Friday, February 8, 2013

މާފަރު އެއަރޕޯރޓު


ނޫނު އަތޮޅަކީ އާބާދީގެ ގޮތުން 14500 ވުރެ ގިނަރައްޔިތުން ދިރިއުޅޭ އަބާދީއެއް 13 ރަށަކަށް ބެހިފައިވާ އަތޮޅެކެވެ. މިއަތޮޅުގައި ދިރިއުޅޭ އެއްމެހާ ރައްޔިތުންނަށް ލާބަޔާ މަންފާއަށް އަދި ފަސޭހައަށް އެއާރޕޯރޓެއް މާފަރުގައި އެޅުމަށް ނިންމާއި އެކަމުގައި އަލިމަގެއް އަދި ފެނިފައި ނުވާއިރު މާފަރުގައި އެއަރޕޯރޓު އެޅުމަކީ ނޫނުއަތޮޅުގެ މުޅި އާބާދީއަށް އެއްމެ ފައިދާހުރި ގޮތްތޯ ސުވާލުކޮށްލުމަކީ މުހިއްމުކަމެކެވެ.

މާފަރަކީ އެސަރަހެއްދެއްގައި ބިމުގެ ތަނަވަސްކަން އޮތް އަދި މުސްތަޤްބަލް އޮތްތަނެއްކަމުގައި ދެބަސްވުމުގެ ޖާގަ އޮތްތަނެއްނޫނެވެ. ނަމަވެސް އެސަރަހައްދަކީ އަތޮޅުގެ އިރުވައި ތޮށީގެ ސަރަހައްދަކަށްވެފައި އިރުވައި ތޮށީގެ ރަށްތަކަށް ދަތުރުފަތުރުގެ ކިތައްމެފަސޭހައެއް ވިކަމުގައި ވީނަމަވެސް ހުޅަނގު ބިތުގެ ރަށްތަކަށް އެހާފަސޭހަ ނިންމުމަކަށް ވާނޭކަމާ މެދު ސައްކުގެ ނަޒަރަކުން ބެލެއެވެ. ސަބަބަކީ އިރުވައި ތޮށީގެ މާފަރާއި ހުޅަނގުބިތުގެ ހޮޅުވެލިފޮއްދޫ އާއި ދެމެދު 30 ކިލޯމީޓަރުގެ ރާސްތާއެއް ވާތީއެވެ. މިރާސްތާއަކީ ހުޅަނގުބިތުން އިރުވައިބިތަށް ދިޔުމަށްވުރެ ހުޅަނގުބިތުން ޅ. އަތޮޅަށް ދިޔުން ކުރު ރާސްތާއެކެވެ.

މާފަރު ނާރެހަކަށް ބަލައިގެން އަތޮޅުގެ ދަތުރުފަތުރު އަދި ވިޔަފާރި މަރުކަޒަކަށް ވެގެން ދިޔުމުގެ ފޮނި އުންމީދަކީ އަތޮޅުގެ ރައްޔިތުން ނުހަނު އެދޭކަމަކަށް ބެލިކަމުގައި ވީނަމަވެސް މުޅި އަތޮޅަށް އޭގެ ނަފާ، ފައިދާ އަދި ފަސޭހަ ލިބިގެން ދިޔުމަކީ އެއަށްވުރެ ބޮޑަށް އެދިވިގެންވާކަމެކެވެ. ސަބަބަކަށްވަނީ މާފަރުގެ އެއާރޕޯރޓެއް އެޅުމަކީ އޭގެ ޒާތުގައި މުޅި އާބާދީގެ ތިންބައިކޮށްފަ އެއްބައި 5000 ރައްޔިތުންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެތޯއެވެ.

މިޔާ ހިލާފަށް  އަތޮޅުގެ މެދު ތެރެއިން ރަށެއްގައި މިފަދަ އެއަރޕޯރޓެއް އެޅުމަކީ މުޅި އާބާދީއަށް ފަސޭހަ ރާސްތާއެއް ކަމުގައި ބެލެވިދާނެއެވެ. މިފަދައިން އަތޮޅުގެ މެދުތެރެއިން މަނަދޫ ފަދަ ރަށެއްގައި އަޅައިފިނަމަ މާފަރަށްވުރެ ފަސޭހަވެފައި ބޭނުންތެރިކަން ހުރިހާގޮތަކުންވެސް އަތޮޅުގެ ރައްޔިތުންނަށް ފައިދާ ބޮޑުވާނެއެވެ. މިގޮތުން މަނަދުއަކީ އަތޮޅުގެ ސިޔާސީ ވެރިރަށަށްވެފައި، އަތޮޅު ހޮސްޕިޓަލް ހުރިރަށްވެފައި ހާލު ބޮޑު ބަލިމީހުންނަށް އިތުރު ތަކުލީފަކަށް ނުވާގޮތަށް މަނަދޫން މާލެ ދިޔުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މަނަދޫ ނާރެހަކަށް ބަލައިގެން މިހާރުފަށާފައިވާ ދަތުރުފަތުރުގެ ނިޒާމު ރޭވި ހިނގަމުންދާގޮތަށް ބެލިކަމުގައިވިޔަސް މިފަސޭހަތައް ލިބޭނެއެވެ. ސަބަބަކީ މަނަދޫން ފުރައިގެން އަތޮޅުގެ އެއްމެ އުތުރަށް، ހެނބަދޫއަށް ދިޔުމަކީ 21 ކިލޯމީޓަރުގެ ރާސްތާއަކަށް ވާއިރު މަނަދޫން ފުރައިގެން ހުޅަނގު ބިތުގެ ވެލިދުއަށް ދިޔުމަށް އެއީ 20 ކިލޯ މީޓަރުގެ ރާސްތާއެކެވެ. މިރާސްތާއަކީ މާފަރުން ފުރައިގެން ވެލިދޫއަށް ދިޔުމަށް 10 ކިލޯމީޓަރ ކުރުރާސްތާއެކެވެ.


މަނަދޫގައި އެއަރޕޯރޓެއް އެޅުމުގެ ޖާގަ ލިބުމަކީ ދުރުކަމަކަށްވުރެ ވަރަށް ކައިރިކަމެކެވެ. ސަބަބަކީ މަނަދޫގެ މިހާރުގެ އާބާދީއާއި ބިމުގެ ޖާގައަށްބަލައިފިނަމަ 1500 ގުނަ 30 މީޓަރުގެ ރަންވޭ އަކާއި އެހެނިހެން ވަސީލަތްތައް އެޅުމަށް ސަރަހައްދެއް ލިބުމަކީ ފަސޭހަކަމަކަށް ވާނެއެވެ. އަދި މާފަރުގައި އެއަރޕޯރޓެއް މިއަޅަންޖެހެނީ ބިން ހިއްކައިގެން ގާތްގަޑަކަށް 30 މިލިޔަން ޑޮލަރުން ކަމަށްވާތީ މަނަދޫ ގައި އަޅައިފިނަމަ ބިން ހިއްކުމަކާ ނުލައި އެފަދަ އެއަރޕޯރޓެއް އެޅުމަކީ ހަރަދުގެ ގޮތުން ހާސްބައި ކުޑަވެ، އަތޮޅުގެ މުޅި އާބާދީއަށް ފަސޭހަވެ، އަވަސްވާނޭކަމެއްކަމަށް ފެނެއެވެ. 

No comments: