Tuesday, February 24, 2009

ސިޔާސީ ޕާރޓީތަކަށް 14 މިލިޔަން ރުފިޔާ ބެހުން

ސިޔާސި ޕާރޓީތަކަށް ފައިސާ ދިނުމުގެ ފަލްސަފާއަށް ތާއިދުކުރާއިރު އެގޮތަށް ރައްޔިތުންގެ ފައިސާ ދިނުމުގެ ހަމަތަކެއްވެސް އޮންނަންޖެހޭނެއެވެ. ރައްޔިތުންގެ ތަޢުލީމާއި ސިއްޙީ ޙިދުމަތުގެ ފެންވަރު މަތިކޮށް ރަނގަޅުކުރުމަށާއި އަދި އެހެނިހެން އަސާސީ ޙިދުމަތްތަކާއި ކަންތައްތައް ރަނގަޅުކުރުމަށް ހޭދަކުރަން ހުރި ރައްޔިތުންގެ 13.8 މިލިޔަން ރުފިޔާ ޕާރޓީތަކުގައި މެމްބަރުން ތިބިއަދަދަށްބެލިގެން 2009 ވަނައަހަރު 12 ޕާރޓީއަކަށް ބެހުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ.

ވީމާ، މިފަދައިން ފައިސާ ބެހުމުގައި އަދި މިހާތަނަށް ބާލާ މިންގަޑަކީ އެޕާރޓީއެއްގައި މެމްބަރުން ރަޖިސްޓުރީކޮށްފައިވާ އަދަދަށެވެ. މިގޮތަށް ބެލިގެން ޕާރޓީތަކަށް ފައިސާ ދޭން ތިރީގައިވާ އަންދާޒާ އަދަދުތައް މިހިނގާ 2009 ވަނަ އަހަރު ޕާރޓީތަކަށް ބެހުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޖުމްހޫރީ ޕާރޓީއަށް 1.2 މިލިޔަން، އެމްޑީޕީއަށް 2.2 މިލިޔަން، ޑީއާރުޕީއަށް 3.3 މިލިޔަން، އެސްއެލްޕީއަށް 566 ހާސް، ޕީޕަލްސް އެލަޔަންސް 765 ހާސް، އައިޑީޕީއަށް 1 މިލިޔަން، އަދާލަތު ޕާރޓީއަށް 1 މިލިޔަން ރުފިޔާ ޖެހިފައިވެއެވެ. މީގެ އިތުރުން އެމްއެސްއެލްޕީއަށް 794 ހާސް، ޕީޕަލްސް ޕާރޓީއަށް 717 ހާސް، މޯލްޑިވިއަން ނޭޝަނަލް ކޮންގުރެސް 703 ހާސް، ފަޤީރުކަން ނައްތާލާ ޕާރޓީއަށް 703 ހާސް، ޤައުމީ އިއްތިޙާދަށް 740 ހާސް ރުފިޔާ ޕާރޓީތަކަށް ލިބޭނެއެވެ.

ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލާތު މިހާނާޒުކު ވެފައިވާ ވަގުތެއްގައި މިފަދައިން 13.8 މިލިޔަން ރުފިޔާ ރައްޔިތުންގެ ސިއްހީ މުހިއްމު ހިދުމަތްތަކުން އުނިކޮށް ޕާރޓީތަކަށް ބެހުމަށް ހަމަޖެހިގެންދާއިރު ރައްޔިތުންނަށްދެވޭ ސިއްހީ ފަރުވާ ދޭ މަރުކަޒުތަކާއި ހޮސްޕިޓަލުގެ ހާލަތާމެދު ވިސްނާ ފިކުރުކޮށްލަންޖެހެއެވެ. ހޮސްޕިޓަލްތަކުގެ އާއްމު ޙިދުމަތްތަކުގެ ފެންވަރު ނިހާޔަތަށް ދަށްވެ، ސިއްހީ ފަރުވާއަށް އައިޖީއެމްއެޗް އަދި ސިއްޙީ މަރުކަޒުފަދަ ތަންތަނުގައި ބޭނުން ކުރާ މެޝިނަރީ ހަލާކުވެގެން އެތަކެއް މަސްދުވަސްވާއިރުވެސް މެޝިނަރީއަށް ފަރުވާ ނުދެވި، ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރުވެސް ޕާރޓީތަކަށް އިންތިޙާއަށް ބޮޑެތި އަދަދުން ފައިސާގެ ބައިއެޅިގެން ދަނީ ހަމަ ރައްޔިތުންގެ ފައިސާއިންނެވެ.

ރައްޔިތުންގެ ފައިސާ ބޭކާރަކަށް ރައްޔިތުންނަށް އެއްވެސް ފައިދާއެއް ލާބައެއް ނެތްގޮތަކަށް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްނުކުރާ ފަދަ ޕާރޓީތަކަށް ބައިއެޅުމަކީ މިވަގުތަށާއި މުސްތަޤުބަލަށް ވަރަށް ބޮޑަށް ވިސްނާ ކުރިޔަށް އޮތްތަނަށް ހަރުދަނާ ރަނގަޅު ގޮތްތަކެއް ނިންމަން ޖެހިފައިވާ ކަމެކެވެ. މިފަދައިން ބައިއެޅުމުގެ ސަބަބުން ރައްޔިތުންގެ ދަރީންގެ ތަޢުލީމާއި ތަމްރީނަށް ފައިސާ މަދުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް ކޮލެޖު އޮފް ހަޔާރ އެޑިޔުކޭޝަނުގެ 2008 ވަނައަހަރުގެ ބަޖެޓުގެ ގޮތުގައި 86 މިލިޔަން ރުފިޔާ ލިބިފައިވާއިރު 2009 ވަނައަހަރު ލިބިފައިވަނީ 32 މިލިޔަން ރުފިޔާއެވެ. ކުރީއަހަރަށްވުރެން ކޮލެޖުގެ ބަޖެޓު ދެބައިކުޅަ އެއްބަޔަށްވުރެވެސް ކުޑަވެގެން ދިޔުމުގެ ސަބަބުން މަސައްކަތްތެރީން ތަމްރީނުކުރުމުގެ ތަފާތު ކޯސްތަށް މަދުކޮށް އަދި ކޯސްތަކަށް ނަގާ ކުދީންގެ އަދަދު ވަނީ މަދުކޮށްފައެވެ. މިއީ އަހަރަކު އޯލެވެލް އަދި އޭލެވެލް ނިންމާ ގިނަ ކުދީންނަށާއި އެކުދީންގެ އާއިލާތަކަށާއި މުޅި ޤައުމުގެ އުފެއްދުންތެރިކަމަށް ނުހަނު ބޮޑު އަސަރެއް މުސްތަޤުބަލުގަ ކުރާނޭ ކަމެކެވެ.

ޕާރޓީއަކަށް ރައްޔިތުންގެ ފައިސާގެ އިނާޔަތް ދެމުންދާއިރު ރައްޔިތުންގެ ދަރީންގެ މަތީތަޢުލީމަށް ހުރިފައިސާވެސް މަދުވެގެން ދަނީއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ތަފާތު މިންވަރުން މަތީ ތަޢުލީމަށް ލޯނުފައިސާ ދެވިގެން ދިޔައިރު އަދި މިހާތަނަށް އެފަދަ ކަމެއްގެ ހިލަމެން ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އޯލެވެލް އަދި އޭލެވެލް ނިންމި ކުދީންގެ ތެރެއިން މަތީތަޢުލީމަށް މަގުފަހިކުރުމަށް އެފަދަ ލޯނުހޯދުމަށްވަނީ އުދަގޫވެފައެވެ. މިސާލަކަށް މިއަހަރު ވެލިދޫން އޯލެވެލް ނިންމި ޝާހީން ބޭނުންވަނީ އިސްލާމު މުދައްރިސަކަށްވާށެވެ. ކިޔަވަން ބޭނުންވިނަމަވެސް މާލޭގަ ހުންނާނެ ތަނެއް ނެތުމާއި އަދި މަތީ ތަޢުލީމަށް އުގެނުމަށް ހަރަދު ކުރާނޭ ފައިސާ ނެތުމުން ޝާހީންގެ އުއްމީދީ ހުވަފެނުގައި ކުލަޖައްސަން އިންތިހާއަށް ދައްޗެވެ.

ވީމާ، ޕާރޓީތަކަށް ރައްޔިތުންގެ ފައިސާގެ އިނާޔަތް ދިނުމަށް ގޮތްތައް ކަނޑައަޅާއިރު ރައްޔިތުންގެ ހާލަތާމެދު ފުންކޮށް ވިސްނަން ޖެހެއެވެ. ރައްޔިތުންނަށް ފައިދާ ނުވާ ޕާރޓީތަކަށްވެސް ރައްޔިތުންގެ ފައިސާ ދެވިގެން ދާއިރު ރައްޔިތުންގެ ސިއްޙީ ފަރުވާގެ ހާލު އަހުވާލު ހުރިގޮތާއި ރައްޔިތުންގެ ދަރީންގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކުރިމަގުން ފައިސާ އުނިކުރެވެމުންދާ އިރު ރައްޔިތުންގެ ފައިދާއަށް މަސައްކަތް ނުކުރާ ޕާރޓީތައް ފާހަގަވެ ހުނިޖެހި އަދި ރައްޔިތުންގެ ފައިސާއިން އިސްތިސްނާވެގެންދާތަން ފެންނާން އެބަޖެހެއެވެ. މިފަދަ އިންތިޒާމެއް ހަމަޖެހުމުން ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ފައިދާއެއް ނުވާ އަދި ރައްޔިތުން ބަލައިނުގަންނަ ޕާރޓީތަކަށް ބޭނުން ކުރުމަށް ދިނުމުގެ ބަދަލުގައި ރައްޔިތުންގެ ތަޢުލީމަށާއި ސިއްޙީ މުހިއްމު ފަރުވާއަށާއި ޙިދުމަތްތަކަށް ބެހެއްޓިގެން ދާނެއެވެ. އަދި ރައްޔިތުންނަށް ފައިދާ ނުކުރާ އެފަދަ ޕާރޓީތައް އެފަދަ ނިޒާމެއްގައި އުވިގެން ދާނެއެވެ.

No comments: