Saturday, November 29, 2008

ހޮޅުދޫގެ ތަޖުރިބާ

މިދިޔަ ހޯމަ ދުވަހު މަސައްކަތްކުރީ އާބާދީގައި ދެހާސް ފަސްދޮޅަސް ތިންމީހުން ދިރިއުޅޭ ހޮޅުދޫގައެވެ. ހޮޅުދޫގައިވެސް، ވެލިދޫ އަދި ފޮއްދޫ އެކޭ އެއްފަދައިން ދޮރުންދޮރަށް ހިނގައިގެން ރައްޔިތުންނާއި ބައްދަލުކޮށް ހެދީމެވެ. މިބައްދަލުކުރުމުން ރައްޔިތުން ފާޅުކުރަމުން ދިޔަ ޝުޢޫރުތަކުން ފާހަގަވެގެން ދިޔައީ ރައްޔިތުންގެ މިއަދުގެ ހާލަތާއި ރައްޔިތުންގެ މަންދޫބުންގެ މަސައްކަތް ހުރިނެތްގޮތެވެ.

ހޮޅުދޫ ރައްޔިތުން އެއްމެ ބޮޑަށް ފާހަގަ ކުރި އެއްކަމަކީ ރަށުގައި ފެންބޮޑުވާ މައްސަލައެވެ. ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅެއް އަދި އެޅިފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ކުދި ބޮޑު އެއްމެން އުޅެންޖެހިފައިވާ ދަތި ހާލަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ރަށުގެ މެދުތެރޭ ޕުރީސްކޫލް ސަރަހައްދުގެ ގެދޮރާ މުދާ ވިއްސާރަ މޫސުމުގައި މި ސަރަހައްދުގައި ފެންބޮޑުވާތީވެ، ބޮޑެތި ގެއްލުންތަކެއްގެ ޝިކާރަޔަކަށް ވެއެވެ. އަނެއްކޮޅުން ޅަދަރީން ސްކޫލަށް ގެންދިޔުމުގައި ބަރުދާސްތު ކުރަން ޖެހިފައިވަނީ އިންތިޙާއަށް ބޮޑެތި ދަތިތަކާއެވެ. މިދަތި ތަކަކީ ރައްޔިތުން އުފާވެރި ދިރިއުޅުމަކަށް ކުރާ އުއްމީދުތަކުގައި އެޅިފައިހުރި ހުރަސްތަކެވެ.

މީގެ އިތުރުން ދެން ރައްޔިތުން ފާހަގަ ކުރި އަނެއް ކަމަކީ ރަށުގެ ރައްޔިތުންގެ ތެރެއިން އިރުމަތީ ފަރާތު ގޮޑުދޮށުގައި ރާޅުތަކުގެ ޝިކާރަޔަކަށް ވެފައިވާ ގެތަކުގައި ދިރިއުޅޭ އަހުލުވެރީންގެ ވާހަކައެވެ. މިގެތައް އަޅާފައިހުރި ރަށުގެ ގޮޑުދޮށުން ހުސްޖާގައެއް ބޭއްވުމެއްނެތި ފުއްޓަރުން ފުއްޓަރު ތޮށީގެ ކައިރީގައެވެ. ހާއްސަކޮށް އިރުވައިމޫސުމުގައި މޫސުމަށް އަންނަ ބަދަލާއި ހަޅަތަކުގައި މިގެތަކަކީ "ސުނާމީ" އަރާގެތަކެކެވެ. މިގެތަކުގެ އަހުލުވެރީން ތަހައްމަލުކުރަމުންދާ ވޭނަކީ މިހެން ލިޔެލާ ފޮޅުވަތްތަކަކުން ބަޔާން ކުރަން ދަތިކަމެކެވެ. އަދި އެކަމެއްގެ ސަބަބުން ރައްޔިތުންގެ ގެދޮރާއި މުދާ ބިނާކުރެވިފައި މިވަނީ ނުރައްކަލުގެ މަގުގައެވެ. މިއީ ރައްޔިތުންގެ އުފާވެރި ދިރިއުޅުން އާރާސްތުކުރުމަށްޓަކައި އަވަސް ހައްލެއް ގެނެސްދޭންޖެހޭ ކަމެކެވެ.

އަނެއްކޮޅުން ރަށުގެ ރައްޔިތުން ބޯންބޭނުންކުރާ ފެންފިޔަވާ އެހެން ބޭނުންތަކަށް ބޭނުންކުރާ ރަށުގެ ފެންފަށަލަމިވަނީ ތަގައްޔަރު ވެފައެވެ. ތަގައްޔަރުވެފައިވާ މިފެން މިބޭނުންކުރަނީ ދިރިއުޅުމުގެ ތަފާތު އެހެނިހެން ބޭނުންތަކަށެވެ. ނަމަވެސް މިފަދަ ފެނެއްގެ ސަބަބުން ޅަދަރީންނާއި އާއްމު ސިއްޙަތަށް ފެނުގެ ޒަރިއްޔާއިން ކުރާނޭ ނޭދެވޭ އަސަރާއި ބަލިބައްޔަށް ރައްޔިތުންވަނީ ހުށައެޅިފައެވެ. ރައްޔިތުންގެ މި ހާލަތު ރަނގަޅުކުރުމަށްޓަކައި ނަރުދަމާގެ ނިޒާމެއް ރަށުގައި ގާއިމް ކުރަންޖެހިފައިވަނީ ކުއްލި ނުރައްކަލަކުން އާބާދީ ސަލާމަތް ވުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން ގެދޮރުގެ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ރަށުގައި އިތުރުވަމުންދާ އާބާދީއަށް އިތުރު ޖާގައެއް ނެތެވެ. ޖާގައިތުރުކުރަން ހިއްކާނެ ސަރަހައްދެއްވެސް ނުމެނެތެވެ. ކަން މިހެންހުރުމުގެ ސަބަބުން ގެދޮރުގެ ހާސްކަން ދަނީ އިތުރުވަމުންނެވެ. އާބާދީ ދަނީ ތޮއްޖެހެމުންނެވެ. މިއީ އޭގެ ޒާތުގައި އިޖުތިމާޢީ ގިނަގުނަ އެތަކެއް މައްސަލައަކަށް ހުޅުވޭ ދޮރައަށްޓަކަށް ނޫނީ ނުވާނެއެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި ތަނަވަސް އުފާވެރި، ދިރިއުޅުމަކާ ގުޅިފައިވާ ހައްލުކުރުމަށް ދުރާލާ ވިސްނައި ގޮތްތަކެއް ހޯދައިދޭން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

މިފަދަ މައްސަލަތަކުގެ ވާހަކަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަތޮޅު މަންދޫބުންގެ އަޑުފަނޑުކަމުގެ ޝަކުވާ ރައްޔިތުންދަނީ ކުރަމުންނެވެ. ރައްޔިތުންގެ މިޝަކުވާގެ އަޑާއެކު ބުނަމުންދަނީ މިހިތިތަޖުރިބާއަށް ބަދަލުއައިސްދާނޭ ކަމުގެ އުއްމީދެއް ނެތެވެ. އެފަދަ އުއްމީދެއް ކުރުމަށްވެސް ރައްޔިތުން ދެކޮޅު ހަދަމުން އެދަނީ ފާއިތުވި ވިހި ފަންސަވީސް އަހަރުގެ ހިތިތަޖުރިބާގެ ސަބަބުންނެވެ. މިހިތި ތަޖުރިބާ ރިޕީޓު ނުކުރާނޭކަމުގެ ވަޢުދު ދިންނަމަވެސް އެކަން ރައްޔިތުން ޤަބޫލުކުރުމަށް ދަތިވެ، އުނދަގޫވެފައިވާ މިންވަރު ވަޒަންކުރެވެއެވެ.
މިފަދަ އެތަކެއް މައްސަލަތަކަކުން ހޮޅުދޫ ހިމެނޭ ނ. އަތޮޅު މިވަނީ ތޮއްޖެހިފައެވެ. މައްސަލަތަކުގެ ހާއްޔަކަށް އަތޮޅު ބަދަލުވަމުންދާ މަންޒަރު، ބަލައިލި ކޮށްމެ ދިމާލަކުން ފެންނަމުންދެއެވެ. އިވެމުންދަނީ ޝަކުވާގެ އަޑެވެ. ރައްޔިތުންގެ މާޔޫސްކަންދަނީ އިތުރުވަމުންނެވެ. ހައްލަކީ ކޮބައިހެއްޔެވެ. ރައްޔިތު އެންމެން ފުންކޮށް ވިސްނަން ޖެހެއެވެ. މިފަދަ އެތަކެއް މައްސަލަތަކަށް ހައްލެއް ނުގެނެސްދެވުނު ތަފާތު ގިންތީގެ ސަރުކާރާއި ވެރިން ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ހެޔޮގޮތުގައި، ރައްޔިތުންގެ އުފާފާގަތިކަމާއި ރައްކާތެރިކަމާ، ތަނަވަސްކަމާއި ދުޅަހެޔޮކަމަށް ކުރިންހެއްޔެވެ؟

No comments: