Thursday, September 25, 2008

ދުޅަހެޔޮ ތިމާވެއްޓަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ލިބެންޖެހޭ ހައްޤެއް

ނ. އަތޮޅުގެ 14000 އެތަކެއް ރައްޔިތުން އާބާދުވެފައިވާ 13 ރަށުގެ ތިމާވެށީގެ ނާޒުކުކަމާ މެދު އެއްވެސް ފަރާތެއް ދެބަހެއް ނުވާނެއެވެ. މިނާޒުކު ތިމާވެށީގަހުރި މައްސަލަތައް އުފެދިގެން އަންނަނީ ކުނިނައްތާލުމާއި ނަރުދަމާގެ ނިޒާމުތަކާއި ރައްކާތެރި ސާފުބޯފެން ލިބޭނޭ އިންތިޒާމްތައް އަތޮޅުގެ ރައްޔިތުން އާބާދުވެފައިވާ ކުދިބޮޑު އާބާދީތަކުގައި އިންތިޒާމްކުރެވިފައިވާ ގޮތުންނެވެ.

ތިމާވެށިގެ ގޮތުން އަތޮޅުގެ ރައްޔިތުންނަށްް ދިމާވެފައިވާ އެއްމެބޮޑު އެއްމަސަަލައަކަށްވެފައިވަނީ ތިމާވެއްޓާ ރަށްޓެހި އަދި ފައިދާ ބޮޑު ދެމެހެއްޓެނިވިގޮތެއްގައި ކުނިނައްތާލުމުގެ އިންތިޒާމް ކުރެވިފައިނުވާތީއެވެ. ރަށްރަށުގައި އެއްތަނަކަށް ކުނިއެޅުމަށްޓަކައި ކުނިކޮށި ހަދައި ސަރަހައްދު ކަނޑައަޅާފައި ހުރިކަމުގައި ވީނަމަވެސް ކުނީގެ ތަފާތުބާވަތްތައް ވަކިކޮށް ނަައްތާނުލެވި މޫދަށް އެޅިގެންދިޔުމެގެ ނަތީޖާއެއްގެ ގޮތުން ގޮޑުދޮށްތައް ތަގައްޔަރުވެ، އަދި ނައްތާނުލެވޭ ކުނީގެ ބާވަތްތައް އިންތިހާއަށް ގިނަވެގެން ގޮސްފައިވެއެވެ.

ނަރުދަމާގެ ނިޒާމް ޤައިމްކުރެވިފައިވަނީ ވަކިވަކި އަފްރާދުން ސެޕްޓިކް ޓޭންކު ބަހައްޓައިގެންނެވެ. މިގޮތަށް ފާޙާނާކުރެވޭ ފެން އެއްވެސް ގޮތަކަށް ޖަރާސީމުނައްތާލުމުގެ ފިޔަވަޅެއް އެޅުމެއްނެތި ބިމަށް ފެންހިންދާ ގޮތަށް ތައްޔާރުކޮށްފައިވާތީވެ، ރައްކާތެރި ނޫން ނުސާފު ހަޑިފެން ރަށުގެ ފެންފަށަލައަށް އެޅިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ ބިމުންނަގާފެނަކީ ތަޤަށްޔަރުވެފައިވާ ފެނަކަށްވާތީ، ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންކުރެވޭނޭފަދަ ސާފުފެނަކަށް ނުވެެއެވެ.

ބިމުންނަގާފެނަކީ ރައްކާތެރިފެނަކަށް ނުވާތީވެ ދިރިއުޅުމުގެ ބޭނުންތަކަށް އެފެން ބޭނުންކުރުމަކީ ރައްކާތެރިކަމަކަށްނުވެއެވެ. ނަތީޖާއެއްގެ ގޮތުން ވާރޭފެން ރައްކާތެރިކަމާއެކު ރައްޔިތުންގެ ބޭނުންތަކަށް ނެގޭނޭ އިންތިޒާމް ހަރުދަނާގޮތެއްގައި ރޭވި، އިންތިޒާމް ކޮށްގެން މެނުވީ ރައްޔިތުންނަށް ފެނުގެ ރައްކާތެރިކަމެއް ނެތެވެ.

މި އަލިއަޅުވާލި ކަންތައްތަކަކީ ރައްޔިތުންގެ ދިރިއުޅުން އާބާދުކޮށްފައިވާ ހަމަކޮށްމެ ރަށެއްގައި ހުރިމުހިއްމު މައްސަލަތަކެވެ. މިމައްސަލަތަކަކީ ދުޅަހެޔޮއާބާދީއަކަށްޓަކައި މިއަދުން މިއަދަށްވެސް ހައްލުހޯދައިދޭންޖެހޭ ނާޒުކުް މައްސަލަްތަކެވެ. އަދި މިއީ އިސްލާހުކުރެވުނު ޤާނޫނުއަސާސީގެ ދެވަނަބާބުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިޖުތިމާއީ ހައްޤުތަކެކެވެ. ވީމާ، އަޅުގަނޑުގެ އުއްމީދަކީ މިފަދަ ހައްޤުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމެވެ.

No comments: