Monday, March 2, 2009

ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުން ހުސްވެދާނެ ހެއްޔެވެ؟

ކޮށްމެ ގައުމެއްގައިވެސް އެގައުމެއްގެ އެއްމެ އަގުބޮޑު ރައުސްމާލަކީ އެގައުމެއްގެ ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުންނެވެ. އަދި އެރައްޔިތުންގެ ސަބަބުން ގައުމުގެ ތަރައްޤީ އާއި ކުރިއެރުމުގެ ރޭޓު ދެމެހެއްޓެނިވި ގޮތެއްގައި އަވަސްކޮށް ހަރުދަނާކުރާނޭކަމަށް ބެލެވެއެވެ. ދިވެހިރާއްޖޭގެ ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުން ތަކެއް ރާއްޖެ ދޫކޮށް ހިޖުރަކުރަމުން ދާކަމަށް ވަޒަންކޮށްލެވޭ ހެއްޔެވެ؟ ވީއިރު އެފަދަ ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ކުޅަދާނަ ދިވެހިރައްޔިތުން ދިވެހި ރާއްޖޭ ދޫކޮށް ދާންދިމާވާ ސަބަބުކަމަށް ބެލެވެނީ ކޮންކަމެއްހެއްޔެވެ؟ ކޮށްމެވެސް ކަމެއް ގޯސްކޮށް ހިނގަމުން ދާކަމަށް ވިސްނިދާނެހެއްޔެވެ؟ އެހެންކަމަށްވާނަމަ އެކަމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ ގައުމަށް އެއްމެ ބޭނުންވާ ހުނަރުވެރި ރައްޔިތުން ގައުމު ދޫކޮށް ދާކަމަށްވަނީ ނަމަ މުސްތަގުބަލުގެ މިގައުމުގެ ހާލަތަކީ ކޮބައިބާއެވެ؟

ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުންތަކެއް ދިވެހިރާއްޖެ ދޫކޮށް ދާއަދަދަކީ ކަނޑައެޅިގެން ސާފުވާން އޮތް އަދަދެއްނޫނެނެވެ. ސަބަބަކީ މިދާއިރާގައި އެކަށިގެންވާފަދަ މައުލޫމާތު ލިބެއް ނެތުމުންނެވެ. ނަމަވެސް އެކި އެކި ދާއިރާތަކަށް ވިސްނުމާއި ނަޒަރު ހިންގާލާއިރު ޑޮކްޓަރުންނާއި މުދައްރިސުންނާއި ލެކްޗަރަރއިންނާއި ނަރުހުން ތަހައްމަލު ނުކުރެވޭ ތަފާތު ސަބަބަކަށްޓަކައި ރާއްޖެ ދޫކޮށް އެހެން ގައުމުތަކަށް ތަނަވަސް ދިރިއުޅުމަަކަށްޓަކައިނަމަވެސް ހިޖުރަކުރަމުން ދެއެވެ. މިއީ ފިލިޕީންސްފަދަ ގައުމުތަކުގެ އެތެކެއް ރައްޔިތުން ގައުމުން ބޭރުގައި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވަރަށް އާދައިގެ މަސައްކަތްކޮށް ގައުމުގައި ތިބި އެފަރާތްތަކުގެ އާއިލާއަށް އެތަކެއް މިލިޔަން ޑޮލަަރު ފަނުވާފަދައިން ދާދިޔުމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ރާއްޖޭން ބޭރުގެ ވަޒީފާތަކަށް މިސާލަކަށް ބޯޓުދަތުރުކުރުން ފަދަ މަސައްކަތްތަކަށް ގޮސްގެން އެތަކެއް މިލިޔަން ރުފިޔާ އެފަރާތްތަކުންވެސް އާއިލާތަކަށް ދިވެހިރާއްޖެއަށް ފޮނުވަމުން ދެއެވެ. މިގޮތާ ހިލާފަށް އިލްމުވެރި ފަންނުވެރި ކުޅަދާނަ އެތަކެއް ދިވެހިދަރީންނާއި އެދަރީންގެ އާއިލާތައް ރާއްޖެ ދޫކޮށް ހިޖުރަކުރަމުން ދާތަން ފެނެއެވެ. ދިވެހިރާއްޖޭގެ އެއްމެ މޮޅު އަދި ކުޅަދާނެ އެތަކެއް ދިވެހިދަރީން ލޮބުވެތި ދިވެހިރާއްޖެ ދޫކޮށް ދާދިޔުމަކީ ދިވެހިރާއްޖޭގެ އިގްތިސާދީ އިޖްތިމާއި އަދި ސިޔާސީ މައިދާންތަކަށް ފޫނުބެއްދޭފަދަ ގެއްލުންތަކެއް ވެގެންދާނެކަމެކެވެ. އަދި އެފަރާތްތައް ރާއްޖެއަށް ފޮނުވާ މާބޮޑު ފައިސާއެއްވެސް ނުވާނެކަމަށް ބެލެވެއެވެ. އަދި ހަމަ ކޮށްމެވެސް ދުވަހަކުން އެފަރާތްތަކުގެ ގާތްތިމާގެ ފަރާތްތައް ދެކިލުމަށް ނޫނީ ޒިޔާރަތްކުރާތަންވެސް ނުފެންނާނެއެވެ.

ގިނަފަހަރަށް މިފަރާތްތަކުގެ ހުނަރުވެރި ގާބިލްކަން ފުރިހަމަ ކޮށްދެވިފައިވަނީ ދިވެހި ދައުލަތުގެ ހަރަދުގައިކަމަށްވީނަމަވެސް އެކަމުގެ އާހިރު ފައިދާ ލިބިގެން އެދަނީ ދުނިޔޭގެ އެހެން ގައުމަކަށެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މީގެތެރޭގައި ދިވެހިރާއްޖޭގައި އުޅެގެން ނުވަތަ މަސައްކަތްކޮށްގެން އިންސާފުވެރި އަދުލުވެރި ދިރިއުޅުމަކަށް ވާސިލްނުވެވޭނޭ ކަމާއި ސިޔާސީ އިޖުތިމާއި މައްސަލަތައް އައުސަރުކާރާއެކު ދުވަހެއް ދުވަހަކަށް ބޮޑުވެ، މުއްސަދީންނާއި ފަގީރުންގެ ފަރަގު އަތްނުފޯރާވަރަށް ބޮޑުވުމާއި ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވާއިރު ލިބޭ އާމްދަނީ ކުޑަވުމުމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދައްވަމުން ދިޔުމާއި ވަކިކަހަލަ ފިކުރަކަށް ހުރިހާކަމެއް ލެނބި ނިމިގެން ދިޔުމާއި މުޅި މުޖުތަމައުގައި ފެތުރެމުންދާ ނޭއްގާނީކަމާއި ބޭއިންސާފާއި ކޮރަޕްސަނުގެ ގޮތްތަކާއި ވަޒީފާ އަދާކުރާމާހައުލުގެ އިސްވެރީންގެ އިޙްލާސްތެރިކަމެއްނެތި ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ނުދިނުމުގެ އަމަލުތަކުގެ ސަބަބުތައްއެއީ މިކަމުގެ ބައެއް ކަމުގައި ބެލިދާނެއެވެ. މިކަމުގެ މިސާލަކަށް ކުރީގެ ސަރުކާރުން އިސްތިޢުފާދިން މިނިސްޓަރުންގެ އިންޓަރވިއުއަށް ރިޔާއަތްކުރުމުންނާއި މިހާރު ޑޮކްޓަރުންނާއި ނަރުހުންނާއި އިލްމުވެރިންގެ ޝަކުވާތަކަށް ބެލުމުން ކަންހުރިގޮތް ވަރަށް މަތީފެންވަރެއްގައި ދެނެގަނެވެއެވެ. އަދި މިކަމުން މުޅިގައުމުގެ ކުރިމަގަށް ކުރާނެ އަސަރަކާމެދު ހިޔާލުކުރެވިފައިވޭ ހެއްޔެވެ؟

ދިވެހިރާއްޖެ ނޫނަސް ދުނިޔޭގެ ތަފާތު އެހެނިހެން ފަގީރު އަދި ކުރިއަރާފައިވާ ގައުމުތަކުންވެސް އެކި ފަރުދުން ތަފާތު ސަބަބުތަކަށްޓަކައި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް ހިޖުރަކުރަމުން ދެއެވެ. މިގޮތަށް ވިސްނާލާއިރު ދުނިޔޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުންތަކަށްޓަކައި ތައުލީމީ އިލްމުވެރި ފަންނުވެރިން އެންމެގިނައަދަދަކަށް ހިޖުރަކުރާ އެއްގައުމަކަށް ވެފައިވަނީ އެމެރިކާއެވެ. އޮސްޓުރޭލިޔާއިން އަހަރަކު 80000 ރައްޔިތުން ގައުމުދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރާއިރު ގިނައިން އިލްމުވެރި ފަންނުވެރިން އިގިރޭސިވިލާތަށާއި ހޮންކޮންގަށާއި ސިންގަޕޫރަށާއި އެމެރިކާއަށް ހިޖުރަކުރަމުންދާކަމަށް އެގައުމުގެ ބިޔުރޯ އޮފް ސުޓެޓިސްޓިކްސ އިން ހާމަކުރެއެވެ. ނިއުޒިލޭންޑުން ވެސް ގިނައަދަދެއްގެ އިލްމުވެރި ފަންނީ ރައްޔިތުން އެގައުމު ދޫކޮށްދާތީވެ، އަހަރަކު 10000 ތަފާތު އިލްމުވެރި ފަންނުވެރިން އެގައުމަށް ބޭނުންވާކަމަށް ބެލެވެއެވެ. އިންޑިޔާ ޗައިނާ ފަދަ ގައުމުތަކުން 50 އާއި 25 ޕަސެންޓާ ދެމެދުގެ އިލްމުވެރި ފަންނުވެރި ރައްޔިތުން އެގައުމުތައް ދޫކޮށް އެމެރިކާ، އޮސްޓުރޭލިޔާ، ނިޔުޒިލޭންޑުފަދަ ގައުމުތަކަށް ހިޖުރަކުރަމުންދެއެވެ. މި ފަދަ ގައުމުތަކުގައި ޕީއެޗްޑީއަށް ކިޔަވަމުންދާ މީހުންގެ ތިންބައިކޮށްފަ ދެބައިމީހުން އެނބުރި އަމިއްލަވަތަނަށް ނުދާކަމަށް ބެލެވެއެވެ. ވީމާ، ރާއްޖެވެސް ދުނިޔޭގެ އޮއިވަރުން އެކަހެރިވެގެން ނުދާނެއެވެ. އަދި މިހާރުގެ މަސައްކަތުގެ މާހައުލާއި މުސާރައިގެ އޮނިގަނޑުން ސިޔާސީވެރީންނަށް ބޮޑުމުސާރަދީފަ، ޑޮކްޓަރުންނާއި ނަރުހުންނާއި އިލްމުވެރީން ފަދަފަރާތްތަކަށް ހަނޑޫކޮޅެއް ގަނެވޭ ވަރަށް މުސާރަ ހަމަޖެހިގެން ދިޔުމުން އެފަރާތްތައްވެސް އެހެންގައުމުތަކަށް ހިޖުރަކުރަން ވިސްނާނެކަން ކަށަވަރެވެ. އޮސްޓުރޭލިޔާ ނިއުޒިލޭންޑަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ފުރުސަތާއި ދާއިމީ ވިސާގެ ފުރުސަތު ފަސޭހަކަމާއެކު ތަނަވަސްވެއެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ވިސްނާލާއިރު އިލްމުވެރި ފަންނުވެރީންނަކީ މަދުބައެކެވެ. އަދި އެމަދު މީސްކޮޅުންގެ ތެރެއިން ގިނައަދަދެއްގެ ރައްޔިތުން މިގައުމު ދޫކޮށް ދާންޖެހޭ ފަދަ ހާލަތަކަށް ކަންކަން ބަދަލުވަމުންއެބަދެއެވެ. އެކަމުގެ ސަބަބުން ކުރިމަތިވެދާނޭ ނުކުޅެދުންތެރިކަމަކަށް ވިސްނުމުގެ ވަގުތުމިއީއެވެ. ދިވެހިރާއްޖެ ތަރައްޤީގެ އުސްހަރުފަތްތަކަށް ގެންގޮސްދޭން ތިބި ވިސްނުންތެރި ސިކުޑިތަކާއި މަސައްކަތްތެރި މުލައްދަނޑިތަކާއި ގައުމީލޭ ހިނގާ ހިތްތައް މާޔޫސްވެގެން މިގައުމު ދޫކޮށްދާންޖެހޭ ސަބަބުފެންނަމުން ދާއިރު އަވަސް ހައްލަކަށް ބޭނުންވެއެވެ. އިލްމުވެރި ހުނަރުވެރި ފަރާތްތައް ގައުމުދޫކޮށް ދާދިޔުމަކަށް ހައްލެއްނެތޭ އެއީ ދުނިޔަވީގޮތުން ކަންހިނގާގޮތޭ، ދޮންވެލި ފިނޮޅުތަކަށް ދޫނިތައް އައިސްގޮސްވާފަދައިން، އެއްބަޔަކު ދިޔައިއްޔާ އަނެއްބަޔަކު އަންނާނެޔޭ އަދި އެފަރާތްތަކުގެ ބަދަލުގައި އިންޑިޔާ ލަންކާ ބަންގުލަދޭޝް އިން މީހުންގެންނާނިއްޔޭ ބުނެ ނިންމާލެވޭކަންވެސް ނެތެވެ. އެހެންވެއްޖެނަމަ ސަރުކާރު ހިންގާނޭ ބަޔަކުވެސް އިންޑިޔާ، ލަންކާ އަދި ބަންގުލަދޭޝް އިން ގެންނަން އެބަޖެހެއެވެ.

1 comment:

Anonymous said...

i think you must stop asking these questions to us the maldivians....ur question is stupid...and only one word answer is enough!! "NOOOOOOOOOOOOOOOOOO" got it??
I dont seem to like all the questions u have tried to answer in 1000 words wen only one word is required!!!
Can Moosa win the elction?
WIll these questions stop?