Sunday, November 15, 2026

ބައްޕަ

 ބައްޕާއެވެ! ބައްޕަ އަހަރުމެންނާއި މިނެތިފާނަވަނިވި ދުނިޔަވީ ހަޔާތުން 85 އަހަރުގައި 8 ނޮވެމްބަރ 2026 ގައި އަހުރަމެންނާއި ވަކިވެ، ދެމިއޮތުމުގެ އާލަމަށް ތިޔަދަތުރުކުރީ ބައްޕައެއްގެ ވާޖިބާއި ޒިންމާ އާއި މަސްއޫލިއްޔަތާއި ތަރުބިއްޔަތާއި ލޯތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކޮށްދީފައިކަމުގައި އަހުރެން ހެކިވަމެވެ. 


ބައްޕާއެވެ! އަހުރެންގެ އާރެއް ބާރެއްނެތް ތުއްތު އިރު ބައްޕަމެން އަހުރެންނަށް ލޯތްބާއި އަޅާލުމާއެކު ސާފުތާހިރުކޮށް ކާންދީ ބެލެހެއްޓިފަދައިން ބައްޕަގެ عمر ދިގުކުރައްވައި އާރެއް ބާރެއް ނެތް މީހަކު ކަމުގައި الله ތައާލާ ލެއްވި ދުވަހު ބައްޕައަށް ލޯތްބާއިއެކު އަޅާލާއި ސާފްތާހިރުކޮށް ކާންދީ ބެލެހެއްޓުމުގައި ކިތަންމެ ކުޑަނަމަވެސް ހިދުމަތެއް ކޮށްދިނުމުގައި ދެމިހުރެވުނީތީވެ، މާތް الله އަށް ހަމްދާއެކު ޝުކުރުކުރަމެވެ. 


ބައްޕާއެވެ! އަހުރެންނަށް ދުނިޔަވީ ތަންދޮރު އޮޅުންފިލުވައިދިނުމުގައި އެއްމެ ކުޑައިރުންފެށިގެން ފުރާފުރިހަމަވުމަށް ދާންދެން ރަށާއި މާލެޔާއި ރާއްޖޭން ބޭރުން ތައުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގައި ކެނޑިނޭޅި އެހީތެރިވެ، އިރުޝާދާއި މަގުދެއްކުމުގައި އެއްމެގާތުގައި އަބަދުވެސް ހުރީ ތިބާއެވެ. ކެނޑިނޭޅި ނަސޭތްތެރިވެ، ތަރުބިއްޔަތު ކުރުމުގައި ދެގޮތެއް ނުވެ ބައްޕަ ހުރިކަމީ އަހަރެން، އަހަންނަވުމުގެ އެއްމެވަރުގަދަ ސަބަބެވެ. އެފަދަ ބަފަޔަކަށްޓަކައި އަހުރެން ފަހުރުވެރިކަމާއެކު ޝުކުރުވެރިވަމެވެ. ނަމަވެސް މިހެން ލިޔެލެވޭ ފޮޅުވަތްތަކަކުން އެހައްޤު ޝުކުރު އަދާކުރުމަށް އަހުރެން ނުކުޅެދެއެވެ. 


ބައްޕާއެވެ! ބައްޕައަކީ ރަށާއި އަތޮޅަށް ހީވާގި ހިންގުންތެރި ނަމޫނާ ހިދުމަތްތެރިއެކެވެ. ރަށުގެ ހަޞޯރަތާއި ރަށްވެހިކަމަށް ދުނިޔަވީހަޔާތުގެ 42 އަހަރުގެ ހިދުމަތްތެރިއެކެވެ. ވެލިދޫގެ ތަހުޒީބާއި ތަމައްދުންގެ މޭސްތިރިއެކެވެ. ރެއެއް ދުވާލެއްނެތި ރައްޔިތުންނަށް ލޯތްބާއެކު އަޅަލާއި އެހީތެރިވި ވެރިއެކެވެ. މަދަދުގާރެކެވެ. ތެދުވެރި އަމާނާތްތެރި ހީވާގި މަސައްކަތްތެރިއެކެވެ. 


ބައްޕާއެވެ! ބައްޕަގެ ގުރުބާނީއާއި ހީވާގިކަމާއި މުރާލިކަމާއި ލޯތްބާއި އަޅާލުމާއި ހެޔޮ ނަސޭހަތާއި އިރުޝާދަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ދާނޭ ނަސޭހަތާއި އިރުޝާދާއި ލޯތްބާއި އަޅާލުމެއް ނޫނެވެ. އެނަސޭހަތާއި އިރުޝާދާއި ލޯތްބާއި އަޅާލުމަކީ އަހަރެންގެ ދަރީންނަށް، ބައްޕަގެ ކާފަދަރީންނަށް ވާރުތަކޮށްދޭނޭ ހެޔޮނަސޭހަތާއި އިރުޝާދާއި ތަރުބިއްޔަތާއި ލޯތްބާއި އަޅާލުމެވެ. 


ބައްޕާއެވެ! އަހުރެންނަކީ ބައްޕަގެ ފަހަތުން الله ގެ ހަޞުރަތައް، ދެމިއޮތުމުގެ އާލަމަށް، ދަތުރުކުރާނޭ މީހަކީމެވެ. އަދި الله ތައާލާގެ ހެޔޮރަހުމަތުން އަހަރުމެން ދެމިއޮތުމުގެ އާލަމުން ބައްދަލުވާނެކަމަށް އެދި ދުއާކުރަމެވެ. އަހުރެންގެ އަބަދުގެ ދުއާއަކީ މާތް اللهގެ ހެޔޮ ރަހުމަތުގައި ފުއްސެވުމާއި ރުއްސެވުމުގައި ބައްޕަ ލެހެއްޓެވުމެވެ! އާމީން



No comments: