Tuesday, July 2, 2024

ބަނގުރޫޓުވުން

މިފަދަ ހާލަތަކަށް ވެއްޓޭހިސާބަށް ކަންތައްދަނީ އެއްދުވަހަކުން ދެދުވަހަކުން ނޫނެވެ. ފާއިތުވި އެތަކެއް ދުވަހަކާއި މަސްތަކާއި އަހަރުތަކުގައި ކަންކަން ރާވާ ހިންގަން ތިބިފަރާތްތަކުން ނިންމި ނުކިއްސަރު އެތަކެއް ނިންމުންތަކާއި އެޅި ކަސިޔާރު އެތަކެއް ފިޔަވަޅުތަކުންނެވެ. ހާލަތު އަދު މިވަނީ ބަނގުރޫޓުވެދާނެފަދަ ހާލަތަކަށް ބަދަލުވެފައެވެ. 


މިހާލަތުން އަރައިގަތުމަށް އަވަސް ނިންމުންތަކާއި ފިޔަވަޅުތަކެއް އަޅަމުން ގެންދަން ޖެހެއެވެ. މިހާލަތުގެ ތެރޭ ކަސްތޮޅުއެޅިގެން ތިބެވޭކަށް ވަގުތެއް ނެތެވެ. އެއްވާނަކަށް އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށް، އަރައިރުންވެ ޒުވާބުކޮށްގެން މިހާލަތުން އަރައިގަތުމަށް ދަތިވާނެއެވެެ. 


މިހާލަތުން އަރައިގަތުމަށްޓަކައި އިގްތިސާދީ ޖިހާދެއް ކުރަން ޖެހެއެވެ. މިޖިހާދުގައި މޫނަށް ކަނދުރާޔަކަށް ނުބަލާ ދެވަނަ ދައުރަކަށް ނުވިސްނާ ހަރުދަނާ ނިންމުންތަކާއި ފިޔަވަޅުތައް ވަގުތުން ވަގުތައް އަޅަންޖެހެއެވެ! 


ފަހަރުގައި އަޅާފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން އިތުރަށް ގޯސްވެސް ވެދާނެއެވެ. ނަމަވެސް ކެއްތެރިކަމާއެކު މަސްވަރާކޮށް އުއްމީދާއެކު، އިގްތިސާދީ މިއަނދަވަޅުން އަރައިގަތުމަށްޓަކައި އަވަސް ހައްލުތަކެއް ގެނައުމަށް މުޅިގައުމުގެ ވެރިން އެކީއެކައްޗެއް ކިޔައިގެން މަރުފަލިޖަހަންޖެހެއެވެ. 


ވަރުގަދަ ބިޔަބޮޑެތި އިގްތިސާދުތައްވެސް ހީނަރުވެ ބަލިކަށިވެގެން ދެއެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކާއެކު އާރޯކަމާއެކު އިގްތިސާދު އަލުން ކުރިއަރާ ދަނީ އިހުނައްވުރެ ބާރު ދުވެލީގައެވެ! 

No comments: