔާތެއް އިންސާފުވެރިކަމާއެކު ހޭދަކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ފުރިހަމަ ސިއްހީ ރަނގަޅު ފަރުވާއާއި ދުނިޔޭގައި ދެވަނައެއްނެތް ތަޢުލީމީ ނިޒާމަކާއި ބޯހިޔާވަހިކަން އަތްފޯރާފަރުގައި ފުރިހަމަ އިންތިޒާމްހަމަޖައްސައިފާވާއިރު ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ގެނެސްދިނުމުގެ އިތުރުން މަސްތުވާތަކެތީން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢުއެއްގެ ގޮތުގައި އެމުޖުތަމަޢު ބިނާކޮށްފައިވަނީ އަވަށްޓެރި ޤަޢުމުތަކާއި ދުނިޔޭގެ އެހެނިހެން ޤަޢުމުތައް ހަސަދަވެރިވާފަދައިންނެވެ.

ނަމަވެސް އަހަރުމެންގެ ރާއްޖެއަކީ ގުދުރަތީގޮތުން މުއްސަދި ޤަޢުމެކެވެ. ރާއްޖޭގެ 1190 ރަށުގެ ވަށައިގެންވާ ކަނޑުތަކަކީ ﷲ އިރާދަކުރެއްވީތީ ކަޅުބިލަމަހާއި އެހެނިހެން މަސްމާހާމެހީން މުއްސަދި ކުރެވިފައިވާ ކަނޑުތަކެކެވެ. ހަމައެފަދައިން ޤަޢުމުގެ ފަޅުރަށްތަކަކީ ދުނިޔޭގައި އެވަރެއްނެތް ރީތިރައްތަކެކެވެ. ޓުވަރިޒަމްގެ މާރުކޭޓުގައި އެރައްތަކުގެ އަގު މިއަދަ ތެޔޮވަޅަކަށްވުރެ އަގުބޮޑެވެ. ނަމަވެސް ޤަޢުމުގެ މުއްސަދިކަން އޭގެއެއްމެ ފުރިހަމަގޮތުގައި ފާއިތުވި 40 އަހަރު ވެރިކަން ކުރެއްވިފާރާތްތަކުން ރައްޔިތުންގެ ފައިދާއަށް ސާފުވެރިކަމެއްކޮށްފައިނެތުމުގެ ސަބަބުން އަދިއަދަށްދާންދެންވެސް 300000 މީހުންގެ މިއާބާދީގެ ބޮލަކަށް އަހަރަކު ހަތަރުހާސް ޑޮލަރު ޖެހޭ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އުޅެންޖެހިފައިވަނީ ފަގީރު ހާލު ގިނަގުނަ ތަކުލީފުތަކާއި ކެކުޅުންތަކުގެ ތެރޭގައެވެ.

ދިރިއުޅުން ވޭތުކުރަންޖެހިފައިވާ 200 ރަށުންގިނަ ރައްތަކަކީ ތަރައްޤީގެ ކުލަވަރެއްނެއް ރައްތަކެކެވެ. ލަފާފުރުމުގެ ދަތިކަމާއި ސާފުރައްކާތެރިބޯފެނާއި ފެންވަރު ރަނގަޅު ސިއްޙީފަރުވާއާއި ތަޢުލީމީ ޙިދުމަތާއި ކުނިނައްތާލުމުގެ އިންތިޒާމާއި ނަރުދަމާގެ ނިޒާމްތަކުގެ އިތުރުން ކަރަންޓުގެ ޙިދުމަތައް ފުރިހަމައަށް ޤާއިމްނުކޮށްވާ އާބާދީތަކެއްގައެވެ. މިމުޖުތަމަޢުތަކުގައި މަސްތުވާތަކެތީގެ ވަބާ ފެތުރިކުރިއަރަމުން މިއަދަނީ އިންތިހާދަރަޖައަކަށެވެ. ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ހިޔާނަތްވެފައިވާ މިންވަރަކީ ފުރިހަމައަށް އަދިވަޒަންނުކުރެވިވާ މިންވަރެކެވެ

ކަންމިހެން ހުރުމުން ސިންގަޕޫރާއާ އެއްފަދަ ތަރައްޤީއެއް އަހަރުމެން ބޭނުންވިޔަކަސް ނުލިބޭނެއެވެ. އެފަދަތަރައްޤީއަކަށް ވާސިލުވުމަށް އަހުރެމެންބޭނުންވިޔަސް ވެރިކަން ސާފުނުކޮށް އަދި ކުރިޔަށް ދެވެން އޮތްހެނެއް ހިޔެއްނުވެއެވެ. ވީމާ، ލިބިފައިވާ ވޯޓުލުމުގެ ހައްޤުއަދާކުރައްވާއިރު ބޭނުންވިތަރައްޤީ ގެނެސްނުދެވުނު ސަރުކާރެއް ދަމަހައްޓައިގެން އަހަރުމެންގެ މުސްތަޤްބަލު އަމިއްލައަށް ހަލާކުރުމުގެ ބަދަލުގައި ކެރިގެން އެހެން ސަރުކާރަކަށް ފުރުސަތުދެމާހެއްޔެވެ. އޭރުން އައުސަރުކާރަކަށް އަހަރުމެންބޭނުންވާ ކުރިއެރުން ހޯދައިނުދެވިއްޖެނަމަ ދެންއަންނަ އިންތިޙާބެއްގައި އެސަރުކާރުދުރުކުރާނީ ފިސާރިކެރިގެންނެވެ.

Tuesday, October 14, 2008

އަހަރުމެންގެ ދީނަކީ މާތްވެގެންވާ އިސްލާމުދީނެވެ.

އަހަރުމެން ދިވެހީންގެ ދީނަކީ އިސްލާމް ދީނެވެ. އަހަރުމެން އެދީން ދެނެގަތި އެއްފޮތަކުންނެވެ. ނަމަވެސް ފެންނަފެނުމަށް ހީވަނީ އަހަރުމެން އެދީންދެނެގަތީ ދިހަބާރަފޮތުންހެނެވެ. މިއީ ޅެންވެރިއެއްގެ ބަސްކޮޅެކެވެ. އާދެ، މިފާއިތުވީ 30 އަހަރު ދީނުގެ ޝިޔާރާއި ވަހުދަތު ގަދަވިނަމަ މިފަދައިން ނުފެނުނީސްކަން ކަށަވަރެވެ.

މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުން މިފެންނަނީ ޒުވާނުން މަސްތުވެގެން އުޅޭތަނެވެ. މަސްތުވާތަކެތި މިރާއްޖެއިން ލިބުމަކީ ބޯފެނަށްވުރެ ފަސޭހަކަމެކެވެ. ނަތީޖާއެއްގެ ގޮތުން 30000 އެތަކެއް ދިވެހި ޒުވާނުން މަސްތުވާތަކެތީގެ ވަބައިގައި މިފާއިތުވި 30 އަހަރުގައި ގެއްލިގެން ގޮސްފައިވަނީ އެތަކެއް މައިންނާއި ބަފައިންނާއި އާއިލާ ކަރުނައަޅާފައެވެ. ޤައުމުގެ މުސްތަޤްބަލް މިވަނީ މިފާއިތުވިތިރީސް އަހަރުގައި މަސްތުވާތަކެއްޗަށް ދެވިހިފާފާވާބަޔަކަށް ހަދާފައެވެ.

އަނބިފިރިކަމުގެ ގުޅުމަކީ ކައިވެނީގެ ރިވެތި އަޙުލާޤުން ދެމަފިރިޔަކު ގުޅިގެން ނޫނީހިންގުން މަނާކަމެއްކަން މިއިސްލާމީ މުޖުތަމައުއިން ފަނޑުވަމުން ނުދޭހެއްޔެވެ. ކައިވެނިތައް ރޫޅި އާއިލާތައް ބިކަވެ، ޅަދަރީންގެ މުސްތަޤުބަލް ހަލާކުވެގެން ގޮސްފައިވަނީ ދެބަސްނުވެވޭ ދަރަޖައަކަށެވެ. އެއްބަޔަކު އެކީ ދިރިއުޅެނީ ކައިވެނީގެ ގުޅުމަކާނުލައެވެ. އަނެއްބަޔަކު އެހެންގޮތްގޮތުން އެގުޅުން ދަމަހައްޓަމުން ދެޔެވެ. މިމުޖުތަމައުއަކީ މިފާއިތުވި ތިރީސް އަހަރުގައި މިފަދަ ބަދުއަޙްލާޤީ ގޮތްތަކަށް ހުޅުވާލެވިފައިވާ މުޖުތަމަޢުއަކަށް ވެފައިވެއެވެ. މިއީ ނަސޯރާ މުޖުތަމަޢުގައި ކަންހިނގާ ބީދާއެވެ. ވީއިރު މިދިވެހި އިސްލާމީ މުޖުތަމަޢު ނަސޯރާކުރެވިފައިވާ މިންވަރު ވަޒަން ނުކުރެވޭ ހެއްޔެވެ.

މުސްލިމު އަންހެނާގެ އައުރައަކީ ކޮބައިކަން އަހަރުމެން އެންމެން ދަންނަމުއެވެ. ނަމަވެސް އަހުރަމެންނަށް މުޖުތަމަޢުތެރޭން މިފެންނަނީ އެހެން މަޒަރެކެވެ. ޅަޒުވާން އަންހެން ޖީލުގެ ދަރީން އެކުދީންގެ އައުރަ ސޯކޭސް ކުރިވެގެން ގޮސްފައިވާ މަންޒަރެވެ. މިއީ މުސްލިމުންނާއި ނަސޯރާއިން ވަކިކުރާ މިންގަޑެއްވެސް މެއެވެ. ވީއިރު މިފާއިތުވި 30 އަހަރުގައި މިޤައުމު ނަސޯރާކުރެވިފައިވާ މިންވަރު މިފެންނަނީ ކިހާމިންވަރަކަށް ހެއްޔެވެ.

އަމާނާތަށް ތެދުވެރިވެ ރައްޔިތުންގެ ހައްޤަށް އިޙުތިރާމާއި ގަދަރުކުރުމަކީ ނެތްކަމެކެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މުދާ ބެލެހެއްޓުމަށް ﷲ ގަންދީ ހުވާކުރައްވާފާވާ ފަރާތްތައް އެދަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވެ، ދިވެހި ބަޔަތުލްމާލުން އެފަރާތްތަކުގެ އާއިލާއާއި ރަހްމަތްތެރީންނަށް ބައިއެޅިގެންނެވެ. އަދި އިސްލާމީ ޝިޔާރު މުޅިމިދީބުގައި ފާޅުކޮށް ދިވެހީންގެ އިސްލާމީ އަޤީދާއާއި ވަހުދަތު ވަރުގަދަކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތަކީ ޙާކިމެވެ. ނަމަވެސް ޙާކިމު އިސްލާމްދީނުގައި އަންގަވާފާ ހުކުމްތަކުގެ ތެރޭގަވާ، އަންހެނުން ބުރުގާއެޅުމާއި ގިސާސް ހިފުންފަދަ ހުކުމްތަކަށް އިހްތިރާމް ނުކުރާކަމަށް ނުދެކެންހެއްޔެވެ. ވީއިރު ހާކިމަކަށް އެފަދަ ވެރިޔަކު ބެހެއްޓުމަކީ އިސްލާމީ ހަމަތަކުން ކުރުން ހެޔޮވާވަރުގެ ކަމެއްހެއްޔެވެ.

މިފަދަ ގޮތްތަކާއި އާދަތަކަކީ އިސްލާމީ މުޖުތަމަޢުއަކުން ފެނުން އެކަށީގެންނުވާ ކަމެކެވެ. ވީއިރު މި އާދަތައް ގެނެސްދިން 30 އަހަރުވީ ސަރުކާރު އަދިވެސް ދަމަހައްޓަންވީހެއްޔެވެ. އެހެންވެއްޖެނަމަ އަހަރުމެން ވޯޓޫދީގެން އެދެމެހެއްޓެނީ އިސްލާމީ ރިވެތި އާދަޔާ ގޮތްތަކުން އެއްކިބާވެގެންވާ މަސްތުވާތަކެއްޗާއި، ބޭއިންސާފާއި އަނިޔާއާއި، ހިޔާނާތާއި ޒަވާޖީ ހަޔާތެއް ނުފަށާ ކުރިއަރުވާ މިނިވަން ގުޅުންތައްފަދަ ލާދީނީ ގޮތްތަކެވެ. މިއަށްވުރެންބޮޑަށް އަހަރުމެން އިސްލާމްދީނާއި ދުރަށް އާއުސްމިންތަކަށް ގެންދިޔުމަށް ފާއިތުވި 30 އަހަރުގައި ކޮށްފައިވާ މަސައްކަތް ދަމަހައްޓައި ކުރިޔަށް ގެންދިޔުމަށް ވޯޓުދީގެން އަދިވެސް ފުރުސަތުދޭނީ ހެއްޔެވެ. އޭރުން އެދެވޭ ފުރުސަތަކީ ދިވެހީންގެ އިސްލާމީ އާދަކާދަޔާއި ވަހުދަތު ލާދިނީކޮށް ނަސޯރާވަންތަކުރުމަށް ދެވޭ ފުރުސަތަކަށް ނުވާނެހެއްޔެވެ.

ވަޒަން ތިކުރަނީ ކޮންމިންގަޑަކުންހެއްޔެވެ؟

ސާޅީސް ތިން މިލިޔަން ރައްޔިތުން ދިރިއުޅޭ ސައުތު އެފްރިކާގެ ރައްޔިތުންގެ ފަރުދީ މިނިވަންކަމަށްޓަކައި ނެލްސަން މަންޑޭލާ ތެދުވެ މުޒާހިރާ ކުރުމުގެ ސަބަބުން ޤައުމަށް ހިޔާނާތްވިކުށުގައި ބަންދުކުރިއެވެ. އަދި ފަހުން މަސައްކަތްކުރެވީ އޭއެންސީގެ ހަތިޔާރު އެޅިފައުޖުތަކުގެ ލީޑަރަށްވެ ގެރިއްލާ ހަނގުރާމެއެއް ކުރުމުގައެވެ. ނަތީޖާއެއްގެ ގޮތުން ޖަލުގައި 27 އަހަރު ހޭދަކުރަންޖެހުނެވެ. އަދި މަންޑޭލާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ބެލެވިގެން އެމެރިކާއަށް އެރުން 2008 ވަނައަހަރާހަމައަށް މަނާކޮށްފައިވަނީ ހަމައެކަނި ޔޫއެންއަށް ދިޔުމެގެ ހުއްދަޔާއެކުއެވެ. މިހުރިހާކަމެން މަންޑޭލާ ގަޢުމަށްޓަކައި ރައްޔިތުންގެ ފަރުދީ މިނިވަންކަމަށްޓަކައި ކުރެއްވުމުން ޤަޢުމުގެ ރައްޔިތުން އޭނާބަލައިގަތީ ޙާއިނެއްގެ ގޮތަކުނޫނެވެ، ޓެރަރިސްޓެއްގެ ގޮތަކުވެސް ނޫނެވެ. ޤަޢުމުގެ ރައީސްގެ ގޮތުގައެވެ.

އިންޑޮނީޝިޔާގެ އަޅުވެތިކަމުން އީސްޓިމޯރު މިނިވަންކުރުމަށްޓަކައި ޖަނާނާ ގުޒުމޯ ހިންގި ގެރިއްލާ ހަނގުރާމަ ނިމުމަކަށްއައީ އިންޑޮނީޝިޔާގައި ހިނގަމުން ދިޔަ ޝުހާޓޯގެ ހުދުމުހުތާރު ވެރިކަން ނިމުނުތަނާ އީސްޓިމޯރަށް މިނިވަންކަން ލިބުމާ ހިސާބުންނެވެ. މިހިސާބުން އީސްޓިމޯރުގެ ރައްޔިތުންގެ މިނިވަންކަމަށްޓަކައި އެއްމެ އިސްސަފުގައި ހަނގުރާމަ ކުރެއްވި ގެރިއްލާ ލީޑަރ ޖަނާނާ ގުޒުމޯ އެގައުމުގެ ރައްޔިތުން ބަލައިގަތީ ބަތަލެއްގެ ގޮތުގައެވެ. ޓެރަރިސްޓެއްގެ ގޮތަކުނޫނެވެ. އަދި އޭނާއަށް ހައްޤު މަޤާމަކީ އެޤަޢުމުގެ ރައީސްކަން ކަމުގައި ރައްޔިތުންގެ ވޯޓަކުން ހޮވާ ހަވާލުކުރިއެވެ.

ނަމަވެސް އަހަރުމެން ދިވެހިރާއްޖޭގައި އަހަރުމެން ރައްޔިތުންގެ ފަރުދީ މިނިވަންކަމަށާއި ހިނގަމުންދާ ބޭއިންސާފާ ދެކޮޅަށް އެތަކެއް ގުރުބާނީއެއްވެ، ޖާނާ މާލުން ފިދާވި އަންނިއަކީ ރައްޔިތުންގެ ކުރިމަތީގައި ޙާއިނެކެވެ. އަދި ޓެރަރިސްޓެކެވެ. ޤަޢުމުގެ އެއްމެ އިސްމަޤާމަކަށް ކަމުނުދާ ފަރާތެކެވެ. ސަބަބަކީ ހަމައެއްމެ ސަބަބެކެވެ. އެއީ އަންނިވެސް މަތީގައި ނަކަލުކޮށްލެވުނު ދުނިޔެއަށް މަސްހޫރު ބަތަލުންފަދައިން މިރާއްޖޭގެ ނިސްބަތުން އެފަދަމަސައްކަތްތަކެއް އެކްޓިވިސްޓެއްގެ ގޮތުގައި ކުރެއްވުމަށް ޖެހިލުމެއް ހިއްވަރު އެލުވާލުމެއްނެތި ރެޔާ ދުވާލު މަސައްކަތްކުރުމެވެ. ނަމަވެސް މަންޑޭލާއާއި ޖަނާނާ ގުޒުމޯއަށް އެފަރާތްތަކުގެ ރައްޔިތުން އެޤައުމުތަކުގެ ރައީސްކަން އެފަރާތްތަކަށް ވެދުންކުރާއިރު ދިވެހީންބަލާ މިންގަޑުން އަންނި ވެރިކަމަށް ކުފޫހަމަނުވާންވީ ކޮންފަދައަކުންހެއްޔެވެ.

Sunday, October 12, 2008

އަދި 5 ނުވަތަ 10އަހަރު ދެވިދާނެހޭ

އިއްޔެ މެންދުރުފުހުގެ ވަގުތެއްގައި މެލޭޝިޔާގައި މާސްޓާރސް އިން ލޯ ހަދަމުންދާ އަހުރެންގެ ސްކޫލުދަޢުރުގެ ޒަމާންވީ ވަރަށް ބޮޑު އެކުވެރި ރަޙުމަތްތެރިއަކާއި ބައްދަލުވިއެވެ. ދެމީހުން ސަލާންގަލާން ކުރުމަށްފަހު ރިޔާސީ ވޯޓުގެ ކަންތަކުގެ ވާހަކަ އަހުރެން އަހާލީމީވެ. ސަބަބަކީ ރަޙުމަތްތެރިޔާ ރާއްޖެއިން އެނބުރި އެއައީ އެވޯޓުގެ ފުރަތަމަބުރުގެ މަސައްކަތް ނިމުނުތަނާއެވެ. އަދި އަހުރަމެން ދެމީހުންނަކީ އަބަދުވެސް އެހެންބަދަލްވާފަހަރުތަކުގައި މިފަދައިން ސިޔާސީ ކަންކަމުގައި ހިޔާލްބަދަލްކޮށް ވާހަކަދައްކާ އުޅޭބައެކެވެ. ވީމާ، ވަންއުތާމާގެ ސްޓާރބަކުސް އާދިމާލަށް ކޮފީއަކަށް ހިންގައިގަތީ އެވާހަކަތުކުގެ ތެރޭގައި ރަނގަޅަށް ހަމަޖެހިލުމަށެވެ.

ކޮފީއަކަށް ރަނގަޅަށް ހަމަޖެހިލާފައި ރަހްމަތްތެރިޔާ ވަރަށް ހިނިތުންވެލާފަ ވަރަށް ފޯރިގަދަވާހަކަ ބުނެލިޔެވެ. އެއަށްފަހު ދެމީހުންގެ ބަހުސަކަށްވީ އިތުރުދައުރަކަށް މިސަރުކާރަށް ފުރުސަތު ދޭންޖެހޭނެތޯ ނުވަތަ ނޫންތޯއެވެ. ރަހުމަތްތެރިޔާ ބުނަމުންދިޔައީ ކުއްލިޔަކަށް ސަރުކާރު ބަދަލްކޮށްލުމަކީ ބުއްދިވެރިކަމެއް ނޫންކަމާއި މިވީހާތަނަށް އައިސްފާވާ ތަރައްޤީއާއި ކުރިއެރުމާއި ބަދަލެއް ގެނެސްފައި މިހިރީ މިސަރުކާރުކަމާއި ދެން އެހެން ސަރުކާރެއް އައިސްގެން އެމީހުންގެ އެކްޓިވިސްޓުން ސަރުކާރު ހިންގުމަށް ނާޤާބިލްވެދާނެކަމާއި މިފަދަ ވާހަކަތަކެވެ.

ނަމަވެސް އަހަރެންނަކަށް ރަޙުމަތްތެރިޔާއަކާ އެއްބަހެއްނުވެވުނެވެ. އަދި ބުނީމެވެ 30 އަހަރުގެ ވެރިކަމެއްގެ ސަބަބުން ލިބިފައިވާ ކުރިއެރުމަށްވުރެ ގެއްލުން އަހަރެންގެ އަންދާޒާއިން މާބޮޑެވެ. ފަޤީރުކަމަކީ ކޮށްމެހެން ބަނޑުފުރާމުއްތިކުރުމަށް ނުލިބުމެއްނޫނެވެ. ނަމަވެސް ދިވެހީންގެ ބޮޑުއާބާދީއެއް ފަޤީރު ހާލު ދިރިއުޅެމުންދަނީ ޤަޢުމުގެ އުފެއްދުން ތެރިކަމަށް ބޮލަކަށް 4000 ޑޮލަރުވަރު ލިބޭ މިމުއްސަދި ދިވެހިރާއްޖޭގައެވެ. ސިއްޙަތާއި ތަޢުލީމާއި ސާފު ރައްކާތެރި ބޯފެނާއި ކުނިނައްތާލުމުގެ އިންތިޒާމުތަކާއި ލަފާފުރޭނޭ ފަސޭހަތަކާއި ނަރުދަމާގެ ނިޒާމުތަކަކީ ދުޅަހެޔޮ އާބާދީއަކަށް އަސާސީ ކަންކަމެވެ. ނަމަވެސް މިފަދަކަންކަން ރައްޔިތުން ދިރިއުޅޭ ކުދި ބޮޑު އާބާދީއަށް ބަލައިލައިފިނަމަ ހަމަޖެހިފަވަނީ ވަރަށް ދޯދިޔާކޮންކަން ވަޒަންކޮށްލެވޭނެއެވެ. އަނެއްކޮޅުން ޒުވާނުންގެ އާބާދީގެ %30 ޒުވާނުންވަނީ ޑުރަގުގެ ވަބާގައި ޖެހިފައެވެ. މުޖުތަމަޢުގެ ދުވަސްވީ މުސްކުޅިންނާއި ނުކުޅެދޭ ފަރާތްތަކަށް ދެވޭ އަހަށްމިއްޔަތު ކުޑައެވެ. ވައްކަމާއި މާރާމާރީއާއި މީހުންމެރުންފަދަ ބޮޑެތި ކުއްތައް އިތުރުވެގެން ގޮސްފައިވަނީ އިންތިޙާދަރަޖައަކަށެވެ. ރައްޔިތުންގެ ފައިސާ ސަރުކާރުގެ އިސްވެރީންނާއި އެވެރީންގެ ގާތްތިމާގެ މީހުންނަށް ދީ ހުސްކޮށްފައިވާ ކަހަލައެވެ. ވީއިރު އަދިވެސް އަހުރަމެން އިތުރު 5 އަހަރު ނުވަތަ 10 އަހަރުދޭންވީހޭ ރަހްމަތްތެރިޔާއާއި ސުވާލުކޮށްލީމެވެ.

ރަހްމަތްތެރިޔާގެ ޖަވާބަކީ ހަމައާއެކެވެ. ރަހްމަތްތެރިޔާގެ ވިސްނުމުގައި މިސަރުކާރުން ކިތައްމެވަރަކަށް ރައްޔިތުންގެ ފައިސާއަށް ޙިޔާނަތްތެރިވިޔަކަސް މައްސަލައެއްނެތެވެ. އަދި ރަހްމަތްތެރިޔާ ކޮރަޕްސަނާއި ދެކޮޅަށް މަސައްކަތްކޮށްގެން ފިޔަވަޅެއް ނޭޅި، ރައްޔިތުންގެ ހައްޤު ހިމާޔަތް ނުކޮށްދެވޭއިރުވެސް އިތުރު ދަޢުރަކަށް ހުވާކުރުމުގެ ފުރުސަތުދޭންވިއްޔެވެ. އެކަމަކު ރަޙްމަތްތެރިޔާގެ ނަޒަރުގަ ރައްޔިތުންގެ ފައިސާއިން ކިޔަވައިގެންރާއްޖެއަށް ޚިދުމަތްކުރަން ބޮންޑުއޮވެފަ އަދި ފައިސާދައްކަންޖެހޭއިރުވެސް އެކަން ނުކޮށް ރާއްޖޭންބޭރުގައި މަސައްކަތްކުރުމަކީ ރާއްޖެއަށްދެވޭ ވަރަށް ބޮޑު ޙިޔާނާތެކެވެ. 30 އަހަރުވީ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ކިތައްމެބޮޑުއަދަދަކުން ޙިޔާނަތްތެރިވިޔަސް އެސަރުކާރަށް ވޯޓުދޭކަން މައްސަލައަކަށް ރަޙްމަތްތެރިޔާއަކަށް ނުވިއެވެ. މިހާ ހިސާބުން އަހަރުމެންގެ ވާހަކަ ނިންމާލާފައި ދެން ހިނގައިގަތީ އަހުރެންގެ ޢާއިލާއާއިއެކު ރޭގަޑުގެ ކެޔުމަށް ގެޔަށެވެ. އަދި ކައިގެން ރަޙުމަތްތެރިޔާގެ މަންޒިލަށް ގޮމްބަކަށް ދަތުރުފެށިއެވެ. ޒަމާންވީ އެކުވެރި ރަޙްމަތްތެރިޔަކާއެކު ހޭދަކުރެވުނު ވަގުތަށް އަހަރެން އުފާކުރީމެވެ.

Saturday, October 11, 2008

އަހަރުމެން ބަދަލަށް ބިރުގަންނަނީ ހެއްޔެވެ

ދާދިފަހުން އަހުރެންނާއި ދިމާވި އެމެރިކާގެ ރަށްޓެއްސަކު ބުނީ އަހުރެމެން އެމެރިކާގައި އަބަދުވެސް ވިސްނަނީ މުސްތަޤުބަލަށެވެ. އެކަމަކު ކަލޭމެން އޭޝިޔާގެ ޤައުމުތަކުގައި އަބަދުވެސް ބަލަމުންދަނި ފާއިތުވި މާޒީގަ ކަންހިގާދިޔަގޮތަށެވެ. އަދި އޭނާ އިތުރަށް ބުންޔެވެ. ޤައުމެއް ކުރިއަރާދަނީ މުސްތަޤްބަލަށް ވިސްނައިގެން ހެޔޮބަދަލު ހާލަތައީ ވަގުތަށްބަލައިގެން ގެނެސްގެންނެވެ

މިބަސްތަކަށް ބާރުދެމުން އޭނާބުންޔެވެ. އަހުރަމެންގެ ރައީސަކަށް ތިންވަނަ ފުރުސަތެއް ޤާނޫނުން ނުދިންކަމުގައި ވީނަމަވެސް އަހަރުމެންވެސް ދޭކަށް ބޭނުމެއްނޫނެވެ. އަހަރުމެންވެސް ބޭނުންވަނީ އައުލޭހިނގާ ތަފާތުހިޔާލާއި ވިސްނުމުގެ އައުފަރާތްތަކަކަށް ފުރުސަތުދިނުމަށެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ފޮނިކަމަށް އަހުރެންވެސް އެއްބަސްވީމެވެ

އަދި އޭނާ އިތުރަށް ސުވާލުކުރަމުން ދިޔާއި ތިޔަފަދަ ކުޑަކުޑަ ރައްޖެއެއްގައި ކަންތައްތައް ހުންނަނީ ކިހިނެއްހެއްޔެވެ. އަހުރެން ބުނީމެވެ. އަހަރުންގެ 30 އަހަރުވީ މިހަޔާތުގައި އަދި އެހެންފަރާތެއް ވެރިކަން ކޮށްފައެއް ނުވެއެވެ. ދެންވެސް އޭނާ ކުރީ ސުވާލެކެވެ. ތިޔައީ ހުދުމުހުތާރު ވެރިކަމެއްނޫންހެއްޔެވެ. އަހަރެންބުނީމެވެ. ކޮށްމެ ފަސްއަހަރަކުން ފެންނަނުފެންނަވޯޓަކުން %90 މަތިން ކާމިޔާބު ހޯދައެވެ. އަދި ފާއިތުވި 8 އޮކްޓޫބަރ 2008 ވީ ބުދަދުވަހު ބޭއްވި ގިނަޕާރޓީ ރިޔާސީ އިންތިޙާބުގައި ވެސް 30 އަހަރު ވެރިކަންކޮށްފައިވާ ފަރާތަށް 71731 މީހުން ނުވަތަ ވޯޓުލީމީހުންގެ %40 މީހުން މި ސަރުކާރުދަމަހަށްޓަށް ވޯޓުދިނެވެ. އެއީ ބަދަލަށް ބިރުންކަމަށް ވެސް ވެދާނެޔޭ އޭނާ ބުނެލިއެވެ. މިކަމުގެ ހަޤީގަތް ފަހުން ވަޒަންކޮށްލެވުނީ އިންޑިޔާގައި ކިޔަވަށް ހުންނަށް ދިވެހި ޒުވާނަކުވެސް ބިރުގަންނަކަން ސާބިތުވުމުންނެވެ. އަދި އޭނާ ބުނަމުންދިޔައީ މިވެނިމީހަމު އެވެނި މީހަކަށްވުރެ މާރަނގަޅެވެ. ނަމަވެސް އެމާރަނގަޅުވާ ސަބަބު ހާމަނުކޮށްދެވިގެން ދިޔައެވެ

ވީމާ، މިދަނޑިވަޅުގައި އަހުރަމެން ބަލަންވީ މުސްތަޤުބަލަށެވެ. ޤައުމުގެ މުއްސަދިކަމަށް މިފާއިތުވި 30 އަހަރުގައި ވެގެން ގޮސްފައި ގޮތެވެ. ފަގީރު ހާލުން ހެޔޮބަދަލަށް ވާސިލުވުމަށް ކަރަޕުސަނާއި ހުދުމުހުތާރުކަމާއި އިންސާފެއް ނެތްވެރިކަމެއް ދެމެހެއްޓުމުގެ ބަދަލުގައި ބިރުނުގަނެ ބަދަލަށް ވޯޓުލައިގެން މުސްތަޤްބަލް އުޖާލާކުރުމަށެވެ

Thursday, October 9, 2008

ނިޔުކުލިޔާރ ހަތިޔާރެއްފަދަ ވޯޓެއް ވައްޓާލަފާނެހެއްޔެވެ

ފާއިތުވި 8 އޮކްޓޫބަރު 2008 ވީ ބުދަދުވަހު ބޭއްވި ފުރަތަމަބުރުގެ ރިޔާސީ އިންތިޙާބުން އެއްވެސް ފަރާތަކަށް އަޤުލަބިއްޔަތު ނުލިބި ނިމިފައިވާއިރު، ފެނުނު މަންޒަރުން ދޭހަވަނީ ރައީސްކަމުގެ 6 ދަޢުރު 30 އަހަރުވަންދެން ޖެހިޖެހިގެން %90 މަތިން ފެންނަ ނުފެންނަ ވޯޓުގައި ލިބިގެން ވަރުގަދަ އަޤުލަބިއްޔަތު ހޯދައިގެން އިންތިޙާބުވެފައިވާ ފަރާތަށް މިފަހަރުގެ މި ތާރީޙީ ގިނަޕާރޓީ ވާދަކުރި އިންތިޙާބުގައި %40 ލިބިގެން ވޯޓުލީމީހުންގެ އަޤުލަބިއްޔަތު ނުލިބި ހެޔޮބަދަލަށް %60 މީހުންގެ އަޤުލަބިއްޔަތު ވޯޓުލީ މަންޒަރެވެ. ވީމާ، ދެން އޮތް މަރުހަލާގައި ދެވަނަ ބުރުގައި ހެޔޮބަދަލަށް ވޯޓުލީ މީހުންގެ މިނިންމުން ރައްޔިތުން ދަމަހައްޓަފާނެހެއްޔެވެ؟

ބަދަލަށް ވޯޓުލީ %60 މީހުން ޤައުމުގެ ސަރުކާރުގެ ހިންގުމުގެ މެޝިނަރީ ބަދަލުކުރުމަށް ދެވަނަ ބުރުގައި ވޯޓުދީފާނެހެއްޔެވެ. މިކަމަށް ރައްޔިތުން ބޭނުންވާ މިންވަރު އެންމެ ފަސޭހައިން ކަށަވަރުވާނީ ކުރިޔަށް އޮތް ދެވަނަ ބުރުގެ ނަތީޖާއިންނެވެ. 28 އޮކްޓޫބަރ 2008 ވާ ދުވަހަކީ ޑިމޮކުރަސީގައި ރައްޔިތުން އެފަރާތްތަކަށް ލިބިގެންވާ ނިޔުލުލިއަރ ބޮމެއްފަދަ ބާރުގަދަ ހަތިޔާރުކަމުގައިވާ ވޯޓުގެ ބޭނުން ދެވަނަ ފަހަރަށް މިއިންތިޙާބުގައި ހިފާނޭ ދުވަހެވެ. މިދުވަހު، ރައްޔިތުންނަށް ލިބިގެންވާ ވޯޓު ފުރަތަމަބުރުގައި ބަދަލަކަށް %60 ދިންފަދައިން 2 ވަނަ ބުރުގައި ދީފިނަމަ ފާއިތުވި 30 އަހަރު މެދުކެނޑުމެންނެތި ވެރިކަން ކޮށްފަވާ ސަރުކާރު ފަނާކޮށްލުމަށްޓަކައި ރައްޔިތުންގެ ވޯޓުކޮޅުތައް ވޯޓުފޮއްޓަށް ވައްޓާލާފިނަމަ އެއީ މިސަރުކާރު ނެތިފަނާކޮށްލުމަށްޓަކައި ވައްޓާލާ ނިޔުކުލިޔާރ ބޮމަކަށް ނޫނީ ނުވާނެއެވެ

ވީއިރު ބޮޑުސުވާލަކީ އެކަން އެގޮތަށް ކުރުމަށްޓަކައި ރައްޔިތުންނަށް ލިބިގެންވާ ނިޔުކުލިޔާރ ހަތިޔާރެއްފަދަ ވޯޓުގެ ބޭނުން ހިފާނެހެއްޔެވެ؟ މިހާރުފެންނަ ފެނުމަށް އިދިކޮޅު ފަރާތްތަކުގެ ތެރެއިން ކުރިހޯއްދެވި އެމްޑީޕީގެ އަންނިއަށް އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ސައީދު ދެވަނަބުރުގައި ތާއީދުކުރާނެކަމަށް ވައުދުވުމާއެކު ދެންތިބި އެހެން ކެންޑިޑޭޓުންނާއި މީގެ ކުރިން އިއްތިހާދުވި ޤަޢުމީ އިއްތިޙާދު ނެރެ ދެބަސްވުންތަކާއި ހިޔާލުތަފާތުވުންތައް އެއްކިބާކުރެވިގެން ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ޖާގަދިނުމުގެ ފޯމިޔުލާއެއް އިއްތިހާދުގެ ވެރިންގެ މެދުންނެރެވިގެން ކުޅިބައި ކުރިޔަށް އޮތް 2 ހަފްތާތެރޭ ރާވާލެވިގެން މަސައްކަތް ކުރެވިއްޖެނަމަ ޤަޢުމީ އިއްތިހާދު އުތުރާ ދެކުނަށް މީގެ މަސްތަކެއް ކުރި އަރުމާޒު ދަތުރުތަކުގެ އެއްމެފަހުގެ މަންޒިލަށް ވާސިލުވެވޭނެކަމަށް ފެނެއެވެ. އަދި ނިޔުކުލިޔާރ ހަތިޔާރެއްފަދަ ވޯޓެއް ރައްޔިތުން ހެޔޮބަދަލަށް ވައްޓާލަފާނެ ކަމަށް ބެލެވެއެވެ

Wednesday, October 8, 2008

ރިޔާސީ އިންތިޙާބުގެ ނަތީޖާ ފެންނަގޮތުން


ވޯޓުން ދިވެހީންގެ ނިންމުން ފެންނަމުން އެބަދެއެވެ. ހާމަވަމުންދާ ނަތީޖާތަކަށް ބަލައިލާއިރު މިނަތިޖާގެ އިދިކޮޅު ހުރިހާ ކެނޑިޑޭޓޫންނަށް މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ވޯޓުގެ %60 އެފަރާތްތަކުގެ މެދުގައި ބައިއެޅިގެން ގޮސްފައިވެއެވެ. އަނެއްކޮޅުން 30 އަހަރު ވެރިކަންކުރެއްވި ފަރާތަށް ލިބިފައިވަނީ 40% ވޯޓެވެ. މިނަތީޖާއިން ހާމަވާ ހަޤީގަތަކީ ދިވެހީންގެ ބޮޑު އާބާދީއެއް ބަދަލަކަށް ބޭނުންވެފައިވާކަމެވެ. ނަމަވެސް މިބަދަލު ދިވެހީން ބޭނުންވާފަދައިން ވޯޓުލުމުގެ މިބުރުން ނިންމާލެވިދާނެކަމަކަށް ހިޔެއް ނުވެއެވ

މިގޮތަށް ފުރަތަމަ ބުރުން ރައީސަކު ނުހޮވުމުން ދާންޖެހިފައިވަނީ ދެވަނަ ބުރަކަށެވެ. ވީމާ، އިދިކޮޅުފަރާތްތަކުން ގެންގުޅެމުން އައި ޤައުމީ އިއްތިހާދު އަލުންނެރެންޖެހެއެވެ. މިފަހަރު އިއްތހާދުވުމުގައި ދެބަސްވުންތައް ނައްތާލާ ހިޔާލޔތަފާތުތައް އެއްކިބާކުރެވި ވެރިކަން ކުރުމުގައި އިއްތިހާދުވާނޭ ގޮތްތަކެއް ކަނޑައެޅިގެން ނިކުތުމަށް އަވަސް ވިސްނުންތަކެއް ވިސްނައިގެން އެއްގަލަކަން އަރައިގެން ހަލުވި ފިޔަވަޅުތަކެއް ޤައުމީ އިއްތިހާދު މައިދާނަށް ނިކުމެ ކުޅެންޖެހިފައިވާކަމަށް ފެނެއެވެ.

Tuesday, October 7, 2008

އަހުރެންގެ ވޯޓުދިނުމުގެ ހައްޤު އަދާކޮށްފީމެވެ

މިއަދު، 8 އޮކްޓޫބަރ 2008 ވީ ބުދަ ދުވަހުގެ ހެނދުނު 11.00 އެހައި އިރު އަހުރެންނަށް ލިބިފައިވާ ވޯޓުދިނުމުގެ ހައްޤު އަދާކުރީ މެލޭޝިޔާގައި އެކަމަށް ހަމަޖައްސާފައިވާ ތަނުގައެވެ. އެތަނަށް އެވަގުތުވެސް މެލޭޝިޔާގައި ދިރިއުޅެމުންގެންދާ ގިނައަދެދެއްގެ ދިވެހީން އެކިސަރަހައްދުތަކުން އަންނަމުން ދާއިރު އިލެކްސަން އޮބްޒާވުކުރަމުން ގެންދާ ފަރާތްތަކެއް އެތެރެއާއި ބޭރުގައި ހަރަކާތްތެރިވަމުން ގެންދިޔައިރު މެލޭޝިޔާގެ ފުލުހުން އެތަނުގެ ސިކިޔުރިޓީ ބަލަހައްޓަމުން ދިޔައެވެ. މެލޭޝިޔާގައި ދިރިއުޅޭ އެތަކެއްހާސް ދިވެހީންނަށް ވޯޓުލުމަށްޓަކައި ހަމަޖައްސާފައިވާ އިންތިޒާމްތައް ފުރިހަމަކަމަށްދެކެމެވެ

ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެބިލްޑިންގުގެ ތަނަވަސް މާލަމެއްގައެވެ. ގިނައަދަދެއްގެ މީހުންއެއްފަހަރާ އައިކަމުގައިވީނަމަވެސް މާބޮޑު ދަތިކަމެއްނެތި އެފަރާތްތަކުގެ ވޯޓުލުމުގެ ހައްޤު އަދާކުރެވޭނެއެވެ. އެތަނުގައި އެކަށީގެންވާ މިންވަރަށް ގޮޑިޖަހާފައި ވުމުގެ އިތުރުން އައިޑީ ކާރޑު ޗެކުކުރުމާއި ލިސްޓުގެ ފާހަގަ ޖެހުމާއި ވާތުގެ ބޮޑުވައި އިނގިލީގެ ނިޔަރޮދީގައި ވޯޓުލީކަމުގެ ނިޝާން ޖެހުމާއި ވޯޓުކަރުދާސްކޮޅު ދިނުމާ ހަމައަށްވެސް ފަސޭހަކަމާއެކު ހުރިހާ މޭޒަކުންވެސް ނަމާއި ލިސްޓާއި ދިމާކޮށް ފާހަގަޖަހާފާވަނީ އެކަމާ ހަވާލުވެގެން ތިއްބެވި ބޭފުޅުން ވަރަށް ފަރުވާތެރިކަމާއެކުއެވެ

ވޯޓުކަރުދާސްކޮޅު ދިއްކޮށްލުމުންދެން ހިނގައިގަތީ ފާހަގަޖެހުމަށް ބަހައްޓާފައިވާ ދެބޫތުންކުރެ އެއްބޫތަށެވެ. އަތަނުގައި ގަލަމެއް އޮތުންފިޔަވާ އެހެންއެއްވެސް އެއްޗެއް ބޭއްވިފައެއްނުވެއެވެ. އަދި އެކަޅު ބޫތަކީ ވޯޓުކަރުދާހުގައި އަހުރެންނަށް ފެނުނު ފަރާތަށް ފާހަގަޖެހުމަށް ރައްކާތެރިކަން ލިބިގެންވާ ބޫތެކެވެ.

ވޯޓުކަރުދާސްކޮޅުގައި އަހަރެންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްޤު އަދާކުރުމަށް އެބޫތުތެރޭގައި ހުރެ އަހަރެންނަށް ފެނުނު ފަރާތަށް، އައު ލީޑަރަކަށް އައު މޫނަކަށް ވަކީން ހާއްސަކޮން ހެޔޮބަދަލަށް ފާހަގަޖެހީމެވެ. އެފާހަގަޖެހީ އަހުރެންނަށް ލިބިހުރި މަޢުލޫމާތުން ވަޒަންކުރެވުނުގޮތުން މުސްތަޤުބަލަށް ދިވެހީންނަށް، ދިވެހީން މިއަދާއި މާދަމާ ބޭނުންވާފަދަ ހެޔޮބަދަލަކާއި ތަރައްޤީއެއް ގެނެސްދޭނޭ ފަދަ ސިޔާސަތުތަކެއް ހުށައަޅާފައިވާ ފަރާތެއްކަމަށް އަހުރެންގެ ހިތުގެ އަޑީން ކުރީއްސުރެ ޤަބޫލުކުރެވިގެންނެވެ

ވޯޓުކަރުދާސްކޮޅު ވޯޓުފޮށްޓަށް ވައްޓާލުމަށްޓަކައި ދެން ހިނގައިގަތީ ވޯޓުފޮށްޓާ ދިމާލަށެވެ. ވޯޓުފޮށި ބެހެއްޓިފައި ހުރި ހާމައެހޯލުގައި ހުރިހާއެންމެންނަށް ފެންނަގޮތަށެވެ. އެތެރެފެންނަގޮތަށް މަތިގަނޑު ބަންދުކުރެވި ސީލްކޮށްފައިވާ އެފޮށީގެ އެތެރެއަށް އަޅުގަނޑުގެ ވޯޓުކަރުދާސްކޮޅު ވައްޓާލިއިރުވެސް ގިނައަދަދެއްގެ ދިވެހީން ވޯޓުލާފައިވާކަމަށް ފޮށިތެރޭގައި ހުރި ވޯޓޫކަރުދާސް ކޮޅުތަކުން ފާހަގަވެއެވެ

ވޯޓުލުމަށްޓަކައި މެލޭޝިޔާގައި ހަމަޖައްސާފައިވާ މިއިންތިޒާމްތައް ފުރިހަމަކަމަށް ދެކެމެެވެ. އަދި ވޯޓުލުމާއި ހަމައަށް އަދި ފެންނަފެނުމަށް އިންސާފުވެރި އިންތިޙާބަކަށް މި އިންތިޙާބުވާނޭކަމަށް ޤަބޫލުކުރެވެއެވެެ. ނަމަވެސް، އަހަރެންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްޤުއަދާކުރުމަށްފަހު ގެއަށް އެނބުރިއައިސް އިގިލީގެ ނިޔަރޮދީގައި ޖެހިނިސާން ނިޔަފަތިން ކުލަފިލުވަން ހުންނަ ކިޔުޓެކުސް ލައިގެން ފިލުވާލީމެވެ

Monday, October 6, 2008

އައު އުސްމިންތަކަށް ރައްޔިތުންގެ ފައިސާ ބެހިޔަނުދިނުމަށް ވޯޓުލަމާތޯ

ރައީސް އޮފިހަކީ އެއޮފީހެއްގެ ހައިބަތާއި މަސައްކަތުގެ ތެރޭގައި ލޯނުދިނުން ހިމެނޭ އޮފީހަކަށްވުމުގެ ސަބަބުން ޤައުމުގެ ނިކަމެތީންނާއި މުއްސަދީންގެ ފަރަޤު ބޮޑުވަމުންދާކަމަށް ފާހަގަވެ، ރައްޔިތުންގެ 211.5 އާއިެ 47.7 މިލިޔަން ރުފިޔާގެ ފައިސާ ވަކިފަރާތްތަކަކަށް އައު އުސްމިންތަކަކަށް ބަހާލެވިގެން އެދަނީ އެއްވެސް އިންސާފެއް އަދި ރައްޔިތުންގެ ހައްޤަށް އިހްތިރާމެއް ގަދަރެއް ނުކުރެވިއެވެ

ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ވަކިފަރާތްތަކަކަށް ބައްސަވާލާފައިވާމިންވަރު ވަރަށް ރަނގަޅަށް އިއްޔެގެ އޯޑިޓު ރިޕޯރޓުން ހާމަވެއެވެ. 42.2 މިލިޔަން ރުފިޔާ ސިފައިންގެ ދެބޭކަލަކަށް ދެއްވާފަވަނީ އެފައިސާ އަނބުރާ ދެއްކުމުގެ އެއްވެސް އިންތިޒާމެއް ހަމަޖެއްސުމެއް ނެތިއެވެ

ގާތްރަހުމަތްތެރީން ވިޔަފާރިއަށް ހިންގާ ދުވަހުނޫސް ހަވީރާއި އާފަތިހާއި މިއަދަށް މަހުމުސާރައެއްދޭފަދައިން ރައްޔިތުންގެ ފައިސާ ދެމުންގޮސްފައިވަނީ ކޮންފަދަ ބޭއިންސާފީ އުސޫލަކުން ހެއްޔެވެ

ދިވެހި ރައްޔިތުން ފަޅުގެ ދަތިކަމާއި ސާފު ރައްކާތެރި ބޯފެނާއި ރަނގަޅު ސިއްހީފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމާއި އަދިވެސް އެހެނިހެން ވަސީލަތްތައް ނުލިބި، އަސާސީ ހައްޤުތަކުން މަހުރޫމްވެގެންވާއިރުވެސް ރައްޔިތުންގެ ފައިސާ މިހޭދަކުރަނީ އެކުވެރި ރަހުމަތްތެރި ގާތްތިމާގެ ރައްޓެހީންގެ ވިޔަފާރިއާއި ގެދޮރުބިނާކުރުމާއި ދިރިއުޅުން މުއްސަދި ކުރުމަށެވެ. ވީއިރު، އައު އުސްމިންތަކަށް ރައްޔިތުންގެ ފައިސާ ބެހިޔަ ނުދިނުމަށްޓަކައި މާދަމާ ހެޔޮބަދަލަށް ވޯޓުލަމާތޯ؟

ވޯޓުލުމުގެ ހައްޤު އަދާކުރައްވާ

ހަޤީޤަތަކީ އަހުރަމެން ވޯޓޫލިޔަސް އަދި ނުލިޔަސް ވޯޓުގެ ނަތީޖާއަށް އެކަމުގެ އަސަރުކުރުމެވެ. އަހަރުމެން ވޯޓުނުލައިފިނަމަ އެކަމުގެ މާނައަކީ އެހެންފަރާތަކަށް ވޯޓެއްއިތުރުވެގެން ދިޔުމެވެ. އެގޮތަށް ވޯޓުއިތުރުވާފަރާތަކީ ފަހަރުގައި އަހަރުމެން ހޮވަން ބޭނުންނުވާ އަދި ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭނޭ އެއްވެސް ހުނަރުވެރިކަމެއް ނެތް މީހަކަށްވެސް ވެދާނެއެވެ. މިބަސްކޮޅުގެ މުރާދަކީ، ވޯޓުގެ ކަންތައްތަކާމެދު އިސްނަގައިގެން މަސައްކަތްކޮށް، އެކަމުގެ މަޢުލޫމާތު ލިބިގަނެ، އެކަމަށް ރަގަޅަށް ސަމާލުކަންދީގެން، ވޯޓު ދޭށެވެ. ވޯޓުލުމުގެ ހައްޤު އަދާކުރައްވާށެވެ

ވޯޓަކީ އަހަރުމެންނަށް ދިމިޤުރާތީ ހަމަތަކުން ޤައުމުގެ ކަންކަން ނިންމުމުގައި އަހަރުމެން ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ. މިފުރުސަތުގައި އަހުރުމެން މާދަމާ މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އިންތިޙާބުކުރުމަށް ވޯޓުލާނަމެވެ. އެއީ އަހުރަމެން އެދޭގޮތެއް ވޯޓުގެ ޒަރިއްޔާއިން ދައްކައިދިނުމަށެވެ. ސަބަބަކީ ޑިމޮކުރަސީއެއްގައި އެއްމެ މުހިއްމު ދައުރެއްކުޅޭ އެންމެ ބާރުގަދަ ހަތިޔާރަކީ ވޯޓުކަމަށްވާތީއެވެ.

އެހެންފަހަރުތަކާ ހިލާފަށް، މިފަހަރުގެ އިންތިޙާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޙާބަކަށް ހެދޭނީ ހަމަކޮށްމެފަރުދަކުވެސް ޒިންމާދާރުވެގެންނެވެ. ސަބަބަކީ ވަކިގޮތަކަށް ވޯޓުލުމަށް މަޖުބޫރުކުރުވޭނޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ވޯޓުލުމުގެ ޝަރަފުވެރި ހައްޤަކީ އެހެންފަރާތަކަށް ކުޑައަގަކަށް ދޫކޮށްލެވިގެންވާނޭ އެއްޗެއްކަމަށް ނުދެކި އަދުލުވެރި އިންސާފުވެރި އުފާފާގަތި ދިރިއުޅުމެއް މުސްތަޤުބަލުގައި ހޯދުމަށް ވިސްނައިގެން ވޯޓުލާށެވެ

ވީމާ، ވޯޓުލުމުގެ ހައްޤުލިބިގެންވާ ކޮށްމެ މީހަކު، މިފަހަރު ވޯޓު ކަރުދާސް ކޮޅުގައި ޖަހާފާހަގަޖަހަން ޖެހޭނީ ނުވަތަ ވޯޓުދޭންޖެހޭނީ ވަރަށް ފުންކޮށް ވިސްނުމަށް ފަހުގައެވެ. ސަބަބަކީ ޖަހާފަހާގައެއްގެ ސަބަބުން ނުވަތަ ދެވޭ ވޯޓަކުން ހެޔޮބަދަލަށް ވޯޓުނުދެވި 30 އަހަރުވީ ހުދުމުހުތާރުކަމާއި ނޭއްޤާނީކަން ދެމެހެއްޓުމަށް ވޯޓޫދެވިދާނެތީއެވެ. އަދި ވޯޓުވިއްކާލުމާއި ވަކިމީހަކު ބުނީތީވެ ނުވަތަ އެންގީތީވެ، ވޯޓުލުމަކީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާނެއެވެ

ވީމާ، ތިމާއަކީ އަމިއްލަ ސިކުނޑިންވިސްނައިގެން މަޢުލޫމާތު ލިބިހުރެގެން ތިމާގެ މުސްތަޤުބަލަށާއި އަންނަން އޮތް ޖީލުތަކަށް ވިސްނައިގެން އުފާފަގަތި ތަނަވަސް އިންސާފުވެރި ރައްކާތެރިކަމަށް ތިމާއަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ހެޔޮބަދަލަށް އަދާކުރާމާ ހިނގާށެވެ

މަރުޙަބާ ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީން

ދިވެހިރާއްޖޭގެ އާއިލާތަކުގެ އާމަދަނީ ބިނާވެގެންވަނީ ޓުވަރިޒަމުދާއިރާއިން އާއިލާތަކަށް ލިބޭ އާމްދަނީއަށެވެ. އަދި މިދާއިރާއަކީ އެފަރާތްތަކުގެ ދިރިއުޅުމުގެ ލޭނާރެވެ. މިލޭނާރާގުޅިފައިވަނީ އެއާއިލާތަކުގެ ހުރިހާމެމްބަރުންނެވެ. ވީމާ، މިދާއިރާގެ މަސައްކަތްތެރީންނަށް ލިބޭ ކޮށްމެ ކުރިއެރުމަކީ އެއާއިލާތަކަށްވެސް ލިބޭ ކުރިއެރުމެކެވެ. އެހެންވީމާ މިއަދު މަޖިލީހުގެ މެމްބަރުން ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ހައްޤުތައް ހޯއްދަވައިދެއްވީތީވެ، ޝުކުރުވެރިކަމާއެކު އުފާފާޅުކުރާނީ މަސައްކަތްތެރީންނާއި އެފަރާތްތަކުގެ އާއިލާއާއި މުޅިގައުމެވެ.

ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންނަށް މިލިބުނު ހައްޤުތަކުގެ ސަބަބުން އެދާއިރާއަށް ސަޢުގުވެރިވާ ފަރާތްތައްވެސް އިތުރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން މިދާއިރާގައި މަސައްކަތްކުރާ ގިނައަދަދެއްގެ ބިދޭސީންގެ ބަދަލުގައި ދިވެހީން ލިބިގެން ދާނެއެވެ.

އަދި ރިސޯޓުތަކުގެ ވެރިފަރާތްތަކުން މަސައްކަތްތެރީންނަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ހުރިހާ ގޮތަކުން ލިބިދެވިގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރިކަމުގައި އިތުރު ޝަޢުޤާއި ފަރުވާތެރިކަން ބެހެއްޓިގެން ކަސްޓަމަރުންގެ ހިނިތުންވުމަށް މަސައްކަތްތެރީން ހިނިތުންވުމާއެކު މަސައްކަތްކުރާނެއެވެ.

Friday, October 3, 2008

އިޤްތިސާދީ ސުނާމީއެއް ބޯމަތިވެފައި

މިހާރު ދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާ އަސަރުތަކަކީ އޭގެ އަސަރުތައް މުޅިދުނިޔައަށް އިޤްތިސާދީ ސުނާމީއެއްގެ ގޮތުގައި ފެތުރިގެންދާނޭކަމެކެވެ. ސަބަބަކީ ދުނިޔޭގެ ހުރިހާ އިޤްތިސާދުތަކެއްވަނީ އެއްގޮތުންނޫނީ އަނެއްގޮތުން ގުޅިލާމެހިފައެވެ. އަދި މިހުރިހާ އިޤްތިސާދުތަކެއް ހިންގާ ނާރެހުގައިވަނީ ދުނިޔޭގެ އެއްމެ ބޮޑު އިޤްތިސާދުކަމުގައިވާ އެމެރިކާގެ އިޤްތިސާދެވެ. އެމެރިކާގެ އިޤްތިސާދުވަނީ ހިލުވާލާ އެތަކެއް ލޮޅުންތަކެއް އަރައިގެން ފުޑުފުޑުވުމުގެ ތެރޭގައެވެ. މިލޮޅުންތަކުގެ އަސަރު އިޤްތިސާދީ ސުނާމީއެއްފަދައިން ދުނިޔޭގެ ކަންކޮޅުތަކަށް ޔޫރަޕާއި އޭސިޔާއަށް ނުކޮށްނުދާނޭކަންކަށަވަރެވެ. ވީއިރު، ދިވެހިރާއްޖެފަދަ ކުޑަކުޑަ އިޤްތިސާދަކަށް މީގެ އަސަރު އަދިނުފޯރާވީކަމުގައި ވީނަމަވެސް އިޤްތިސާދުގައި މިހާރުހުރި މައްސަލަތަކާއެކު އެފަދަ އަސަރެއްކޮށްފިނަމަ ވާނެގޮތްތަކާއި އަޅާނެފިޔަވަޅުތަކާއި މިހާރުން މިހާރަށް އެޅެންހުރިފިޔަވަޅުތައް އަޅަންވަނީޖެހިފައެވެ.

އެމެރިކާގެ އިޤްތިސާދަށް އަރާފައިވަނީ އެތަކެއް ބިލިޔަންޑޮލަރުން ގެއްލުވަމުންދާ އިޤްތިސާދީ ބޮޑުސުނާމީއެކެވެ. ބޮޑެތި ފައިސާވެރި ބޭންކުތައް އެދަނީ ބަގުރޫޓުވެ އިނދަޖެހެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ މުޅިސިނާއަތު ހުއްޓުމަކަށް އަންނަންވަނީ ފަށާފައެވެ. އަތަކެއް ދާއިރާއަކުން ވަޒީފާތައްމަދުކޮށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވަނީ ބޭންކުތަކުން ފައިސާނުދެވިގެން އެބޭންކުތައް ބަންދުކުރަންޖެހުމުންނާއި އިޤްތިސާދީ މަސައްކަތްތައް ހިންގާކުންފުނިތައް ހުއްޓުމަކަށް އައުމުންނެވެ. މިއިޤްތިސާދީ ސުނާމީން ލިބެމުންދާ ގެއްލުންތަކުން އެމެރިކާގެ އިޤްތިސާދު ސަލާމަތްކުރުމަށްޓަކައި 700 ބިލިޔަންޑޮލަރުގެ ބަޖެޓެއް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ދާދިއިހަކަށް ދުވަހުވަނީ ފާސްކޮށްފައެވެ.

އެމެރިކާގެ އިޤްތިސާދަށް ކުރަމުންދާ މިއަސަރު ޔޫރަޕުގެ އިޤްތިސާދުތަކަށް ވަނީ ކުރަންފަށާފައެވެ. ޔޫރަޕުގެ ކާރުއުފައްދާ ކުންފުނިތަކުން މިދިޔަހަފަތާގައި އެކަނިވެސް އެފެއްދުންތެރިކަން މަދުކޮށް 14000 އެތަކެއް ވަޒީފާއެއް އެސިނާއަތުން މަދުކޮށްފައިވެއެވެ. ރާއްޖެއަށް އެންމެގިނަ ޓުވަރިސްޓުން އަންނަ އިގިރޭސިވިލާތުގެ ހަލުވި އިޤްތިސާދީ ދުވެލިވަނީ މަޑުޖެހިފައެވެ. އަދި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންވެސް ދުނިޔޭގެ އިޤްތިސާދީ ސުނާމީގެ އަސަރުވަނީ ފޯރަންފަށާފައެވެ.

އޭޝިޔާއަށް މިއިޤްތިސާދި ސުނާމީގެ އަސަރު ޔޫރަޕްފަދައިން އެހާބާރުމިނުގައި ފޯރަންފަށާފައިނުވެއެވެ. ނަމަވެސް އޭޝިޔާގެ ސްޓޮކުބާޒާރުތަކުން މިކަމުގެ އަސަރުމިހާރުވެސް ފެންނަންވަނީ ފަށާފައެވެ. މިގޮތުން މިސަރަހައްދުގެ ވަރުގަދަ ހިއްސާގެ ބާޒާރުތައްކަމުގައިވާ ސިންގަޕޫރާއި ހޮންކޮންގާއި ބޮމްބޭގެ ހިއްސާގެ އަގުތައް ދަށަށްދާން ފަށާފައިވަނީ ދުނިޔެއަށްފެތުރެމުންދާ އިޤްތިސާދީ ސުނާމީގެ ސަބަބުންނެވެ.

ދުނިޔޭގެ އިޤްތިސާދުތަކަށް އަރަމުންދާ ސުނާމީގެ އަސަރު ރާއްޖެއާހަމައަށް އަދި ނުފޯރައެވެ. ނަމަވެސް، ރާއްޖޭގެ އިޤްތިސާދު މިހާރުވެސްވަނީ ބޮޑުތި މައްސަލަތަކެއްގެ ތެރޭގައެވެ. ބަޖެޓު ފޫނުބެއްދިގެންއުޅުމާއެކު އިޤްތިސާދުގެ ލޭނާރުކަމުގައި ބެލެވެޭ ޓުވަރިޒަމް ކުންފުނިވަނީ އޮޅުންބޮޅުންވެފައެވެ. މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްނުކޮށްދެވި، ދެވޭ މުސާރަކުޑަކަމުން ހަޅުތާލުކުރުމަށް މަސައްކަތްތެރީންވަނީ ތައްޔާރުވެފައެވެ. ތަކެތީގެ އަގުތައް އުފުލި ލިބޭއާމްދަނީން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަނުޖެއްސި ދިރިއުޅުމުގެ އަގު އިންތިހާއަށް އަތްނުފޯރާ ހިސާބަށްވަނީ ގޮސްފައެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިސާދީ ލޭނާރަށް ލޭގެނެސްދޭ މިހާރުވެސް ފަތުރުވެރިން އައުން މަދުވެފައިވާ އިގިރޭސީންނާއި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންނާއި ޗައިނާ އަދި ޖަޕާނުގެ ފަތުރުވެރީން ދުނިޔާގެ އިޤްތިސާދީ ސުނާމީގެ ސަބަބުން ރާއްޖެއަށް އައުމުގައި މަޑުޖެހިއްޖެނަމަ އަޅާނެފިޔަވަޅުތަކަކަށް މިހާރުންމިހާރަށްވިސްނާންޖެހިފައިވަނީ އަދުގެ ސަރުކާރާއި ރިޔާސީ ކެންޑިޓުންނެވެ. ނަމަވެސް އަދުގެ ސަރުކާރާއި ގިނަރިޔާސީ ކެޑިޑޭޓުން މި އިޤްތިސާދީ ސުނާމީ އަންނަކަން އެގޭއިރުވެސް މިކަމަކާ ހިޔާލެއް ހުރިތަނެއް ނުފެނެއެވެ. އެފަރާތްތަކާ އިސްތިސްނާވެ، އެމްޑީޕީގެ ވިސްނުން ވަރަށް ސާބިތުކަމާއި ވަރަށް އަވަހަށް މިކަމުގައިވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.