Sunday, August 18, 2024

ކުޑަކުޑަ އޮށެއްގެ ސިއްރުން

 ކުޑަކުޑަ އޮށެއްގެ ސިއްރުން ބިންގަނޑު ތެރޭން ފަޅައިގެން ނިކުމެ، ހެދިބޮޑުވެ، އެތަކެއްބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަމާއި ނަފާ ފޯރުކޮށް ދިނުމުގައި ޖެހޭހާ ވަޔަކާއި ދޭހާ އަތްވަކާއި ގަދަހޫނާއި ވެހޭހާ ވާރެއެއްގައި އައްޑަނައެއްހެން ރެޔާއި ދުވާލު ދެގޮތެއްނުވެ، ތިޔަގަސްތައް ހުންނަ ހުރުމަކީ ޝުކުރުން ފުރިގެންވާ ހުރުމެކެވެ.


ތިޔަގަސްތަކުން ދޮންވެގެން ވެއްޓިފައިވާ ފަތްތައް ހިކި އަނަރޫފަވެގެން ވެތްޔާ މޮޑެވި ނެތިފަނާވެގެން ބިންގަނޑުތެރެއަށް މަސްހުނިވެގެން އެދާ ދިޔުމުން ތިޔަގަސްތައް އަހުރުމެން އިންސާނުންނަށް ރެޔާއި ދުވާލު ބުނެދެމުން، ސިފަކޮށްދެމުން ހަނދާން ކޮށް ދެމުން ތިޔަގެންދަނީ ދުނިޔަވީ ހަޔާތުގެ ވަރަށް ބޮޑު ހަޤީގަތެކެވެ. 


ތިޔަގަސްތައް ފަދައިން އަހަރުމެން އިންސާނުން ހައްދަވާފައިވަނީ ބިމުންނެވެ. ބިމުގެ ތަގައްޔަރުވެފައިވާ  ކަޅު އޮލަކިސަޑުން އުފެދިގެން އައި މަށިންނެވެ. އަހުރަމެން، މަހުލޫގުން، ތިޔަގަސްތަކުގެ ފަތްތައް ފަދައިން މިދުނިޔޭގައި އަހަރުމެންގެ ދަންފަޅި ހަމަވުމުން ޖިސްމުތައް ނެތިފަނާވެ، ވެއްޔާ މޮޑެވި އެކުވެގެން ދާނީ ހަމަ މިބިމުގެ ފަސްގަނޑުތެރެއަށެވެ. އަދި ނެރުއްވާހުށީވެސް މިބިމުންނެވެ. 


ހަނދާންއާކޮށްދެމުން، ދެގޮތެއްނުވެ، ވަމުންދާ ގުރުބާނީއަށް ޝުކުރިއްޔާ! 

Tuesday, August 6, 2024

ޒުވާން ނަފުސަށް ނަސޭހަތެއް!

 އިންސާނާގެ ހަޔާތުގައި ވޭތުކުރަނީ ޅަފަތުގެ ދުވަސްވަރާއި، ޒުވާން ދުވަސްވަރާއި މެެދުއުމުރާއި މުސްކުޅި އުމުރު ފުރައެވެ. މިއިން ކޮށްމެ ބައެއްވެސް އަނެއްބަޔާ ތަފާތުތަކެއް ވެއެވެ. މިފުރުސަތުގައި މިބަލައިލަނީ އުމުރުގެ ފަހުބަޔަށެވެ. 


އެވުރެޖުގޮތެއްގައި ރާއްޖޭގައި މީހެއްގެ އުމުރު ކަމުގައި މިހާރު ބެލެވެނީ 75 އަހަރުކަމަށެވެ. މެދު އުމުރަށް ނިސްބަތްކޮށް އުމުރު ދެބައިވީކަމަށް ބުނެއުޅެއެވެ. އުމުރު ދެބައިވެ، ދުވަސްވެފައި ހުންނަ މީހުން ބައެއް ފަރާތްތަކުގެ ނަޒަރުގައި އެހެން މާހައުލަކަށް ނުވަތަ އެހެން ގޮތަކަށް ހޭނުމަށް އުނދަގޫ ވާނެއެވެ. އަދި ކަންކަން ކުރަން ނުފަރިތަވުމާއި އާކަންތައްތައް ދަސްކުރަން ދަތިވާނެއެވެ. 


މިނަޒަރިއްޔާތު ތަކަކީ އަދުގެ މަސައްކަތުގެ މާހައުލުގައި ވަރަށް ގާތުން އިވޭ އަޑުތަކެވެ. ނަމަވެސް ބައެއް ދުނިޔަވީ ދިރާސާތަކުން ފެންނަނީ އުމުރުދެބައިވެފައިވާ ފަރާތްތަކުން ވިސްނުންތެރި ކަމާއެކު އަލަށް ފަށާ ކަންކަން ކާމިޔާބު ކުރެވޭ ފަރާތްތަކެއް ކަމުގައެވެ. އަދި ގުޅިގެން މަސައްކަތް ކުރެއެވެ. އަދި ޒުވާނުންނާއި ހިލާފަށް ވަކިއެއްޗެއް ސާބިތުކޮށްދޭން ބޭނުން ނުވުމަކީ ގުޅިގެން މަސައްކަތް ކުރުމަށް ރަނގަޅު ސިފައެއްކަމުގައި ބެލެވެއެވެ. 


އަދި ރަނގަޅު ސިފަތަކާއި އާދަތައް މުޅިން އަލަށް ދަސްކޮށްގެން އިންސާނެއްގެ ކިބައިގައި އެސިފަތައް ދާއިމަށް އަށަގަތުމަށް ނަގަނީ 66 ދުވަސް ކަމުގައި ޔުނިވާރސިޓީ ކޮލެޖު އޮފް ލަންޑަންގެ ދިރާސާތަކުން ދައްކައެވެ. މި ދިރާސާ ވަކި އުމުރުފުރަޔަކަށް ނިސްބަތް ކޮށްފައެއް ނުވެއެވެ. 


ދުވަސްވީ އުމުރުފުރައިގެ މީހުންނަކީ އެމީހުންގެ ހަޔާތުގައި ޒުވާންދުވަސްވަރު ކަޑަތު ކޮށްފައިވާ ބައެކެެވެ. އަދުގެ ޒުވާނުންނަކީ ދުނިޔަވީ ހަޔާތުގައި ދުވަސްވީ މީހަކަށް ވާނޭ މީހެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ނޫކަށީގެ ޒުވާންކަމުގެ ހިތްވަރު އުމުރުން 30 އަހަރަށްފަހު ކޮށްމެ މީހެއްގެވެސް ދައްވަމުންދާކަމަށް ބެލެވެއެވެ. 


އިލްމާއި ހިލުމު ލިބިގަތުމުގައި ދުވަސް ވުމަކީ ތަކުލީފަކަށް ނުވެއެވެ. ބޭނުންވުމާއި ބަލާހޯދުމުގެ ސިފަ ހުރެއްޖެ ނަމަ އައު ހުނަރާއި ގޮތްތަކާއި އުކުޅުތައް ދަސްކުރުމަކީ އުމުރު ދެބައިވެ ދުވަސް ވިޔަސް ކުރެވިދާނެ ކަމެކެވެ. އައު ކަންތައްތައް ދަސް ކުރުމަކަށް ވަކިއުމުރުފުރައެއް ނެތެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމާއި ހުނަރު ލިބިގަންނަން ވީއެވެ! 


Thursday, July 18, 2024

18 ފެބުރުއަރީ 2022

 ދުވަހަކީ  ހުކުރު  ދުވަހެވެ.  އަހުރެން  ހުރީ  އުފަން  ރަށުގަ  އަަޅަމުން ދިޔަ  އަހަރެންގެ ގޭގެ  މަސައްކަތް  ކުރިޔަށްދާ  ގޮތް  ބަލައިލުމަށް  ދެދުވަހުގެ  ދަތުރެއްގައި ވެލިދުއަށް  ގޮހެވެ.  އަދި  އެދުވަހުގެ  ހުކުރުނަމާދަށް  ފަހު  ރަށާ  ޖެހިގެން  އޮތް  އަވަށްޓެރި  ފޮއްދުއަށް  ދިޔުމަށް  ވަނީ ދަތުރެއް  ރާވާފައެވެ. 


ދުވަހުގެ  ހުތުބާ  ބިނާކޮށްފައިވަނީ  ދަތުރުފަތުރުކޮށް  ބަލާ  ހޯދުމާއި  ތަހުލީލްކޮށް  ދިރާސާ  ކުރުމަށެވެ.  ވީމާ،  ފޮއްދުއަށް ރާވާފަ  އޮތް  ދަތުރަކީ  އެފަދަ  ދަތުރެކެވެ.  ދަތުރުގެ  ބައިވެރިންގެ  ގޮތުގައި  އިތުރު  ތިން  ބޭފުޅަކު  ހިމެނުނެވެ.  އޭގެތެރޭގައި  ދުވަހުގެ  އިމާމު  އަޅުގަނޑާ  ދެބެންގެ  ދެދަރި  ބޮޑުބޭބެވެސް  ހިމެނުނެވެ. 


މެންދުރުގެ  ކެޔުމަށްފަހު  މިނަލަ  ރީތި  ދުވަހު  އަޅުގަނޑުމެން  ވެލިދޫން  ފުރައިގެން ފޮއްދުއަށް  ދިޔުމަށް  ލޯންޗުގައި  ހޭދަވި  ކުޑަ ވަގުތަކީ  ވަށައިގެންވާ މާސިންގާ  ކަނޑާއި،  ފެންނަންހުރި  ރަށްތަކައި  އަލިގަދަ ސާފު  އުޑުން  އިހްސާސްވެގެން ދިޔައީ ރައްކާތެރި  ހިތްހަމަޖެހޭ ދަތުރެއްގެ  އިހުސާސެވެ. 


މިކުރު  ރާސްތާ  ކަޑަތުކޮށް  ފޮއްދޫގެ  ހިތްގައިމު  ފާލަމަށް  ކައިރިވެ،  ފޮއްދޫގެ  ފާލަމަށް  ފޭބުމުން  ކުރިޔާއަޅާ  ބަލާއިރު ފޮއްދުއަަށް  އައިސްފަވާ  ކުރިއެރުން  ވަޒަން  ކުރެވުނެވެ.  ރައްޔިތުންނަށް  ލިބޭނެ  މަންފާ  އަދި  ފަސޭހަ  ދެނެގަނެވުނެވެ. 


ރަށުތެރޭގައި  ހިނގާލުމުން  މިކުޑަ  މުޖުތަމަޢުއަށް  އައިސްފައިވާ  ކުރިއެރުން  އިތުރަށް  ދެނެގަނެވި  ކަށަވަރުވިއެވެ.  މި ރަށަށް  ޗުއްޓީ  ހޭދަކޮށްލަން  އަންނަ  ފަތުރުވެރިންނަށް  ހާއްސަ  ގެތަކެވެ.  ރަށުގެ  އަހުލުވެރިންގެ  ގެތަކުގެ  ތަރައްޤީއެވެ.  ރަށުން  ލިބުނު  ކުންނާރާއި  ރުކުރަލުގެ  ރަހަތަކަކީ  ކުޑައިރުގެ  ހަނދާންތައް  އާވެގެން  ދިޔަކަމެކެވެ. 


މިހަނދާންތަކާއެކު  ބައެއް  ޒަމާންވީ  އާއިލީ  ރަހުމަތްރިންނާ އަދި  ދެކިފަރިތަ  ރަށްޓެހިންނާއި  ބައްދަލުވިއެވެ.  އެފަރާތްތަކާ  ބައްދަލުވެ، ވާހަކަދެކެވި  ބެހެއްޓި  ގާތްކަމެވެ.  ލިބުނު މެހެމާންދާރީއެވެ.  އަވަށްޓެރި  ރަހުމަތްތެރި  އޯގާތެރި  ގުޅުމުގެ  މުހިންމުކަމެވެ. 


މިދަތުރުން  ލިބުނު  ފިލާވަޅުތަކަށް  އަދި  ﷲ  ގެ  ބަސްފުޅަށް ވިސްނަމުން  ދަތުރު  ނިންމާލީ  އެވެ.  


‎ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ. (46)


Al-Hajj, Ayah 46

Wednesday, July 17, 2024

މަންމަ

 އެހަށިގަނޑުގަ ގަރުބަގަތީއްސުރެ ނުވަ މަހާއި ނުވަ ދުވަހު ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި ތުރާލާ ވޭނުގަ އުފުލިއެވެ. 


އާރެއްބާރެއްނެތް ތުއްތު ކުޑަކުއްޖެއްގެ ގޮތުގާ ވީދުވަހު ރެއެއް ދުވާލެއް، ނިންޖެއް، އަރާމެއް  ނެތި ކޮށްމެ ދުވަހަކު ކޮށްމެ ވަގުތަކު ޚިދުމަތުގައި ހުއްޓެވެ. 


އުނގުގައި ބައިންދައިގެން ކިޔަވައިދީ  ހެވާ ރަނގަޅުބުނެދީ ތަރުބިއްޔަތު ކުރިއެވެ. މުނާޖާއާއި އެކު ތެދުވެއެވެ. ވަގުތަށް ނަމާދަށް ރައްކާތެރިވެ، އެކަމަށް ނަސޭހަތްތެރިވިއެވެ. 


ފުޅިބައްތިތައް ސާފުކޮށް ތައްޔާރުކޮށް ރޭގަނޑު ގޭތެރެ ދިއްލައިލައެވެ. މުޅިގޭތެރެ އާއި މަގުމަތި ކޮށްމެދުވަހަކު ކުނިކަހާ ފޮޅާސާފުކުރެއެވެ. ރަށުތެރެއާއި އިޖުތިމާއީ އެހެނިހެން ތަންތައް ކުނިކަހާ ސާފުކުރުމުގައި ބައިވެރިވިއެވެ. އަވިދޭ ދުވަހެއް، ނުދޭ ދުވަހެއް ތަފާތެއް ނުކުރެއެވެ. 


ފެންބަނޑިޔާ ކިހީލީގަ ނުވަތަ ބޮލުގަ ބަހައްޓައިގެން އުފުލިއެވެ. ވަނާއި ދައިން ހަވާދާއި އެހެނިހެން ކާތަކެތި ތަޅާ ފުނޑިއެވެ. ކައްކާނެ ދަރު ހޯދައިގެން، ދަރުތައް އަންދަމުން ދުންތަކުގެތެރޭގަ، ދިލަ ހޫނުގަ، ނާސްތާ ކޮށްމެ ދުވަހަކު ކޮށްމެ ވަގުތަކަށް ތައްޔާރުކުރިއެވެ. މުޅިއާއިލާ ނާސްތާ ކުރާއިރު ސުފުރާމަތި ބަލަހައްޓާފަ އެއްމެ ފަހުން ކާމީހަކީ ތިބާއެވެ. 


މީރުކާނާއެއްވިއްޔާ އަވަށްޓެރިންނާއި ހިއްސާކުރިއެވެ. އާއިލީ އަވަށްޓެރި ގާތް ގުޅުމަކީ މުހިއްމު އެއްޗެއް ކަން ތިބާގެ އަމަލާ ބަހުން ދެއްކިއެވެ. 


އަތުން އެއްޗެހި ދޮވެ، ނާށި އަންދައިގެން އިސްތިރި ކޮށްދީ ބޭނުން ކޮށްމެ ވަގުތަކު މަދަރުސާ އަށާއި އެހެނިހެން ކަންކަމަށް ތައްޔާރު ކޮށްދިނެވެ.


ތިބާއަކީ ނަމޫނާ އަންހެނެކެވެ. އަދި މަޔެކެވެ. މަންމާއެވެ! ތިބާގެ ކުޅަދާނަކަމާއި ގުރުބާނީ އާއި އަޅާލުމާއި ކުލުނާއި ލޯބި ވަޒަން ކުރަން އަހުރެން ނުކުޅެދެއެވެ. މާތް الله މަންމައަށް ސުވަރުގޭގެ ދާއިމީ ހެޔޮރަހްމަތް ލައްވާށި! އާމީން


Tuesday, July 2, 2024

ބަނގުރޫޓުވުން

މިފަދަ ހާލަތަކަށް ވެއްޓޭހިސާބަށް ކަންތައްދަނީ އެއްދުވަހަކުން ދެދުވަހަކުން ނޫނެވެ. ފާއިތުވި އެތަކެއް ދުވަހަކާއި މަސްތަކާއި އަހަރުތަކުގައި ކަންކަން ރާވާ ހިންގަން ތިބިފަރާތްތަކުން ނިންމި ނުކިއްސަރު އެތަކެއް ނިންމުންތަކާއި އެޅި ކަސިޔާރު އެތަކެއް ފިޔަވަޅުތަކުންނެވެ. ހާލަތު އަދު މިވަނީ ބަނގުރޫޓުވެދާނެފަދަ ހާލަތަކަށް ބަދަލުވެފައެވެ. 


މިހާލަތުން އަރައިގަތުމަށް އަވަސް ނިންމުންތަކާއި ފިޔަވަޅުތަކެއް އަޅަމުން ގެންދަން ޖެހެއެވެ. މިހާލަތުގެ ތެރޭ ކަސްތޮޅުއެޅިގެން ތިބެވޭކަށް ވަގުތެއް ނެތެވެ. އެއްވާނަކަށް އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށް، އަރައިރުންވެ ޒުވާބުކޮށްގެން މިހާލަތުން އަރައިގަތުމަށް ދަތިވާނެއެވެެ. 


މިހާލަތުން އަރައިގަތުމަށްޓަކައި އިގްތިސާދީ ޖިހާދެއް ކުރަން ޖެހެއެވެ. މިޖިހާދުގައި މޫނަށް ކަނދުރާޔަކަށް ނުބަލާ ދެވަނަ ދައުރަކަށް ނުވިސްނާ ހަރުދަނާ ނިންމުންތަކާއި ފިޔަވަޅުތައް ވަގުތުން ވަގުތައް އަޅަންޖެހެއެވެ! 


ފަހަރުގައި އަޅާފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން އިތުރަށް ގޯސްވެސް ވެދާނެއެވެ. ނަމަވެސް ކެއްތެރިކަމާއެކު މަސްވަރާކޮށް އުއްމީދާއެކު، އިގްތިސާދީ މިއަނދަވަޅުން އަރައިގަތުމަށްޓަކައި އަވަސް ހައްލުތަކެއް ގެނައުމަށް މުޅިގައުމުގެ ވެރިން އެކީއެކައްޗެއް ކިޔައިގެން މަރުފަލިޖަހަންޖެހެއެވެ. 


ވަރުގަދަ ބިޔަބޮޑެތި އިގްތިސާދުތައްވެސް ހީނަރުވެ ބަލިކަށިވެގެން ދެއެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކާއެކު އާރޯކަމާއެކު އިގްތިސާދު އަލުން ކުރިއަރާ ދަނީ އިހުނައްވުރެ ބާރު ދުވެލީގައެވެ! 

Saturday, May 4, 2024

ނ. އަތޮޅާ މެދު ކުރެވޭ ތަސައްވުރު

އާބާދިގެ ގޮތުން 14000 އެތަކެއް ރައްޔިތުން 13 ރަށަކަށް ބެހިފައިވާ ނ. އަތޮޅުގެ އާބާދީގެތެރެއިން ހޮޅުވެލިފޮއްދޫގެ ރައްޔިތުންގެ ކުރިމަގާމެދު އަޅުގަނޑު ދެކޭ ހުވަފެނަކީ ރައްޔިތުންގެ ސިއްހީ ޙިދުމަތާއި، ތަޢުލީމާއި، އިޤްތިސާދާއި ވަޒީފާގެ ފުރުސަތުތަކާއި އިޖްތިމާޢީ ރައްކާތެރިކަމާއި އުމްރާނީ ތަރައްޤީއާއި ތިމާވެށީގެ ގޮތުން ފުރިހަމަ ވެއްޓެއް ޤާއިމްކުރެވިފައިވާ ދުޅަހެޔޮ އާބާދީއެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގާވުމެވެ.

ސިއްޙީ ޚިދުމަތް

އަތޮޅާއި ރަށުފެންވަރުގައި ޤާއިމް ކޮށްފައިވާ ސިއްޙީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ފަރުވާއަކީ ހިތްހެޔޮކަމާއި އަޅާލުމާއެކީ ރައްޔިތުންގެ އާއްމު ސިއްޙީ ދުޅަހެޔޮކަމަށްޓަކައި ޤާއިމް ކުރެވިފައިވާ ތަންތަނަށް ވުމެވެ. އަދި މިތަންތަނަކީ ރައްޔިތުން ބަލިން ރައްކާތެރިކޮށް ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް ބޭނުންވާ މަޢުލާމާތާއި ހުނަރު ފޯރުކޮށްދީ ހަދާ ތަންތަނަށް ވެގެންދިއުމެވެ. މީގެއިތުރުން އެތަންތަނުގައި ޤާއިމްކޮށްފައިވާ ވަސީލަތްތަކަކީ ވެސް ދުޅަހެޔޮ ޒަމާނީ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓިގެން ދިއުމެވެ.

ތަޢުލީމު

އަތޮޅުގެ ރަށްތަކުގެ ދަރީންގެ މުސްތަޤްބަލަށްޓަކައި ދެވޭ ތަޢުލީމަކީ އިސްލާމީ ރަނގަޅު ބިންގަލެއްގެ މަތީގައި ދެވޭ އެއްޗެއްގެ ގޮތުގައި ހެދިގެންދާންޖެހެއެވެ. ޕްރީސްކޫލު ދައުރާއި މިދަޢުރުގައި އުގަންނައިދެވޭ ކީރިތި ޤްރުއާނާއި ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ހަރުދަނާކުރެވިގެން ދިއުމެވެ. ސާނަވީ ސްކޫލްތަކަކީ ފުރިހަމަ މާނައިގައި އިންޓަރނޭޝަނަލް ސްކޫލްތަކެއްގެ ގޮތުގައި ބައްޓަންކުރެވި ބަލައިގަތުމެވެ. ހުރިހާ ސްކޫލުތަކެއްގައި ޤާއިމްކުރެވި، ބޭނުންކުރެވޭ ވަސީލަތްތަކަކީ ޒަމާނީ ޓެކޮނޮލަޖީގެ ވަސީލަތަށްވެ، ކަމުގެ ތަމްރީނު ލިބިފައިވާ ޤާބިލް މުދައްރިސުންނާއެކު، ތޮށްނުޖެހޭ ކުލާސްތަކެއްގައި ކިޔަވައި ދިނުން ހަމަޖެހިފައިވާ ސްކޫލްތަކަކަށް ވުމެވެ. އަދި ސާނަވީ ތަޢުލީމް ނިންމާ ކުދީންނަށް އެކުދީންގެ ދިރިއުޅުން ރޯޝަން ކުރާނޭ މަތީތަޢުލީމު ހޯދުމުގެ ފުރުސަތުތަކެއް ލިބިފައިވުމެވެ.

އިޤްތިސާދާއި ވަޒީފާގެ ފުރުސަތު

އަތޮޅާއި ރަށުގެ އިޤްތިސާދީ ފުއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތްތަކާއި ވަޒީފާގެ ފުރުސަތުތައް ލިބިގެންދިއުމެވެ. ރައްޔިތުންގެ އާއްމު ބޭނުންތަކާއި ޙިދުމަތްތަކަށް ބޭނުންވާ ތަފާތު ކުދިވިޔަފާރީގެ ވަސީލަތްތައް ޤާއިމް ކުރުމުގެ ފުރުސަތާއި މަގުތަނަވަސް ކޮށްދެވިގެންދިއުމެވެ. އާއިލާއާއި ކައިރީގައި މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތް ކުރެވިފައިވާ މާހަޢުލެއްގައި ވަޒީފާ އަދާކުރުމުގެ ގޮތްތައް ތަނަވަސް ވެގެންދިއުމެވެ.

މުޖުތަމަޢު

ރައްޔިތުން ދިރިއުޅޭ ރަށްތަކުގެ މުޖުތަމަޢުތަކަކީ ރައްކާތެރި މުޖުތަމަޢު ތަކެއްގެ ގޮތުގައި ވެގެން ދިއުމެވެ. ލާދީނީ ކަންތައްތަކާއި ހަރަކާތްތަކާއި ބަދުއަޙުލާޤީ އަމަލުތަކާއި މަސްތުވާތަކެތީން ރައްކާތެރި މުޖުތަމަޢުއަކަށް ވުމެވެ. މުޖުތަމަޢުގެ ދެރަނިކަމެތީންނަށާއި އެކަކު އަނެކަކަށް އަޅާލާ އެއްބައިވަންތަ ރިވެތި އިސްލާމީ އަޙްލާޤެއްގެ ވެރި ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ވުމެވެ.

އުމްރާނީ ތަރައްޤީ

ރައްޔިތުން މިއަދާއި މާދަމާ ބޭނުންވާ ބޯހިޔާވަހިކަމާއި އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީއާއި ކުރިއެރުން ހޯދުމަށްޓަކައި މުސްތަޤްބަލް އޮތް ސަރަހައްދުތަކަށް ފަސޭހައިން ގޮސް ބޯހިޔާވަހިކަމުގެ ފަހިގޮތްތަކާއެކު ވަޒަންވެރިވުމުގެ ފުރުސަތު ތަނަވަސް ވުމެވެ. ބޯހިޔާވަހިކަމާއި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންވާ އާއްމު ޙިދުމަތްތައް ކަމުގައިވާ ރަށްރަށުގެ ބަނދަރާއި މަގުތަކާއި ކުޑަކުދީން ކުޅޭނޭ ޕާރކްތަކާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާއި ކުނިނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވުމެވެ.


ތިމާވެށި

އަތޮޅާއި ރަށުގެ ނާޒުކު ތިމާވެއްޓަކީ މިއަދާއި މާދަމާގެ ޖީލުތަކުގެ ތަރައްޤީއާއި ބޭނުންތަކަށް ދެމެހެއްޓެނިވި ގޮތަށް ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ ވެއްޓަކަށް ވުމެވެ. އަދި ތިމާވެށީގެ ސަބަބުން ނިކުންނަ މައްސަލަތައް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަލާމަތްކަމާއެކު ހައްލުކުރެވިގެން ދާންޖެހޭނީ އަދާއި މާދަމާގެ ރައްޔިތުންގެ މަންފާއަށެވެ.

މަސައްކަތްތެރިންގެ ހައްޤުތަކަކީ ކޮބައި؟

ދުނިޔޭގެ އިންސާނީ މުޖުތަމަޢުއަށް ވިސްނާލާއިރު ކޮށްމެ މުޖުތަމަޢުއެއްގައިވެސް އެ މުޖުތަމަޢުގެ މަސައްކަތްތައް ކުރާ މަސައްކަތްތެރީން ތަކެއް ވެއެވެ. އެމަސައްކަތްތެރީން ތަފާތު ދާއިރާތަކުގައި ކުރާމަސައްކަތްތަކުން އެމުޖުތަމަޢުގެ މިއަދާ މާދަމާ ރޯޝަން ކުރެއެވެ. ވީމާ، މަސައްކަތްތެރީން ވެފައިވަނީ މުޖުތަމަޢުގެ ތަރައްޤީގެ މުލައްދަޑި ތަކާއި ވިސްނުންތެރި ސިކުޑިތަކާއި މުޖުތަމަޢޭ މިކިޔާ ޤައުމުގެ ލޭ ހިނގާ ހީވާގި ވަފާދާރު ހިތްތަކުގެ އަހުލުވެރީންނަށެވެ. ވީއިރު އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމަކީ އެފަރާތްތަކުގެ ކަންކަންކުރުމަށް އިންތިޙާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި އެންމެހާއި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވިފަރާތްތަކުގެ ޒިންމާއެކެވެ. ވީމާ، މި މަޒުމޫނުގައި މިބަލައިލަނީ މަސައްކަތްތެރީންގެ ހައްޤުތަކުގެ މައްޗަށެވެ.

ދުނިޔޭގެ މަސައްކަތްތެރީންގެ ޖަމިއްޔާ އައިއެލްލޯ އިން 1998 ވަނަ އަހަރު އެކަށައަޅާފައިވާ މަސައްކަތްތެރީންގެ ހައްޤުތަކާބެހޭ ގަރާރަކީ ދުނިޔޭގެ އިންސާނީ މުޖުތަމަޢުތަކޭ މިކިޔާ ޤައުމުތަކުގެ ސަރުކާރުތަކާއި މަސައްކަތްތެރީންގެ ޖަމިއްޔާތަކާއި މަސައްކަތްދޭ ފަރާތްތައް އިހްތިރާމްކޮށް ހިމާޔަތް ކޮށް މުޖުތަމަޢުގެ އެއްމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލާބަޔާއި އަދި މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިސާދީ މަންފާއަށްޓަކައި ދަމަހައްޓަންޖެހޭ ހައްޤުތަކެކެވެ. މި ދެންނެވި މަސައްކަތްތެރީންގެ ހައްޤުތަކާ ބެހޭ ޤަރާރު ބެހިގެންވަނީ މައިގަޑު ހަތަރު ބަޔަށެވެ. އެބައިތަކަކީ:
މަސައްކަތެރީންގެ ޖަމިއްޔާތައް އުފެއްދުމާއި ހިންގުމާއި މަސައްކަތްތެރީން ގުޅިގެން މަސައްކަތްތެރީން ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް މަސައްކަތް ކުރުމުގެ މިނިވަންކަމާއި
ގަދަބާރުންނާއި މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުން ނެތިކޮށްލުމާއި
ކުޑަކުދީން ލައްވާ މަސައްކަތް ކުރުވުން ނައްތާލުމާއި
މަސައްކަތްކުރާ މާހަޢުލުން ތަފާތުކުރުން ނައްތާލުމުގެ މައްޗަށެވެ.

ފުރަތަމަކަމެއްގެ ގޮތުގައި ނަކަލުކޮށްފައިވާ، މަސައްކަތްތެރީންނާއި އެމަސައްކަތްތެރީންނަށް ވަޒީފާދޭފަރާތްތަކަށްވެސް އެފަރާތްތަކުގެ ހައްޤުތަކާއި މަސައްކަތްތައް ހިމާޔަތްކުރުމަށާއި ކުރިއެރުވުމަށްޓަކައި ޖަމިއްޔާ ޖަމާއަތްތަކުގަ ބައިވެރުވެގެން ހިންގުމުގެ މިނިވަންކަން ލިބިދެވެންޖެހެއެވެ. މިކަމުގެ މިނިވަންކަމަކީ އިންސާނުންނަންވިތީވެ ލިބިފައިވާ ދުލާގަލަމުގެ މިނިވަންކަމާ ހަމައެއްފަދަ މިނިވަންކަމެކެވެ. މީގެއިތުރުން މިއީ ދިމިގުރާތީ ހަމަތަކުން ރައްޔިތުންގެ ކަންކަން ރައްޔިތުން ހިންގުމަށްޓަކައި ދެވޭ މިނިވަންކަމެކެވެ. ސަބަބަކީ މަސައްކަތްތެރީންނާ ގުޅުންހުރި އަދި އެފަރާތްތަކަށް ބޮޑުވާ ކަންކަމާއި އެކަމެއްގެ ސަބަބުން މަސައްކަތެރީންނަށް އަސަރުކުރާކަންކަމާމެދު އެފަރާތްތައް ގުޅިގެން އެއްއަޑަކުން ހައްލުކުރުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

ދެވަނަކަމަކީ މިއަދު މަސައްކަތްތެރީންނަށް ދުނިޔޭގެ ކަންކޮޅުގައި ކުރިމަތިވެފައިވާ، ގަދަބާރުން މަސައްކަތްތައް ކުރުވުން ހުއްޓުވުމަކަށް ގެނަޢުމެވެ. ކަންތައްތައް އެހެން ނެތުމުގެ ސަބަބުން މިއަދު މަސައްކަތްތެރީންނަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ފަގީރުކަން އިންތިހާއަށް ބޮޑުވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ މިނިވަންކަން ނީލަންކިޔާލެވިގެން ދެއެވެ. މިފަދައިން ކިޔާލެވޭ ނީލަމުގެ ސަބަބުން ރައްޔިތުންގެ ހައްޤުތަކަށް ހާއްސަކޮށް މަސައްކަތްތެރީންގެ ހައްޤުތަކަށް ބުރުއަރައިގެން ދެއެވެ. މިހާހިސާބުން މަސައްކަތްތެރީންނަށްދެވޭ މުސާރަޔާއި އިނާޔަތްތަކަކީ އެފަރާތްތަކުން ލައްވާ ކުރުވާ މަސައްކަތާއި ނުބައްދަލު އާމްދަނީއަކަށް ވެއެވެ. އަދި އެފަރާތްތަކުގެ ކަންތައްތައް ބަލަހައްޓަން ތިބޭ ވެރީންނަށް ބޮޑެތި މުސާރަޔާއި އިނާޔަތްތަކާއި ކާރާއި ގެދޮރު ލިބިދެވިފައިވަނީ އެއްވެސް އިންސާފެއްނެތި މަސައްކަތްތެރީންގެ ނާޖާއިޒް ފައިދާއިން ހޯދާފައިސާއިންނެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލާފައިއެވަނީ، މަސައްކަތްތެރިކަމަކީ ވަކި އުމުރުފުރައިގެ ބަޔަކަށް ހާއްސަކުރެވިފައިވާ ކަމަކަށް ވީއިރު ކުޑަކުދީންލައްވާ ނުހައްޤުން ކުޑަލާރިކޮޅަކަށް ނުހަނު ބުރަކޮށް އަދި އެހާމެ ދަތި ހާލުގައި މަސައްކަތް ކުރުވުމަކީ އެކުދީންގެ ހެދިބޮޑުވުމަށް އަސަރުފޯރާ ކަމަކަށް ވީހިނދު އެފަދަކަންތައްތައް މުޖުތަމަޢުތަކުގައި ހިނގުމުން ދުރުކުރުވަންޖެހޭނެއެވެ. އެއީ މަސައްކަތްތެރިކަމަށް އެދަރީން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ފުރިހަމަވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އެވަނީ، މަސައްކަތެރީންގެ މެދުން އާއްމުކޮށް ފެންނަމުންދާ މަންޒަރެއްކަމުގައިވާ، މަސައްކަތްދޭ ފަރާތްތަކުން މަސައްކަތްތެރީންގެ މެދުގައި ތަފާތުވައްތަރުގެ ތަފާތުކުރުންތައް އާއްމު ކުރުމެވެ. މިގޮތުން ދިރިއުޅޭ އަތޮޅާއި ރަށެއްގެެ ސަބަބުންނާއި ޖިންސީގޮތުންނާއި ހަމުގެ ކުލައިންނާއި ނިސްބަތްވާ ދަރިފަސްކޮޅާއި ދީނީ މަޒުހަބީ ގޮތުންނާއި އަޅާ ހެދުމާއި ސިޔާސީ ގޮތުން ދެކޭ އަދި ޤަބޫލުކުރާ ގޮތްތަކެއްގެ ސަބަބުން ތަފާތުކުރުންތަކެއްގެ ޝިކާރަޔަކަށް މަސައްކަތްތެރީން ވެގެން ދެޔެއެވެ. މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން މަސައްކަތްތެރީންގެ ކިބައިން ވަގަށް ނެގިގެން އެދަނީ އެފަރާތްތަކަށް ހަމަހަމަގޮތެއްގައި ލިބިދެވެންޖެހޭނޭ މަސައްކަތްކުރުމުގެ ފުރުސަތުގެ އިތުރުން ހެޔޮގޮތުގަ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އެފަރާތްތަކަށް ކޮށްދެވިދާނޭކަމަކުންވެސް ދުރުކުރުވެނީއެވެ.

މަތީގައި ނަކަލުކޮށްލައިފައިވާ ހަތަރު ފިހުރިސްތަކަކީ އެ ބައިތަކެއްގެ ސަބަބުން އޖުތިމާޢި އަދާލަތު ރައްޔިތުންގެ މެދުގައި ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެވެ. އަދި އެބައިތަކުގެ ސަބަބުން މަސައްކަތްތެރި ރައްޔިތުން ރެޔާ ދުވާލު ކެނޑިނޭޅި ކުރިބުރަ މަސައްކަތުން އޮހޮރާ ދަލުން ލިބުނު ނަފާ އިންސާފުވެރިގޮތުގައި މަސައްކަތްތެރި ރައްޔިތުންގެ މެދުގައި ބެހިގެން ދިޔުމަށްޓަކއި ކުރުން ލާޒިމު ކިފާޔަތުގެ ފަރުލެކޭ ދެންނެވިދާނެއެވެ.

ވީމާ، މިފަދަ ޤަރާރަކަށް އަމަލުކުރަންޖެހެނީ ހުޅުވާލެވިފައިވާ އިޤުތިސާދުގެ ސަބަބުން މަސައްކަތްތެރީންގެ ހައްޤުތައް ނިގުޅައިގަތުމަުން ސަލާމަތްކޮށް މަސައްކަތްތެރީންގެ އިޖުތިމާޢި އަދި އިޤުތިސާދީ ފުއްދުން ތެރިކަމުގެ ސަބަބުން މުޅިގަޢުމުގެ ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެ، ކުރިއަރާ މަސައްކަތް ކުރުވާ ފަރާތްތަކުގެ ހައްޤުތަކަށް އިހުތިރާމް ކުރުމާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައެވެ.


މިފަދަ ތަފާތު ގިނަގުނަ ސަބަބުތަކަށް ޓަކައި މިދެންނެވި ހައްޤުތަކަކީ ދުނިޔޭގެ ސަރުކާރުތަކުން އެއަށް ފުރިހަމައަށް ބޯލަނބާ އެގަޢުމުތަކުގައި ދެމެހެއްޓެނިވި ގޮތުގައި ދެމެހެއްޓޭ އަދި ކިޔަމަންވާންޖެހޭ ހައްގުތަކަކަށް ވާންޖެހެއެވެ.

Friday, February 8, 2013

މާފަރު އެއަރޕޯރޓު


ނޫނު އަތޮޅަކީ އާބާދީގެ ގޮތުން 14500 ވުރެ ގިނަރައްޔިތުން ދިރިއުޅޭ އަބާދީއެއް 13 ރަށަކަށް ބެހިފައިވާ އަތޮޅެކެވެ. މިއަތޮޅުގައި ދިރިއުޅޭ އެއްމެހާ ރައްޔިތުންނަށް ލާބަޔާ މަންފާއަށް އަދި ފަސޭހައަށް އެއާރޕޯރޓެއް މާފަރުގައި އެޅުމަށް ނިންމާއި އެކަމުގައި އަލިމަގެއް އަދި ފެނިފައި ނުވާއިރު މާފަރުގައި އެއަރޕޯރޓު އެޅުމަކީ ނޫނުއަތޮޅުގެ މުޅި އާބާދީއަށް އެއްމެ ފައިދާހުރި ގޮތްތޯ ސުވާލުކޮށްލުމަކީ މުހިއްމުކަމެކެވެ.

މާފަރަކީ އެސަރަހެއްދެއްގައި ބިމުގެ ތަނަވަސްކަން އޮތް އަދި މުސްތަޤްބަލް އޮތްތަނެއްކަމުގައި ދެބަސްވުމުގެ ޖާގަ އޮތްތަނެއްނޫނެވެ. ނަމަވެސް އެސަރަހައްދަކީ އަތޮޅުގެ އިރުވައި ތޮށީގެ ސަރަހައްދަކަށްވެފައި އިރުވައި ތޮށީގެ ރަށްތަކަށް ދަތުރުފަތުރުގެ ކިތައްމެފަސޭހައެއް ވިކަމުގައި ވީނަމަވެސް ހުޅަނގު ބިތުގެ ރަށްތަކަށް އެހާފަސޭހަ ނިންމުމަކަށް ވާނޭކަމާ މެދު ސައްކުގެ ނަޒަރަކުން ބެލެއެވެ. ސަބަބަކީ އިރުވައި ތޮށީގެ މާފަރާއި ހުޅަނގުބިތުގެ ހޮޅުވެލިފޮއްދޫ އާއި ދެމެދު 30 ކިލޯމީޓަރުގެ ރާސްތާއެއް ވާތީއެވެ. މިރާސްތާއަކީ ހުޅަނގުބިތުން އިރުވައިބިތަށް ދިޔުމަށްވުރެ ހުޅަނގުބިތުން ޅ. އަތޮޅަށް ދިޔުން ކުރު ރާސްތާއެކެވެ.

މާފަރު ނާރެހަކަށް ބަލައިގެން އަތޮޅުގެ ދަތުރުފަތުރު އަދި ވިޔަފާރި މަރުކަޒަކަށް ވެގެން ދިޔުމުގެ ފޮނި އުންމީދަކީ އަތޮޅުގެ ރައްޔިތުން ނުހަނު އެދޭކަމަކަށް ބެލިކަމުގައި ވީނަމަވެސް މުޅި އަތޮޅަށް އޭގެ ނަފާ، ފައިދާ އަދި ފަސޭހަ ލިބިގެން ދިޔުމަކީ އެއަށްވުރެ ބޮޑަށް އެދިވިގެންވާކަމެކެވެ. ސަބަބަކަށްވަނީ މާފަރުގެ އެއާރޕޯރޓެއް އެޅުމަކީ އޭގެ ޒާތުގައި މުޅި އާބާދީގެ ތިންބައިކޮށްފަ އެއްބައި 5000 ރައްޔިތުންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެތޯއެވެ.

މިޔާ ހިލާފަށް  އަތޮޅުގެ މެދު ތެރެއިން ރަށެއްގައި މިފަދަ އެއަރޕޯރޓެއް އެޅުމަކީ މުޅި އާބާދީއަށް ފަސޭހަ ރާސްތާއެއް ކަމުގައި ބެލެވިދާނެއެވެ. މިފަދައިން އަތޮޅުގެ މެދުތެރެއިން މަނަދޫ ފަދަ ރަށެއްގައި އަޅައިފިނަމަ މާފަރަށްވުރެ ފަސޭހަވެފައި ބޭނުންތެރިކަން ހުރިހާގޮތަކުންވެސް އަތޮޅުގެ ރައްޔިތުންނަށް ފައިދާ ބޮޑުވާނެއެވެ. މިގޮތުން މަނަދުއަކީ އަތޮޅުގެ ސިޔާސީ ވެރިރަށަށްވެފައި، އަތޮޅު ހޮސްޕިޓަލް ހުރިރަށްވެފައި ހާލު ބޮޑު ބަލިމީހުންނަށް އިތުރު ތަކުލީފަކަށް ނުވާގޮތަށް މަނަދޫން މާލެ ދިޔުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މަނަދޫ ނާރެހަކަށް ބަލައިގެން މިހާރުފަށާފައިވާ ދަތުރުފަތުރުގެ ނިޒާމު ރޭވި ހިނގަމުންދާގޮތަށް ބެލިކަމުގައިވިޔަސް މިފަސޭހަތައް ލިބޭނެއެވެ. ސަބަބަކީ މަނަދޫން ފުރައިގެން އަތޮޅުގެ އެއްމެ އުތުރަށް، ހެނބަދޫއަށް ދިޔުމަކީ 21 ކިލޯމީޓަރުގެ ރާސްތާއަކަށް ވާއިރު މަނަދޫން ފުރައިގެން ހުޅަނގު ބިތުގެ ވެލިދުއަށް ދިޔުމަށް އެއީ 20 ކިލޯ މީޓަރުގެ ރާސްތާއެކެވެ. މިރާސްތާއަކީ މާފަރުން ފުރައިގެން ވެލިދޫއަށް ދިޔުމަށް 10 ކިލޯމީޓަރ ކުރުރާސްތާއެކެވެ.


މަނަދޫގައި އެއަރޕޯރޓެއް އެޅުމުގެ ޖާގަ ލިބުމަކީ ދުރުކަމަކަށްވުރެ ވަރަށް ކައިރިކަމެކެވެ. ސަބަބަކީ މަނަދޫގެ މިހާރުގެ އާބާދީއާއި ބިމުގެ ޖާގައަށްބަލައިފިނަމަ 1500 ގުނަ 30 މީޓަރުގެ ރަންވޭ އަކާއި އެހެނިހެން ވަސީލަތްތައް އެޅުމަށް ސަރަހައްދެއް ލިބުމަކީ ފަސޭހަކަމަކަށް ވާނެއެވެ. އަދި މާފަރުގައި އެއަރޕޯރޓެއް މިއަޅަންޖެހެނީ ބިން ހިއްކައިގެން ގާތްގަޑަކަށް 30 މިލިޔަން ޑޮލަރުން ކަމަށްވާތީ މަނަދޫ ގައި އަޅައިފިނަމަ ބިން ހިއްކުމަކާ ނުލައި އެފަދަ އެއަރޕޯރޓެއް އެޅުމަކީ ހަރަދުގެ ގޮތުން ހާސްބައި ކުޑަވެ، އަތޮޅުގެ މުޅި އާބާދީއަށް ފަސޭހަވެ، އަވަސްވާނޭކަމެއްކަމަށް ފެނެއެވެ.