Wednesday, July 17, 2024

މަންމަ

 އެހަށިގަނޑުގަ ގަރުބަގަތީއްސުރެ ނުވަ މަހާއި ނުވަ ދުވަހު ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި ތުރާލާ ވޭނުގަ އުފުލިއެވެ. 


އާރެއްބާރެއްނެތް ތުއްތު ކުޑަކުއްޖެއްގެ ގޮތުގާ ވީދުވަހު ރެއެއް ދުވާލެއް، ނިންޖެއް، އަރާމެއް  ނެތި ކޮށްމެ ދުވަހަކު ކޮށްމެ ވަގުތަކު ޚިދުމަތުގައި ހުއްޓެވެ. 


އުނގުގައި ބައިންދައިގެން ކިޔަވައިދީ  ހެވާ ރަނގަޅުބުނެދީ ތަރުބިއްޔަތު ކުރިއެވެ. މުނާޖާއާއި އެކު ތެދުވެއެވެ. ވަގުތަށް ނަމާދަށް ރައްކާތެރިވެ، އެކަމަށް ނަސޭހަތްތެރިވިއެވެ. 


ފުޅިބައްތިތައް ސާފުކޮށް ތައްޔާރުކޮށް ރޭގަނޑު ގޭތެރެ ދިއްލައިލައެވެ. މުޅިގޭތެރެ އާއި މަގުމަތި ކޮށްމެދުވަހަކު ކުނިކަހާ ފޮޅާސާފުކުރެއެވެ. ރަށުތެރެއާއި އިޖުތިމާއީ އެހެނިހެން ތަންތައް ކުނިކަހާ ސާފުކުރުމުގައި ބައިވެރިވިއެވެ. އަވިދޭ ދުވަހެއް، ނުދޭ ދުވަހެއް ތަފާތެއް ނުކުރެއެވެ. 


ފެންބަނޑިޔާ ކިހީލީގަ ނުވަތަ ބޮލުގަ ބަހައްޓައިގެން އުފުލިއެވެ. ވަނާއި ދައިން ހަވާދާއި އެހެނިހެން ކާތަކެތި ތަޅާ ފުނޑިއެވެ. ކައްކާނެ ދަރު ހޯދައިގެން، ދަރުތައް އަންދަމުން ދުންތަކުގެތެރޭގަ، ދިލަ ހޫނުގަ، ނާސްތާ ކޮށްމެ ދުވަހަކު ކޮށްމެ ވަގުތަކަށް ތައްޔާރުކުރިއެވެ. މުޅިއާއިލާ ނާސްތާ ކުރާއިރު ސުފުރާމަތި ބަލަހައްޓާފަ އެއްމެ ފަހުން ކާމީހަކީ ތިބާއެވެ. 


މީރުކާނާއެއްވިއްޔާ އަވަށްޓެރިންނާއި ހިއްސާކުރިއެވެ. އާއިލީ އަވަށްޓެރި ގާތް ގުޅުމަކީ މުހިއްމު އެއްޗެއް ކަން ތިބާގެ އަމަލާ ބަހުން ދެއްކިއެވެ. 


އަތުން އެއްޗެހި ދޮވެ، ނާށި އަންދައިގެން އިސްތިރި ކޮށްދީ ބޭނުން ކޮށްމެ ވަގުތަކު މަދަރުސާ އަށާއި އެހެނިހެން ކަންކަމަށް ތައްޔާރު ކޮށްދިނެވެ.


ތިބާއަކީ ނަމޫނާ އަންހެނެކެވެ. އަދި މަޔެކެވެ. މަންމާއެވެ! ތިބާގެ ކުޅަދާނަކަމާއި ގުރުބާނީ އާއި އަޅާލުމާއި ކުލުނާއި ލޯބި ވަޒަން ކުރަން އަހުރެން ނުކުޅެދެއެވެ. މާތް الله މަންމައަށް ސުވަރުގޭގެ ދާއިމީ ހެޔޮރަހްމަތް ލައްވާށި! އާމީން


No comments: