Friday, February 6, 2009

ސަރުކާރާއި ރައްޔިތުންގެ މަޖިލީސް އެކައްޗަކަށް ވުމުގެ ބިރުވެރިކަން

ސަރުކާރަކީ ރައްޔިތުންނަށްޓަކައި ވެރިކަން ރައްޔިތުންގެ ކުރިއެރުމަށް، ހެވަށް، ލާބައަށް ހެޔޮގޮތުގައި ޤާނޫނީގޮތުން ހިންގަން ރައްޔިތުން އިސްކޮށްފަވާ ފަރާތެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ފަރާތުންރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ވިންދާއެއްގޮތަށް ރައްޔިތުންގެ ބެނުންތަކާއި އެދުންތައް ސަރުކާރުން ހާސިލްކޮށްދެތޯ ނުވަތަ ނޫންތޯ ބަލާ ސަރުކާރު ޒިންމާދާރުކޮށް، ރައްޔިތުންގެ މަންފާއަށް ލާބައަށް ތަނަވަސްކަމަށް، ހަމަޖެހުމަށް ޤާނޫނާއި ޤާނޫނު އަސާސީ ހަދާ ފަރާތެވެ. މިދެފަރާތް އެކައްޗަކަށް ވެއްޖެނަމަ އެކަމުގެ ނުރައްކާއޮތީ މީންދުވަހަކު މިދެފަރާތް އެއްވުމުން ނެތް މިންވަރަކަށެވެ.

ފުރަތަމަކަމަކީ ސަރުކާރެއް އުފެދިގެން މިހާރު އައިސްފައި އެވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކުރުމަށް ވައުދުވެގެންނެވެ. މިގޮތުން މިހާރުގެ ސަރުކާރު މިއޮތީ ރައްޔިތުންނަށް ފަސް ވައުދެއްވެގެން ޤާއިމްވެފައެވެ. އަދި އެފަސް ވައުދުވީ އެކަމެއް ރައްޔިތުންނަށް ހާސިލްކޮށްދޭން ދެވަނަ އެހެންކަމެއް ސަރުތުކޮށް ފައެއް ނޫނެވެ. އެއީ ރިޔާސީ އިންތިޙާބު ކާމިޔާބުކޮށް ރައްޔިތުންނަށް ކޮށްދޭން ބުނި ފަސްކަމެވެ. ނަމަވެސް މިހާރު މިފެންނަނި އެފަސް ވަޢުދު ހާސިލް ނުކޮށްދީ އެކަން ރައްޔިތުންނަށް ހާސިލް ކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ސަރުކާރު މެމްބަރުންނަށް ވޯޓުދީގެން ކަމެވެ. ވީމާ، މިކަމުގެ ނުރައްކާތެރިކަމަށް ސަމާލުވުން މުހިއްމެވެ.

ރައްޔިތުންގެ މަޖިލީހާއިސަރުކާރު އެކައްޗަކަށް ވުމުގެ ސަބަބުން ދިވެހިން ކޮށްފައިވާ ހިތިތަޖުރިބާ ފާއިތުވި ތިރީސް އަހުރު ތަހައްމަލް ކޮށްފައިވެއެވެ. ނަތީޖާއެއްގެގޮތުން ރައްޔިތުންނަށްޓަކައި ރައްޔިތުންނަށް ބޮޑުވި؛ ރަށްގިރުން، ބަނދަރު ހެދުން، ފެންބޮޑުވުން، ގެދޮރުގެ ދަތިކަން، މަދިރީގެ ނުރައްކާތެރިކަން، މަސްތުވާތަކެތީގެ ވަބާ، މިހެންގޮސް ކޮޅުން ނުލާލިސްޓެއް ލިޔެވިދާނެއެވެ. ނަމަވެސް މިކަންތައްތައް ސަރުކާރަށްވެސް އަދި ރައްޔިތުންގެ މަންދޫބުންނަށްވެސް ފާއިތުވި ތިރީސް އަހަރު ބޮޑުވެފައި ނުވަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު މަސްހުނިވުމުގެ ސަބަބުންނެވެ. މިސާލަކަށް ނ. ހޮޅުދޫގެ، ފޮއްދޫ އަދި ވެލިދޫގައިހުރި ތަފާތު ގިނަގުނަ މައްސަލަތައް ހައްލު ނުކުރެވިވަނީ މިސަބާބާ ހުރެއެވެ.

އަނެއްކޮޅުން ސަރުކާރާއި ރައްޔިތުންގެ މަޖިލީސް މަސްހުނި ވެއްޖެނަމަ ސަރުކާރު ޒިންމާދާރުކުރުމާއި ރައްޔިތުންގެ ހައްޤާއި ޝަރަފް ރައްކާތެރި ނުކުރެވިގެން ހިނގައިދާނެއެވެ. ސަބަބަކީ ރައްޔިތުންގެ ބަދަލުގައި ސަރުކާރު ހިމާޔަތްކޮށް، ސަރުކާރުގެ ނިވައިފަތްގަޑަކަށް ރައްޔިތުންގެ މަޖިލސް ބޭނުން ކުރެވޭނީ ސަރުކާރުން އެޅިހާބަތަކަށްރިހަވެގެންނެވެ. މިފަދަ ހާލަތަކަށް ރައްޔިތުންގެ މަޖިލީސް ހިނގައްޖެނަމަ ފާއިތުވި ތިރީސް އަހަރަށްވުރެ ހިތިތަޖުރިބާއެއް ރައްޔިތުން ކުރިޔަށްއޮތްތަނުގައި ކުރަންޖެހުމަކީ ވަރަށް ގާތްކަމެކެވެ.

މިހިތިއަސަރު އެއްމެ ބޮޑަށް ކުރަންފަށާނީ ސަރުކާރުގެ ބާރުގަދަ އަޤުލަބިއްޔަތެއްކަމުގައިވާ ފަންސާސް މެންބަރުންގެ އެހީއާއި އެކުއެވެ. ސަބަބަކީ އެފަންސާސް މެމްބަރުންގެ އެހީގައި ސަރުކާރު ބޭނުން ކުޅިއެއް ބޭނުންގޮތަކަށް ކުޅެމުންދާއިރު ރައްޔިތުންގެ މަޖިލީސް ބަލަހައްޓައިގެން އަޅައިނުލާ އޮވެގެންނެވެ. އެގޮތުން ޤާނޫންތައް ހެދިގެން އަންނާނީ ރައްޔިތުންގެ މަސްލަހަތު އިސްނުކުރެވި ސަރުކާރުގެ ފައިދާއަށެވެ. މިފަދައިންކަން ހިނގަމުން ގޮސް އާހިރު ނަތީޖާއަކަށްވާނީ މަޖިލީހުގެ ބާރުގަދަ އަޤުލަބިއްޔަތުކަމުގައިވާ ފަންސާސް މެމްބަރުންގެ ބޭނުން ހިފައިގެން ޤާނޫނު އަސާސީ ބަދަލްކުރާ ހާލަތަށް ކަންތައްތައް ދާހިސާބުންނެވެ. މިބީދާއިން ކަންހިންގަމުންގޮސް ދެން ފެނިގެން ދާނީ ދަޢުރު ކަނޑައެޅިފައިވާ ރިޔާސީ ނިޒާމުން މުއްދަތެއް ނެތް ވެރިކަމާއި އަދިވެސް އެހެނިހެން ބަދަލްތައް ޤާނޫނު އަސާސީއަށް ގެންނަމުންދާތަނެވެ.

ވީމާ، ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި މެމްބަރުން އައްޔަނުކުރުމަށް ވޯޓުދޭއިރު ވަރަށް ބޮޑަށް ސަމާލުވެ، ހޭލައިގެން، އިންތިހާއަށް ވިސްނައިގެން ވޯޓުދޭންވާނީ ހުއްބުލް ވަތަނަށްޓަކައެވެ. ރައްޔިތުންނަށް ޓަކައެވެ. ފުރަތަމަ ރައްޔިތުން އިސްކޮށްގެން ރައްޔިތުން އެދޭ ގޮތަށެވެ. .

No comments: