Tuesday, February 10, 2009

ދުނިޔަށް ކުރިމަތިވެފައިވާ ފައިސާގެ ބޮޑުތަދު

މިހާރު ދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާ އަސަރުތަކަކީ އޭގެ އަސަރުތައް މުޅިދުނިޔައަށް އިޤްތިސާދީ ސުނާމީއެއްގެ ގޮތުގައި ފެތުރިގެންދާނޭބޮޑުތަދެކެވެ. ސަބަބަކީ ދުނިޔޭގެ ހުރިހާ އިޤްތިސާދުތަކެއްވަނީ އެއްގޮތުންނޫނީ އަނެއްގޮތުން ގުޅިލާމެހިފައެވެ. އަދި މިހުރިހާ އިޤްތިސާދުތަކެއް ހިންގާ ނާރެހުގައިވަނީ ދުނިޔޭގެ އެއްމެ ބޮޑު އިޤްތިސާދުކަމުގައިވާ އެމެރިކާގެ އިޤްތިސާދެވެ. އެމެރިކާގެ އިޤްތިސާދުވަނީ ހިލުވާލާ އެތަކެއް ލޮޅުންތަކެއް އަރައިގެން ފުޑުފުޑުވުމުގެ ތެރޭގައެވެ. މިލޮޅުންތަކުގެ އަސަރު އިޤްތިސާދީ ސުނާމީއެއްފަދައިން އަދި ތަދެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކަށް ޔޫރަޕާއި އޭސިޔާއަށް ފެތުރެން ފަށާފާވެއެވެ. ވީއިރު، ދިވެހިރާއްޖެ ފަދަ ނާޒުކު އިޤްތިސާދަކަށް މިކަމުގެ އަސަރު ނުފޯރާ ނުދާނެއެވެ. އިޤްތިސާދުގައި މިހާރުހުރި މައްސަލަތަކާއެކު އެފަދަ އަސަރެއްކޮށްފިނަމަ ވާނެގޮތްތަކާއި އަޅާނެފިޔަވަޅުތަކާއި މިހާރުން މިހާރަށް އެޅެންހުރިފިޔަވަޅުތައް އަޅަންވަނީޖެހިފައެވެ.

އެމެރިކާގެ އިޤްތިސާދަށް އަރާފައިވަނީ އެތަކެއް ބިލިޔަންޑޮލަރުން ގެއްލުވަމުންދާ އިޤްތިސާދީ ބޮޑުސުނާމީއެކެވެ. ބޮޑެތި ފައިސާވެރި ބޭންކުތައް އެދަނީ ބަގުރޫޓުވެ އިނދަޖެހެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ މުޅިސިނާއަތު ހުއްޓުމަކަށް އަންނަންވަނީ ފަށާފައެވެ. އަތަކެއް ދާއިރާއަކުން ވަޒީފާތައްމަދުކޮށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވަނީ ބޭންކުތަކުން ފައިސާނުދެވިގެން އެބޭންކުތައް ބަންދުކުރަންޖެހުމުންނާއި އިޤްތިސާދީ މަސައްކަތްތައް ހިންގާކުންފުނިތައް ހުއްޓުމަކަށް އައުމުންނެވެ. މިއިޤްތިސާދީ ސުނާމީން ލިބެމުންދާ ގެއްލުންތަކުން އެމެރިކާގެ އިޤްތިސާދު ސަލާމަތްކުރުމަށްޓަކައި ފާއިތުވި ޖޯޖު ބުޝްގެ ސަރުކާރުގެ ހުށައެޅުމަށް 700 ބިލިޔަންޑޮލަރުގެ ބަޖެޓެއް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މިހާރުގެ ރައީސް އޮބާމާގެ 839 ބިލިޔަން ޑޮލަރުގެ އިޤްތިސާދު ސަލާމަތްކުރުމަށް ހުށައަޅާފައިވާ ބަޖެޓަކީ އެމެރިކާގެ އިޤްތިސާދަށް ދިމާވެފައިވާ މައްސަލަތަކުގެ ބޮޑުކަމާއި އަސަރު ހުރިމިންވަރު ދައްކުވައިދާ ކަމެކެވެ.

އެމެރިކާގެ އިޤްތިސާދަށް ކުރަމުންދާ މިއަސަރު ޔޫރަޕުގެ އިޤްތިސާދުތަކަށް ވަނީ ކުރަންފަށާފައެވެ. ޔޫރަޕުގެ ކާރުއުފައްދާ ކުންފުނިތަކުން މިދިޔަހަފަތާގައި އެކަނިވެސް އެފެއްދުންތެރިކަން މަދުކޮށް 14000 އެތަކެއް ވަޒީފާއެއް އެސިނާއަތުން މަދުކޮށްފައިވެއެވެ. ރާއްޖެއަށް އެންމެގިނަ ޓުވަރިސްޓުން އަންނަ އިގިރޭސިވިލާތުގެ ހަލުވި އިޤްތިސާދީ ދުވެލިވަނީ މަޑުޖެހިފައެވެ. އެޤައުމުގެ ބޮޑުވަޒީރު ގޯޑަން ބުރައުނާއި އެހެނިހެން ވަޒީރުން ދެކޭ ގޮތުގައި އޮކްޓޫބަރ 1929 ގައި ދުނިޔަށް ކުރިމަތިވި ބޮޑުތަދުފަދަ ދުވަސް ތަކެއް ކުރިމަތިވުމަކީ ގާތްކަމެކެވެ. އަދި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންވެސް ދުނިޔޭގެ އިޤްތިސާދީ ސުނާމީގެ އަސަރުވަނީ ފޯރަންފަށާފައެވެ.

އޭޝިޔާއަށް މިއިޤްތިސާދި ސުނާމީގެ އަސަރު ޔޫރަޕްފަދައިން އެހާބާރުމިނުގައި ފޯރަންފަށާފައިނުވެއެވެ. ނަމަވެސް އޭޝިޔާގެ ސްޓޮކުބާޒާރުތަކުން މިކަމުގެ އަސަރުމިހާރުވެސް ފެންނަންވަނީ ފަށާފައެވެ. މިގޮތުން މިސަރަހައްދުގެ ވަރުގަދަ ހިއްސާގެ ބާޒާރުތައްކަމުގައިވާ ސިންގަޕޫރާއި ހޮންކޮންގާއި ބޮމްބޭގެ ހިއްސާގެ އަގުތައް ދަށަށްދާން ފަށާފައިވަނީ ދުނިޔެއަށްފެތުރެމުންދާ އިޤްތިސާދީ ސުނާމީގެ ސަބަބުންނެވެ.

ދުނިޔޭގެ އިޤްތިސާދުތަކަށް އަރަމުންދާ ސުނާމީގެ އަސަރު ރާއްޖެއާހަމައަށްވަނީ ފޯރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިސާދު މިހާރުވެސްވަނީ ބޮޑުތި މައްސަލަތަކެއްގެ ތެރޭގައެވެ. ބަޖެޓު ފޫނުބެއްދިގެންއުޅުމާއެކު އިޤްތިސާދުގެ ލޭނާރުކަމުގައި ބެލެވޭ ޓުވަރިޒަމް ކުންފުނިވަނީ އޮޅުންބޮޅުންވެފައެވެ. މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްނުކޮށްދެވި، ދެވޭ މުސާރަކުޑަކަމުން ހަޅުތާލުކުރުމަށް މަސައްކަތްތެރީންވަނީ ތައްޔާރުވެފައެވެ. ތަކެތީގެ އަގުތައް އުފުލި ލިބޭއާމްދަނީން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަނުޖެއްސި ދިރިއުޅުމުގެ އަގު އިންތިހާއަށް އަތްނުފޯރާ ހިސާބަށްވަނީ ގޮސްފައެވެ. ޑޮލަރުގެ ތަދުކަމާއެކު ތަކެތީގެ ބާޒާރަށްވަނީ ލޮޅުން އަރަން ފަށާފައެވެ. ތަކެތި އެތެރެކުރާ ފަރާތްތައް ދަނީ ޑޮލަރުނުލިބިގެން ގޮތް ހުސްވަމުންނެވެ.

ރާއްޖޭގެ ބޭންކުތަކުގެ ހާލަތަށް ވިސްނާލާއިރު ފެންނަނީ ނާމާންކަމެވެ. ދިވެހި ބޭންކުވަނީ ބޮޑުވެގެންވާ އަނދަވަޅަކަށް ވެއްޓީފައެވެ. ނަތީޖާއެއްގެ ގޮތުން އެހެނިހެން ޕުރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ދިނުމަށްވަނީ އުނދަގޫވެފައެވެ. އެތަކެއް މަސައްކަތްތެރީންގެ ވަޒީފާ ދަނީ ގެއްލެމުންނެވެ. މިހާލަތަކީ މުޅިދުނިޔޭގެ އިޤްތިސާދަށް ކުރަމުން މިދާ އަސަރުގައި ރާއްޖެއަށް ވެސް ކުރަމުންދާނޭ އަސަރުތަކެކެވެ. ނަމަވެސް ހިކުމަތްތެރިކަމާއެކު އަމަލީ ފިޔަވަޅުތަކެއް މަރުކަޒީ ބޭންކުންނާއި އިޤްތިސާދީ މިނިސްޓުރީންނާއި ފިނޭންސުން އަޅަންޖެހިފައިވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިސާދީ ލޭނާރަށް ލޭގެނެސްދޭ މިހާރުވެސް ފަތުރުވެރިން އައުން މަދުވެފައިވާ އިގިރޭސީންނާއި ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންނާއި ޗައިނާ އަދި ޖަޕާނުގެ ފަތުރުވެރީން ދުނިޔާގެ އިޤްތިސާދީ ސުނާމީގެ ފައިސާގެ ތަދުކަމުގެ ސަބަބުން ރާއްޖެއަށް އައުމުގައި އިތުރަށް މަޑުޖެހިއްޖެނަމަ އަޅާނެފިޔަވަޅުތަކަކަށް މިހާރުންމިހާރަށްވިސްނާންޖެހިފައިވަނީ އަދުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހާއި އަލަށް ގުޅެން ތައްޔާރުވަމުންދާ ކެންޑިޑޭޓުންނެވެ.

No comments: