Saturday, November 29, 2008

ފޮއްދޫގެ ތަޖުރިބާ

ފޮއްދޫއަކީ މިދާއިރާގެ އެއްމެ މީސްކޮޅު މަދު ރަށްކަމުގައި ވީނަމަވެސް، އެހެން ރަށްރަށުގެ ރައްޔިތުންފަދައިން މުސްތަޤްބަލަށްޓަކައި ގިނަގުނަ އުއްމީދުތަކެއް ކުރަމުންދާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ. އާބާދީގައި ހަތަރުސަތޭކަ ވިހި މީހުން ދިރިއުޅޭ ސަތޭކަ ހަތްދިހަ ހަ ގޭބިސީ ހުންނަ މިރަށުގައި ތަޢުލީމީ، ސިއްޙީ އަދި އެހެނިހެން އަސާސީ ޙިދުމަތްތައް ޤާއިމްކޮށްދެވިފައިވާ މިންވަރާއި ގޮތްތައް އެއީ އެކަށޭނަގޮތްތަކޭ ދެންނެވޭކަށްނެތެވެ.

ފޮއްދުއަށް ފޭބުމަށް މަސައްކަތް ކުރަމުން ދިޔައިރު ފެންނިގެން ދިޔައީ ރަށަށް ވަންނަން އެކަށޭނެ ބަދަރަކާއި ފާލަމުގެ މައްސަލަޔަކީ ހައްލުކުރަންޖެހޭ ވަރަށް މުހިއްމު މައްސަލައެއްކަމުގައެވެ. ސަބަބަކީ މިވުގުތު އޮތްފާލަންވެސް ވަނީ ވަރަށް ބޮޑަށް ލޮޅުންއަރާ ހަލާކުވެ، ވީރާނާވާން ފަށާފައެވެ. ވީމާ، އަވަސް ފުރުސަތެއްގައި ފާލަމުގެ މަރާމާތުތައް ކުރަންޖެހިފައިވެއެވެ. ފާލަން ރަނގަޅު ކުރުމަކުން އަދި ފާލަމުގެ ބޭނުން އެންމެއެދެވޭ ގޮތުގައި ނުހިފޭނެއެވެ. ފާލަމުގެ ބޭނުން އެކަށީގެންވާ ރަނގަޅުގޮތުގައި ހިފޭނީ ފަޅުގެ މައްސަލަ ހައްލުކުރެވިގެންނެވެ. މޫސުމަށް އަންނަ ބަދަލާއެކު ފޮއްދުއަށް ފަސޭހަކަމާއެކު ލަފާ ފުރޭނޭ އިންތިޒާމެއް ހަމަޖެއްސޭނީ މިދެކަންތަކަށް ހައްލެއް ގެނެސްގެން ކަމަށް ދެކެމެވެ.

ރަށަށް ފައިބައިގެންގޮސް ކެމްޕެއިން މިދަތުރުގައި ފޮއްދޫގެ ރައްޔިތުންނާއި ބައްދަލުކުރަމުންދިޔައީ އުސޫލެއްގެ ގޮތުން މީގެ ކުރިންވެސް އަޅުގަނޑުގެންގުޅުނު ގޮތްކަމުގައިވާ ދޮރުންދޮރަށް ހިނގައި ހަދައިގެން ރައްޔިތުންނާއި ބައްދަލުކޮށް ސަލާންގަލާންކޮށް ކެމްޕެއިން ސިޓީ ދިނުމާއި ޙިޔާލުބަދަލުކޮށް ވާހަކަދެއްކުމެވެ. މިގޮތުން ފޮއްދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް، ބައްދަލުކުރި ގިނަރައްޔިތުން ފާހަގަކުރަމުންދިޔައީ ފޮއްދޫއަކީ މީސްކޮޅު މަދުރަށަކަށްވާތީވެ، ރައްޔިތަކަށް ދޭންޖެހޭ ސަމާލުކަމާއި އެހީތެރިކަން އެކިދާއިރާތަކުންނާއި ސިޔާސީ ލީޑަރުން ދެއްވަމުން ނުދާތަނެވެ. ވޯޓަށްވީމަ، ކޮށްމެ ފަރާތަކުންވެސް ފޮއްދޫގެ ރައްޔިތުން މަތިން ހަނދުމަކޮށް ބައްދަލުކޮށް ހަދަމުންދާވާހަކައެވެ.

އެވާހަކަތަކުގެ ތެރެއިން ފާހަގަކޮށްލަމުން ގެންދިޔަ އަނެއް ނުކުތާއަކީ ފޮއްދޫ ހިމެނޭ ނ. އަތޮޅުގެ ރައްޔިތުންގެ ޝުޢޫރާއި އަޑު ރައްޔިތުންގެ މަޖިލީހުގައި އުފުލިގެން ނުދާތަނެވެ. ރައްޔިތުންގެ ކުރިއެރުމަށް ރައްޔިތުންގެ ތަރައްޤީއަށް ރައްޔިތުންގެ މަންދޫބުން މިވީތަނަށް މަސައްކަތް ނުކުރާމަންޒަރު ފެންނަމުންދާތަނެވެ. މިހިތި ތަޖުރިބާގެ ވިހިފަންސަވީސް އަހަރު ކޮށްފައިވާތީވެ، ގިނަރައްޔިތުން ދެކެމުންދަނީ ހަމައެހެންބަޔަކަށް ފުރުސަތުދިންކަމުގައިވީނަމަވެސް ފެންނާނީ ހަމަމިމަންޒަރުކަމެވެ. ރައްޔިތުންގެ ހާލަތު ބަޔާންކޮށް ރައްޔިތުންގެ ކުރިމަގު އުޖާލާކުރުމަށް މަސައްކަތްކުރާނެކަމަށް ބުނިކަމުގައިވީނަމަވެސް އެކަން ކާމިޔާބުވުމަށްފަހު އެގޮތަކަށް ނުކުރާނެ ކަމަށްވެސް ބުނަމުން ދިޔައެވެ.

މިބުނުންތަކުން ދެން ފާހަގަވި އަނެއްކަމަކީ ރައްޔިތުންގެ ސިއްޙީ ކަންކަން ހިނގަމުންދާ ދޯދިޔާގޮތުގެ ވާހަކައެވެ. ސިއްޙީ ޙިދުމަތްގާއިމްކޮށްދެވިފައިވަނީ ހެލްތުޕޯސްޓެއްގެ ޒަރިއްޔާއިންނެވެ. ހެލްތުޕޯސްޓުގައި މަސއްކަތްކުރަމުންދަނީ އާއިލާގެ ސިއްޙީ އެހީތެރިޔަކާއި ފޫޅުމައެކެވެ. ސިއްޙީ ބޮޑެތިކަންކަމުގައި އެހީއެއް މަދަދެއް ދެވޭފަދަ ޑޮކްޓަރީ ބޭހާއި ޑޮކްޓަރެއްހާ ހިސާބުނެތް މިރަށުގައި އެފަދަކަމެއް ދިމާވެއްޖެނަމަ ވެލިދޫ އަދި ހޮޅޫދޫއަށް ނުވަތަ މަނަދޫއަށް ފުރައިގެން ދިޔުމަކީ ލިބޭ އާމްދަނީގެ ކުޑަފައިސާކޮޅުން ރައްޔިތުންނަށް ބަރުދާސްތުކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ.

އަނެއްކޮޅުން ރަށުގެ ސްކޫލުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖެހިފައިވީނަމަވެސް ތަމްރީނު ލިބިލައްވާފައިވާ މުދައްރިސުން ނެތުމުން ނިކުންނަމުންދާ ނަތީޖާތައް އިންތިހާއަށް ކަންބަޑުވާންޖެހެއެވެ. އަދި ދަރިވަރުން ސާނަވީ ތަޢުލީމު ލިބިގަތުމަށް ކުރަންޖެހޭ ހަރަދުތަކާއި މައިންބަފައިން ބަރުދާސްތްކުރަމުންދާ ދައްޗާއި ވޭނުގެވާހަކަތައް އަޑުއަހަމުންދިޔައީ އެކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާމެދު ހިޔާލުކުރަމުންނެވެ. ކުރިޔަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ތަމްރީނު ލިބިލައްވާފައިވާ ޕުރައިމަރީ މުދައްރިސުން ހަމަޖެހިގެން ދިޔުމަކީ މުހިއްމުކަމެކެވެ. ރަށުގެ ކިޔަވާކުދީންގެ އާބާދީއަށް ބަލައިގެން ގުރޭޑް އަށެއް އުފައްދައިގެން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަންނަންޖެހެއެވެ. މުސްތަޤްބަލަށްބަލައިގެން ދަރީންގެ ތަޢުލީމަށް އެޅެންހުރި އަވަސް ފިޔަވަޅުތައް އަޅައިގެން ރައްޔިތުންނަށް އައު އުއްމީދުތަކެއް ގެނެސްދޭން ޖެހެއެވެ.

މިހުރިހާވާހަކަތަކެއްގެ ތެރޭންވެސް ފާހަގަކޮށްލަންޖެހެނީ މި ކުޑައާބާދީގައި ހިމެނޭ ދިވެހިރައްޔިތުން ކުރަމުންދާ އުއްމީދުތަކެވެ. އަދި ތަނަވަސް ދިރިއުޅުމަކަށް ވާސިލުވުމަށްޓަކައި ކޮށްދެވިދާނޭ ކަންތައްތައް ވެރިކަމުގެ ތަފާތު ގިންތިތަކުން އަވަހަށް ދެނެގަނެ އެގޮތްތަކާއި ކަންތައްތައް މުސްތަޤްބަލަށްޓަކައި ރޭވި ރައްޔިތުންގެ ރުހުމާއި އެކު އެކަންތައްތައް ތަންފީޒުކުރުމެވެ. ފޮއްދޫގެ ކުރިމަގަށްޓަކައި އަންނަންއޮތް ޖީލަށްޓަކައި އެކަށޭނެ ފިޔަވަޅުތަކެއް އަވަސް ފުރުސަތެއްގައި އަޅައިގެން މެނުވީ ރައްޔިތުންނަށް އައު އުއްމީދުތަކެއް ނުގެނެސްދެވޭނެއެވެ.

No comments: