Sunday, August 18, 2024

ކުޑަކުޑަ އޮށެއްގެ ސިއްރުން

 ކުޑަކުޑަ އޮށެއްގެ ސިއްރުން ބިންގަނޑު ތެރޭން ފަޅައިގެން ނިކުމެ، ހެދިބޮޑުވެ، އެތަކެއްބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަމާއި ނަފާ ފޯރުކޮށް ދިނުމުގައި ޖެހޭހާ ވަޔަކާއި ދޭހާ އަތްވަކާއި ގަދަހޫނާއި ވެހޭހާ ވާރެއެއްގައި އައްޑަނައެއްހެން ރެޔާއި ދުވާލު ދެގޮތެއްނުވެ، ތިޔަގަސްތައް ހުންނަ ހުރުމަކީ ޝުކުރުން ފުރިގެންވާ ހުރުމެކެވެ.


ތިޔަގަސްތަކުން ދޮންވެގެން ވެއްޓިފައިވާ ފަތްތައް ހިކި އަނަރޫފަވެގެން ވެތްޔާ މޮޑެވި ނެތިފަނާވެގެން ބިންގަނޑުތެރެއަށް މަސްހުނިވެގެން އެދާ ދިޔުމުން ތިޔަގަސްތައް އަހުރުމެން އިންސާނުންނަށް ރެޔާއި ދުވާލު ބުނެދެމުން، ސިފަކޮށްދެމުން ހަނދާން ކޮށް ދެމުން ތިޔަގެންދަނީ ދުނިޔަވީ ހަޔާތުގެ ވަރަށް ބޮޑު ހަޤީގަތެކެވެ. 


ތިޔަގަސްތައް ފަދައިން އަހަރުމެން އިންސާނުން ހައްދަވާފައިވަނީ ބިމުންނެވެ. ބިމުގެ ތަގައްޔަރުވެފައިވާ  ކަޅު އޮލަކިސަޑުން އުފެދިގެން އައި މަށިންނެވެ. އަހުރަމެން، މަހުލޫގުން، ތިޔަގަސްތަކުގެ ފަތްތައް ފަދައިން މިދުނިޔޭގައި އަހަރުމެންގެ ދަންފަޅި ހަމަވުމުން ޖިސްމުތައް ނެތިފަނާވެ، ވެއްޔާ މޮޑެވި އެކުވެގެން ދާނީ ހަމަ މިބިމުގެ ފަސްގަނޑުތެރެއަށެވެ. އަދި ނެރުއްވާހުށީވެސް މިބިމުންނެވެ. 


ހަނދާންއާކޮށްދެމުން، ދެގޮތެއްނުވެ، ވަމުންދާ ގުރުބާނީއަށް ޝުކުރިއްޔާ! 

Tuesday, August 6, 2024

ޒުވާން ނަފުސަށް ނަސޭހަތެއް!

 އިންސާނާގެ ހަޔާތުގައި ވޭތުކުރަނީ ޅަފަތުގެ ދުވަސްވަރާއި، ޒުވާން ދުވަސްވަރާއި މެެދުއުމުރާއި މުސްކުޅި އުމުރު ފުރައެވެ. މިއިން ކޮށްމެ ބައެއްވެސް އަނެއްބަޔާ ތަފާތުތަކެއް ވެއެވެ. މިފުރުސަތުގައި މިބަލައިލަނީ އުމުރުގެ ފަހުބަޔަށެވެ. 


އެވުރެޖުގޮތެއްގައި ރާއްޖޭގައި މީހެއްގެ އުމުރު ކަމުގައި މިހާރު ބެލެވެނީ 75 އަހަރުކަމަށެވެ. މެދު އުމުރަށް ނިސްބަތްކޮށް އުމުރު ދެބައިވީކަމަށް ބުނެއުޅެއެވެ. އުމުރު ދެބައިވެ، ދުވަސްވެފައި ހުންނަ މީހުން ބައެއް ފަރާތްތަކުގެ ނަޒަރުގައި އެހެން މާހައުލަކަށް ނުވަތަ އެހެން ގޮތަކަށް ހޭނުމަށް އުނދަގޫ ވާނެއެވެ. އަދި ކަންކަން ކުރަން ނުފަރިތަވުމާއި އާކަންތައްތައް ދަސްކުރަން ދަތިވާނެއެވެ. 


މިނަޒަރިއްޔާތު ތަކަކީ އަދުގެ މަސައްކަތުގެ މާހައުލުގައި ވަރަށް ގާތުން އިވޭ އަޑުތަކެވެ. ނަމަވެސް ބައެއް ދުނިޔަވީ ދިރާސާތަކުން ފެންނަނީ އުމުރުދެބައިވެފައިވާ ފަރާތްތަކުން ވިސްނުންތެރި ކަމާއެކު އަލަށް ފަށާ ކަންކަން ކާމިޔާބު ކުރެވޭ ފަރާތްތަކެއް ކަމުގައެވެ. އަދި ގުޅިގެން މަސައްކަތް ކުރެއެވެ. އަދި ޒުވާނުންނާއި ހިލާފަށް ވަކިއެއްޗެއް ސާބިތުކޮށްދޭން ބޭނުން ނުވުމަކީ ގުޅިގެން މަސައްކަތް ކުރުމަށް ރަނގަޅު ސިފައެއްކަމުގައި ބެލެވެއެވެ. 


އަދި ރަނގަޅު ސިފަތަކާއި އާދަތައް މުޅިން އަލަށް ދަސްކޮށްގެން އިންސާނެއްގެ ކިބައިގައި އެސިފަތައް ދާއިމަށް އަށަގަތުމަށް ނަގަނީ 66 ދުވަސް ކަމުގައި ޔުނިވާރސިޓީ ކޮލެޖު އޮފް ލަންޑަންގެ ދިރާސާތަކުން ދައްކައެވެ. މި ދިރާސާ ވަކި އުމުރުފުރަޔަކަށް ނިސްބަތް ކޮށްފައެއް ނުވެއެވެ. 


ދުވަސްވީ އުމުރުފުރައިގެ މީހުންނަކީ އެމީހުންގެ ހަޔާތުގައި ޒުވާންދުވަސްވަރު ކަޑަތު ކޮށްފައިވާ ބައެކެެވެ. އަދުގެ ޒުވާނުންނަކީ ދުނިޔަވީ ހަޔާތުގައި ދުވަސްވީ މީހަކަށް ވާނޭ މީހެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ނޫކަށީގެ ޒުވާންކަމުގެ ހިތްވަރު އުމުރުން 30 އަހަރަށްފަހު ކޮށްމެ މީހެއްގެވެސް ދައްވަމުންދާކަމަށް ބެލެވެއެވެ. 


އިލްމާއި ހިލުމު ލިބިގަތުމުގައި ދުވަސް ވުމަކީ ތަކުލީފަކަށް ނުވެއެވެ. ބޭނުންވުމާއި ބަލާހޯދުމުގެ ސިފަ ހުރެއްޖެ ނަމަ އައު ހުނަރާއި ގޮތްތަކާއި އުކުޅުތައް ދަސްކުރުމަކީ އުމުރު ދެބައިވެ ދުވަސް ވިޔަސް ކުރެވިދާނެ ކަމެކެވެ. އައު ކަންތައްތައް ދަސް ކުރުމަކަށް ވަކިއުމުރުފުރައެއް ނެތެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމާއި ހުނަރު ލިބިގަންނަން ވީއެވެ! 


Thursday, July 18, 2024

18 ފެބުރުއަރީ 2022

 ދުވަހަކީ  ހުކުރު  ދުވަހެވެ.  އަހުރެން  ހުރީ  އުފަން  ރަށުގަ  އަަޅަމުން ދިޔަ  އަހަރެންގެ ގޭގެ  މަސައްކަތް  ކުރިޔަށްދާ  ގޮތް  ބަލައިލުމަށް  ދެދުވަހުގެ  ދަތުރެއްގައި ވެލިދުއަށް  ގޮހެވެ.  އަދި  އެދުވަހުގެ  ހުކުރުނަމާދަށް  ފަހު  ރަށާ  ޖެހިގެން  އޮތް  އަވަށްޓެރި  ފޮއްދުއަށް  ދިޔުމަށް  ވަނީ ދަތުރެއް  ރާވާފައެވެ. 


ދުވަހުގެ  ހުތުބާ  ބިނާކޮށްފައިވަނީ  ދަތުރުފަތުރުކޮށް  ބަލާ  ހޯދުމާއި  ތަހުލީލްކޮށް  ދިރާސާ  ކުރުމަށެވެ.  ވީމާ،  ފޮއްދުއަށް ރާވާފަ  އޮތް  ދަތުރަކީ  އެފަދަ  ދަތުރެކެވެ.  ދަތުރުގެ  ބައިވެރިންގެ  ގޮތުގައި  އިތުރު  ތިން  ބޭފުޅަކު  ހިމެނުނެވެ.  އޭގެތެރޭގައި  ދުވަހުގެ  އިމާމު  އަޅުގަނޑާ  ދެބެންގެ  ދެދަރި  ބޮޑުބޭބެވެސް  ހިމެނުނެވެ. 


މެންދުރުގެ  ކެޔުމަށްފަހު  މިނަލަ  ރީތި  ދުވަހު  އަޅުގަނޑުމެން  ވެލިދޫން  ފުރައިގެން ފޮއްދުއަށް  ދިޔުމަށް  ލޯންޗުގައި  ހޭދަވި  ކުޑަ ވަގުތަކީ  ވަށައިގެންވާ މާސިންގާ  ކަނޑާއި،  ފެންނަންހުރި  ރަށްތަކައި  އަލިގަދަ ސާފު  އުޑުން  އިހްސާސްވެގެން ދިޔައީ ރައްކާތެރި  ހިތްހަމަޖެހޭ ދަތުރެއްގެ  އިހުސާސެވެ. 


މިކުރު  ރާސްތާ  ކަޑަތުކޮށް  ފޮއްދޫގެ  ހިތްގައިމު  ފާލަމަށް  ކައިރިވެ،  ފޮއްދޫގެ  ފާލަމަށް  ފޭބުމުން  ކުރިޔާއަޅާ  ބަލާއިރު ފޮއްދުއަަށް  އައިސްފަވާ  ކުރިއެރުން  ވަޒަން  ކުރެވުނެވެ.  ރައްޔިތުންނަށް  ލިބޭނެ  މަންފާ  އަދި  ފަސޭހަ  ދެނެގަނެވުނެވެ. 


ރަށުތެރޭގައި  ހިނގާލުމުން  މިކުޑަ  މުޖުތަމަޢުއަށް  އައިސްފައިވާ  ކުރިއެރުން  އިތުރަށް  ދެނެގަނެވި  ކަށަވަރުވިއެވެ.  މި ރަށަށް  ޗުއްޓީ  ހޭދަކޮށްލަން  އަންނަ  ފަތުރުވެރިންނަށް  ހާއްސަ  ގެތަކެވެ.  ރަށުގެ  އަހުލުވެރިންގެ  ގެތަކުގެ  ތަރައްޤީއެވެ.  ރަށުން  ލިބުނު  ކުންނާރާއި  ރުކުރަލުގެ  ރަހަތަކަކީ  ކުޑައިރުގެ  ހަނދާންތައް  އާވެގެން  ދިޔަކަމެކެވެ. 


މިހަނދާންތަކާއެކު  ބައެއް  ޒަމާންވީ  އާއިލީ  ރަހުމަތްރިންނާ އަދި  ދެކިފަރިތަ  ރަށްޓެހިންނާއި  ބައްދަލުވިއެވެ.  އެފަރާތްތަކާ  ބައްދަލުވެ، ވާހަކަދެކެވި  ބެހެއްޓި  ގާތްކަމެވެ.  ލިބުނު މެހެމާންދާރީއެވެ.  އަވަށްޓެރި  ރަހުމަތްތެރި  އޯގާތެރި  ގުޅުމުގެ  މުހިންމުކަމެވެ. 


މިދަތުރުން  ލިބުނު  ފިލާވަޅުތަކަށް  އަދި  ﷲ  ގެ  ބަސްފުޅަށް ވިސްނަމުން  ދަތުރު  ނިންމާލީ  އެވެ.  


‎ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ. (46)


Al-Hajj, Ayah 46

Wednesday, July 17, 2024

މަންމަ

 އެހަށިގަނޑުގަ ގަރުބަގަތީއްސުރެ ނުވަ މަހާއި ނުވަ ދުވަހު ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި ތުރާލާ ވޭނުގަ އުފުލިއެވެ. 


އާރެއްބާރެއްނެތް ތުއްތު ކުޑަކުއްޖެއްގެ ގޮތުގާ ވީދުވަހު ރެއެއް ދުވާލެއް، ނިންޖެއް، އަރާމެއް  ނެތި ކޮށްމެ ދުވަހަކު ކޮށްމެ ވަގުތަކު ޚިދުމަތުގައި ހުއްޓެވެ. 


އުނގުގައި ބައިންދައިގެން ކިޔަވައިދީ  ހެވާ ރަނގަޅުބުނެދީ ތަރުބިއްޔަތު ކުރިއެވެ. މުނާޖާއާއި އެކު ތެދުވެއެވެ. ވަގުތަށް ނަމާދަށް ރައްކާތެރިވެ، އެކަމަށް ނަސޭހަތްތެރިވިއެވެ. 


ފުޅިބައްތިތައް ސާފުކޮށް ތައްޔާރުކޮށް ރޭގަނޑު ގޭތެރެ ދިއްލައިލައެވެ. މުޅިގޭތެރެ އާއި މަގުމަތި ކޮށްމެދުވަހަކު ކުނިކަހާ ފޮޅާސާފުކުރެއެވެ. ރަށުތެރެއާއި އިޖުތިމާއީ އެހެނިހެން ތަންތައް ކުނިކަހާ ސާފުކުރުމުގައި ބައިވެރިވިއެވެ. އަވިދޭ ދުވަހެއް، ނުދޭ ދުވަހެއް ތަފާތެއް ނުކުރެއެވެ. 


ފެންބަނޑިޔާ ކިހީލީގަ ނުވަތަ ބޮލުގަ ބަހައްޓައިގެން އުފުލިއެވެ. ވަނާއި ދައިން ހަވާދާއި އެހެނިހެން ކާތަކެތި ތަޅާ ފުނޑިއެވެ. ކައްކާނެ ދަރު ހޯދައިގެން، ދަރުތައް އަންދަމުން ދުންތަކުގެތެރޭގަ، ދިލަ ހޫނުގަ، ނާސްތާ ކޮށްމެ ދުވަހަކު ކޮށްމެ ވަގުތަކަށް ތައްޔާރުކުރިއެވެ. މުޅިއާއިލާ ނާސްތާ ކުރާއިރު ސުފުރާމަތި ބަލަހައްޓާފަ އެއްމެ ފަހުން ކާމީހަކީ ތިބާއެވެ. 


މީރުކާނާއެއްވިއްޔާ އަވަށްޓެރިންނާއި ހިއްސާކުރިއެވެ. އާއިލީ އަވަށްޓެރި ގާތް ގުޅުމަކީ މުހިއްމު އެއްޗެއް ކަން ތިބާގެ އަމަލާ ބަހުން ދެއްކިއެވެ. 


އަތުން އެއްޗެހި ދޮވެ، ނާށި އަންދައިގެން އިސްތިރި ކޮށްދީ ބޭނުން ކޮށްމެ ވަގުތަކު މަދަރުސާ އަށާއި އެހެނިހެން ކަންކަމަށް ތައްޔާރު ކޮށްދިނެވެ.


ތިބާއަކީ ނަމޫނާ އަންހެނެކެވެ. އަދި މަޔެކެވެ. މަންމާއެވެ! ތިބާގެ ކުޅަދާނަކަމާއި ގުރުބާނީ އާއި އަޅާލުމާއި ކުލުނާއި ލޯބި ވަޒަން ކުރަން އަހުރެން ނުކުޅެދެއެވެ. މާތް الله މަންމައަށް ސުވަރުގޭގެ ދާއިމީ ހެޔޮރަހްމަތް ލައްވާށި! އާމީން


Tuesday, July 2, 2024

ބަނގުރޫޓުވުން

މިފަދަ ހާލަތަކަށް ވެއްޓޭހިސާބަށް ކަންތައްދަނީ އެއްދުވަހަކުން ދެދުވަހަކުން ނޫނެވެ. ފާއިތުވި އެތަކެއް ދުވަހަކާއި މަސްތަކާއި އަހަރުތަކުގައި ކަންކަން ރާވާ ހިންގަން ތިބިފަރާތްތަކުން ނިންމި ނުކިއްސަރު އެތަކެއް ނިންމުންތަކާއި އެޅި ކަސިޔާރު އެތަކެއް ފިޔަވަޅުތަކުންނެވެ. ހާލަތު އަދު މިވަނީ ބަނގުރޫޓުވެދާނެފަދަ ހާލަތަކަށް ބަދަލުވެފައެވެ. 


މިހާލަތުން އަރައިގަތުމަށް އަވަސް ނިންމުންތަކާއި ފިޔަވަޅުތަކެއް އަޅަމުން ގެންދަން ޖެހެއެވެ. މިހާލަތުގެ ތެރޭ ކަސްތޮޅުއެޅިގެން ތިބެވޭކަށް ވަގުތެއް ނެތެވެ. އެއްވާނަކަށް އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށް، އަރައިރުންވެ ޒުވާބުކޮށްގެން މިހާލަތުން އަރައިގަތުމަށް ދަތިވާނެއެވެެ. 


މިހާލަތުން އަރައިގަތުމަށްޓަކައި އިގްތިސާދީ ޖިހާދެއް ކުރަން ޖެހެއެވެ. މިޖިހާދުގައި މޫނަށް ކަނދުރާޔަކަށް ނުބަލާ ދެވަނަ ދައުރަކަށް ނުވިސްނާ ހަރުދަނާ ނިންމުންތަކާއި ފިޔަވަޅުތައް ވަގުތުން ވަގުތައް އަޅަންޖެހެއެވެ! 


ފަހަރުގައި އަޅާފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން އިތުރަށް ގޯސްވެސް ވެދާނެއެވެ. ނަމަވެސް ކެއްތެރިކަމާއެކު މަސްވަރާކޮށް އުއްމީދާއެކު، އިގްތިސާދީ މިއަނދަވަޅުން އަރައިގަތުމަށްޓަކައި އަވަސް ހައްލުތަކެއް ގެނައުމަށް މުޅިގައުމުގެ ވެރިން އެކީއެކައްޗެއް ކިޔައިގެން މަރުފަލިޖަހަންޖެހެއެވެ. 


ވަރުގަދަ ބިޔަބޮޑެތި އިގްތިސާދުތައްވެސް ހީނަރުވެ ބަލިކަށިވެގެން ދެއެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކާއެކު އާރޯކަމާއެކު އިގްތިސާދު އަލުން ކުރިއަރާ ދަނީ އިހުނައްވުރެ ބާރު ދުވެލީގައެވެ! 

Saturday, May 4, 2024

ނ. އަތޮޅާ މެދު ކުރެވޭ ތަސައްވުރު

އާބާދިގެ ގޮތުން 14000 އެތަކެއް ރައްޔިތުން 13 ރަށަކަށް ބެހިފައިވާ ނ. އަތޮޅުގެ އާބާދީގެތެރެއިން ހޮޅުވެލިފޮއްދޫގެ ރައްޔިތުންގެ ކުރިމަގާމެދު އަޅުގަނޑު ދެކޭ ހުވަފެނަކީ ރައްޔިތުންގެ ސިއްހީ ޙިދުމަތާއި، ތަޢުލީމާއި، އިޤްތިސާދާއި ވަޒީފާގެ ފުރުސަތުތަކާއި އިޖްތިމާޢީ ރައްކާތެރިކަމާއި އުމްރާނީ ތަރައްޤީއާއި ތިމާވެށީގެ ގޮތުން ފުރިހަމަ ވެއްޓެއް ޤާއިމްކުރެވިފައިވާ ދުޅަހެޔޮ އާބާދީއެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގާވުމެވެ.

ސިއްޙީ ޚިދުމަތް

އަތޮޅާއި ރަށުފެންވަރުގައި ޤާއިމް ކޮށްފައިވާ ސިއްޙީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ފަރުވާއަކީ ހިތްހެޔޮކަމާއި އަޅާލުމާއެކީ ރައްޔިތުންގެ އާއްމު ސިއްޙީ ދުޅަހެޔޮކަމަށްޓަކައި ޤާއިމް ކުރެވިފައިވާ ތަންތަނަށް ވުމެވެ. އަދި މިތަންތަނަކީ ރައްޔިތުން ބަލިން ރައްކާތެރިކޮށް ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބޭނުންވާ މަޢުލާމާތާއި ހުނަރު ފޯރުކޮށްދީ ހަދާ ތަންތަނަށް ވެގެންދިއުމެވެ. މީގެއިތުރުން އެތަންތަނުގައި ޤާއިމްކޮށްފައިވާ ވަސީލަތްތަކަކީ ވެސް ދުޅަހެޔޮ ޒަމާނީ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓިގެން ދިއުމެވެ.

ތަޢުލީމު

އަތޮޅުގެ ރަށްތަކުގެ ދަރީންގެ މުސްތަޤްބަލަށްޓަކައި ދެވޭ ތަޢުލީމަކީ އިސްލާމީ ރަނގަޅު ބިންގަލެއްގެ މަތީގައި ދެވޭ އެއްޗެއްގެ ގޮތުގައި ހެދިގެންދާންޖެހެއެވެ. ޕްރީސްކޫލު ދައުރާއި މިދަޢުރުގައި އުގަންނައިދެވޭ ކީރިތި ޤްރުއާނާއި ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ހަރުދަނާކުރެވިގެން ދިއުމެވެ. ސާނަވީ ސްކޫލްތަކަކީ ފުރިހަމަ މާނައިގައި އިންޓަރނޭޝަނަލް ސްކޫލްތަކެއްގެ ގޮތުގައި ބައްޓަންކުރެވި ބަލައިގަތުމެވެ. ހުރިހާ ސްކޫލުތަކެއްގައި ޤާއިމްކުރެވި، ބޭނުންކުރެވޭ ވަސީލަތްތަކަކީ ޒަމާނީ ޓެކޮނޮލަޖީގެ ވަސީލަތަށްވެ، ކަމުގެ ތަމްރީނު ލިބިފައިވާ ޤާބިލް މުދައްރިސުންނާއެކު، ތޮށްނުޖެހޭ ކުލާސްތަކެއްގައި ކިޔަވައި ދިނުން ހަމަޖެހިފައިވާ ސްކޫލްތަކަކަށް ވުމެވެ. އަދި ސާނަވީ ތަޢުލީމް ނިންމާ ކުދީންނަށް އެކުދީންގެ ދިރިއުޅުން ރޯޝަން ކުރާނޭ މަތީތަޢުލީމު ހޯދުމުގެ ފުރުސަތުތަކެއް ލިބިފައިވުމެވެ.

އިޤްތިސާދާއި ވަޒީފާގެ ފުރުސަތު

އަތޮޅާއި ރަށުގެ އިޤްތިސާދީ ފުއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތްތަކާއި ވަޒީފާގެ ފުރުސަތުތައް ލިބިގެންދިއުމެވެ. ރައްޔިތުންގެ އާއްމު ބޭނުންތަކާއި ޙިދުމަތްތަކަށް ބޭނުންވާ ތަފާތު ކުދިވިޔަފާރީގެ ވަސީލަތްތައް ޤާއިމް ކުރުމުގެ ފުރުސަތާއި މަގުތަނަވަސް ކޮށްދެވިގެންދިއުމެވެ. އާއިލާއާއި ކައިރީގައި މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތް ކުރެވިފައިވާ މާހަޢުލެއްގައި ވަޒީފާ އަދާކުރުމުގެ ގޮތްތައް ތަނަވަސް ވެގެންދިއުމެވެ.

މުޖުތަމަޢު

ރައްޔިތުން ދިރިއުޅޭ ރަށްތަކުގެ މުޖުތަމަޢުތަކަކީ ރައްކާތެރި މުޖުތަމަޢު ތަކެއްގެ ގޮތުގައި ވެގެން ދިއުމެވެ. ލާދީނީ ކަންތައްތަކާއި ހަރަކާތްތަކާއި ބަދުއަޙުލާޤީ އަމަލުތަކާއި މަސްތުވާތަކެތީން ރައްކާތެރި މުޖުތަމަޢުއަކަށް ވުމެވެ. މުޖުތަމަޢުގެ ދެރަނިކަމެތީންނަށާއި އެކަކު އަނެކަކަށް އަޅާލާ އެއްބައިވަންތަ ރިވެތި އިސްލާމީ އަޙްލާޤެއްގެ ވެރި ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ވުމެވެ.

އުމްރާނީ ތަރައްޤީ

ރައްޔިތުން މިއަދާއި މާދަމާ ބޭނުންވާ ބޯހިޔާވަހިކަމާއި އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީއާއި ކުރިއެރުން ހޯދުމަށްޓަކައި މުސްތަޤްބަލް އޮތް ސަރަހައްދުތަކަށް ފަސޭހައިން ގޮސް ބޯހިޔާވަހިކަމުގެ ފަހިގޮތްތަކާއެކު ވަޒަންވެރިވުމުގެ ފުރުސަތު ތަނަވަސް ވުމެވެ. ބޯހިޔާވަހިކަމާއި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންވާ އާއްމު ޙިދުމަތްތައް ކަމުގައިވާ ރަށްރަށުގެ ބަނދަރާއި މަގުތަކާއި ކުޑަކުދީން ކުޅޭނޭ ޕާރކްތަކާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާއި ކުނިނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވުމެވެ.


ތިމާވެށި

އަތޮޅާއި ރަށުގެ ނާޒުކު ތިމާވެއްޓަކީ މިއަދާއި މާދަމާގެ ޖީލުތަކުގެ ތަރައްޤީއާއި ބޭނުންތަކަށް ދެމެހެއްޓެނިވި ގޮތަށް ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ ވެއްޓަކަށް ވުމެވެ. އަދި ތިމާވެށީގެ ސަބަބުން ނިކުންނަ މައްސަލަތައް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަލާމަތްކަމާއެކު ހައްލުކުރެވިގެން ދާންޖެހޭނީ އަދާއި މާދަމާގެ ރައްޔިތުންގެ މަންފާއަށެވެ.

މަސައްކަތްތެރިންގެ ހައްޤުތަކަކީ ކޮބައި؟

ދުނިޔޭގެ އިންސާނީ މުޖުތަމަޢުއަށް ވިސްނާލާއިރު ކޮށްމެ މުޖުތަމަޢުއެއްގައިވެސް އެ މުޖުތަމަޢުގެ މަސައްކަތްތައް ކުރާ މަސައްކަތްތެރީން ތަކެއް ވެއެވެ. އެމަސައްކަތްތެރީން ތަފާތު ދާއިރާތަކުގައި ކުރާމަސައްކަތްތަކުން އެމުޖުތަމަޢުގެ މިއަދާ މާދަމާ ރޯޝަން ކުރެއެވެ. ވީމާ، މަސައްކަތްތެރީން ވެފައިވަނީ މުޖުތަމަޢުގެ ތަރައްޤީގެ މުލައްދަޑި ތަކާއި ވިސްނުންތެރި ސިކުޑިތަކާއި މުޖުތަމަޢޭ މިކިޔާ ޤައުމުގެ ލޭ ހިނގާ ހީވާގި ވަފާދާރު ހިތްތަކުގެ އަހުލުވެރީންނަށެވެ. ވީއިރު އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމަކީ އެފަރާތްތަކުގެ ކަންކަންކުރުމަށް އިންތިޙާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި އެންމެހާއި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވިފަރާތްތަކުގެ ޒިންމާއެކެވެ. ވީމާ، މި މަޒުމޫނުގައި މިބަލައިލަނީ މަސައްކަތްތެރީންގެ ހައްޤުތަކުގެ މައްޗަށެވެ.

ދުނިޔޭގެ މަސައްކަތްތެރީންގެ ޖަމިއްޔާ އައިއެލްލޯ އިން 1998 ވަނަ އަހަރު އެކަށައަޅާފައިވާ މަސައްކަތްތެރީންގެ ހައްޤުތަކާބެހޭ ގަރާރަކީ ދުނިޔޭގެ އިންސާނީ މުޖުތަމަޢުތަކޭ މިކިޔާ ޤައުމުތަކުގެ ސަރުކާރުތަކާއި މަސައްކަތްތެރީންގެ ޖަމިއްޔާތަކާއި މަސައްކަތްދޭ ފަރާތްތައް އިހްތިރާމްކޮށް ހިމާޔަތް ކޮށް މުޖުތަމަޢުގެ އެއްމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލާބަޔާއި އަދި މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިސާދީ މަންފާއަށްޓަކައި ދަމަހައްޓަންޖެހޭ ހައްޤުތަކެކެވެ. މި ދެންނެވި މަސައްކަތްތެރީންގެ ހައްޤުތަކާ ބެހޭ ޤަރާރު ބެހިގެންވަނީ މައިގަޑު ހަތަރު ބަޔަށެވެ. އެބައިތަކަކީ:
މަސައްކަތެރީންގެ ޖަމިއްޔާތައް އުފެއްދުމާއި ހިންގުމާއި މަސައްކަތްތެރީން ގުޅިގެން މަސައްކަތްތެރީން ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް މަސައްކަތް ކުރުމުގެ މިނިވަންކަމާއި
ގަދަބާރުންނާއި މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުން ނެތިކޮށްލުމާއި
ކުޑަކުދީން ލައްވާ މަސައްކަތް ކުރުވުން ނައްތާލުމާއި
މަސައްކަތްކުރާ މާހަޢުލުން ތަފާތުކުރުން ނައްތާލުމުގެ މައްޗަށެވެ.

ފުރަތަމަކަމެއްގެ ގޮތުގައި ނަކަލުކޮށްފައިވާ، މަސައްކަތްތެރީންނާއި އެމަސައްކަތްތެރީންނަށް ވަޒީފާދޭފަރާތްތަކަށްވެސް އެފަރާތްތަކުގެ ހައްޤުތަކާއި މަސައްކަތްތައް ހިމާޔަތްކުރުމަށާއި ކުރިއެރުވުމަށްޓަކައި ޖަމިއްޔާ ޖަމާއަތްތަކުގަ ބައިވެރުވެގެން ހިންގުމުގެ މިނިވަންކަން ލިބިދެވެންޖެހެއެވެ. މިކަމުގެ މިނިވަންކަމަކީ އިންސާނުންނަންވިތީވެ ލިބިފައިވާ ދުލާގަލަމުގެ މިނިވަންކަމާ ހަމައެއްފަދަ މިނިވަންކަމެކެވެ. މީގެއިތުރުން މިއީ ދިމިގުރާތީ ހަމަތަކުން ރައްޔިތުންގެ ކަންކަން ރައްޔިތުން ހިންގުމަށްޓަކައި ދެވޭ މިނިވަންކަމެކެވެ. ސަބަބަކީ މަސައްކަތްތެރީންނާ ގުޅުންހުރި އަދި އެފަރާތްތަކަށް ބޮޑުވާ ކަންކަމާއި އެކަމެއްގެ ސަބަބުން މަސައްކަތެރީންނަށް އަސަރުކުރާކަންކަމާމެދު އެފަރާތްތައް ގުޅިގެން އެއްއަޑަކުން ހައްލުކުރުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

ދެވަނަކަމަކީ މިއަދު މަސައްކަތްތެރީންނަށް ދުނިޔޭގެ ކަންކޮޅުގައި ކުރިމަތިވެފައިވާ، ގަދަބާރުން މަސައްކަތްތައް ކުރުވުން ހުއްޓުވުމަކަށް ގެނަޢުމެވެ. ކަންތައްތައް އެހެން ނެތުމުގެ ސަބަބުން މިއަދު މަސައްކަތްތެރީންނަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ފަގީރުކަން އިންތިހާއަށް ބޮޑުވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ މިނިވަންކަން ނީލަންކިޔާލެވިގެން ދެއެވެ. މިފަދައިން ކިޔާލެވޭ ނީލަމުގެ ސަބަބުން ރައްޔިތުންގެ ހައްޤުތަކަށް ހާއްސަކޮށް މަސައްކަތްތެރީންގެ ހައްޤުތަކަށް ބުރުއަރައިގެން ދެއެވެ. މިހާހިސާބުން މަސައްކަތްތެރީންނަށްދެވޭ މުސާރަޔާއި އިނާޔަތްތަކަކީ އެފަރާތްތަކުން ލައްވާ ކުރުވާ މަސައްކަތާއި ނުބައްދަލު އާމްދަނީއަކަށް ވެއެވެ. އަދި އެފަރާތްތަކުގެ ކަންތައްތައް ބަލަހައްޓަން ތިބޭ ވެރީންނަށް ބޮޑެތި މުސާރަޔާއި އިނާޔަތްތަކާއި ކާރާއި ގެދޮރު ލިބިދެވިފައިވަނީ އެއްވެސް އިންސާފެއްނެތި މަސައްކަތްތެރީންގެ ނާޖާއިޒް ފައިދާއިން ހޯދާފައިސާއިންނެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލާފައިއެވަނީ، މަސައްކަތްތެރިކަމަކީ ވަކި އުމުރުފުރައިގެ ބަޔަކަށް ހާއްސަކުރެވިފައިވާ ކަމަކަށް ވީއިރު ކުޑަކުދީންލައްވާ ނުހައްޤުން ކުޑަލާރިކޮޅަކަށް ނުހަނު ބުރަކޮށް އަދި އެހާމެ ދަތި ހާލުގައި މަސައްކަތް ކުރުވުމަކީ އެކުދީންގެ ހެދިބޮޑުވުމަށް އަސަރުފޯރާ ކަމަކަށް ވީހިނދު އެފަދަކަންތައްތައް މުޖުތަމަޢުތަކުގައި ހިނގުމުން ދުރުކުރުވަންޖެހޭނެއެވެ. އެއީ މަސައްކަތްތެރިކަމަށް އެދަރީން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ފުރިހަމަވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އެވަނީ، މަސައްކަތެރީންގެ މެދުން އާއްމުކޮށް ފެންނަމުންދާ މަންޒަރެއްކަމުގައިވާ، މަސައްކަތްދޭ ފަރާތްތަކުން މަސައްކަތްތެރީންގެ މެދުގައި ތަފާތުވައްތަރުގެ ތަފާތުކުރުންތައް އާއްމު ކުރުމެވެ. މިގޮތުން ދިރިއުޅޭ އަތޮޅާއި ރަށެއްގެެ ސަބަބުންނާއި ޖިންސީގޮތުންނާއި ހަމުގެ ކުލައިންނާއި ނިސްބަތްވާ ދަރިފަސްކޮޅާއި ދީނީ މަޒުހަބީ ގޮތުންނާއި އަޅާ ހެދުމާއި ސިޔާސީ ގޮތުން ދެކޭ އަދި ޤަބޫލުކުރާ ގޮތްތަކެއްގެ ސަބަބުން ތަފާތުކުރުންތަކެއްގެ ޝިކާރަޔަކަށް މަސައްކަތްތެރީން ވެގެން ދެޔެއެވެ. މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން މަސައްކަތްތެރީންގެ ކިބައިން ވަގަށް ނެގިގެން އެދަނީ އެފަރާތްތަކަށް ހަމަހަމަގޮތެއްގައި ލިބިދެވެންޖެހޭނޭ މަސައްކަތްކުރުމުގެ ފުރުސަތުގެ އިތުރުން ހެޔޮގޮތުގަ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އެފަރާތްތަކަށް ކޮށްދެވިދާނޭކަމަކުންވެސް ދުރުކުރުވެނީއެވެ.

މަތީގައި ނަކަލުކޮށްލައިފައިވާ ހަތަރު ފިހުރިސްތަކަކީ އެ ބައިތަކެއްގެ ސަބަބުން އޖުތިމާޢި އަދާލަތު ރައްޔިތުންގެ މެދުގައި ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެވެ. އަދި އެބައިތަކުގެ ސަބަބުން މަސައްކަތްތެރި ރައްޔިތުން ރެޔާ ދުވާލު ކެނޑިނޭޅި ކުރިބުރަ މަސައްކަތުން އޮހޮރާ ދަލުން ލިބުނު ނަފާ އިންސާފުވެރިގޮތުގައި މަސައްކަތްތެރި ރައްޔިތުންގެ މެދުގައި ބެހިގެން ދިޔުމަށްޓަކއި ކުރުން ލާޒިމު ކިފާޔަތުގެ ފަރުލެކޭ ދެންނެވިދާނެއެވެ.

ވީމާ، މިފަދަ ޤަރާރަކަށް އަމަލުކުރަންޖެހެނީ ހުޅުވާލެވިފައިވާ އިޤުތިސާދުގެ ސަބަބުން މަސައްކަތްތެރީންގެ ހައްޤުތައް ނިގުޅައިގަތުމަުން ސަލާމަތްކޮށް މަސައްކަތްތެރީންގެ އިޖުތިމާޢި އަދި އިޤުތިސާދީ ފުއްދުން ތެރިކަމުގެ ސަބަބުން މުޅިގަޢުމުގެ ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެ، ކުރިއަރާ މަސައްކަތް ކުރުވާ ފަރާތްތަކުގެ ހައްޤުތަކަށް އިހުތިރާމް ކުރުމާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައެވެ.


މިފަދަ ތަފާތު ގިނަގުނަ ސަބަބުތަކަށް ޓަކައި މިދެންނެވި ހައްޤުތަކަކީ ދުނިޔޭގެ ސަރުކާރުތަކުން އެއަށް ފުރިހަމައަށް ބޯލަނބާ އެގަޢުމުތަކުގައި ދެމެހެއްޓެނިވި ގޮތުގައި ދެމެހެއްޓޭ އަދި ކިޔަމަންވާންޖެހޭ ހައްގުތަކަކަށް ވާންޖެހެއެވެ.

Friday, February 8, 2013

މާފަރު އެއަރޕޯރޓު


ނޫނު އަތޮޅަކީ އާބާދީގެ ގޮތުން 14500 ވުރެ ގިނަރައްޔިތުން ދިރިއުޅޭ އަބާދީއެއް 13 ރަށަކަށް ބެހިފައިވާ އަތޮޅެކެވެ. މިއަތޮޅުގައި ދިރިއުޅޭ އެއްމެހާ ރައްޔިތުންނަށް ލާބަޔާ މަންފާއަށް އަދި ފަސޭހައަށް އެއާރޕޯރޓެއް މާފަރުގައި އެޅުމަށް ނިންމާއި އެކަމުގައި އަލިމަގެއް އަދި ފެނިފައި ނުވާއިރު މާފަރުގައި އެއަރޕޯރޓު އެޅުމަކީ ނޫނުއަތޮޅުގެ މުޅި އާބާދީއަށް އެއްމެ ފައިދާހުރި ގޮތްތޯ ސުވާލުކޮށްލުމަކީ މުހިއްމުކަމެކެވެ.

މާފަރަކީ އެސަރަހެއްދެއްގައި ބިމުގެ ތަނަވަސްކަން އޮތް އަދި މުސްތަޤްބަލް އޮތްތަނެއްކަމުގައި ދެބަސްވުމުގެ ޖާގަ އޮތްތަނެއްނޫނެވެ. ނަމަވެސް އެސަރަހައްދަކީ އަތޮޅުގެ އިރުވައި ތޮށީގެ ސަރަހައްދަކަށްވެފައި އިރުވައި ތޮށީގެ ރަށްތަކަށް ދަތުރުފަތުރުގެ ކިތައްމެފަސޭހައެއް ވިކަމުގައި ވީނަމަވެސް ހުޅަނގު ބިތުގެ ރަށްތަކަށް އެހާފަސޭހަ ނިންމުމަކަށް ވާނޭކަމާ މެދު ސައްކުގެ ނަޒަރަކުން ބެލެއެވެ. ސަބަބަކީ އިރުވައި ތޮށީގެ މާފަރާއި ހުޅަނގުބިތުގެ ހޮޅުވެލިފޮއްދޫ އާއި ދެމެދު 30 ކިލޯމީޓަރުގެ ރާސްތާއެއް ވާތީއެވެ. މިރާސްތާއަކީ ހުޅަނގުބިތުން އިރުވައިބިތަށް ދިޔުމަށްވުރެ ހުޅަނގުބިތުން ޅ. އަތޮޅަށް ދިޔުން ކުރު ރާސްތާއެކެވެ.

މާފަރު ނާރެހަކަށް ބަލައިގެން އަތޮޅުގެ ދަތުރުފަތުރު އަދި ވިޔަފާރި މަރުކަޒަކަށް ވެގެން ދިޔުމުގެ ފޮނި އުންމީދަކީ އަތޮޅުގެ ރައްޔިތުން ނުހަނު އެދޭކަމަކަށް ބެލިކަމުގައި ވީނަމަވެސް މުޅި އަތޮޅަށް އޭގެ ނަފާ، ފައިދާ އަދި ފަސޭހަ ލިބިގެން ދިޔުމަކީ އެއަށްވުރެ ބޮޑަށް އެދިވިގެންވާކަމެކެވެ. ސަބަބަކަށްވަނީ މާފަރުގެ އެއާރޕޯރޓެއް އެޅުމަކީ އޭގެ ޒާތުގައި މުޅި އާބާދީގެ ތިންބައިކޮށްފަ އެއްބައި 5000 ރައްޔިތުންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެތޯއެވެ.

މިޔާ ހިލާފަށް  އަތޮޅުގެ މެދު ތެރެއިން ރަށެއްގައި މިފަދަ އެއަރޕޯރޓެއް އެޅުމަކީ މުޅި އާބާދީއަށް ފަސޭހަ ރާސްތާއެއް ކަމުގައި ބެލެވިދާނެއެވެ. މިފަދައިން އަތޮޅުގެ މެދުތެރެއިން މަނަދޫ ފަދަ ރަށެއްގައި އަޅައިފިނަމަ މާފަރަށްވުރެ ފަސޭހަވެފައި ބޭނުންތެރިކަން ހުރިހާގޮތަކުންވެސް އަތޮޅުގެ ރައްޔިތުންނަށް ފައިދާ ބޮޑުވާނެއެވެ. މިގޮތުން މަނަދުއަކީ އަތޮޅުގެ ސިޔާސީ ވެރިރަށަށްވެފައި، އަތޮޅު ހޮސްޕިޓަލް ހުރިރަށްވެފައި ހާލު ބޮޑު ބަލިމީހުންނަށް އިތުރު ތަކުލީފަކަށް ނުވާގޮތަށް މަނަދޫން މާލެ ދިޔުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މަނަދޫ ނާރެހަކަށް ބަލައިގެން މިހާރުފަށާފައިވާ ދަތުރުފަތުރުގެ ނިޒާމު ރޭވި ހިނގަމުންދާގޮތަށް ބެލިކަމުގައިވިޔަސް މިފަސޭހަތައް ލިބޭނެއެވެ. ސަބަބަކީ މަނަދޫން ފުރައިގެން އަތޮޅުގެ އެއްމެ އުތުރަށް، ހެނބަދޫއަށް ދިޔުމަކީ 21 ކިލޯމީޓަރުގެ ރާސްތާއަކަށް ވާއިރު މަނަދޫން ފުރައިގެން ހުޅަނގު ބިތުގެ ވެލިދުއަށް ދިޔުމަށް އެއީ 20 ކިލޯ މީޓަރުގެ ރާސްތާއެކެވެ. މިރާސްތާއަކީ މާފަރުން ފުރައިގެން ވެލިދޫއަށް ދިޔުމަށް 10 ކިލޯމީޓަރ ކުރުރާސްތާއެކެވެ.


މަނަދޫގައި އެއަރޕޯރޓެއް އެޅުމުގެ ޖާގަ ލިބުމަކީ ދުރުކަމަކަށްވުރެ ވަރަށް ކައިރިކަމެކެވެ. ސަބަބަކީ މަނަދޫގެ މިހާރުގެ އާބާދީއާއި ބިމުގެ ޖާގައަށްބަލައިފިނަމަ 1500 ގުނަ 30 މީޓަރުގެ ރަންވޭ އަކާއި އެހެނިހެން ވަސީލަތްތައް އެޅުމަށް ސަރަހައްދެއް ލިބުމަކީ ފަސޭހަކަމަކަށް ވާނެއެވެ. އަދި މާފަރުގައި އެއަރޕޯރޓެއް މިއަޅަންޖެހެނީ ބިން ހިއްކައިގެން ގާތްގަޑަކަށް 30 މިލިޔަން ޑޮލަރުން ކަމަށްވާތީ މަނަދޫ ގައި އަޅައިފިނަމަ ބިން ހިއްކުމަކާ ނުލައި އެފަދަ އެއަރޕޯރޓެއް އެޅުމަކީ ހަރަދުގެ ގޮތުން ހާސްބައި ކުޑަވެ، އަތޮޅުގެ މުޅި އާބާދީއަށް ފަސޭހަވެ، އަވަސްވާނޭކަމެއްކަމަށް ފެނެއެވެ. 

Saturday, April 25, 2009

ބިސްމިﷲ ، ﷲ އަށް ހަމްދުކުރަން، ކީރިތި ރަސޫލާއަށް ސޮލަވާތް ދަންނަވަން
ހޮޅުދޫ، ފޮއްދޫ އަދި ވެލިދުގެ އަޅުގަނޑުގެ ލޮބުވެތި އަޙުންނާއި އުހުތުން
އައްސަލާމް އަލައިކުމް
1 ވަނަ ބުރު: ތައާރަފް
އަޅުގަނޑަކީ މިދާއިރާއަށް އުފަން މިދާއިރާގެ ރަށްޔިތަކީމު.
އަޅުގަނޑުގެ ތަޢުލީމީ ހަޔާތް ފެށުނީ ވެލިދޫގެ ނަހުޒާ ސްކޫލުން. ސާނަވީ ތަޢުލީމް ފުރިހަމަ ކުރީ މަޖީދިއްޔާ ސްކޫލުން.
މަތީތަޢުލީމުގެ ރޮގުން އިގިރޭސި ޓީޗިންގ ޑިގްރީއާއި އެޑިޔުކޭޝަން ޑިގްރީ ހާސިލް ކުރީ އޮސްޓުރޭލިޔާގެ ލެޓްރޯބު ޔުނިވާރސިޓީން.
މާސްޓާސް އިން ހިޔުމަން ރިސޯސް މެނޭޖުމަންޓު ހާސިލް ކުރީ އޮސްޓްރޭލިޔާގެ ބަލަރަޓް ޔުނިވާރސިޓީން، މެލޭޝިޔާގަ ހުރެގެން.
އަޅުގަނޑަކީ ތައުލީމީ ދާއިރާގައި ހެޑްމާސްޓަރެއްގެ ގޮތުގައި ތ. ތިމަރަފުށި، ކ. ތުލުސްދޫ، ނ. މަނަދޫ، ލ. ފޮނަދޫގައި މަސައްކަތް ކޮށްފާވާ މީހަކީމު.
ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރީ ޓީޗަރެއްގެ ގޮތުގައި އަދި މޯލްޑިވްސް ކޮލެޖު އޮފް ހަޔާރ އެޑިޔުކޭޝަނުގަ އެސިސްޓަންޓް ލެކްޗަރަރއެއްގެ ގޮތުގައި ހުރެ އެތަނުގެ ފައުންޑޭޝަން ކޯސްތައް ވިލަރެސް ކުރީމު.
މީގެ އިތުރުން އަޅުގަނޑަކީ ރާއްޖޭގެ ސިޔާސި، އިޖްތިމާއީ ތައުލީމީ އަދި އިގްތިސާދީ ކަންކަމުގެ މައްޗަށް ދަރުމަ މަޖައްލާއަށާއި ޖަމާއަތުގެ ހަބަރަށާއި މަނަދޫ ލައިވް ފަދަ ވެބުސައިޓުތަކަށް ލިޔެ އުޅޭ މީހަކީމު. އަޅުގަނޑުގެ ނަމަކީ އިބްރާހީމް މޫސާފުޅު.


2 ވަނަ ބުރު
1. މިދާއިރާއަށް ކުރިމަތިލީ ކީއްވެ؟
އަޅުގަނޑު މިދާއިރާއަށް ކުރިމަތިލީ އަޅުގަނޑަކީ މިދާއިރާގެ ރައްޔިތަކަށްވާތީވެ، ރައްޔިތުންގެ ހާލަތާމެދު ކަންބޮޑުވާތީވެ.
ފަށާތައުލީމުން ފެށިގެން މަތީ ތައުލީމަށް އަޅާލުމަށް މަޖިލިސްތެރޭން ފުރުސަތެއް ހޯދުމަށް. ބަލިވަމުންދާ ސިއްހީ ހިދުމަތަށް އިތުރު ފަރުވާދިނުމަށް މަޖިލިސް ތެރޭން ފުރުސަތެއް ހޯދުމަށް.
ރައްޔިތުންގެ ރައްކާތެރިކަން ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ތިމާވެށީގެ ގޮތުންނާއި އިޤްތިސާދީ ގޮތުން މަޖިލިސް ތެރޭން ރައްޔިތުން އެދޭ ގޮތަށް ހޯދައިދިނުމަށް މަސައްކަތްކުރާނޭ ފުރުސަތެއް ހޯދުމަށް.

2. މިދާއިރާގެ ރައްޔިތުންގެ ހާލަތާއި ވިންދު އެނގެނީ ކިހާ މިންވަރަކަށް؟
މިދާއިރާގެ ރައްޔިތުންގެ ހާލަތަށް ބަލައިލުމުން ފެންނަނީ ރައްޔިތުންނަށް އަޅާނުލާ މިންވަރު.
ހޮޅުދުއަށް ވިސްނާލާއިރު ރަށްގިރުމާއި ފެންބޮޑުވުމާއި ފެންތަގައްޔަރުވުމާއި ތޮއްޖެހުމާއި ގެދޮރުގެ މައްސަލަތަކެއް އެބަހުރި.
ފޮއްދޫގަ ބަނދަރު ހެދުމަށް ބޭނުންވާއިރު ވީރާނާވަމުންދާ ތޮށިތަކެއް ވެލިދޫ އަދި ހޮޅުދޫގައި އެބަހުރި.
ދެވޭ ސިއްހީ ފަރުވާގެ ފެންވަރު ދަށް އަދި ފޮއްދޫގަ ގާއިމް ކޮށްފައިވާ ސިއްހީ ހިދުމަތަކީ އަސާސީފެންވަރުވެސް ނެތް ހިދުމަތެއް. މަދިރީގެ ނުރައްކަލަށް ރައްޔިތުން އެވަނީ ހުށައެޅިފަ.
ފޮއްދޫ ސްކޫލްގަ ބަޖެޓުގެ ދަތިކަން އެހާމެ ބޮޑު ކިޔަވައިދޭން ތަމްރީން ލިބިފަވާ ޓީޗަރަކުނެތް. ހޮޅުދޫ ސްކޫލްގަ ޕުރިންސިޕަލަކު ނެތް. ސްކޫލްތަކުގަ ޖާގައިގަދަތިކަން އިންތިހާއަށް ބޮޑު. ފަށާތައުލީމަށް ވަނީ އަޅައިނުލެވިފަ.
ވެލިދޫގަ ފެންޕުލާންޓެއް ހުރީތީ ހުރީ ހަލާކުވެފަ، މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑު. ބޭނުން ކުރާ ފެންވަނީ ތަގައްޔަރުވެފަ.
ފަހާނާގެ ނިޒާމާއި ކުނިނައްތާލުމުގެ ދެމެހެއްޓެނެވި އިންތިޒާމް މިއިން އެއްވެސް ރަށެއްގައި ހަމަޖެއްސިފަކާނެތް.
ރައްޔިތުންގެ ވިންދު ހުރީ މިހާލަތު ބަދަލުކުރުމަށް ހުވަފެން ސީދާކުރާކަން ނޫން ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުވުމަށް. އަޅުގަނޑު ނިކުމެ މިހިރީ އެމަސައްކަތައިގެން.



3. ވަނަ ބުރު
ގާނޫނު ހަދާ މަޖިލީހުން މިދާއިރާއަށް ކޮށްދޭނީ ކޮންކަމެއް؟
މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަޑު ހޮވިއްޖެނަމަ، ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫގެ ރައްޔިތުންގެ ހިޔާލާއި މަސްވަރާ ހޯދައިގެން، ރައްޔިތުންގެ ކެކުޅުންތަކާއި އިހްސާސްތައް އަޑުއަހައިގެން އަޅުގަނޑު މަސައްކަތް ކުރާނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ބަލާ އެފަރާތް ޒިންމާކޮށް ޖަވާބުދާރީކޮށް ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން މަޖިލިސްތެރޭން ފިޔަވަޅުއެޅުމަށް.
އަޅުގަނޑުގެ މަސްލަހަތަކަށް ވާނީ ޤައުމީ މަސްލަހަތު އިސްކޮށް މިދާއިރާގެ ރައްޔިތުންނާއި މުޅި ޤައުމުގެ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޤާނޫނުތައް ހެދުމުގައި އިސްކަންދިނުން.
ރައްޔިތުންގެ ތަރައްޤީއަށް މަސްރޫއުތައް ބަޖެޓުގަ ހިމެނުމަށް ބަޖެޓު ކަރުދާހުގެ ފޮޅުވަތުން ފޮޅުވަތަށް އަކުރުން އަކުރަށް އަޅުގަނޑު ބަލާނަން.
މުއްސަދީންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް ޓެކުސް ނިޒާމަކަށާއި ސިޔާސީ ރިފޯރމް ދެމެހެއްޓުމަށްޓަކައި އިގްތިސާދު ރިފޯމުކުރުމަށާއި މަސައްކަތް ތެރީންގެ ހައްޤުތައް ހޯދައިދޭން ވަކާލާތު ކުރާނަން.
މަޖިލީހުގެ މެމްބަރުންގެ ބޮޑު މުސާރަ ކުޑަކުރުމަށާއި ސިޔާސީ ޕާރޓީތަކަށް ދޭ ރައްޔިތުންގެ 14 މިލިޔަން ރުފިޔާ ބަހާ އުސޫލަށް ބަދަލުގެނައުމަށް ވާގިވެރިވާނަން.
ރައްޔިތުންގެ މަޖިލީހުގަ ކުރަންހުރި މަސައްކަތްތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ހަލުވިކުރުމަށް މަޖިލިސް ރިފޯރމްކޮށް ވަގުތު އިތުރުކޮށް ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކުރުމަށް މިހިރީ ތައްޔާރަށް.


4. ވަނަ ބުރު
މިހުރިހާ ކެންޑިޑޭޓުންގެ ތެރޭން ވޯޓުލާންވީ ކީއްވެ؟
މިހުރިހާ ކެންޑިޑޭޓުންގެ ތެރޭން އަޅުގަނޑަށް ވޯޓު ދެއްވަންވީ އެއްސަބަބަކީ އަޅުގަނޑަކީ ރައްޔިތުންގެ ހާލަތު 1994، 2004، 2008، 2009 ގައި މިހާތަނަށް އެތަކެއް ފަހަރު މަތިން ޒިޔާރަތްކޮށް ރައްޔިތުންގެ ހާލަތު ބަލާ ދެނެގަންނަފައިވާ މީހަކަށް ވާތީވެ، އަޅުގަނޑަށް ވޯޓު ދެއްވަންވީ!
މީގެ އިތުރުން ރައްޔިތުން ހާލުގައި ޖެހުނު ސުނާމީ ކާރިސާގައި އަމަލީގޮތުން މަސައްކަތްކޮށް، ރައްޔިތުންނަށް އަޅާލާ މީހަކަށް ވާތީވެ އަޅުގަނޑަށް ވޯޓު ދެއްވަންވީ!
އަޅުގަނޑަށް ވޯޓު ދެއްވަންވީ ތިންވަނަ ސަބަބަކީ އަޅުގަނޑަކީ މިދާއިރާއަށް ކުރިމަތިލެއްވި 4 ކެންޑިޑޭޓުންގެ ތެރޭން ބައިނަލް އަޤްވާމީ ފެންވަރަށް ޔުނިވާރސިޓީ ތައުލީމް ލިބިގެން ހުރި ރާއްޖެއާއި ރާއްޖޭން ބޭރުގެ މަސްރަހަށް އެއްމެ ބޮޑަށް ލޯހުޅުވިގެން ހުރި ފަސްބައި ސާފު އިލްމީ ކެންޑިޑޭޓު. އެހެންވީމަ، އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގައާއި ފަންނީ ކޮމެޓީތަކުގަ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ޤާބިލްކަން އެބަހުރި. މިސަބަބުތަކަށްޓަކައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވަންވީ.
އަޅުގަނޑަށް ވޯޓުދެއްވަންވީ އަނެއް ސަބަބަކީ އަޅުގަނޑު ތެދުވެ މިހިރީ ރައްޔިތުންގެ މިއަދުގެ ހާލަތު ބަދަލުކުރުމަށް ހުވަފެން ދެއްކުމެއްނެތި، ވިޔަފާރި މަސްލަހަތެއްނެތި، ފަސްބައިގައި ކިލަނބުކަމެއްނެތި، ރައްޔިތުން އެދޭ ގޮތަށް މަޖިލީހުގެ ތަޅުމާއި ކޮމެޓީތަކުގަ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމަށްކަމަށް ވާތީވެ އަޅުގަނޑަށް ވޯޓު ދެއްވަންވީ.


5. ވަނަ ބުރު

އެހެން ކެންޑިޑޭޓުންގެ ބުނުންތަކަށް ދެކެނީ ކިހިނެތް؟
އެހެން ކެންޑިޑޭޓުންގެ ސުއޫރަށް އަޅުގަނޑު އިހްތިރާމް ކުރަން. އެއީ އެބޭފުޅުންގެ ހިޔާލު.
އަޅުގަނޑުގެ ދަންނަވަން އޮތް ވާހަކައަކީ ވެރިކަން ކުރާޕާރޓީގަ ހުރެގެން ރައްޔިތުންނަށް ލިބުނު މަންފާއާއި ކުރިއެރުން 20-25 އަހަރުވަންދެން ރައްޔިތުން ތަޖުރިބާކޮށްފިއޭ. އެތަޖުރިބާއަށް ތިޔަ ލޮބުވެތި ރައްޔިތުން ހެކިވާނެ.
އެތަޖުރިބާ ތަކުރާރުވުމަށް ފުރުސަތު އެއްވެސް ގޮތަކުން ނުދެއްވުމަށް ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.
އަޅުގަނޑުގެނެތް ވިޔަފާރި މަސްލަހަތެއް. އަޅުގަނޑުގެ މަސްލަހަތަކީ ރައްޔިތުންގެ މަސްލަހަތު. އަޅުގަނޑުގެ އަޑަކީ ރައްޔިތުންގެ އަޑު.
މަޖިލީހުގެތަޅަމުން ފެށިގެން ކޮމެޓީ ތަކުގަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތްކޮށް، ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްޤުގައި ރައްޔިތުން އެދޭ ގޮތަށް.




6. ވަނަ ބުރު

ފަހު ފުރުސަތު
އާދެ! އަޅުގަނޑުގެ ކެންޑިޑޭޓު ނަމްބަރަކީ 2. ކެންޑިޑޭޓް ނަމްބަރު 2 އަށް ދެވޭ ވޯޓަކީ ތިޔަބޭފުޅުންގެ ތައުލީމާށް ދެވޭ ވޯޓެއް.
ކެންޑިޑޭޓް ނަމްބަރު 2 އަށް ދެވޭ ވޯޓަކީ ތިޔަބޭފުޅުންގެ ސިއްހަތަށް ދެވޭ ވޯޓެއް.
ތިޔަބޭފުޅުންގެ އިޖްތިމާޢި އަދި އިގްތިސާދީ ތަރައްޤީއަށް ދެވޭ ވޯޓެއް. ތިޔަ ބޭފުޅުންގެ މުސްތަޤްބަލަށްޓަކައި ދެވޭ ވޯޓެއް.
އާދެ! އެހެންވީމަ އަޅުގަނޑު މިއެދެނީ ތިޔަބޭފުޅުންގެ ވޯޓަށް. ވޯޓު ކެންޑިޑޭޓު ނަމްބަރ 2، އިބްރާހީމް މޫސާފުޅު

ޝުކުރިއްޔާ! ވައްސަލާމް އަލައިކުމް ވަރަހުމަތު ﷲ

Saturday, March 28, 2009

ނ. އަތޮޅާ މެދު އިބްރާޙީމްގެ ތަސައްވުރު

އާބާދިގެ ގޮތުން 14000 އެތަކެއް ރައްޔިތުން 13 ރަށަކަށް ބެހިފައިވާ ނ. އަތޮޅުގެ އާބާދީގެތެރެއިން ހޮޅުވެލިފޮއްދޫގެ ރައްޔިތުންގެ ކުރިމަގާމެދު އަޅުގަނޑު ދެކޭ ހުވަފެނަކީ ރައްޔިތުންގެ ސިއްހީ ޙިދުމަތާއި، ތަޢުލީމާއި، އިޤްތިސާދާއި ވަޒީފާގެ ފުރުސަތުތަކާއި އިޖްތިމާޢީ ރައްކާތެރިކަމާއި އުމްރާނީ ތަރައްޤީއާއި ތިމާވެށީގެ ގޮތުން ފުރިހަމަ ވެއްޓެއް ޤާއިމްކުރެވިފައިވާ ދުޅަހެޔޮ އާބާދީއެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގާވުމެވެ.

ސިއްޙީ ޚިދުމަތް

އަތޮޅާއި ރަށުފެންވަރުގައި ޤާއިމް ކޮށްފައިވާ ސިއްޙީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ފަރުވާއަކީ ހިތްހެޔޮކަމާއި އަޅާލުމާއެކީ ރައްޔިތުންގެ އާއްމު ސިއްޙީ ދުޅަހެޔޮކަމަށްޓަކައި ޤާއިމް ކުރެވިފައިވާ ތަންތަނަށް ވުމެވެ. އަދި މިތަންތަނަކީ ރައްޔިތުން ބަލިން ރައްކާތެރިކޮށް ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބޭނުންވާ މަޢުލާމާތާއި ހުނަރު ފޯރުކޮށްދީ ހަދާ ތަންތަނަށް ވެގެންދިއުމެވެ. މީގެއިތުރުން އެތަންތަނުގައި ޤާއިމްކޮށްފައިވާ ވަސީލަތްތަކަކީ ވެސް ދުޅަހެޔޮ ޒަމާނީ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓިގެން ދިއުމެވެ.

ތަޢުލީމު

އަތޮޅުގެ ރަށްތަކުގެ ދަރީންގެ މުސްތަޤްބަލަށްޓަކައި ދެވޭ ތަޢުލީމަކީ އިސްލާމީ ރަނގަޅު ބިންގަލެއްގެ މަތީގައި ދެވޭ އެއްޗެއްގެ ގޮތުގައި ހެދިގެންދާންޖެހެއެވެ. ޕްރީސްކޫލު ދައުރާއި މިދަޢުރުގައި އުގަންނައިދެވޭ ކީރިތި ޤްރުއާނާއި ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ހަރުދަނާކުރެވިގެން ދިއުމެވެ. ސާނަވީ ސްކޫލްތަކަކީ ފުރިހަމަ މާނައިގައި އިންޓަރނޭޝަނަލް ސްކޫލްތަކެއްގެ ގޮތުގައި ބައްޓަންކުރެވި ބަލައިގަތުމެވެ. ހުރިހާ ސްކޫލުތަކެއްގައި ޤާއިމްކުރެވި، ބޭނުންކުރެވޭ ވަސީލަތްތަކަކީ ޒަމާނީ ޓެކޮނޮލަޖީގެ ވަސީލަތަށްވެ، ކަމުގެ ތަމްރީނު ލިބިފައިވާ ޤާބިލް މުދައްރިސުންނާއެކު، ތޮށްނުޖެހޭ ކުލާސްތަކެއްގައި ކިޔަވައި ދިނުން ހަމަޖެހިފައިވާ ސްކޫލްތަކަކަށް ވުމެވެ. އަދި ސާނަވީ ތަޢުލީމް ނިންމާ ކުދީންނަށް އެކުދީންގެ ދިރިއުޅުން ރޯޝަން ކުރާނޭ މަތީތަޢުލީމު ހޯދުމުގެ ފުރުސަތުތަކެއް ލިބިފައިވުމެވެ.

އިޤްތިސާދާއި ވަޒީފާގެ ފުރުސަތު

އަތޮޅާއި ރަށުގެ އިޤްތިސާދީ ފުއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތްތަކާއި ވަޒީފާގެ ފުރުސަތުތައް ލިބިގެންދިއުމެވެ. ރައްޔިތުންގެ އާއްމު ބޭނުންތަކާއި ޙިދުމަތްތަކަށް ބޭނުންވާ ތަފާތު ކުދިވިޔަފާރީގެ ވަސީލަތްތައް ޤާއިމް ކުރުމުގެ ފުރުސަތާއި މަގުތަނަވަސް ކޮށްދެވިގެންދިއުމެވެ. އާއިލާއާއި ކައިރީގައި މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތް ކުރެވިފައިވާ މާހަޢުލެއްގައި ވަޒީފާ އަދާކުރުމުގެ ގޮތްތައް ތަނަވަސް ވެގެންދިއުމެވެ.

މުޖުތަމަޢު

ރައްޔިތުން ދިރިއުޅޭ ރަށްތަކުގެ މުޖުތަމަޢުތަކަކީ ރައްކާތެރި މުޖުތަމަޢު ތަކެއްގެ ގޮތުގައި ވެގެން ދިއުމެވެ. ލާދީނީ ކަންތައްތަކާއި ހަރަކާތްތަކާއި ބަދުއަޙުލާޤީ އަމަލުތަކާއި މަސްތުވާތަކެތީން ރައްކާތެރި މުޖުތަމަޢުއަކަށް ވުމެވެ. މުޖުތަމަޢުގެ ދެރަނިކަމެތީންނަށާއި އެކަކު އަނެކަކަށް އަޅާލާ އެއްބައިވަންތަ ރިވެތި އިސްލާމީ އަޙްލާޤެއްގެ ވެރި ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ވުމެވެ.

އުމްރާނީ ތަރައްޤީ

ރައްޔިތުން މިއަދާއި މާދަމާ ބޭނުންވާ ބޯހިޔާވަހިކަމާއި އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީއާއި ކުރިއެރުން ހޯދުމަށްޓަކައި މުސްތަޤްބަލް އޮތް ސަރަހައްދުތަކަށް ފަސޭހައިން ގޮސް ބޯހިޔާވަހިކަމުގެ ފަހިގޮތްތަކާއެކު ވަޒަންވެރިވުމުގެ ފުރުސަތު ތަނަވަސް ވުމެވެ. ބޯހިޔާވަހިކަމާއި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންވާ އާއްމު ޙިދުމަތްތައް ކަމުގައިވާ ރަށްރަށުގެ ބަނދަރާއި މަގުތަކާއި ކުޑަކުދީން ކުޅޭނޭ ޕާރކްތަކާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާއި ކުނިނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވުމެވެ.
ތިމާވެށި

އަތޮޅާއި ރަށުގެ ނާޒުކު ތިމާވެއްޓަކީ މިއަދާއި މާދަމާގެ ޖީލުތަކުގެ ތަރައްޤީއާއި ބޭނުންތަކަށް ދެމެހެއްޓެނިވި ގޮތަށް ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ ވެއްޓަކަށް ވުމެވެ. އަދި ތިމާވެށީގެ ސަބަބުން ނިކުންނަ މައްސަލަތައް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަލާމަތްކަމާއެކު ހައްލުކުރެވިގެން ދާންޖެހޭނީ އަދާއި މާދަމާގެ ރައްޔިތުންގެ މަންފާއަށެވެ.

Tuesday, March 10, 2009

ސިޔާސީ ރިފޯރމް ދެމެހެއްޓުމަށް އިޤްތިސާދީ ރިފޯރމް ކުރަންޖެހެއެވެ

ދިވެހިރާއްޖޭގެ 1190 ރަށުގެ ތެރެއިން 200 ރަށުގައި ދިރިއުޅޭ 300000 އެތަކެއް ދިވެހިރައްޔިތުންގެ ކިބައިން ފެށިގެންއަންނަ ވެރިކަމުގެ ބާރުތައްވަނީ ވަކިކުރެވިފައެވެ. ވަކިކުރެވުނު ތިންބާރުކަމުގައިވާ؛ ސަރުކާރު ހިންގުމުގެ ތަންފިޒީ ބާރާއި، އަދުލު އިންސާފުގާއިމް ކުރުމުގެ ބާރާއި، ރައްޔިތުން ތަމްސީލުކޮށް ޤާނޫނު ހެދުމުގެ ބާރުތައް އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ގޮތަށް ވަކިކުރެވިފާވެއެވެ. އަދި ހަމަ ރައްޔިތުންގެ ހައްޤާއި ސަރަފު ހިމާޔަތްކުރުމަށް ތަފާތު ގިނަގުނަ މުސްތަޤިއްލު މުއައްސިސާތަކެއް ޤާއިމް ކުރެވި، ދިވެހީންގެ އަދާއި މާދަމާއަށް ދިމިޤްރާތީ އައު މަގެއް ހިޔާރުކުރެވިއްޖެއެވެ. ސިޔާސީގޮތުން ބޮޑެތި ބަދަލްތަކެއް ޤައުމަށް ވެރިވެގެން ދިޔައީ އޮގަސްޓު 7، 2008 ގައި ތަސްދީގު ކުރި ޤާނޫނު އަސާސީންނެވެ. މިފަދައިން އައުޤާނޫނު އަސާސީގެ ދަށުން ސިޔާސީ ބޮޑެތި ބަދަލުތަކެއް މިގަރުނުގެ ދިމިގުރާތީ ހަމަތަކުން ޤައުމަށް ވެރިވަމުން ދިޔަނަމަވެސް ޤައުމުގެ އިޤްތިސާދުގެ ބިންގާ ހަރުދަނާކުރުމަށް އިޤްތިސާދީ ރިފޯރމަށް ޤަޢުމު ވަނީ އިންތިހާއަށް ބޭނުންވެ، އެދިއެދިއެވެ.

ސަބަބަކީ ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ވަރަށް މުއްސަދި ގައުމެކެވެ. ދިވެހިރާއްޖޭގެ މުއްސަދިކަންއެއީ ވަންހަނާކުރެވިދާނޭ އެއްޗެއް ނޫންކަން ޔަގީނެވެ. ފުރާންސުގެ ޙަބަރުފަތުރާ އެޖެންސީ (14 ޖެނުއަރީ 2008) ބުނާގޮތުންނަމަ ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަޑުން 4000 އެމެރިކާ ޑޮލަރު ދިވެހި ކޮށްމެ ބޮލަކަށް ނިސްބަތުން މިއަހަރު ޖެހޭނެކަމަށް ދިވެހި މަރުކަޒީ ބޭންކު އެމްއެމްއޭ ރިޕޯރޓުކުރެއެވެ. މިނިސްބަތަކީ ކޮށްމެ މީހަކަށް ނުވަތަ ބޮލަކަށް އަހަރަކު 51400 ރުފިޔާ، މަހަކަށްބަލާއިރު 4283 ރުފިޔާ އަދި ދުވާލަކަށް ބަލާއިރު 143 ރުފިޔާއެވެ.

ކަންމިހެން ހުރިކަމުގައި ވީނަމަވެސް މުއްސަދި ދިވެހިރާއްޖޭގެ، ދިވެހިރައްޔިތުންގެ ބޮޑުއާބާދީއެއް ފަގީރުހާލުގައި ދިރިއުޅުން ވޭތުކުރަންޖެހިފައިވެއެވެ. ޔޫއެންޑީޕީގެ ރިޕޯރޓުތަކުން ފެނިގެންދަނީ ދިވެހީންގެ އާބާދީގެ %40 ނުވަތަ ދެބައިކޮށްފަ އެއްބަޔާގާތްކުރާ އާބާދީއެއްގެ ރައްޔިތުން ދިރިއުޅެމުންގެންދަނީ ފަޤީރު ހާލު ދުވާލަކަށް 12.85 ރުފިޔާ ނުލިބިއެވެ. މިހާކުޑަ ލާރިކޮޅެއް ލިބިގެން މިހާބޮޑުއާބާދީއެއް ފަގީރު ހާލުގައި މުއްސަދިދިވެހިރާއްޖޭގައި އުޅެންޖެހިފައިވާކަން އެއީ ކަންބޮޑުވާންޖެހޭ ވަރަށްބޮޑު ހިތާމައެކެވެ.

ވީއިރު މުއްސަދި ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ދެމިއޮވެ، ލޮބުވެތި ރައްޔިތުންގެ ލޮބުވެތިކަމަށްޓަކައި ފަގީރުންނާއި މުއްސަދީންގެ ފަރަގު ކުޑަކުރުމަށް އިޤްތިސާދީ ގޮތުން ހެޔޮބަދަލް ތަކެއް ގެނަންޖެހެއެވެ. މިފަދއިން އެއްގޮތުން ނޫނީ އަނެއްގޮތުން ދިވެހި އިޤްތިސާދަށް ދިރުން ދިނުމަށްޓަކައި އަދި ފަޤީރުންނާއި މުއްސަދީންގެ ފަރަގު ކުޑަކުރުމަށް އެއްމެ މުހިއްމު އިޤްތިސާދީ ހެޔޮބަދަލަކަށް ވާނީ ޓެކުސް ނިޒާމެއް ތައާރަފް ކުރުމެވެ. ޓެކުސް ނިޒާމަކުން މުއްސަދީންނާއި ކުންފުނިތަކުންނާއި އިންޑަސްޓުރީތަކުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ޤާއިމްކޮށް ފަހިކުރުމަށް ސަރުކާރަށް ފައިސާ ލިބިގެން ދާނެއެވެ. އަދި އާބާދީގެ ފަޤީރު %40 މީހުންނާއި މުއްސަދީންގެ ފަރަގު ކުޑަކުރުމަށް އެފައިސާ މުއްސަދިންގެ އަތުން ނެގި ފަޤީރު ރައްޔިތުންނަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު މަތިކޮށް ތަރަށްޤީއަށް ހޭދަކުރެވިގެން ދާނެއެވެ.


މިމުހިއްމު ހެޔޮބަދަލާއެކު ދެންވިސްނަންޖެހިފަ ވަނީ ރައްޔިތެއްގެ ގޮތުގައި 200 ރަށަށް 300000 މީހުން ކުދިކުދި އާބާދީތަކަކަށް ބެހިގެން ދިރިއުޅެގެން ރައްޔިތުން ބޭނުންވާ އިޤްތިސާދީ، ފައިދާ އާއި ކުރިއެރުމާއި ހަޟޯރަތާއި ރަށްވެހިކަން ހޯދިދާނެހެއްޔެވެ. މިފަދައިން ވިސްނާލާއިރު 200 ރަށުގައި ލޮބުވެތި ރައްޔިތުންގެ ދިރިއުޅުން ވޭތުކޮށްގެން ލޮބުވެތި ރައްޔިތުންގެ ގުދުރަތީ ގޮތުން އަންނަ ސުނާމީކާރިސާއެއްގެ ސަލާމަތަށްޓަކައިވެސް ގޮތްތަކެއް އިންތިޒާމް ކުރަންޖެހެއެވެ. މިސާލަކަށް މާލެވަށައިގެން ޖަޕާނުސަރުކާރުން ލާފައި ވާފަދަ 60 މިލިޔަން ޑޮލަރުގެ ތޮށިގަނޑެއް 200 ރަށުގައި ލޮބުވެތި ރައްޔިތުންގެ ސަލާމަތަށްޓަކައި 12 ބިލިޔަން ޑޮލަރު ހޭދަކޮށްގެން ނުލެވޭހާ ހިނދެގައި ލޮބުވެތި ރައްޔިތުންނަކަށް ލޮބުވެތިއެއް ނުވެވެއެވެ. ވީމާ، ދަންނަވަން މިއުޅެނީ ރާއްޖޭގެ އަތޮޅުތައް މާލޭގެ ތަޖުރިބާގެ ކާމިޔާބީއާއި ނާކާމިޔާބުގެ އަލީގައި ރައްޔިތުންގެ ފައިދާއަށް ލާބައަށް ސަރަހައްދުތަކަކަށް އެއްފަސް ކުރަންޖެހެއެވެ.

އާބާދީ އެއްފަސް ކުރުމާއި އެކު ދިވެހި އިޤްތިސާދު ބަރޯސާކޮށްފަވާ ދާއިރާތަކުގެ އިތުރުން ތަފާތު ގިނަގުނަދާއިރާތަކަކެއްގައި އިޤްތިސާދީ މަސައްކަތްތައް ކުރެވެންޖެހެއެވެ. ކޮންޓެއިނާރ ޓުރާންސިޓު ބަނދަރު ތަކާއި ގުޅިފަޅާއި ހުޅުމާލެ ތަރައްޤީ ކުރުމުގެ މެގަޕުރޮޖެކްޓުތައް ފެށިގެން އަންނަންޖެހޭއިރު ޤަޢުމުގެ އެތެރޭގެ ކުދިވިޔަފާރިތައް އާރޯކަމާއެކު ހެދިގަންނާނެފަދަ ގޮތްތަކާއި ވަސީލަތްތައް ހޯދައިދޭންޖެހެއެވެ. މިފަދައިން ވިސްނާއިރު ދަނޑުވެރިކަމާއި އިޔާދަކުރަނިވި ހަކަތައިގެ ގޮތްތަކަށް ހޭނި، ވަޒީފާތައް އިތުރުކޮށްގެން މެނުވީ ރައްޔިތުންގެ ޖީބަށް އިތުރު ފައިސާ ވަދެގެނެއް ނުދާނެއެވެ. މީގޮތަށް ތަފާތު ދާއިރާތަކަށް ބޭނުންވާ އިންވެސްޓަރުންވެސް ހޯދަން ޖެހެއެވެ. އިންވެސްޓަރުންނަށްޓަކައި އިންވެސްޓަރުން ހިއްކިޔާ އަދި ޤަޔާވާ އިޤްތިސާދީ މާހަޢުލެއްވެސް އުފައްދަން ޖެހެއެވެ.

އިންވެސްޓަރުން ހިއްކިޔާ އަދި ގަޔާވާ މާހަޢުލެއް އުފެއްދުމަށްޓަކައި ޤާނޫނީ ރަނގަޅު އޮނިގަނޑެއް އޮތުމުގެ މުހިއްމުކަން ބޮޑުވެއެވެ. ތަފާތު ގިންތީގެ މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތް ކުރުމާއި އެކުއެކީ އިންވެސްޓަރުންގެ ހައްޤުތަކާއި ބިންކުއްޔަށްދޭ މުއްދަތާއި ގުޅުން ހުރި ތަފާތު ގިނަގުނަ ޤާނޫނުތަކަކަށްވަނީ ބޭނުންވެފައެވެ. ބޮޑެތި އިންވެސްޓުމަންޓަށް މަގުފަހިވާގޮތަށް ގިނަ ދުވަހަށް ބިންކުއްޔަށް ދެވިގެން ނޫނީ ސިންގަޕޫރާއި ދުބާއި ފަދަ ތަންތަން ހޯދި އަދި ހޯދަމުންދާ ކުރިއެރުން ނުހޯދޭނެއެވެ. ވީމާ، އެކަމަށް މަގުފަހިވާ ގޮތަށް ހުރިހާފާރާތްތަކެއްގެ ހައްޤުތައް ހިމާޔަތްވާފަދަ ޤާނޫނީ އޮނިގަނޑެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ.

ވީމާ، މިހާރުކުރަންޖެހިފާވާ އެއްމެ މުހިއްމު އެއްމަސައްކަތަކީ އިޤްތިސާދު ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ މިނަތްގަތް ބަދަލްތަކާއި އަދި އެހެނިހެންވެސް އިޤްތިސާދީ ހެޔޮބަދަލް ގެނައުމެވެ. މިކަން ކުރުމަށްޓަކައި އެކަމުގެ ހާއްސަ ފަންނީ މާހިރުންގެ ޓީމެއް އެކުލަވާލައިގެން އެބޭފުޅުންގެ އިރުޝާދާއެއްގޮތަށް ރަށާއި އަތޮޅު އަދި ރާއްޖެ ދުނިން ބޭރަށް ވިސްނައިގެން ކަންތައްތައް ރޭވިގެން ކުރިޔަށްގެންދިޔުމަށް ވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެފަދަ ފުރުސަތަކަށް ޤައުމުގެ ހާލުގެ ދުލުންދަނީ ގޮވަމުންނެވެ. ވީމާ، މިސަރުކާރުގައި ހިތްވަރެއްހުރެ، ހަޤީޤަތުގަ ލޮބުވެތި ރައްޔިތުންދެކެ ލޮބުވެތި ވާނަމަ، އެއްމެފުރަތަމަވެސް ކުރަންވީކަމަކީ ދިވެހި އިޤްތިސާދު ސަލާމަތްކޮށް ހަރުދަނާކުރުމުގެ މަސައްކަތެވެ.

Monday, March 2, 2009

ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުން ހުސްވެދާނެ ހެއްޔެވެ؟

ކޮށްމެ ގައުމެއްގައިވެސް އެގައުމެއްގެ އެއްމެ އަގުބޮޑު ރައުސްމާލަކީ އެގައުމެއްގެ ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުންނެވެ. އަދި އެރައްޔިތުންގެ ސަބަބުން ގައުމުގެ ތަރައްޤީ އާއި ކުރިއެރުމުގެ ރޭޓު ދެމެހެއްޓެނިވި ގޮތެއްގައި އަވަސްކޮށް ހަރުދަނާކުރާނޭކަމަށް ބެލެވެއެވެ. ދިވެހިރާއްޖޭގެ ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުން ތަކެއް ރާއްޖެ ދޫކޮށް ހިޖުރަކުރަމުން ދާކަމަށް ވަޒަންކޮށްލެވޭ ހެއްޔެވެ؟ ވީއިރު އެފަދަ ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ކުޅަދާނަ ދިވެހިރައްޔިތުން ދިވެހި ރާއްޖޭ ދޫކޮށް ދާންދިމާވާ ސަބަބުކަމަށް ބެލެވެނީ ކޮންކަމެއްހެއްޔެވެ؟ ކޮށްމެވެސް ކަމެއް ގޯސްކޮށް ހިނގަމުން ދާކަމަށް ވިސްނިދާނެހެއްޔެވެ؟ އެހެންކަމަށްވާނަމަ އެކަމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ ގައުމަށް އެއްމެ ބޭނުންވާ ހުނަރުވެރި ރައްޔިތުން ގައުމު ދޫކޮށް ދާކަމަށްވަނީ ނަމަ މުސްތަގުބަލުގެ މިގައުމުގެ ހާލަތަކީ ކޮބައިބާއެވެ؟

ހުނަރުވެރި އިލްމުވެރި ވިސްނުންތެރި ރައްޔިތުންތަކެއް ދިވެހިރާއްޖެ ދޫކޮށް ދާއަދަދަކީ ކަނޑައެޅިގެން ސާފުވާން އޮތް އަދަދެއްނޫނެނެވެ. ސަބަބަކީ މިދާއިރާގައި އެކަށިގެންވާފަދަ މައުލޫމާތު ލިބެއް ނެތުމުންނެވެ. ނަމަވެސް އެކި އެކި ދާއިރާތަކަށް ވިސްނުމާއި ނަޒަރު ހިންގާލާއިރު ޑޮކްޓަރުންނާއި މުދައްރިސުންނާއި ލެކްޗަރަރއިންނާއި ނަރުހުން ތަހައްމަލު ނުކުރެވޭ ތަފާތު ސަބަބަކަށްޓަކައި ރާއްޖެ ދޫކޮށް އެހެން ގައުމުތަކަށް ތަނަވަސް ދިރިއުޅުމަަކަށްޓަކައިނަމަވެސް ހިޖުރަކުރަމުން ދެއެވެ. މިއީ ފިލިޕީންސްފަދަ ގައުމުތަކުގެ އެތެކެއް ރައްޔިތުން ގައުމުން ބޭރުގައި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވަރަށް އާދައިގެ މަސައްކަތްކޮށް ގައުމުގައި ތިބި އެފަރާތްތަކުގެ އާއިލާއަށް އެތަކެއް މިލިޔަން ޑޮލަަރު ފަނުވާފަދައިން ދާދިޔުމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ރާއްޖޭން ބޭރުގެ ވަޒީފާތަކަށް މިސާލަކަށް ބޯޓުދަތުރުކުރުން ފަދަ މަސައްކަތްތަކަށް ގޮސްގެން އެތަކެއް މިލިޔަން ރުފިޔާ އެފަރާތްތަކުންވެސް އާއިލާތަކަށް ދިވެހިރާއްޖެއަށް ފޮނުވަމުން ދެއެވެ. މިގޮތާ ހިލާފަށް އިލްމުވެރި ފަންނުވެރި ކުޅަދާނަ އެތަކެއް ދިވެހިދަރީންނާއި އެދަރީންގެ އާއިލާތައް ރާއްޖެ ދޫކޮށް ހިޖުރަކުރަމުން ދާތަން ފެނެއެވެ. ދިވެހިރާއްޖޭގެ އެއްމެ މޮޅު އަދި ކުޅަދާނެ އެތަކެއް ދިވެހިދަރީން ލޮބުވެތި ދިވެހިރާއްޖެ ދޫކޮށް ދާދިޔުމަކީ ދިވެހިރާއްޖޭގެ އިގްތިސާދީ އިޖްތިމާއި އަދި ސިޔާސީ މައިދާންތަކަށް ފޫނުބެއްދޭފަދަ ގެއްލުންތަކެއް ވެގެންދާނެކަމެކެވެ. އަދި އެފަރާތްތައް ރާއްޖެއަށް ފޮނުވާ މާބޮޑު ފައިސާއެއްވެސް ނުވާނެކަމަށް ބެލެވެއެވެ. އަދި ހަމަ ކޮށްމެވެސް ދުވަހަކުން އެފަރާތްތަކުގެ ގާތްތިމާގެ ފަރާތްތައް ދެކިލުމަށް ނޫނީ ޒިޔާރަތްކުރާތަންވެސް ނުފެންނާނެއެވެ.

ގިނަފަހަރަށް މިފަރާތްތަކުގެ ހުނަރުވެރި ގާބިލްކަން ފުރިހަމަ ކޮށްދެވިފައިވަނީ ދިވެހި ދައުލަތުގެ ހަރަދުގައިކަމަށްވީނަމަވެސް އެކަމުގެ އާހިރު ފައިދާ ލިބިގެން އެދަނީ ދުނިޔޭގެ އެހެން ގައުމަކަށެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މީގެތެރޭގައި ދިވެހިރާއްޖޭގައި އުޅެގެން ނުވަތަ މަސައްކަތްކޮށްގެން އިންސާފުވެރި އަދުލުވެރި ދިރިއުޅުމަކަށް ވާސިލްނުވެވޭނޭ ކަމާއި ސިޔާސީ އިޖުތިމާއި މައްސަލަތައް އައުސަރުކާރާއެކު ދުވަހެއް ދުވަހަކަށް ބޮޑުވެ، މުއްސަދީންނާއި ފަގީރުންގެ ފަރަގު އަތްނުފޯރާވަރަށް ބޮޑުވުމާއި ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވާއިރު ލިބޭ އާމްދަނީ ކުޑަވުމުމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދައްވަމުން ދިޔުމާއި ވަކިކަހަލަ ފިކުރަކަށް ހުރިހާކަމެއް ލެނބި ނިމިގެން ދިޔުމާއި މުޅި މުޖުތަމައުގައި ފެތުރެމުންދާ ނޭއްގާނީކަމާއި ބޭއިންސާފާއި ކޮރަޕްސަނުގެ ގޮތްތަކާއި ވަޒީފާ އަދާކުރާމާހައުލުގެ އިސްވެރީންގެ އިޙްލާސްތެރިކަމެއްނެތި ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ނުދިނުމުގެ އަމަލުތަކުގެ ސަބަބުތައްއެއީ މިކަމުގެ ބައެއް ކަމުގައި ބެލިދާނެއެވެ. މިކަމުގެ މިސާލަކަށް ކުރީގެ ސަރުކާރުން އިސްތިޢުފާދިން މިނިސްޓަރުންގެ އިންޓަރވިއުއަށް ރިޔާއަތްކުރުމުންނާއި މިހާރު ޑޮކްޓަރުންނާއި ނަރުހުންނާއި އިލްމުވެރިންގެ ޝަކުވާތަކަށް ބެލުމުން ކަންހުރިގޮތް ވަރަށް މަތީފެންވަރެއްގައި ދެނެގަނެވެއެވެ. އަދި މިކަމުން މުޅިގައުމުގެ ކުރިމަގަށް ކުރާނެ އަސަރަކާމެދު ހިޔާލުކުރެވިފައިވޭ ހެއްޔެވެ؟

ދިވެހިރާއްޖެ ނޫނަސް ދުނިޔޭގެ ތަފާތު އެހެނިހެން ފަގީރު އަދި ކުރިއަރާފައިވާ ގައުމުތަކުންވެސް އެކި ފަރުދުން ތަފާތު ސަބަބުތަކަށްޓަކައި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް ހިޖުރަކުރަމުން ދެއެވެ. މިގޮތަށް ވިސްނާލާއިރު ދުނިޔޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުންތަކަށްޓަކައި ތައުލީމީ އިލްމުވެރި ފަންނުވެރިން އެންމެގިނައަދަދަކަށް ހިޖުރަކުރާ އެއްގައުމަކަށް ވެފައިވަނީ އެމެރިކާއެވެ. އޮސްޓުރޭލިޔާއިން އަހަރަކު 80000 ރައްޔިތުން ގައުމުދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރާއިރު ގިނައިން އިލްމުވެރި ފަންނުވެރިން އިގިރޭސިވިލާތަށާއި ހޮންކޮންގަށާއި ސިންގަޕޫރަށާއި އެމެރިކާއަށް ހިޖުރަކުރަމުންދާކަމަށް އެގައުމުގެ ބިޔުރޯ އޮފް ސުޓެޓިސްޓިކްސ އިން ހާމަކުރެއެވެ. ނިއުޒިލޭންޑުން ވެސް ގިނައަދަދެއްގެ އިލްމުވެރި ފަންނީ ރައްޔިތުން އެގައުމު ދޫކޮށްދާތީވެ، އަހަރަކު 10000 ތަފާތު އިލްމުވެރި ފަންނުވެރިން އެގައުމަށް ބޭނުންވާކަމަށް ބެލެވެއެވެ. އިންޑިޔާ ޗައިނާ ފަދަ ގައުމުތަކުން 50 އާއި 25 ޕަސެންޓާ ދެމެދުގެ އިލްމުވެރި ފަންނުވެރި ރައްޔިތުން އެގައުމުތައް ދޫކޮށް އެމެރިކާ، އޮސްޓުރޭލިޔާ، ނިޔުޒިލޭންޑުފަދަ ގައުމުތަކަށް ހިޖުރަކުރަމުންދެއެވެ. މި ފަދަ ގައުމުތަކުގައި ޕީއެޗްޑީއަށް ކިޔަވަމުންދާ މީހުންގެ ތިންބައިކޮށްފަ ދެބައިމީހުން އެނބުރި އަމިއްލަވަތަނަށް ނުދާކަމަށް ބެލެވެއެވެ. ވީމާ، ރާއްޖެވެސް ދުނިޔޭގެ އޮއިވަރުން އެކަހެރިވެގެން ނުދާނެއެވެ. އަދި މިހާރުގެ މަސައްކަތުގެ މާހައުލާއި މުސާރައިގެ އޮނިގަނޑުން ސިޔާސީވެރީންނަށް ބޮޑުމުސާރަދީފަ، ޑޮކްޓަރުންނާއި ނަރުހުންނާއި އިލްމުވެރީން ފަދަފަރާތްތަކަށް ހަނޑޫކޮޅެއް ގަނެވޭ ވަރަށް މުސާރަ ހަމަޖެހިގެން ދިޔުމުން އެފަރާތްތައްވެސް އެހެންގައުމުތަކަށް ހިޖުރަކުރަން ވިސްނާނެކަން ކަށަވަރެވެ. އޮސްޓުރޭލިޔާ ނިއުޒިލޭންޑަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ފުރުސަތާއި ދާއިމީ ވިސާގެ ފުރުސަތު ފަސޭހަކަމާއެކު ތަނަވަސްވެއެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ވިސްނާލާއިރު އިލްމުވެރި ފަންނުވެރީންނަކީ މަދުބައެކެވެ. އަދި އެމަދު މީސްކޮޅުންގެ ތެރެއިން ގިނައަދަދެއްގެ ރައްޔިތުން މިގައުމު ދޫކޮށް ދާންޖެހޭ ފަދަ ހާލަތަކަށް ކަންކަން ބަދަލުވަމުންއެބަދެއެވެ. އެކަމުގެ ސަބަބުން ކުރިމަތިވެދާނޭ ނުކުޅެދުންތެރިކަމަކަށް ވިސްނުމުގެ ވަގުތުމިއީއެވެ. ދިވެހިރާއްޖެ ތަރައްޤީގެ އުސްހަރުފަތްތަކަށް ގެންގޮސްދޭން ތިބި ވިސްނުންތެރި ސިކުޑިތަކާއި މަސައްކަތްތެރި މުލައްދަނޑިތަކާއި ގައުމީލޭ ހިނގާ ހިތްތައް މާޔޫސްވެގެން މިގައުމު ދޫކޮށްދާންޖެހޭ ސަބަބުފެންނަމުން ދާއިރު އަވަސް ހައްލަކަށް ބޭނުންވެއެވެ. އިލްމުވެރި ހުނަރުވެރި ފަރާތްތައް ގައުމުދޫކޮށް ދާދިޔުމަކަށް ހައްލެއްނެތޭ އެއީ ދުނިޔަވީގޮތުން ކަންހިނގާގޮތޭ، ދޮންވެލި ފިނޮޅުތަކަށް ދޫނިތައް އައިސްގޮސްވާފަދައިން، އެއްބަޔަކު ދިޔައިއްޔާ އަނެއްބަޔަކު އަންނާނެޔޭ އަދި އެފަރާތްތަކުގެ ބަދަލުގައި އިންޑިޔާ ލަންކާ ބަންގުލަދޭޝް އިން މީހުންގެންނާނިއްޔޭ ބުނެ ނިންމާލެވޭކަންވެސް ނެތެވެ. އެހެންވެއްޖެނަމަ ސަރުކާރު ހިންގާނޭ ބަޔަކުވެސް އިންޑިޔާ، ލަންކާ އަދި ބަންގުލަދޭޝް އިން ގެންނަން އެބަޖެހެއެވެ.

Thursday, February 26, 2009

ދިވެހިއިޤްތިސާދު ފާލަކަށް އެޅުވިދާނެބާ؟

ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލަތުމިވަނީ ދުނިޔެގެ އިޤްތިސާދީ ހާލަތާ އެކު އިންތިހާއަށް ދަށަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އެއްބައެއްގެ ވަޒީފާ ގެއްލޭ ހާލަތަކަށް ގޮސްފައިވެއެވެ. އަދި މިފަދަ އިގްތިސާދީ ތަދު ދުވަސްވަރެއްގައި ރައްޔިތުންގެ އާއްމު ސިއްޙީ ޙިދުމަތުގަ މަސައްކަތްކުރާ ޑޮކްޓަރުންނާއި ދައުލަތުގެ ވަކީލުންނާއި މުދައްރިސުންނާއި އެފަންތީގެ ގިނައަދަދެއްގެ މަސައްކަތްތެރީންގެ ހައްޤުތަކުގެ ޝަކުވާގެ އަޑާއެކު ރައްޔިތުންނަށްދޭ އެފަދަ ޙިދުމަތަށް ބުރުއަރަން ފަށާފަވެއެވެ. މިފަދައިން ހަލާކުވަމުންދާ ދިވެހި އިޤްތިސާދު ފާލަކަށް އަޅުވަން ކުރެވެން ހުރިހުރިހާކަމެއް ވަނީ ކުރަންޖެހިފައެވެ.

ރާއްޖޭގެ މި ކުޑަ އިޤްތިސާދަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އިޤްތިސާދެކެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކޮށްމެ ހިސާބެއްގައި އިޤްތިސާދީ ލޮޅުމެއް އުޅުނުކަމުގައިވީނަމަވެސް އެއްމެ ފަސޭހައިން އޭގެއަސަރު ރާއްޖެ ތަހައްމަލުކުރަންޖެހެއެވެ. ސަބަބަކީ އަޅުގަނޑުމެން އުފައްދާ އުފެއްދުންތައް ބޭރުކުރަނީ ބޭރުގެ ޤަޢުމުތަކަށެވެ. ބޭރުޤައުމުތަކަށް ބޭރުކުރާ ކަނޑުމަސް ގަންނަ އަގު މިވަނީ ދަށްކުރެވިފައެވެ. މަސްވެރިންނަށް ލިބޭ އާމްދަނީ ވަނީ ކުޑަވެފައެވެ. އަދި އަހަރުމެންގެ ބޭނުންތަކަށް ބޭނުންކުރާ ހުރިހާ މުދަލާއި ތަކެތި އެތެރެކުރަނީ ބޭރު ޤަޢުމުތަކުންނެވެ. އެތަކެތި އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ބޭންކުތަކުން ގަންނަ ނުލިބި ކަޅުބާޒާރުން ބޮޑުއަގުގައި ގަންނަން ވަނީ ޖެހިފައެވެ. އަދި މިދީބުގެ އުފެއްދުންތެރިކަމުގައި %30 ހިއސާކުރާ ޓުވަރިޒަމް އިންޑަސްޓުރީ ގުޅިފައިވަނީވެސް ބޭރުގެ ޤައުމުތަކާއެވެ.

މިގުޅުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަޒީފާ އުފައްދާ އެއްމެ ބޮޑު ދާއިރާ ޓުވަރިޒަމްގެ ދާއިރާއަށް ވެރިވަމުންދާ ނާމާންކަމާ ގެއްލެމުންދާ ވަޒީފާތައް ނުގެއްލި ދެމެހެއްޓޭނޭ ގޮތްތަކެއް ރާވާ ހޯދަންޖެހިފައިވެއެވެ. މިގޮތުން މިދާއިރާއާއި ސިދާ ގުޅުން ހުރި 30000 އެތަކެއް ވަޒީފާގެ އިތުރުން ނުސީދާކޮށް އަސަރުކުރާނޭ އެހެނިހެން ވިޔަފާރިއާއި މަސައްކަތުގެ ދާއިރާތައް މިސާލަކަށް ކޮންސްޓުރަކްސަން އިންޑަސްޓުރީގެ އެތަކެއް ވަޒީފާގެ ރައްކާތެރިކަމާއި މަސައްކަތްތެރީންގެ ހައްޤުތައް މިހާރުވެސްވަނީ ހިމާޔަތް ކުރަންޖެހިފައެވެ. ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ މަސައްކަތްތެރީންގެ މަސައްކަތުގެ މާހައުލުގައި ހުރި ކެޔުމާއި، ތިބުމުގައާއި ސާރވިސް ޗާރޖު ބެހުމުގައި ގިނަގުނަ މައްސަލަތަކެއް ވާތީވެ އެކަން ރަނގަޅުކުރުމަށް ރީތިރަށާއި އެހެނިހެން ރިސޯޓުތަކުގައި ހިނގާދިޔަ ހަޅުތާލުތަކުން އިބުރަތް ލިބިގަންނަންޖެހެއެވެ. އަދި މަސައްކަތްތެރީންގެ ހައްޤުތަކުގެ ޤާނޫނުން މަސައްކަތްތެރީންނަށް ލިބިދޭ ހައްޤުތައް ކަރުދާހުގައި ހުރުމުގެ ބަދަލުގައި ފުރިހަމަ މާނައިގައި މަސައްކަތްތެރީންނަށް ހޯދައިދޭންޖެހެއެވެ. މަސައްކަތްތެރީންގެ ހައްޤުތައް ހޯދާއިދިނުމަކީ ރައްޔިތުންގެ ޖީބަށް އިތުރުފައިސާ ވަދެގެން ދާނޭކަމެކެވެ.

އަނެއްކޮޅުން ޑޮކްޓަރުންނާއި ޤާނޫނީ ވަކީލުންނާއި މުދައްރިސުންނާއި ލެކްޗަރާއިންދަނީ އެބައިމީހުންގެ ހައްޤުތަކުގެ ސަކުވާގެ އަޑުން މިދީބު ގުގުމާލަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބިދެވޭ ތަފާތު ހިދުމަތްތަކަކަށް ބުރުއަރަމުންދެއެވެ. ކޮށްމެ ގޮތަކަށް ބެލިޔަސް މަސައްކަތްތެރީންގެ ހައްޤުތައް ކަރުދާހުގައި ހިމާޔަތްކޮށް ދެވުމަކުން ނުފުދެއެވެ. އެފަރާތްތަކަށް އެހައްޤުތައް ފުރިހަމަ މާނައިގާ ހޯދައިދޭންޖެހެނީ ރައްޔިތުންގެ ހައްޤުގައެވެ. މަސައްކަތްތެރި އާއިލާގެ ހައްޤުގައެވެ. އެފަރާތްތަކުގެ ޝަކުވާއަކީވެސް އަތާއަނގަޔާ ދިމާނުވުމެވެ. ދުވަހެއް ދުވަހަކަށް އަގު ބޮޑުވަމުންދާ ގެދޮރުގެ ކުއްޔާއި ތަކެތީގެ އަގު އެފަރާތްތަކުގެ އަތްފޯރާފަށަށް އަންނާނީ އެފަރާތްތަކުގެ މުސާރައަށް ކުރިއެރުން ލިބިގެންނެވެ. މިފަދައިން ރައްޔިތުންގެ ޖީބަށް އިތުރު ފައިސާވަދެގެންނޫނީ ހައްލެއް ނެތްކަމަށް ދެކެވެއެވެ.

އަނެއްކޮޅުން ސަރުކާރާއި ރައްޔިތުންވެސް އަމަލީ ގޮތުން ހަރަދުކުޑަކުރަން ޖެހިފާވެއެވެ. ހަމައެކަނި ރައްޔިތުންކައިރީގަ އިޤްތިސާދީ ތަދުދުވަސްވަރުކަމަށް ވާތީ ކަމަރު ބަންނަބުނެފަ، އަނެއްދުވަހު ރައީސުލް ޖުމްހޫރިއްޔާ މިޤައުމުގެ އިޤްތިސާދީ ބިންގާ ރަނގަޅޭ ކިޔާފަ 25 މީހުންގެ ވަފުދަކާއެކު ބިޒުނަސް ކުލާހުން ރޯމަށާއި ލަންޑަނަށް ދަތުރުކުރުމަކުން ހަރަދެއް ކުޑައެއް ނުވާނެއެވެ. ހަމައެކަނި މިދަތުރުގެ ދެކޮޅު ޓީކެޓަށްވެސް ރޯމަށް 25 މީހުންނަށް 963750 ރުފިޔާ އަރާނެއެވެ. އަދި ފަސްތަރީގެ ހޮޓަލުގައި ތިބުމާއި ކެއުމާއި އެހެނިހެން ހަރަދުތައް އަދި ކޮބައިހެއްޔެވެ. މިފަދަ އިޤްތިސާދީ ތަދު ދުވަސްވަރެއްގައި މިފަދަ ބޮޑު އަދަދެއްގެ ޓީމަކާ ނުލާވެސް އެމްއޯޔޫ ތަކެއްގަ ސޮއިކުރުމާއި ރާއްޖެއާއި ބެހޭ ކޮންފަރެންސެއް ބޭއްވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މީގެ އިތުރުން ހަރަދު ކުޑަކުރަން މަޖުބޫރީ ހާލަތަކަށް އިޤްތިސާދީ ކަންކަން ހުރިގޮތުން ދިޔަކަމުގައި ވީނަމަވެސް އެކަމެއް އައު ސަރުކާރަކުން ހަރަދު ކުޑަކޮށް ސަރުކާރު ކުޑަކުރުމަށްޓަކައެއް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔައީ ތަފާތު ނަންނަމުގައި އުފެދިގެން އެމްޑީޕީގެ ފަރާތްތަކަށް ދެވިގެން އައި މަގާމުތަކުންނެވެ. ރަށްރަށުގައި ވަރުންވަރުން ކަތީބުން ތިބިއިރު ކައުންސިލަރުން އައްޔަނު ކުރެވުނެވެ. ހިޔުމަން ރައިޓްސް ކޮމިސަނެއް ހުރިއިރު އެމްބެސެޑަރެއްލެވުނެވެ. ނައިބު ރައީސަކު ހުއްޓާ ސްޕެސަލް އެންވޯއީ ޓުދަ ޕުރެސިޑެންޓެއް ލެވުނެވެ. ތަފާތު ގިނަ އަދަދަކަށް މިނިސްޓަރުންގެ ނާއިބުންނާއި ސްޓޭޓެ މިނިސްޓަރުން 20000- 30000 ރުފިޔާއިން މަތީގެ ބޮޑުމުސާރައާއި އިނާޔަތާ އެކު ހަމަޖެހިގެން ދިޔައެވެ.

އިޤްތިސާދީ ތަދުކަން ދުނިޔެއަށް ވެރިވާން ފެށީކީ އިއްޔެއަކު މިއަދަކު ނޫނެވެ. ރާއްޖޭގައި ބޭއްވިގެން ދިޔަ ޑިމޮކުރެޓިކު ރިޔާސީ އިންތިޙާބުގެ ދުވަސްވަރު، 19 ސެޕްޓެމްބަރ 2008 ން ފެށިގެން ދުނިޔެއަށް އިޤްތިސާދީ މައްސަލަތަކެއް ކުރިމަތިވަމުން އަންނަކަމުގެ ރަނގަބީލު އެމެރިކާގައި އަޅަންވަނީ ފަށާފައެވެ. އަދި އެޤައުމުގެ އިޤްތިސާދީ ދުވެލި ލަސްވެ ކުންފުނިތަކާއި ބޭންކުތަކާއި ވިޔަފާރިތައް ބަގުރޫޓުވަމުން އަންނަތަން މުޅިދުނިޔެއަށް ފެންނަން ފެށިއެވެ. އެކަމުގެ އަސަރު ޔޫރަޕާއި އޭޝިޔާއަށް އިޤްތިސާދީ ސުނާމީއެއްގެ ސިފައިގައި އަންނަކަމުގެ ބިރުވެރި ޙަބަރު ޙަބަރުފަތުރާ ވަސީލަތްތަކުން ދެމުން އަންނަތާ ގިނަދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުރުވިސްނޭ ލީޑަރުންނަށް އެކަން ލޮލުކޮޅަށް ފެނުނީ އަދި ކިރިޔާ އޭގެ 5 މަސް ފަހުންނެވެ. ނުވަތަ ކުރިމަތީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގެ ސަބަބުން ޤައުމުގެ އިޤްތިސާދީ ހާލަތާމެދު ފިކުރުކޮށް ވާހަކަ ދައްކަން ބޭނުންވުމަށްވުރެ، ނުކެރެނީއެވެ. އިޤްތިސާދުގައި ހުރި މައްސަލަތަކާއި އެކުވެސް ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅުވާލުންފަދަ ރިޔާސީ އިންތިޙާބުގައި މިފަދައިންވީ 5 ވައުދު ފުއްދުމުގައި ނުކުޅެދިފަވާ ވާހަކަ ދައްކަން ނުކެރި އިތުރު ވަޢުދު ވަމުން ދަނީއެވެ.
އިޤްތިސާދީ ހާލަތު މިހާލަތުގައި ވާއިރު އަހަރުމެން ވިސްނަން ޖެހިފައިވަނީ ހަރަދު ކުޑަކުރުމަށެވެ. ރާއްޖޭގެ އިޤްތިސާދީ ހާލަތުގެ ބޮޑުކަމާއި އިޤްތިސާދުގެ ކުޑަކަމުން އެމެރިކާގައި ބޭނުން ކުރާފަދަ އުކުޅުތައް ރާއްޖޭގައި ބޭނުން ނުކުރެވޭނެއެވެ. އަދި އެމެރިކާފަދައިން އެއްފަހަރު 700 ބިލިޔަން އަނެއްފަހަރު 800 ބިލިޔަނުން އިޤްތިސާދު ސަލާމަތްކޮށް ދުޅަހެޔޮކުރަން ނެރޭނޭ ފައިސާއެއް މިޤައުމަކު ނުވެއެވެ. އަދި ވަސީލަތެއްވެސް ނުމެވޭމެއެވެ. ވީމާ، މިވަގުތަށް އަގަފުރާލާފައި ކިތައްމެ ވާއުދެއްވެ، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްޓަކައި ނުފޯރާފޮތިން ފޫގަޅަން އުޅުމުގެ މާނައެއް ނެތެވެ. ހަޤީގަތަކީ ދިވެހި އިޤްތިސާދު ފާލަކަށް އެޅުވުމަށް އިޤްތިސާދު ރިފޯރމް ކުރަންޖެހުމުގެ އިތުރުން ހަރަދު ކުޑަކުރަން ޖެހެއެވެ. މިފަދަ ތަދު ދުވަސް ވަރެއްގައި ކުރެވޭނޭ ކަންތަކާއި ނުކުރެވޭނޭ ޕޮރެޖެކްޓުތަށް ކިތައްމެ ނުރުހުނަސް އަދި އަގައިގާ ހިތިރަހަލީކަމުގައި ވީނަމަވެސް ރައްޔިތުންނަށް އޮޅުވާލުމަކާ ނުލާ ބުނެދިނުމުގެ ހިތްވަރު ތަސައްރަފު ފުދިގެން ތިބި ސިޔާސީ ވެރިންގެ ކިބައިގާ ހުންނަންވެސް ޖެހޭނެއެވެ.

Tuesday, February 24, 2009

ރައްޔިތުންގެ މަޖިލިސް ޤާނޫނީ ހައިސިއްޔަތެއް ނެތް: ދެންވާނީ ކިހިނެތް؟

ދިވެހިރާއްޖޭގެ ރައްޔިތުން 2004 ވަނަ އަހަރު އިންތިޙާބުކުޅަ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ އުމުރު ހަމަވެ، އަދި ޤާނޫނީ ހައިސިއްޔަތު ގެއްލިގެންދާން މިވަނީ ކުޑަދުވަސް ކޮޅަކަށް ވެފައެވެ. މިހެން ވެއްޖެނަމަ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ ބާރުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ ބާރުގެ ގޮތުގައި ބެލެވޭ ޤާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލިސް މާރޗް 1، 2009 ން ފެށިގެން އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ލިބިގެނެން ނޯންނާނެއެވެ. އެހެން ވެއްޖެނަމަ ދިވެހިރާއްޖޭގެ ރައްޔިތުން ކިބައިން ފެށިގެން އަންނަ ވެރިކަމުގެ 3 ބާރުގެ ތެރެއިން 1 ބާރު، އާދެ! ރައްޔިތުން ތަމްސީލު ކުރާނޭ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނު ހެދުމުގެ ބާރެއް ނޯންނާނެއެވެ. އަދި މާރޗް 1، 2009 ވާ އާދިއްތަ ދުވަހުން ފެށިގެން އެވިދާޅުވާ ޤާނޫނީ ހުސްކަން ރާއްޖެއަށް ވެރިވެގަންނާނެއެވެ.

މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ އުމުރު ހަމަވުމާއި އަދި ޤާނޫނީ ހައިސިއްޔަތު ގެއްލިގެން މިދަނީ އަލަށް ހަދައިގެން އޮގަސްޓު 7، 2008 ގައި ތަސްދީގުކޮށް އަމަލުކުރަން ފެށި ޤާނޫނު އަސާސީގެ 296 ވަނަ މާއްދާގައި ކަނޑައަޅާފައި މިވަނީ އަލަށް މި ހެދުނު ޤާނޫނު އަސާސީން އެކުލަވާލަންޖެހޭ ރައްޔިތުންގެ މަޖިލިސް ފެބުރުއަރީ 15، 2009 ގެ ކުރިން އިންތިޙާބުކޮށް، އައު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާރޗް 1، 2009 ގެ ކުރިން ބާއްވަން ޖެހޭނޭ ކަމަށެވެ. މިފަދައިން ވަރަށް ސޮރީހަ އިބާރާތުން މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ދައުރު ވަކި ގޮތަކަށް އެވަނީ ކަނޑަ އަޅާ ނިމިފައެވެ.

ނަތީޖާއެއްގެ ގޮތުން މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ދަޢުރު ވަކިގޮތަކަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައި އޮތުމާއެކުވެސް ދިވެހިރާއްޖޭގެ ސްޕުރީމް ކޯޓުގެ ނަމްބަރ 2/ސީސީއެސް/2009 ގެ ޤަޒިއްޔާއިން ޖަނަވަރީ 13، 2009 ގައި އެކޯޓުގެ ފަޑިޔާރުންގެ އިއްތިފާގުން ނިންމަވާ ކަނޑައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާއި ޖަލްސާ ޤާނޫނު އަސާސީގައި ބުނާ ތާރީޙްތަކަށް ބާއްވަން ކުރަންޖެހޭ އެއްމެހާ ކަންތައްތައް ކުރުން މަޖިލީހަށް ލާޒިމުކަމަށެވެ. ސަބަބަކީ ޤާނޫނީ ހުސްކަމަކުން ޤައުމު ސަލާމަތްކުރުމެވެ.

އަދި ތާރީޙަށް އަމަލު ނުކުރެވޭނޭ ހަމައެކަނި އުޒުރަކީ ސްޕުރީމް ކޯޓުން ބުނެފާވާގޮތުން ގުދުރަތީ ގޮތުން ނުވަތަ ހަނގުރާމައެއްގެ ސަބަބުން އިހްތިޔާރުން ބޭރު ކަންތައްތަކެއް މެދުވެރި ވުމެވެ. މިފަދއިން ދައުލަތުގެ ހުރިހާ މުއަށްސިސާއަކުންވެސް ޤާނޫނު އަސާސީއަށް ތަބާވެ، އޭގައި ކަނޑައަޅުއްވާފައިވާ ތާރީޙްތަކަށް ކަންތައްތައް ކޮށް ނިންމަން ޖެހޭނޭ ކަމަށް ސްޕުރީމް ކޯޓުން ނިޔާއިއްވަވާފާ ވާއިރުވެސް އެނިޔާއަށް އަމަލު ނުކުރެވި ރައްޔިތުންގެ މަޖިލިސް ނެތުމުގެ ޤާނޫނީ ހުސްކަން މާރޗް 1، 2009 ގެ ފަހުން މިވަނީ އަންނާނެ ކަމަށް ޔަޤީންވެފައެވެ.

މިހާލަތުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ 3 ބާރުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ އަދި ޤާނޫނު ހަދާ ރައްޔިތުންގެ މަޖިލިސް ނެތި ގޮސްފިނަމަ ދެންވާނީ ކހިނެއް ހެއްޔެވެ. އެހެން ވިކަމުގައި ވީނަމަވެސް ދިވެހީންގެ އާއްމު ދިރިއުޅުން ކުރިޔަށް ދާނެއެވެ. އަދި ދިވެހިރައްޔިތުންގެ ފުށުން ފެށިގެން އައިސްފައިވާ އަދި ރައްޔިތުން ގާއިމްކޮށްފައިވާ ތަންފީޒީ ބާރުކަމުގައިވާ ދިވެހި ސަރުކާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުވެސް ދެމި އޮންނާނެއެވެ. ނަމަވެސް އެހާލަތުގައި ރައްޔިތުން ތަމްސީލު ކުރާނޭ ރައްޔިތުންގެ މަޖިލީސް ނުވަތަ ޤާނޫނު ހަދާ ބާރު ނޯންނާނެއެވެ. އަދި ޤާނޫނީ ހުސްކަން ވެރިވެ، ސަރުކާރު ހިންގުމަށާއި ރައްޔިތުންގެ ލާބައަށް މަންފާއަށް އަދި ކުރިއެރުމަށް ހަދަން ޖެހޭ ޤާނޫނުތައް ހެދިގެން އައުމަށް ދުވަސްކޮޅަކަށް، އައު ރައްޔިތުންގެ މަޖިލީހެއް ޤާނޫނު އަސާސީއާއި އެއްގޮތަށް އިންތިޙާބުކުރެވެންދެން މެދުކެނޑިގެން ދާނެއެވެ. އަދި މިހާރު ބޮޑަށް ބެލެވެނީ ޤައުމަށް ވެރިވާނެ ޤާނޫނީ ހުސްކަމުގެ އަނދިރީގެ ތެރެއަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިފަދައިން އެބޭފުޅުން ފެތުރިގަންނާނެކަމަށެވެ.