Sunday, August 18, 2024

ކުޑަކުޑަ އޮށެއްގެ ސިއްރުން

 ކުޑަކުޑަ އޮށެއްގެ ސިއްރުން ބިންގަނޑު ތެރޭން ފަޅައިގެން ނިކުމެ، ހެދިބޮޑުވެ، އެތަކެއްބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަމާއި ނަފާ ފޯރުކޮށް ދިނުމުގައި ޖެހޭހާ ވަޔަކާއި ދޭހާ އަތްވަކާއި ގަދަހޫނާއި ވެހޭހާ ވާރެއެއްގައި އައްޑަނައެއްހެން ރެޔާއި ދުވާލު ދެގޮތެއްނުވެ، ތިޔަގަސްތައް ހުންނަ ހުރުމަކީ ޝުކުރުން ފުރިގެންވާ ހުރުމެކެވެ.


ތިޔަގަސްތަކުން ދޮންވެގެން ވެއްޓިފައިވާ ފަތްތައް ހިކި އަނަރޫފަވެގެން ވެތްޔާ މޮޑެވި ނެތިފަނާވެގެން ބިންގަނޑުތެރެއަށް މަސްހުނިވެގެން އެދާ ދިޔުމުން ތިޔަގަސްތައް އަހުރުމެން އިންސާނުންނަށް ރެޔާއި ދުވާލު ބުނެދެމުން، ސިފަކޮށްދެމުން ހަނދާން ކޮށް ދެމުން ތިޔަގެންދަނީ ދުނިޔަވީ ހަޔާތުގެ ވަރަށް ބޮޑު ހަޤީގަތެކެވެ. 


ތިޔަގަސްތައް ފަދައިން އަހަރުމެން އިންސާނުން ހައްދަވާފައިވަނީ ބިމުންނެވެ. ބިމުގެ ތަގައްޔަރުވެފައިވާ  ކަޅު އޮލަކިސަޑުން އުފެދިގެން އައި މަށިންނެވެ. އަހުރަމެން، މަހުލޫގުން، ތިޔަގަސްތަކުގެ ފަތްތައް ފަދައިން މިދުނިޔޭގައި އަހަރުމެންގެ ދަންފަޅި ހަމަވުމުން ޖިސްމުތައް ނެތިފަނާވެ، ވެއްޔާ މޮޑެވި އެކުވެގެން ދާނީ ހަމަ މިބިމުގެ ފަސްގަނޑުތެރެއަށެވެ. އަދި ނެރުއްވާހުށީވެސް މިބިމުންނެވެ. 


ހަނދާންއާކޮށްދެމުން، ދެގޮތެއްނުވެ، ވަމުންދާ ގުރުބާނީއަށް ޝުކުރިއްޔާ! 

No comments: