Tuesday, January 6, 2009

އައު އަހަރު...

އަލުގަނޑުމެން މިއަދު ވޭތުކުރަމުން މިދަނީ ހިޖުރީ އަދި މީލާދީ ސަނަތުން އައު އަހަރުތަކެކެވެ. އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ފަރާތްތަކަކަށް އަރިސް ކުރަމެވެ. އައު އަހަރަށް އައު އުއްމީދުތަކެއް ކުރަމުން ހުވަފެން ދެކެމުން ކުރިމަގު އުޖާލާކުރުމަށް ނިޔަތްގަނެ މަސައްކަތް ކުރަންޖެހެއެވެ. ޤަޢުމެއްގެ ގޮތުގައި ރައްޔިތުން ކުރަމުންދާ އުއްމީދީ ހުވަފެންތަކުގައި ކުލަޖައްްސަން ޖެހެއެވެ. މި ހުވަފެންތަކުގައި ރައްޔިތުންނަށް ކުލަޖައްސައިދޭން މިއޮތީ އެމްޑީޕީ އިއްތިހާދެވެ. ނަސީބު ކަންދިމާކުރިގޮތުން އެންޑީޕީ އިއްތިހާދުގެ ގާތް އާޢިލީ ރަށްޓެހި ކެބިނެޓު ސެކެއްޓުރީއަކާއެކު މީލާދީ އައު އަހަރުގެ ފުރަތަމަ ދުވަހުގެ މެންދުރުގެ ކެޔުން އޭނާގެ ގޭގައި އާޢިލާއާއިއެކު ބައިވެރި ވުމުގެ ނަސީބު ލިބުނެވެ. އަޅުގަނޑުގެ ސުވާލުތައް އޭނާއަށް އަމާޒުކުރަމުން ދިޔައީ ސަރުކާރުން ރައްޔިތުންނަށްވީ ވަޢުދު ފުއްދުމުގައި ކުރަމުންދާ މަސައްކަތްތަކާއި ހޮދު އޭނާގެ މަސައްކަތް ދެނެގަތުމުގެ މައްޗަށެވެ.

އެގޮތުން ޕުރޮވިންސްތައް ޤާއިމްވެގެންދާގޮތާއި އެކަންތައްތައް ހިނގަމުން މިދަނީ ކިހިނެއްތޯ ސުވާލު ކުރެވުނެވެ. އޭނާއެކަން ރޭވިފައިވާގޮތް ވަރަށް ތަފްސީލީގޮތަކަށް އޮޅުން ފިލުވައިދިނެވެ. އަދި މިހާރު އުތުރާއި ދެކުނުގަ ޤާއިމްކުރެވިފައިވާ ދެޕުރޮވިންސްގެ ތަޖުރިބާއަށް ބަލައިގެން ދަސްކުރަމުން އެހެން ޕުރޮވިންސްތައް ޤާއިމްވެގެންދާނެގޮތަށް ޙިޔާލު ކުރެވިފައިވާކަމަށް ބުންޔެވެ. އަދި ޕުރޮވިންސުތަކަށް ހިންގުން ލާމަރުކަޒީ ކުރުމުން ރައްޔިތުންނަށް ލިބިގެންދާނޭ ފަސޭހަތަކުގެ ވާހަކަ ހިއްސާ ކުރެވުނެވެ. މިވާހަކަތަކުން ފާހަގަކޮށްލެވުނު ކަމަކީ އިދާރީ ހިންގުމުގެ މަރުކަޒާއި ސަރަހައްދީ ވިޔަފާރި މަރުކަޒުތައް ތަފާތުވެދާނެކަމެވެ.

އަނެއްކޮޅުން ކުޑަސަރުކާރެއްގެ ވާހަކަދެކެވި، ބޮޑުސަރުކާރެއް އުފެދިގެން އަންނަ މަންޒަރުގެ ވާހަކަ އަހާލީމީވެ. ޖަވާބުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އޮފީހުން މުވަޒަފުން މަދުކުރާ ވާހަކަ ބުންޔެވެ. އަދި އެފަރާތްތައް މަދު ކުރެވުނު ނަމަވެސް ސްޓޭޓު މިނިސްޓަރުންނާއި މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންގެ ނައިބުންނާއި އެންވޯއީންނާއި ހިޔުމަން ރައިޓުސް އެމްބެސެޑަރާއި ކައުންސިލަރުން ލައިގެން ސަރުކާރުގެ މަތި ބުރަހަލި ވުމާއި އެފަރާތްތަކުގެ މުސާރަޔާއި އިނާޔަތްތައް ކަނޑާލި މުވަޒަފުންނާއި ނުބައްދަލުކަމުގެ ސަކުވާ އުފުލީމެވެ. ނަމަވެސް އެކަމަކަށް އޭނާ އެއްބަހެއް ނުވެއެވެ. އޭނާ ފާހަގަކުރީ ކުރީގެސަރުކާރާ ހިލާފަށް ސްޓޭޓު މިނިސްޓަރުންނަށް ކާރުނުދޭ ވާހަކައެވެ. ނަމަވެސް އަޅުގަނޑު ބުނަމުން އައީ ކުރިން ބަޔަކު ކަންކުރިވާހަކަ މިއަދު ކަންކުރަމުންދާއިރު ދެއްކުމުގެ މާނެއެއްނެތެވެ. ސަބަބަކީ މިސަރުކާރަށް އާނބަސް ރައްޔިތުން މިދިނީ ވަކި ވަޢުދުތަކެއް ފުއްދުމަށެވެ.
ދެން އަހަރުމެންގެ ވާހަކަ އެނބުރުނީ މަޖިލީހުގެ މެމްބަރުންނަށް ޗުއްޓީ ދިނުމުގެ މައްސަލައިގެ މައްޗަށެވެ. އެވޯޓުގައި ކަންހިނގާ ދިޔަގޮތަށް ބަލައިފިނަމަ ރައީސް ނަޝީދު ދައްކަވާ ވާހަކައަކާއި ރައީސްގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ކަންކުރެއްވި ގޮތަކާ ނުގުޅޭކަމަށް ބުނެ ދެފުއްދެގޮތް ސިޔަސަތެއްގެ ރަހަލާކަމަށް ބުނީމެވެ. އެކަން އޭނާ ސިފަކުރީ އެއީ އެމެމްބަރުންގެ އަމިއްލަ ވިސްނުމާގުޅިފަ ހުރިކަމަކަށެވެ. އެއްގޮތަކަށްވެސް އެއީ ރައީސާއި ރައީސްގެ ޕާރޓީގެ ވިސްނުން ހުރިގޮތްނޫން ކަމަށެވެ. އަދި ޖުމްހޫރީ ޕާރޓީގެ ހިޔާލާފިކުރާއި އެކު އެގޮތަށް އެނިންމީ އެމްޑީޕީއަށް ސަރުކާރު ރާވަން އިތުރު ފުރުސަތާއި ޖުމްހޫރީ ޕާރޓީއަށް އިތުރު ވަގުތު ހޯދުމުގެ ނިޔަތުގައި ކަމަށް ބުނަމުން ދިޔައީމެވެ. ކޮންމެ ގޮތަކަށް އެކަން ދިޔަކަމުގައި ވީނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ވިސްނުން ހުރީ ކަނޑައެޅިފަވާ މުއްދަތަށް އެކަން ބޭއްވުންކަން އޭނާ ބުނަމުން ދިޔައެވެ.

އެއަށް ފަހު އާއްމު އިންތިޙާބާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. ސަރުކާރުގެ ކަންތައްތައް މިހާރު ރޭވެމުންދާ ގޮތުން ކުރީގެ ސަރުކާރުން ކުޅުނު ކުޅިގަނޑު ކުޅޭނެ މަންޒަރު ފެންނަކަމަށް ބުނެ ހެޔޮވެރިކަމެއް ނުކުރެވޭ މަންޒަރު ފާހަގަކުރީމެވެ. އޭނާގެ ޚިޔާލުގައި އެކަން އެގޮތަކަށް ސަރުކާރުގެ ވަސީލަތާއި ވަގުތާއި އެމްޑީޕީގެ ކެމްޕެއިނުގައި ބޭނުން ނުހިފާނެކަމަށް ހާމަކުރަމުން ދިޔައެވެ. އަދި އެމްޑީޕީގެ ސަރުކާރު ހިނގައި ނުގަންނަކަމުގެ ސަކުވާ އޭނާކުރިއެވެ. އަދި ކައުންސިލަރުން ލާންޖެހުނީ އެސަބާބާ ހެދިކަމަށް ސިފަކުރިއެވެ. ކޮށްމެއަކަސް ކައުންސިލަރުންގެ ރޯލާއި ދަޢުރު އެއްގޮތަކަށްވެސް ކަމަކަށް ނުފޫޒު ހިންގުމަށް ބޭނުން ނުކުރެވޭނެކަމަށް ވާހަކަ ބައްޓަން ކުރިއެވެ.

ކޮށްމެ އަކަސް ދެމީހުންގެ ކެޔުންނިމި އާޢިލާގެ ވާހަކައަށް މަސްއޫލުވެއްޖައީމެވެ. އަދި ދާދި އަވަހަށް ދުފައިލައިގެން އެދުވަހުގެ ބައްދަލުވުން ނިންމާލީ އައު އަހަރުގެ ތަހުނިޔާ ބަދަލުކުރަމުން، ފަހުން ދިމާވެގެން އިތުރަށް ވާހަކަ ދެކެވޭނެ ކަމުގެ ވާހަކަ ދެއްކުމަށް ފަހުގައެވެ. އަދި ހިތާހިތާ ބުނެލެވުނެވެ، އައު އަހަރުގައި ކުރަމުންމިދާ އުއްމީދުތަކާއި ދެކެމުން މިދާ ހުވަފެންތަކުގައި އަވަސް ގޮތަކުން ކުލަޖެހިގެން އަންނަނަމައެވެ.

No comments: