Saturday, March 28, 2009

ނ. އަތޮޅާ މެދު އިބްރާޙީމްގެ ތަސައްވުރު

އާބާދިގެ ގޮތުން 14000 އެތަކެއް ރައްޔިތުން 13 ރަށަކަށް ބެހިފައިވާ ނ. އަތޮޅުގެ އާބާދީގެތެރެއިން ހޮޅުވެލިފޮއްދޫގެ ރައްޔިތުންގެ ކުރިމަގާމެދު އަޅުގަނޑު ދެކޭ ހުވަފެނަކީ ރައްޔިތުންގެ ސިއްހީ ޙިދުމަތާއި، ތަޢުލީމާއި، އިޤްތިސާދާއި ވަޒީފާގެ ފުރުސަތުތަކާއި އިޖްތިމާޢީ ރައްކާތެރިކަމާއި އުމްރާނީ ތަރައްޤީއާއި ތިމާވެށީގެ ގޮތުން ފުރިހަމަ ވެއްޓެއް ޤާއިމްކުރެވިފައިވާ ދުޅަހެޔޮ އާބާދީއެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގާވުމެވެ.

ސިއްޙީ ޚިދުމަތް

އަތޮޅާއި ރަށުފެންވަރުގައި ޤާއިމް ކޮށްފައިވާ ސިއްޙީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ފަރުވާއަކީ ހިތްހެޔޮކަމާއި އަޅާލުމާއެކީ ރައްޔިތުންގެ އާއްމު ސިއްޙީ ދުޅަހެޔޮކަމަށްޓަކައި ޤާއިމް ކުރެވިފައިވާ ތަންތަނަށް ވުމެވެ. އަދި މިތަންތަނަކީ ރައްޔިތުން ބަލިން ރައްކާތެރިކޮށް ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބޭނުންވާ މަޢުލާމާތާއި ހުނަރު ފޯރުކޮށްދީ ހަދާ ތަންތަނަށް ވެގެންދިއުމެވެ. މީގެއިތުރުން އެތަންތަނުގައި ޤާއިމްކޮށްފައިވާ ވަސީލަތްތަކަކީ ވެސް ދުޅަހެޔޮ ޒަމާނީ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓިގެން ދިއުމެވެ.

ތަޢުލީމު

އަތޮޅުގެ ރަށްތަކުގެ ދަރީންގެ މުސްތަޤްބަލަށްޓަކައި ދެވޭ ތަޢުލީމަކީ އިސްލާމީ ރަނގަޅު ބިންގަލެއްގެ މަތީގައި ދެވޭ އެއްޗެއްގެ ގޮތުގައި ހެދިގެންދާންޖެހެއެވެ. ޕްރީސްކޫލު ދައުރާއި މިދަޢުރުގައި އުގަންނައިދެވޭ ކީރިތި ޤްރުއާނާއި ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ހަރުދަނާކުރެވިގެން ދިއުމެވެ. ސާނަވީ ސްކޫލްތަކަކީ ފުރިހަމަ މާނައިގައި އިންޓަރނޭޝަނަލް ސްކޫލްތަކެއްގެ ގޮތުގައި ބައްޓަންކުރެވި ބަލައިގަތުމެވެ. ހުރިހާ ސްކޫލުތަކެއްގައި ޤާއިމްކުރެވި، ބޭނުންކުރެވޭ ވަސީލަތްތަކަކީ ޒަމާނީ ޓެކޮނޮލަޖީގެ ވަސީލަތަށްވެ، ކަމުގެ ތަމްރީނު ލިބިފައިވާ ޤާބިލް މުދައްރިސުންނާއެކު، ތޮށްނުޖެހޭ ކުލާސްތަކެއްގައި ކިޔަވައި ދިނުން ހަމަޖެހިފައިވާ ސްކޫލްތަކަކަށް ވުމެވެ. އަދި ސާނަވީ ތަޢުލީމް ނިންމާ ކުދީންނަށް އެކުދީންގެ ދިރިއުޅުން ރޯޝަން ކުރާނޭ މަތީތަޢުލީމު ހޯދުމުގެ ފުރުސަތުތަކެއް ލިބިފައިވުމެވެ.

އިޤްތިސާދާއި ވަޒީފާގެ ފުރުސަތު

އަތޮޅާއި ރަށުގެ އިޤްތިސާދީ ފުއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތްތަކާއި ވަޒީފާގެ ފުރުސަތުތައް ލިބިގެންދިއުމެވެ. ރައްޔިތުންގެ އާއްމު ބޭނުންތަކާއި ޙިދުމަތްތަކަށް ބޭނުންވާ ތަފާތު ކުދިވިޔަފާރީގެ ވަސީލަތްތައް ޤާއިމް ކުރުމުގެ ފުރުސަތާއި މަގުތަނަވަސް ކޮށްދެވިގެންދިއުމެވެ. އާއިލާއާއި ކައިރީގައި މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތް ކުރެވިފައިވާ މާހަޢުލެއްގައި ވަޒީފާ އަދާކުރުމުގެ ގޮތްތައް ތަނަވަސް ވެގެންދިއުމެވެ.

މުޖުތަމަޢު

ރައްޔިތުން ދިރިއުޅޭ ރަށްތަކުގެ މުޖުތަމަޢުތަކަކީ ރައްކާތެރި މުޖުތަމަޢު ތަކެއްގެ ގޮތުގައި ވެގެން ދިއުމެވެ. ލާދީނީ ކަންތައްތަކާއި ހަރަކާތްތަކާއި ބަދުއަޙުލާޤީ އަމަލުތަކާއި މަސްތުވާތަކެތީން ރައްކާތެރި މުޖުތަމަޢުއަކަށް ވުމެވެ. މުޖުތަމަޢުގެ ދެރަނިކަމެތީންނަށާއި އެކަކު އަނެކަކަށް އަޅާލާ އެއްބައިވަންތަ ރިވެތި އިސްލާމީ އަޙްލާޤެއްގެ ވެރި ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ވުމެވެ.

އުމްރާނީ ތަރައްޤީ

ރައްޔިތުން މިއަދާއި މާދަމާ ބޭނުންވާ ބޯހިޔާވަހިކަމާއި އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީއާއި ކުރިއެރުން ހޯދުމަށްޓަކައި މުސްތަޤްބަލް އޮތް ސަރަހައްދުތަކަށް ފަސޭހައިން ގޮސް ބޯހިޔާވަހިކަމުގެ ފަހިގޮތްތަކާއެކު ވަޒަންވެރިވުމުގެ ފުރުސަތު ތަނަވަސް ވުމެވެ. ބޯހިޔާވަހިކަމާއި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންވާ އާއްމު ޙިދުމަތްތައް ކަމުގައިވާ ރަށްރަށުގެ ބަނދަރާއި މަގުތަކާއި ކުޑަކުދީން ކުޅޭނޭ ޕާރކްތަކާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާއި ކުނިނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވުމެވެ.
ތިމާވެށި

އަތޮޅާއި ރަށުގެ ނާޒުކު ތިމާވެއްޓަކީ މިއަދާއި މާދަމާގެ ޖީލުތަކުގެ ތަރައްޤީއާއި ބޭނުންތަކަށް ދެމެހެއްޓެނިވި ގޮތަށް ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ ވެއްޓަކަށް ވުމެވެ. އަދި ތިމާވެށީގެ ސަބަބުން ނިކުންނަ މައްސަލަތައް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަލާމަތްކަމާއެކު ހައްލުކުރެވިގެން ދާންޖެހޭނީ އަދާއި މާދަމާގެ ރައްޔިތުންގެ މަންފާއަށެވެ.

No comments: